މާބަނޑު މީހާއަށް ރޯދަ ނުހިފޭ ޙާލަތުގައި ވެއްޖެހިނދު، ޢަމަލު ކުރާނީ ކިހިނެއްތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
މާބަނޑުވެ އެކަމުގެ ސަބަބުން އަންހެން މީހާއަށް ރޯދަ ނުހިފޭ ޙާލަތުގައި ވެއްޖެހިނދު، އަންހެން މީހާ ރޯދަ ދޫކޮށްލުން ހުއްދަވެގެންވެ އެވެ.
މިތަނުގައި ދަންނަންޖެހެ އެވެ.
މާބަނޑު ޙާލުގައިވާ އަންހެނާ ރޯދަ ދޫކުރުން ހުއްދަވެގެންވަނީ އަމިއްލަ ނަފްސަށް ނުވަތަ ބަނޑުގައިވާ ދަރީގެ މައްޗަށް ގެއްލުން ވެދާނެ ކަމުގެ ބިރުވެރިކަން އޮތުމުންނެވެ.
ފަހެ، މިފަދައިން ޤައިދު ކުރެވިގެންވާ ކަމުގެ މައްޗަށްބައެއް ފުޤަހާއިން އުއްމަތުގެ ޢިލްމުވެރިންގެ އިއްތިފާޤް ޛިކުރު ކުރައްވާފައިވެ އެވެ.
އިމާމް الجصاص ލިޔުއްވިފޮތް أحكام القرآن (1/244) ގައި ވިދާޅުވެފައިވެ އެވެ. ”އެނގި ބަޔާންވެގެންވާ ކަމަކީ -އެބަހީ މާބަނޑު އަންހެނާ އަދި ގާތުން ކިރުދިނުމުގައިވާ އަންހެނާއަށް- ރޯދަ ދޫކޮށްލުމުގެ ލުއި ލިބިފައިވަނީ އެ ދެ ނަފްސަށް ގެއްލުން ލިބިދާނެ ކަމަށް ނުވަތަ ދެ ދެ ދަރިންނަށް ގެއްލުން ލިބިދާނެ ކަމުގެ ބިރުވެރިކަން އޮތުމާއެކުގަ އެވެ.“
އަލްޙާފިޟް النووي ލިޔުއްވިފޮތް المجموع (6/274) :ގައި ވިދާޅުވެފައިވެ އެވެ. ”އަހަރެމެންގެ އަޞްޙާބުން ވިދާޅުވެފައިވެ އެވެ. މާބަނޑު އަންހެނާ އަދި ގާތުން ކިރުދޭ އަންހެންމީހާ ރޯދަ ހިފުމުން ނަފްސަށް ގެއްލުން ލިބިދާނެ ކަމުގެ ބިރުވެރިކަން އޮވެއްޖެހިނދު ރޯދަ ދޫކޮށް އެ ރޯދަ ޤަޟާ ކުރާނީ އެވެ.“
އަލް-އިމާމް شيخ الإسلام ابن تيمية ގެ ފަރާތުން مجموع الفتاوى (25/218 ގައި ބަޔާންކޮށްފައިވެ އެވެ. ”މާބަނޑު އަންހެނާ ބަނޑުގައިވާ ދަރީގެ މައްޗަށް (ގެއްލުން ވެދާނެ ކަމުގެ) ބިރު އޮވެއްޖެހިނދު ފަހެ، އަންހެން މީހާ ރޯދަ ދޫކުރުންވެ އެވެ.“
ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީ اللجنة الدائمة ގެ ފަތުވ (10/226) ގައި ވެ އެވެ. ”ދެންފަހެ، މާބަނޑު އަންހެނާ މާބަނޑު ދުވަސްތަކުގައިވެސް ރޯދަ ހިފުން ވާޖިބުވެގެންވެ އެވެ. އަންހެން މީހާގެ ނަފްސަށް ނުވަތަ ބަނޑުގައިވާ ދަރީގެ މައްޗަށް ރޯދަ ހިފުމުގެ ސަބަބުން ގެއްލުންވާނެ ކަމުގެ ބިރު އޮތް ޙާލުގައި ފިޔަވަ އެވެ. ފަހެ، އެހިނދު ރޯދަ ދޫކުރުން ހުއްދަވެގެންވެ އެވެ. އަދި ވިހެއުމަށްފަހު ނިފާސްއިން ޠާހިރުވުމުން ރޯދަ ޤަޟާ ކުރާނީ އެވެ.“
މިއީ ސުވާލުގެ ފުރަތަމަ ބައެވެ. މާބަނޑު އަންހެނާ އަދި ގާތުން ކިރުދޭ އަންހެނާއަށްވެސް ރޯދަ ހިފުން އޮތްކަމެވެ. އެހެނަސް ނަފްސުގެ މައްޗަށް ނުވަތަ ދަރީގެ މައްޗަށް ރޯދަ ހިފުމުގެ ސަބަބުން ބިރުވެރިކަން އޮވެއްޖެހިނދު ރޯދަ ދޫކުރާނި އެވެ.
ދެވަނައީ : ދޫކުރާ ރޯދަތަކަށް ޢަމަލު ކުރާނީ ކިހިނެތް ކަމެވެ.
އެ މައްސަލައިގައި އެންމެ ކުރީއްސުރެން ފަށައިގެންވެސް ޢިލްމުވެރިން ދެ ޤައުލެއް ވިދާޅުވެފައިވެ އެވެ.
އެއީ ދޫކުރި މިންވަރަށް އެ ޢަދަދަށް ރޯދަ ހިފުމެވެ. ދެވަނަ ބަސްފުޅަކީ ރޯދަ ޤަޟާ ކުރުމުގެ ބަދަލުގައި ކޮންމެ ރޯދައަކަށް މިސްކީނަކަށް ކާންދިނުމެވެ.
މި މައްސަލައިގައި ބޮޑަށް ބުރަވެވެނީ މާބަނޑު އަންހެނާ ނުވަތަ ގާތުން ކިރުދިނުމުގައިވާ އަންހެނާ ރޯދަ ދޫކޮށްފިހިނދު، ރޯދައަށް ފިދުޔަ ދީފި ހިނދު އެއީ ފުދޭނެ މިންވަރު ކަމުގަ އެވެ. އެހެނީ ޞަޙާބީން މިފަދައިން ފަތުވާ ދެއްވާފައި ވުމެވެ.
ޞަޙާބީ ابنِ عباسٍ ގެ އަރިހުން ރިވާކުރެވިގެންވެ އެވެ. ”ޞަޙާބީއަށް މާބަނޑު ޙާލުގައިވީ އަންހެނަކު ނުވަތަ ގާތުން ކިރުދިނުމުގައިވާ އަންހެނަކު ފެނިވަޑައިގެންނެވި އެވެ. އެހިނދު ވިދާޅުވި އެވެ. ކަމަނާވާކަން ކަށަވަރީ ރޯދަހިފުމަށް ކެރިކުޅަދާނަވެގެން ނުވާ މީހުންގެ ތެރެއިންނެވެ. ކަމަނާއަށްއޮތީ (ދޫކުރި ކޮންމެ ރޯދައަކަށް) މިސްކީނަކަށް ކާން ދިނުމެވެ. ރޯދަ ޤަޟާ ކުރުމެއް ނުވެ އެވެ.“ إرواء الغليل 4-19
އަދިވެސް ޞަޙާބީ ابنِ عباسٍ ގެ އަރިހުން ރިވާކުރެވިގެންވެ އެވެ. ވިދާޅުވި އެވެ. ”މާބަނޑު އަންހެނާ އަދި ގާތުން ކިރުދޭ އަންހެނާ، ނަފްސަށް ބިރުއޮވެއްޖެހިނދު، ރޯދަ ދޫކޮށް ކޮންމެ ރޯދައަކަށް މިސްކީނަކަށް ކާންދޭނީ އެވެ. އެ ދެމީހުންނަށް ރޯދަ ޤަޟާ ކުރުމެއް ނުވެ އެވެ.“ المطالب العالية 1-407 – إسناده حسن
އަދި މިފަދައިން ابن عمر ގެ އަރިހުންވެސް ވާރިދުވެގެންވެ އެވެ. އަދި ސަލަފުންގެ ބައެއް ބޭކަލުންގެ ޤައުލެވެ.
އަހަރެމެންގެ ޝެއިޚް الشَّيخ د. عَرَفَات بن حَسن المُحمَّدي حفظه الله ވިދާޅުވެފައިވެ އެވެ.
ސުވާލު : ރޯދަ ދޫކޮށްލުން ހުއްދަވާ ޢުޛުރުތަކަކީ ކޮބައިތޯ އެވެ؟ އަދި އެބައިމީހުން ރޯދަ ދޫކޮށްފިހިނދު ޢަމަލު ކުރުން ވާޖިބުވަނީ ކޮންގޮތަކަށް ހެއްޔެވެ؟
ޖަވާބު : ”ރޯދަ ދޫކޮށްލުން ހުއްދަވާ ޢުޛުރުވެރިންނަކީ : ބަލިމީހުން، ދަތުރުވެރިން، މާބަނޑު އަންހެނުން، ކިރުދޭ އަންހެނުން، ޢުމުރުން ދުވަސްވީ މީހުން އެވެ. ދަތުރުވެރިޔާ އަދި ބަލި މީހާއަށް ވާޖިބުވެގެންވަނީ (ރޯދަ ދޫކުރި މިންވަރަށް) އެ ރޯދަތައް ޤަޟާ ކުރުމެވެ.
ދެންފަހެ، މާބަނޑު އަންހެނާ، ކިރުދޭ އަންހެނާ، ޢުމުރުން ދުވަސްވީ ފިރިހެނާއި އަދި އަންހެނާ އަށް އޮތީ (ދޫކުރި) ކޮންމެ ރޯދައަކަށް މީސްކީނަކަށް ކާންދިނުމެވެ. އެއީ މިސްކީނަކަށް ޞާޢުގެ ދެބައިކުޅަ އެއްބައިގެ ކާބޯތަކެތި ދިނުމެވެ.“
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.