ލޮލަށް ބޭސް އެޅުމުން ރޯދަ ގެއްލޭނެތޯ؟
ލޮލަށް ބޭސް އެޅުމުން ރޯދަ ގެއްލުމާމެދު ކޮށްފައިވާ ސުވާލަށް ބުނަމެވެ.
ފުރަތަމައީ : ލޮލަކީ ހަށިގަނޑަށް ކާބޯތަކެތި ފޮނުވައިދޭނެ މަގެއް ނޫނެވެ. އެހެން ވުމުން ލޮލުގެ ތެރެއަށް އަޅާ ބޭހެއްގެ ސަބަބުން އެ ބޭހުގެ ކަރުތެރެއަށް ދިއުމަކީ ހަށިގަނޑަށް ކާނާ ދިއުމުގެ ތެރެއިން ހިމެނިގެންވާ ކަމެއ ނޫނެވެ. އެއީ އަނގައާއި ނޭފަތާއި ޚިލާފަށެވެ. ފަހެ، އަނގަ އާއި ނޭފަތަކީ ހަށިގަނޑަށް ކާނާ ފޮނުވައިދޭ ދެ މަގެކެވެ.
ނަބިއްޔާ صلى الله عليه وسلم ރޯދަވެރިޔާ ނޭފަތަށް ފެންލުމުގައި ފަރުވާތެރި ވުމަށް އަމުރުފުޅުކުރެއްވީ އެ ސަބަބަށްޓަކަ އެވެ. لَقِيط بن صَبرة رضي الله عنه ވިދާޅުވެފައިވެ އެވެ. ރަސޫލާ ﷺ ޙަދީޘް ކުރެއްވި އެވެ. (وَبَالغ في المَضمَضَةِ و الإِستنشَاق إلاَّ أَن تَكُونَ صَائِمًا) ”(ވުޟޫކުރާހިނދުގައި) އަނގައަށާއި އަދި ނޭފަތަށް ބޮޑަށް ފެންލައި ދޮންނާށެވެ. ތިބާ ރޯދައަށް ނުހުންނަ ކަމުގައި ވާނަމަ އެވެ.
(އެބަހީ : ރޯދައަށް ހުރެއްޖެހިނދު ފަރުވާތެރިވެހުރެ އެކަން ކުރާށެވެ.)“ رواه أبوداود 142
ފަހެ، ޙަދީޘްގައި ބަޔާންވެގެންވަނީ ރޯދައަށް ހުންނަ މީހާ އަނގައަށާއި އަދި ނޭފަތަށް ފެންލުމުގައި ކަރުތެރެއަށް ގޮސްދާނެ ކަމުގެ މައްޗަށް ފަރުވާތެރިވުމަށްޓަކައި ބޮޑަށް އެކަން ނުކުރުމެވެ. ސަބަބަކީ، ނޭފަތުން ފެން ހަށިގަނޑަށް ދިއުމަކީ ރޯދަ ގެއްލޭނެ ކަމެއް ކަމުގައި ވުމުންނެވެ. ފަހެ، އެހެން ވުމުން ނޭފަތަށް ބޭސް އެޅުމުން ރޯދަ ގެއްލޭނެ އެވެ.
ދެވަނައީ : މި މައުޟޫގައި ޢިލްމުވެރިންގެ ބަސްފުޅުތަކެވެ. ބައެއް ބަސްފުޅުތައް ބަޔާން ކުރަމެވެ. الإمام العلامة ابن باز-رحمه الله- ވިދާޅުވެފައިވެ އެވެ. ”ހަމަ އެފަދައިން ލޮލަށާއި ކަންފަތަށް ބޭސް އެޅުމުން ރޯދަ ނުގެއްލޭނެ ގޮތުގައި ޢިލްމުވެރިން ވިދާޅުވެފައިވާ ބަސްފުޅަކީ، ޢިލްމްވެރިންގެ އެންމެ ޞައްހަ ޤައުލެވެ. ……. (ލޮލާއި ކަންފަތަކީ) އެއީ ކާތަކެތި ހަށިގަނޑަށް ފޮނުވައިދޭ މަގެއް ނޫނެވެ. “ تحفة الإخوان ص 175
ވުމުން މި ބަސްތަކުގެ ޚުލާޞާއަކީ، ނޭފަތާއި އަނގައިގެ އިތުރުން، ލޮލުގެ ޙުކުމް ޚިލާފްވެގެންވާކަމެވެ.
އަދި ރޯދަވެރިޔާ ލޮލަށް ބޭސް އެޅުމަކުން ރޯދައަށް އެކަމުގައި އަޘަރެއް ނުކުރާނެ ކަމެވެ.