ޤަޟާ ކުރަންޖެހިފައިވާ ރަމަޟާން މަހުގެ ރޯދަތަކެއް ހުއްޓާ، ސުންނަތް ރޯދަ ހިފުމުގެ ޙުކުމަކީ ކޮބާތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ފަރުޟު ރޯދަތައް ހުއްޓައި ސުންނަތް ރޯދަތައް ހިފުމުގެ މައްޗަށް ޢިލްމުވެރިން މެދުގައި ޚިލާފް އުފެދިފައިވެ އެވެ. އެ ޚިލާފް ތިރީގައި ބަޔާން ކުރަމެވެ.
ފުރަތަމަ ޤައުލަކީ : ޤަޟާ ރޯދަތައް ހުއްޓައި ސުންނަތް ރޯދަ ހިފުން ހުއްދަވާނެ ކަމުގައި ބުނެފައިވާ ބުނުމެވެ. ފަހެ، މި ޤައުލަކީ الحنفيّة މަޛްހަބުގެ ޤައުލެވެ. އަދި މި ޤައުލަކީ الحنابلة ގެ މަޛްހަބުގެ ޤައުލެކެވެ.
ދެވަނަ ޤައުލަކީ : ޤަޟާ ރޯދަ ހުއްޓައި ސުންނަތް ރޯދަ ހިފުން ކަރާހަތްތެރި ކަމުގައި ވުމެވެ. މިފަދައިން المالكيّة އަދި الشّافعيّة ވިދާޅުވެފައިވެ އެވެ.
ތިންވަނަ ޤައުލަކީ : الحنابلة މަޛްބަހުގެ 2 ޤައުލުގެ ތެރެއިން އެއް ޤައުލެވެ. ވާޖިބު ރޯދަ ޤަޟާކުރަން ޖެހިފައިވާ ފަރާތަކަށް ސުންނަތް ރޯދަ ހިފުން ޙަރާމްވެގެންވާ ކަމެވެ.
ހުއްދަވެގެންވާ ކަމަށް ވިދާޅުވެފައިވާ ޢިލްމުވެރިންގެ މައިގަނޑު ދަލީލަކީ عَائِشَة -رضي الله عنها- ގެ މި ދަލީލެވެ.
އެއީ :
(كان يكون علي الصوم من رمضان فما أستطيع أن أقضيه إلا في شعبان) ”ތިމަންކަމަނާ ޤަޟާކުރަން ޖެހިފައިވާ ރަމަޟާންމަހުގެ ރޯދަ ހުރެ އެވެ. އެ ރޯދަތައް ޝަޢުބާން މައްސަރުގައިމެނުވީ ޤަޟާކުރުމަށް ތިމަންކަމަނާއަށް ކުޅަދާނައެއް ނުވެ އެވެ.“ صحيح البخاري 1950
އެބޭކަލުން ވިދާޅުވެފައިވެ އެވެ. މާތް ނަބިއްޔާގެ އަނބިކަނބަލުން عَائِشَة -رضي الله عنها- ގެ މަޤާމާއި، މަތިވެރިކަމުގެ ޙައްޤުގައި ޝައްވާލުމަހުގެ ރޯދަ ނުހިއްޕަވާކަމުގައި ބުނެވޭނީ ކިހިނަކުން ހެއްޔެވެ؟ (އެބަހީ : ރަމަޟާން މަހުގެ ޤަޟާ ރޯދަތައް ހުއްޓާ ސުންނަތް ރޯދަ ނުހިފޭނެ ކަމުގައި ބުނާނަމަ، عَائِشَة -رضي الله عنها- ގެ ރަމަޟާން މަހުގެ ރޯދަތައް ޝަޢުބާން މަހާއި ޖެހެންދެން ޤަޟާ ނުކުރެވި ހުރުން އެކަމަނާ ވިދާޅުވެފައިވުމުން، ޝައްްވާލުމަހުގެ ރޯދަތައް އެކަމަނާ ނުހިއްޕަވަނީއޭ ބުނެވެނީ ހެއްޔެވެ؟)
އެހިނދު، މި ދަލީލަށް ޖަވާބުގައި ބުނެވެ އެވެ. ނަބިއްޔާގެ އަނބިކަނބަލުން عَائِشَة -رضي الله عنها- ޤާއިމްވެވަޑައިގެން ހުންނަވަނީ ޝައްވާލުމަހުގެ ރޯދައަށްވުރެ އެއަށްވުރެ މާތް މަތިވެރި އަޅުކަމަކާއިގެންނެވެ. ރަސޫލާ ﷺ ގެ ޙައްޤުޤައި ނަބިއްޔާގެ މަޤާމަށްޓަކައި ނަބިއްޔާގެ އެންމެހައި ކަންކަމެއްގައި މަޝްޣޫލުވަޑައިގެން ހުންނެވުމެވެ.
އެއީ މާ މަތިވެރި ވެގެންވާ އަޅުކަމެކެވެ. ފަހެ، ދީނުގައި، ޝަރީޢަތުގައި ކަނޑައެޅިފައިވާ ޤަވާޢިދުގައިވަނީ، ދެ މަޞްލަޙަތެއް ފުށުއަރައިފިހިނދު، (ސުންނަތް ރޯދަ ހިފުމާއި، ނަބިއްޔާއަށް ޓަކައި މަޝްޣޫލުވެ ޚިދުމަތުގައި ދެމިހުންނެވުން) އެހިނދު އިސްވެގެންވާ މަޞްލަޙަތު ކުރިއަށް ނެރުން ހުއްޓެވެ. ފަހެ، މިއީ އެސަބަބަށްޓަކައި އެކަމަނާއަށް ރަމަޟާން މަހުގެ ރޯދަތައް ޝަޢުބާން ހަމައަށް ލަސްކުރެއްވުމަށް މެދުވެރިވި ސަބަބު ކަމުގައިވެ އެވެ. ފަހެ، އެހިނދު ދެވަނަ ޤައުލުގެ އަހުލުވެރިންގެ ދަލީލަށް ޖަވާބު ދެވެ އެވެ.
އަދިވެސް ބުނެވެ އެވެ. އެ ކަމަނާގެ ޢަމަލު ފުޅުގައި ޤަޟާކުރަންޖެހިފައިވާ ރަމަޟާން މަހުގެ ރޯދަތައްހުއްޓާ ސުންނަތް ރޯދަތައް ހިއްޕަވާ ކަމުގައި ނުވެ އެވެ. ”ތިމަން ކަމަނާ ސުންނަތް ރޯދަ ހިއްޕަވަމެވެ.“ މިފަދައިން ވިދާޅުވެފައިނުވެ އެވެ. އެހެނަސް ވިދާޅުވެފައިވަނީ ”ނަބިއްޔާގެ މަޤާމް -ޚިދުމަތް ކުރުމާއި ނަބިއްޔާއަށް މަޝްޣޫލުވެ އުޅުއްވުމަށްޓަކައި- ރަމަޟާން މަހުގެ ރޯދަ ޤަޟާކުރުން ލަސްކުރައްވާކަމެވެ.
އަދި ރިވާޔަތުގައި އެކަމަނާއަށް ސުންނަތް ރޯދަ ހިފުމަށް އިޛުނަފުޅު ދެއްވާފައިވާކަންވެސް ނުވެ އެވެ. އެހެނަސް އޭގެ ބަދަލުގައި ރިވާޔަތުގައި ވަރަށް ސާފުކޮށް ބަޔާންވެގެންވަނީ އެކަމަނާ ރޯދަތައް ލަސްކުރައްވާފައިވަނި ނަބިއްޔާގެ ޙާޖަތަށްޓަކައި އަދި ޚިދުމަތަށްޓަކައި ކަމެވެ.
ބުނަމެވެ. ފަހެ، އެބޭކަލުން ހުއްދަ ކަމުގައި ގެނެސްފައިވާ މައިގަނޑު ދަލީލަށް މިފަދައިން ޖަވާބު ދެވުމުން މައްސަލަ ވަރަށް ސާފުކޮށް ބަޔާންވެގެންވެ އެވެ.
ރޯދަ ޤަޟާކުރަން ޖެހިފައިވާ މީހާއަށް ސުންނަތް ރޯދަ އޭގެ ކުރިން ހިފުން ހުއްދަވެގެން ނުވާކަން ބަޔާންކޮށްފައިވާ ދަލީލު ތަކުގެ ތެރޭގައި، ބަސްފުޅުތަކުގެ ތެރޭގައިވެ އެވެ.
1. ފަރުޟު އަޅުކަންތަކަކީ ﷲ އެންމެ ލޯބިވެވޮޑިގަންނަވާ އަޅުކަންތަކެވެ. ސުންނަތް އަޅުކަންތައްވަނީ އެއަށްފަހުގަ އެވެ. ވުމުން ﷲއާއި ކުއްތަންވެ އެއިލާހުގެ ހަޟުރަތަށް އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ އަޅުކަން ދޫކޮށް ސުންނަތް އަޅުކަންތަކަށް ދިއުމެއް ނުވެ އެވެ.
2. عُثْمَان بِن مَوهِب ވިދާޅުވެފައިވެ އެވެ. أَبُوهُرَيرة -رضي الله عنه- އަރިއަހުގައި މީހަކު ސުވާލު ދެންނެވި އެވެ. ”ރަމާޟާން މަހުގައި ގެއްލިފައިވާ (ޤަޟާ ކުރަން ޖެހިފައިވާ) ރޯދަތަކެއް އެބަ ހުއްޓެވެ. އެ ރޯދަތައް ހުއްޓާ ޙައްޖުމަހުގެ ފުރަތަމަ ދިހައިގެ ރޯދަތައް ހިފިދާނެ ތޯ އެވެ؟
أَبُوهُرَيرة رضي الله عنه ވިދާޅުވި އެވެ. ނޫނެކެވެ. (ޤަޟާކުރަންޖެހޭ ރޯދަތައް ހުއްޓާ، ސުންނަތް ރޯދަތައް ހިފަނީ) ކީއްވެތޯ އެވެ؟ ﷲގެ ޙައްޤު އަދާކުރުމަށް ފަށާށެވެ. އެއަށްފަހު ތިބާ ބޭނުންވެއްޖެހިނދު ސުންނަތް ރޯދަ ހިފުން ހުއްޓެވެ. البيهقي في السنن الكبرى ٨٣٩٥ صحيح
މީގެ އިތުރަށް މިފަދައިން ވާރިދުވެގެންވާ ބައެއް އަޘަރުތަކުގައިވެ އެވެ.
3. حماد ވިދާޅުވެފައިވެ އެވެ. ތިމަން (ތާބިޢީ) إبراهيم އަދި سعيد بن جبير އަރިހުގައި އެމީހަކު ޤަޟާކުރަންޖެހޭ ފަރުޟު ރޯދަތަކެއް ހުއްޓާ ޙައްޖުމަހުގެ 9 ދުވަހުގައި ރޯދަހިފުމާއި މެދުގައި ސުވާލު ދެންނެވީމެވެ. (އެހިނދު ވިދާޅުވި އެވެ.) ”ޙައްޖުމަހުގެ ދުވަސްތަކުގައި ސުންނަތް ރޯދަ އިސް ނުކުރާށެވެ. ފަރުޟު ރޯދަ ހިފުން ހުއްޓެވެ.“
ފަހެ، މައްސަލައިގެ ޚުލާޞާގައި ބުނަމެވެ. ރަމަޟާން މަހުގެ ރޯދަތަކެއް ގެއްލިފައިވާ މީހާ އެ ރޯދަތައް ހުއްޓާ ސުންނަތް ރޯދަ ނުހިފައި، ފަރުޟު ރޯދަ ޤަޟާ ކުރުމަށް އަވަސްވެގަތުން އެއީ އަޥަލާވެގެންވާ ގޮތެވެ. އަދި ﷲ ތަޢާލާގެ ރުއްސެވުމަށް ވާޞިލް ވުމަށް ބަޔާންވެގެންވާ ގޮތެވެ.
ޤުދުސީ ޙަދީޘްގައި ވާރިދުވެގެންވެ އެވެ. الرسول- صلى الله عليه وسلم- قال: “ قال الله تعالى: وما تقرّب إليّ عبدي بشيءٍ أحبّ إليّ مما افترضت عليه “ ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވި އެވެ. ”ހަމަކަށަވަރުން ތިމަން އިލާހުގެ އަޅާ، ތިމަން އިލާހު ފަރުޟު ކުރައްވާފައިވާ އަޅުކަމެއް އަދާކޮށްގެން ތިމަން އިލާހުގެ ޙަޟުރަތަށް ކުއްތަންވުމަށް ލޯބޮވޮޑިގަންނަވާ މިންވަރަށް އެހެން ޢަމަލެއް ނުވެ އެވެ…“
މި މައްސަލައިގައި ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ العلامة الإمام ابن بَاز -رحمه الله- ވިދާޅުވެފައިވެ އެވެ. ”ފަހެ، ޤަޟާ ރޯދަ ހިފުމަށް ޖެހިފައިވާ މީހާއަށް ވާޖިބުވެގެންވަނީ ސުންނަތް ރޯދަ ހިފުމަށްވުރެ ކުރިން ޤަޟާ ރޯދަ ހިފުމެވެ. ސަބަބަކީ، ފަރުޟު (އަޅުކަން) ސުންނަތަށް ވުރެ މުހިންމުވެގެންވުމެވެ. މިއީ ޢިލްމުވެރިންގެ ބަސްފުޅު ތަކުގެ ތެރެއިން އެންމެ ޞައްޙަވެގެންވާ ގޮތެވެ.“
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.