އެކަކު އަނެކަކަށްވުރެ ކުރިއަރައި ދިއުމަށް ކެއްކުމާއި، އެ ކާއެއްޗެހި ކެއުމުގެ ޙުކުމް
أَبُو هريرة رضي الله عنه ވިދާޅުވެފައިވެ އެވެ. رسول الله ﷺ ޙަދީޘް ކުރެއްވި އެވެ. (المتباريانِ لا يجابانِ، ولا يُؤْكَلُ طعامُهما)
”އެކަކަށްވުރެ އަނެކަކު ކުރިއަރައި ދިއުމުގެ ވާދަވެރި ނިޔަތުގައި ކެއުން ތައްޔާރުކޮށް ދަޢުވަތުދޭ ދެމީހުންނަށް އިޖާބަދިނުމެއް ނުވުމުގެ އިތުރުން އެ ކެއުމެއްވެސް ނުވެ އެވެ.“ صححه الألباني في صحيح الجامع (6671)
އަދި ابن عباس رضي الله عنه ރިވާކުރައްވާފައިވާ ޙަދީޘްގައިވެ އެވެ. (إنَّ النَّبيَّ ﷺ، نَهَى عن طعامِ المتبَارِيَينِ، أنْ يُؤكَلَ)
”އެކަކަށްވުރެ އަނެކަކު ކުރިއަރައި ދިއުމުގެ ވާދަވެރިކަމުގައި ކެއުން ތައްޔާރު ކުރާ ދެމީހުންގެ ކާތަކެތި ކެއުން ނަބިއްޔާ ﷺ ނަހީކުރެއްވި އެވެ.“ صححه الالباني في صحيح أبي داود -رقم: (3754)
المناوي رحمه الله ވިދާޅުވެފައިވެ އެވެ. ”المتباريانِ މާނައަކީ : ދެމީހަކު ވާދަވެރި ކަމުގައި އެކަކު އަނެކަކަށްވުރެ ކެއުން ތައްޔާރުކޮށް އަނެކާގެ މައްޗަށް ގަދަވެ، މޮޅުވަނީ ކާކުތޯ ބެލުމުގެ ނިޔަތުގައި ކެއުން ތައްޔާރު ކުރުމެވެ. އެ ކާތަކެތި ނުކެއުމަށް ބަޔާންވެގެންވަނީ އެ ދެމީހުންގެ ޢަމަލުގައި ބައިވެރި ނުވުމަށްޓަކަ އެވެ. ފަޚުރުވެރި ވުމާއި، ކަންދެއްކުން އެކަމުގައިވާތީވެ، ދަޢުވަތަށް އިޖާބަ ދިނުމަކީ ކަރާހަތްތެރިވެގެންވާ (މަކްރޫހަ ވެގެންވާ) ކަމެކެވެ. އެގޮތުން، ބައެއް ޢިލްމުވެރިންނަށް ވަލީމާއަށް ދަޢުވަތް ލިބިވަޑައިގެންނެވުމުން އިޖާބައެއް ނުދެއްވަ އެވެ. އެހިނދު ބުނެވުނެވެ. އުއްމަތުގެ ސަލަފުއް ޞާލިޙުން ވަލީމާގެ ދަޢުވަތަށް އިޖާބަ ދެއްވަ އެވެ. އެހިނދު ވިދާޅުވި އެވެ. ”އެބައިމީހުން ދަޢުވަތުދެނީ އެއްބައިވަންތަ، އަޚުވަންތަ ކަމަށްޓަކަ އެވެ. ތިޔަބައިމީހުން ދަޢުވަތުދެނީ ފަޚުރުވެރި ވުމާއި، ފުދިގެންވާކަން ދެއްކުމަށްޓަކަ އެވެ.“ فيض القدير (6/ 259)
އަދިވެސް المناوي رحمه الله ވިދާޅުވެފައިވެ އެވެ. ”އެކަކު އަނެކަކަށް ފަޚުރުވެރި ވުމާއި، ކަންދެއްކުމަށް އަދި ވާދަވެރިކަމުގައި ކެއުން ތައްޔާރުކޮށް އަނެކާގެ މައްޗަށް މޮޅުވެގަތުމަށް ބޭނުންވާ ދެމީހުންގެ މެހުމާނުދާރީގެ ގޮތުން ތައްޔާރުކުރާ ކާއެއްޗެހި ކެއުން ނަހީ ކުރެވިގެންވެ އެވެ. މާނައަކީ، ކާބޯތަކެތި ތައްޔާރުކުރުން ވަނީ އެކަކުގެ މައްޗަށް އަނެކަކު ފަޚުރުވެރިވުމާއި، ކަންދެއްކުމާއި އަނެކަކަށް އޭނާގެ ކާބޯތަކެތި ތައްޔާރު ކުރުމަށް ކުޅަދާނަވެގެންނުވާކަން ދެއްކުމަށްޓަކަ އެވެ. މިއީ ﷲ އަށްޓަކައި ކުރެވުނު ކަމެއް ނޫނެވެ. ދެއްކުންތެރިކަމަށް ކުރެވުނު ކަމެކެވެ.“
ބަސްތައް ނަގާފައިވަނީ : فيص القدير: (٦/٣٣٥)
މި ޒަމާނުގައި މިފަދަ ކިތައް ޕާޓީ ބޭއްވޭ ހެއްޔެވެ! އޭނާގެ ދަރި ޕާޓީ އޮތީ މިވަނި ތަނެއްގައި މިވަނި ތަކެއްޗެއް ހުރީ، މިހާ ބަޔަކަށް ދަޢުވަތުދިނެވެ. އެއަށްވުރެ މޮޅަށް، ކާއެއްޗެހި ގިނަކޮށް، އަނެކަކަށް ނުކުރެވޭ ފެންވަރަށް ދެއްކުމަށް ޢަމަލުކުރާ ކިތައް މީހުންވޭ ހެއްްޔެވެ؟