މުޙައްރަމް މައްސަރުގައި ކުރެވޭ އެންމެ ހެޔޮ ޢަޅުކަންތަކަކީ ކޮބާތޯއެވެ؟
بسم الله الرحمن الرحيم
الحمد لله و الصلاة و السلام على رسول الله و على آله وصحبه ومن والاه :
أما بعد :
މުޙައްރަމް މައްސަރަކީ އެ މައްސަރަކަށް ޚާއްޞަ ކަންތައްތަކެއް ލިބިގެންވާ މައްސަރެކެވެ. އޭގެ ތެރޭގައި އެ މައްސަރުގެ ޤަދަރު އުފުލިފައި ވުމާއި، ޙުރުމަތްތެރިވެގެންވާ މައްސަރުތަކުގެ ތެރެއިން 1 މައްސަރުގެ ގޮތުގައި ކަނޑައެޅިފައި ވުން ހިމެނެ އެވެ.
މި މައްސަރުގައި އެ ޢަމަލެއްގައި އަޅުތަކުން ޤާއިމްވުމަށް، އެ ޢަމަލެއްގައި އިތުރަށް ކުރިއަރައި ދިއުމަށް ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުގައި ބަޔާންވެގެންވާ ޢަމަލާއި މެދުގައި އަޚުންނަށް، އުޚްތުންނަށް ހަނދާންކޮށްދެމެވެ.
އަޚުންނޭވެ! އުޚްތުންނޭވެ! މި ޢަމަލަކީ ނުވަތަ ޝަރީޢަތުގައި ކަނޑައެޅިފައިވާ މި ސުންނަތަކީ މިއަދު މުސްލިމުންގެ ތެރެއިން އެތައް ބަޔަކު، އަދި ކިޔެއްތަ! ސުންނަތުގެ އަހުލުވެރިންގެ ތެރޭގައިވެސް ދޫކޮށްލާފައިވާ ސުންނަތެއް ކަމުގައި މެނުވީ ނުވެ އެވެ.
ސުންނަތުގެ އަހުލުވެރިންގެ މެދުގައި އެ ސުންނަތަކަށް ފަރުވާކުޑަވެއްޖެހިނދު، އެނޫން މީސްތަކުން އެ ސުންނަތާއި މެދުގައި ޢަމަލު ހުންނާނީ ކިހިނަކުން ހެއްޔެވެ؟
ﷲގެ މައްސަރު ކަމުގައި ނަން ދެވިފައިވާ މުޙައްރަމް މައްސަރަށް ޚާއްޞަވެގެންވާ ޢަމަލަކީ، މި މައްސަރުގައި ގިނައިން ރޯދަ ހިފުމެވެ. ސުންނަތް ރޯދަ ހިފުން ގިނަ ކުރުމެވެ. އެތައް ސަބަބެއް އެކަމުގައިވެ އެވެ.
صَحِيح مُسلم ގައި أَبُوهُرَيرة رضي الله عنه ގެ އަރިހުން ރިވާކުރެވިގެންވެ އެވެ. رَسُول الله ﷺ ޙަދީޘް ކުރެއްވި އެވެ. (أَفْضَلُ الصِّيَام بَعْدَ رَمَضَان شَهْرُ اللهِ المحَرَّم، و أَفْضَل الصلاة بعد الفَرِيضة صَلاَةُ اللَّيل) ”ރަމަޟާން މައްސަރަށް ފަހުގައި ރޯދަ ހިފުން އެންމެ ހެޔޮވެގެންވަނީ ﷲ ގެ މައްސަރު ކަމުގައިވާ المُحرَّم މައްސަރުގަ އެވެ. އަދި ފަރުޟު ނަމާދަށްފަހު އެންމެ ހެޔޮވެގެންވާ ނަމާދަކީ ދަމު ނަމާދެވެ.“ رواه مسلم كتاب الصيام، باب فضل صوم المحرم (747)
ފަހެ، މި ޙަދީޘަކީ ވަރަށްވެސް ފާޅުކަންބޮޑުގައި، ސާފު ދަލީލުން ﷲ ގެ މައްސަރު މުޙައްރަމް މައްސަރުގައި ރޯދަހިފުން މާތްވެގެންވާކަން ބަޔާންވެގެންވެ އެވެ.
އަދި ޙަދީޘްގެ ލަފްޟުގުގައި ޝައްކެތްނެތް މިންވަރަށް ރަމަޟާން މައްސަރަށްފަހުގައި، އެންމެ ހެޔޮވެގެންވާ ރޯދައަކީ މުޙައްރަމް މައްސަރުގައި ހިފާ ރޯދަ ކަމުގައި ދަލީލު ކުރެވެ އެވެ.
އަޚުންނޭވެ! ރޯދައަކީ، އޭގެ އަޖުރާއި ޝަރަފާއި އަދި މަތިވެރި ކަމުގެ އިތުރަށް އަޅާއަށް ދުނިޔެވީ އެތައް މަންފާއެއް ލިއްބައިދޭ އަޅުކަމެއްގެ ގޮތުގައިވެ އެވެ. ރޯދަވެރިޔާއަށް އަޖުރާއި ޘަވާބު ލިބިގެންދަނީ ހިސާބެއް، ޢަދަދެއް ކަނޑައެޅުމެއްނެތި އެވެ. ރޯދައަށް އަޖުރާއި ޘަވާބު ދެއްވުން ﷲ ތަޢާލާވަނީ އެއިލާހުގެ ޛާތުފުޅަށް ނަންގަވާފަ އެވެ. ރޯދަ ވެރިޔާއަށް އޭނާގެ ރޯދައިގެ ޘަވާބާއި ދަރުމަ ފެނި އުފާވެ އެކަމާއި އުފާފާޅުވާނެ ކަމުގައިވެ އެވެ.
މި އެންމެހައި ކަންތައްތަކުގެ މައްޗަށް އިތުރަށް ނޫރެއް ލެވިގެންދަނީ، އެ އަޅުކަން އަދާކުރުމަށް މަތިވެރިވެގެންވާ މައްސަރުގައި އެ އަޅުކަން އަދާ ކުރުމުގައި ދެމިހުރުމެވެ.
މި ތަނުގައި އުފެދިދާނެ ނުވަތަ އޮޅުން އަރައިދާނެ އެހެން ހަދީޘެއްވެ އެވެ. شعبان މަހާއި މެދުގައި ވާރިދުވެފައިވެ އެވެ. البخاري އަދި مسلم ގެ ރިވާޔަތުގައިވެ އެވެ. (كان رسول الله يصوم حتى نقول لا يفطر ويفطر حتى نقول لا يصوم وما رأيت رسول الله استكمل صيام شهر إلا رمضان وما رأيته أكثر صياما منه في شعبان )
ނަބިއްޔާ ގެ އަނބިކަނބަލުން عائشة رضي الله عنها ވިދާޅުވެފައިވެ އެވެ. ”ބައެއްފަހަރު (ނަބިއްޔާ) ރޯދައަށް ހުންނަވާލެއް ގިނަކަމުން ދެން ރޯދަ ދޫނުކުރައްވާނޭ ތިމަންކަމަނާއަށް ހީފުޅުވެ އެވެ. އަދި (ބައެއްފަހަރު ރޯދަ ދޫކުރައްވާ ހުންނަވާ ދުވަސްތައް ހޭދަކުރެއްވުމުން) ދެން ރޯދަ ނުހިއްޕަވާނެއޭ ހީފުޅުވެ އެވެ. رمضان މައްސަރު ފިޔަވައި އެހެން މައްސަރެއްގައި އެންމެހައި ދުވަސްތަކެއްގައި ރޯދައަށް ހުންނަވައި މައްސަރު ހަމަކުރެއްވި ތަނެއް ތިމަން ކަމަނާ ދެކެވަޑައިނުގަންނަވަމެވެ. އަދި شعبان މައްސަރަށްވުރެ ގިނައިން (އެއްމައްސަރެއްގައި) ރޯދަހުންނަވާ އެހެން މައްސަރެއް ނުދެކެމެވެ.“
ޙަދީޘްއިން ބަޔާންވަނީ ޝަޢުބާން މައްސަރަކީ ރޯދަމަހައްފަހުގައި ނަބިއްޔާ އެންމެ ގިނައިން ރޯދަ ހިއްޕެފި މައްސަރު ކަމުގަ އެވެ.
ފަހެ، ވުމާއެކު މުޙައްރަމް މަހުގެ ރޯދަ ގިނައިން ހިފުމަށް އޮތް ސުންނަތާއި، ޝަޢުބާން މަހުގައި ރޯދަ ގިނައިން ހިއްޕެވުމުގެ މައްޗަށް ވާރިދުވެގެންވާ މި ދެ ޙަދީޘް ޖަމްޢު ކުރާނެ ސިފައަކީ ކޮބައިތޯ އެވެ؟
މި މައްސަލައިގެ ޙަޤީޤަތް ބަޔާން ކުރައްވާ އޭގެ އެންމެ ޢަދުލުވެރި ޤައުލު ބަޔާން ކޮށްދެއްވާ الحَافِظ النووي رحمه الله ވިދާޅުވެފައިވެ އެވެ. ”ރަމަޟާން މައްސަރަށްފަހު އެންމެ ހެޔޮވެގެންވާ ރޯދައަކީ މުޙައްރަމް މައްސަރުގެ ރޯދަކަމުގައި ޙަދީޘްގައި ބަޔާންވެގެންވޭ ބުނެވިއްޖެހިނދު، ފަހެ (ނަބިއްޔާ) މުޙައްރަމް މައްސަރަށްވުރެ ގިނައިން ޝަޢުބާން މައްސަރުގައި ރޯދަ ހިއްޕެވީ ކިހިނަކުން ހެއްޔެވެ؟ ފަހެ، (މިއަށް) އޮތް ޖަވާބަކީ، ފަހަރެއްގައި ނަބިއްޔާ صلى الله عليه وسلم އަށް މުޙައްރަމް މައްސަރުގެ މާތްކަން ޙަޔާތްޕުޅުގެ އެންމެ ފަހުދުވަސްތަކުގައި މެނުވީ އެނގިވަޑައިނުގެންނެވުމެވެ. އަދި އެގޮތުން ރޯދައަށް ހުންނެވުމަށް ކުޅަދާނަކަން ލިިބިވަޑައެއް ނުގެންނެވީ އެވެ. ނުވަތަ އެކިއެކި ޢުޛުވެރިވާ ކަންތައްތައް ދިމާވެ އެ މައްސަރުގައި ގިނައިން ރޯދައަށް ހުންނެވުމަށް މަނާވީ އެވެ. މިޘާލަކަށް ދަތުރު ކުރެއްވުމާއި އާލާސްކަންފުޅާއިގެން ނުވަތަ އެހެނިހެން ކަންތައްތައް ކުރިމަތިވެވަޑައިގެންނެވީ އެވެ.“ صحيح مسلم بشرح النووي (8-7/ 296)
ވުމުން، ޖަވާބަކީ، ނަބިއްޔާއަށް އެކަން އެނގިވަޑައިގެންފައިވަނީ ހަޔާތްޕުޅުގެ ފަހު ކޮޅުގަ އެވެ. ވުމުން ފަހުން އެނގިވަޑައިގެންނެވި ގޮތުގައި ދެމިހުންނަވައި، މުޙައްރަމް މައްސަރުގައި ރޯދަ ހިއްޕެވުން ގިނަ ކުރެއްވި އެވެ. އަދި މުހައްރަމް މައްސަރު ކަނޑައެޅިފައިވަނީ ފަރުޟު ރޯދައަށްފަހު ރޯދަ ހިފުމަށް އެންމެ މާތްވެގެންވާ މައްސަރު ކަމުގަ އެވެ.
އަޚުންނޭވެ! މި ސުންނަތް ދިރުވުމުގެ އަހުލުވެރިން ކަމުގައިވާށެވެ. ސަލަފީން، ސުންނީން، އަހުލުއް ސުންނަތް ފިޔަފައި މިކަމުގައި ކުރިއަރައިދާނެ ފަރާތްތަކަކަކީ ކޮބައި ހެއްޔެވެ؟
الإِمَام محمد بن إسماعيل البخاري -އިމާމް އަލް-ބުޚާރީ- رحمه الله ވިދާޅުވެފައިވެ އެވެ. ”މުސްލިމުންގެ ތެރޭގައިވާ އެންމެ ހެޔޮވެގެންވާ މީހާއަކީ، މީސްތަކުން ރަސޫލާ ﷺ ގެ ސުންނަތް ތަކުގެ ތެރެއިން ދޫކޮށްލާފައިވާ ސުންނަތެއް ދިރުވި މީހާ އެވެ. އޭ ސުންނަތުގެ އަހުލުވެރިންނޭވެ! ﷲ ތިޔަބައިމީހުންނަށް ރަޙްމަތްލައްވާށި އެވެ. ތިޔަބައިމީހުން ކެތްތެރިވާށެވެ. ހަމަކަށަވަރުން ތިޔަބައިމީހުންނަކީ މީސްތަކުންގެ ތެރޭގައިވާ އެންމެ މަދު މީސްކޮޅެވެ.“ الجامع لأخلاق الراوي … 1-112
الإمام مُحمَّد بن صَالح العُثَيمين -رحمه الله ވިދާޅުވެފައިވެ އެވެ. ”މީސްތަކުން (ދޫކޮށްލާފައިވާ) ސުންނަތްތައް ދިރުވުމުން އިންސާނާއަށް ދެފަހަރަށް އަޖުރުލިބޭނެކަމީ އެނގި ބަޔާންވެގެންވާ ކަމެކެވެ. ސުންނަތަށް ޢަަމަލު ކުރުމުން އަޖުރު ލިބެ އެވެ. އަދި އެ ސުންނަތް ދިރުވުމުން އަޖުރު ލިބެ އެވެ.“ شرح رياض الصالحين ٥٢٨/٣
ﷲ ތަޢާލާ އަޅަމެންނަށް ތަޥްފީޤު ދެއްވާށި އެވެ. ސުންނަތަށް އަޅަމެންގެ ހިތްތަކުގައި ދަހިވެތިކަމާއި ޝަޢުޤުވެރިކަން ލައްވާށި އެވެ. އިބަ އިލާހުގެ ތަޥްފީޤުން އަޅަމެންނަށް މިކަމުގައި ތަޥްފީޤު ދެއްވާށި އެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.