ކަލަންޑަރުގައި ލިޔެފައިވާ އިމްސާކިއްޔާގައި ވާގޮތަށް ފަތިސްވަޤުތު ވަނުމުގެ 10 މިނިޓް ކުރިން ހާރުކެއުން ހުއްޓާލުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ކަލަންޑަރުގައި ލިޔެފައިވާ އިމްސާކިއްޔާ އަކީ ކޮބައި ކަމާއި މެދުގައި ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.
އޭގައި ބުނެފައިވާ އިމްސާކް ގެ މާނައަކީ، ރޯދަހިފަން ބޭނުންވާ ފަރާތްތަކުން ކެއުމާއި ބުއިމުން އެއްކިބާވެ ހުއްޓާލަން ޖެހޭ ވަޤުތު ކަމުގައި ބުނެފައިވެ އެވެ. އަދި އޭގައި އިމްސާކު ކުރަންޖެހޭ ވަޤުތު ކަމުގައި ބުނެފައިވަނީ ފަތިސް ނަމާދުގެ ބަންގީގެ ވަޤުތުގެ 20 ވަރަކަށް މިނިޓް ކުރިންނެވެ. އެހެނަސް ޝަރީޢަތުގައި އަދި ދީނުގައި ކެއުމާއި ބުއިމުން ދުރުވެ އެއްކިބާވުމަށް ކަނޑައަޅައިފައިވާ ވަޤުތަކީ ކޮބައިކަން އެނގިގަންނަންޖެހެ އެވެ.
ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެ އެވެ. (وَكُلُوا وَاشْرَبُوا حَتَّى يَتَبَيَّنَ لَكُمُ الْخَيْطُ الأَبْيَضُ مِنَ الْخَيْطِ الأَسْوَدِ مِنَ الْفَجْرِ ثُمَّ أَتِمُّوا الصِّيَامَ إِلَى اللَّيْلِ ) البقرة/187 “ އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! ފަޖުރުއް ޞާދިޤުގެ -ފަތިސް ނަމާދުގެ ވަޤުތު- ގެ ސަބަބުން ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން ފަތިހުގެ އަލިކަން ފާޅުވެ އެނގިއްޖައުމަށް ދާނދެނެވެ. ދެން އެއަށްފަހު، ރޭވެއްޖައުމަށް ދާނދެން ތިޔަބައިމީހުން ރޯދަ ފުރިހަމަ ކުރާށެވެ!..“
އާޔަތުގައި ވަރަށް ސާފުކޮށް ޞަރީޙަކޮށް، ރޯދަހިފަން ބޭނުންވާ މީހާ ކެއުމާއި ބުއިމުން ދުރުވެ، ހާރުކެއުމުގެ ވަޤުތު ނިމިގެންދާނީ ކޮން ވަޤުތެއްގައި ވަރަށް ފާޅުކަން ބޮޑު ގޮތުގައި ބަޔާންވެ އެވެ. އެއީ، ފަތިސް ނަމާދުގެ ވަޤުތު ވަނުމެވެ. ނުވަތަ ފަޖުރުއް ޞާދިޤުގެ އަލިކަން ފާޅުވުމުންނެވެ.
މިފަދައިން މާތް ނަބިއްޔާ -صلى الله عليه وسلم- ޙަދީޘްފުޅު ކުރައްވާފައިވެ އެވެ. އެބަހީ : ދޫފުޅުގެ ބަސްފުޅުންވެސް ބަޔާން ކުރައްވާފައިވެ އެވެ. މާތް ނަބިއްޔާ -صلى الله عليه وسلم- ގެ އަނބިކަނބަލުން އަދި އިމާމް البخاري ޞަޙީހުގައި 622 ގައި އުއްމުލް މުއުމިނީން عائشة . ރިވާކޮށްފައިވެ އެވެ. މާތް ނަބިއްޔާ -صلى الله عليه وسلم- ޙަދީޘް ކުރައްވާފައިވެ އެވެ. (إنَّ بلَالًا يُؤَذِّنُ بلَيْلٍ، فَكُلُوا واشْرَبُوا حتَّى يُؤَذِّنَ ابنُ أُمِّ مَكْتُومٍ) ”ހަމަކަށަވަރުން بِلال -ބިލާލް- ބަންގިގޮވާކަން ކަށަވަރީ ރޭގަނޑުގެ ވަޤުތުގަ އެވެ. ފަހެ، ތިޔަބައިމީހުން ابنُ أُمِّ مَكْتُومٍ ބަންގި ގޮވައިފުމަށް ދާންދެން ކައިބޮއި ހަދާށެވެ.“
މިތަނުގައި ބަޔާންކޮށްފައިވަނީ، ނަބިއްޔާ -صلى الله عليه وسلم- ގެ ޢަހުދުގައި ފަތިސް ވުމުގެ ކުރިން ރޭގަނޑުގެ ދަމުގައި ބަންގިއެއް ގޮވޭ ކަމެވެ. އެ ބަންގި ގޮވާ ބޭކަލަކީ بِلال -رضي الله عنه- އެވެ. ފަހެ، އެއީ ފަތިސް ވަގުތު ވަނުމުން ގޮވާ ބަންގިއެއް ނޫން ކަމުގައި ވުމުން، ރޯދަ ހިފުމަށްޓަކައި ބޭނުންވާ މީހާއަށް، އެ ބަންގިއަކީ ކެއުމާއި ބުއިމުން މަނާ ކުރާ ބަންގިއެއް ނޫން ކަމުގައިވެ އެވެ.
ދެންފަހެ، ابنُ أُمِّ مَكْتُومٍ -رضي الله عنه- ގެ ބަންގިއަކީ ފަތިސް ވަޤުތު ވަނުމާއެކު، ފަޖުރުއް ޞާދިޤުގެ އަލިކަން ފާޅުވުމުން ގޮވާ ބަންގި އެވެ. ފަހެ، އެހިނދު ކެއުމާއި ބުއިމުން އިމްސާކު ކުރުން ހުއްޓެވެ. ވުމާއެކު، އާޔަތުގައިވާ ފަދައިން، ރޯދަހިފުމަށް ބޭނުންވާ މީހާ ކެއުމާއި ބުއިމުން އެއްކިބާވާން ޖެހޭ ވަޤުތު ކަމުގައިވަނީ ފަތިސް ވަޤުތު ވަނުމަށް ދާންދެނެވެ. ވުމުން، ފަތިސް ވަޤުތު ވަނުމުގެ 20 މިނިޓް ނުވަތަ 15 ކުރިން އިމްސާކު ކުރަން ބުނުމަކީ، ﷲ ގެ ޝަރީޢަތުގެ މައްޗަށް ބަސްބުނުމެއް ނޫންހެއްޔެވެ؟ ﷲ ކަނޑައަޅުއްވާފައިވާ ޙައްދުތައް ފަހަނައަޅައި ދިއުން ނޫން ހެއްޔެވެ؟
މި ޒަމާނުގައި ކަލަންޑަރުގައި އިމްސާކު ކުރުމަށް ބުނެފައިވާ ވަޤުތަކީ، ޙަޤީޤަތުގައި އެއީ ހާރު ކެއުމަށް އެންމެ ސުންނަތްކަން ގަދަވެގެންވާ ވަޤުތެވެ. އެބަޔަކު އިމްސާކު ކުރުމަށް ބުނެފައިވަނީ، އެއީ މާތް ނަބިއްޔާ -صلى الله عليه وسلم- ހާރު ފަރިއްކުޅުއްވި ވަޤުތެވެ. ސަބަބަކީ، ނަބިއްޔާ -صلى الله عليه وسلم- ބަސްފުޅުން އެކަން އުއްމަތަކަށް އުނގަންނަވައި ދެއްވި ފަދައިން، ޢަމަލުފުޅުންވެސް ވަނީ ދައްކަވާފަ އެވެ.
އެފަދަ ޙަދީޘްތަކުގެ ތެރޭގައިވެ އެވެ. عن أنس بن مالك -رضي الله عنه- عن زيد بن ثابت -رضي الله عنه- : قال (تَسَحَّرْنَا مَعَ رَسُولِ اللَّهِ -صلى الله عليه وسلم- ، ثُمَّ قَامَ إلَى الصَّلاةِ. قَالَ أَنَسٌ: قُلْت لِزَيْدٍ: كَمْ كَانَ بَيْنَ الأَذَانِ وَالسَّحُورِ؟ قَالَ: قَدْرُ خَمْسِينَ آيَةً) أنس بن مالك -رضي الله عنه- زيد بن ثابت -رضي الله عنه- އަރިހުން ރިވާކޮށްފައިވެ އެވެ. رسول اللَّه -صلى الله عليه وسلم- ގެ އަރިހުގައި ތިމަންމެން ހާރު ކެއީމެވެ. އެއަށްފަހު ނަބިއްޔާ ނަމާދަށް ތެދުވެވަޑައިގަތެވެ. أنس ވިދާޅުވިއެވެ. ތިމަން زيد އަށް ދެންނެވީމެވެ. ބަންގިއާއި ހާރު ކެއުމާ ދެމެދު ކިހާ ވަގުތެއް ވޭތުވިތޯ އެވެ؟ زيد ދެންނެވިއެވެ. ފަންސާސް އާޔަތް ކިޔެވޭހާ ވަގުތެވެ.“ މި ޙަދީޘް އިމާމް البخاري ޞަޙީހުގައި 1921 ގައި ގެންނަވާފައިވެ އެވެ.
މި ޙަދީޘަގައި ވަނީ، ފަތިސް ނަމާދު ކުރައްވަން ފައްޓަވާ ވަޤުތާއި ހާރު ފަރިއްކުޅުއްވުމާއި ދެމެދުގައި ވަނީ 50 އާޔަތް ކިޔެވޭނެހާ މިންވަރު ކަމުގަ އެވެ. މިއަދުގެ ގަޑީގެ ވަޤުތަށް ބަލައިފިނަމަ އެއީ ގާތްގަޑަކަށް 10 މިނިޓްގެ ވަޤުތެވެ.
ސުވާލު : ފަތިސްވަޤުތު ވަނުމުގެ 10 މިނިޓް ކުރިން ހާރުކެއުން ހުއްޓާލުން (އިމްސާކް) ޙުކުމަކީ ކޮބައިތޯ އެވެ؟
ޖަވާބު : ”އެއީ ބިދުޢައެކެވެ. ސުންނަތުގައި އެކަމަށް އެއްވެސް އަޞްލެއް ނެތެވެ. އަދި އެއީ ދީނުގައި ޙައްދުފަހަނަ އަޅައި ދިއުމެކެވެ.“ مجموع الفتاوى 19- 291
ޝައްކެތްވެސް ނެތެވެ. މިއީ ދީނުގެ ތެރެއަށް އަލަށް ބަޔަކު ވައްދާފައިވާ ބިދުޢަވެރި ޢަމަލެކެވެ. ކަނޑައެޅިގެން ޤުރުއާނާއި ސުންނަތުގެ ދަލީލުތަކާއި ފުށޫއަރާ ގޮތުގައިވާ ޢަމަލެކެވެ. ޙަޤީޤަތުގައި ޙައްދުފަހަނައަޅައި ދިއުމަކީ މިއެވެ. އެކަލާނގެ ވަނީ ޙައްދުތަކެއް އަދި އިންތަކެއް ކަނޑައަޅައި ލައްވާފަ އެވެ. އެންމެ ޢަދުލުވެރި އަދި ހެޔޮ އަދި ދެދުނިޔޭގެ އެންމެހައި ބާއްޖަވެރިކަމެއް އެކުލެވޭ ގޮތުގައި ކަނޑައަޅާފައިވާ އިންތަކެވެ. އެއަށްފަހު ބަޔަކު އައިސް އެ އިންތަކުން އަދި ޙައްދުތަކުގެ މައްޗަށް އެހެން އިމެއް ނުވަތަ ޙައްދެއް ކަނޑައެޅުން މިއީ ކޮންފަދަ ނުބައިކަންބޮޑުވެގެންވާ ޢަމަލެއް ހެއްޔެވެ؟
ވުމުން، ފަތިސް ވަޤުތުގެ ކުރިން ރޯދަ ހިފުމަށް ބޭނުންވާ މީހާއަށް ކެއުމާއި ބުއިން ހުއްދަވެގެންވެ އެވެ. އޭނާއަށް އިމްސާކު ވަޤުތު ކަމުގައިވާހުށީ ފަތިސް ނަމާދުގެ ވަޤުތު ވަނުމެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.