ގޭގައި ނަމާދުގެ ޖަމާޢަތް ހަދާއިރު 2 ނުވަތަ އެއަށްވުރެ ގިނަ އަންހެނުން ތިބި ނަމަ ސަފުހަދާނީ ފަޔާއިފައި އަދި ކޮނޑާއި ކޮނޑު ޖައްސައިގެން ތޯ؟
ގޭގައި ނަމާދުގެ ޖަމާޢަތް ހަދާއިރު 2 ނުވަތަ އެއަށްވުރެ ގިނަ އަންހެނުން ތިބި ނަމަ ސަފުހަދާނީ ފަޔާއިފައި އަދި ކޮނޑާއި ކޮނޑު ޖައްސައިގެން ތޯ؟
ސުވާލުގައި ޛިކުރުކޮށްފައިވާ ފަދައިން އަންހެން މީހާގެ ނަމާދާއި ފިރިހެން މީހާގެ ނަމާދު ތަފާތުވާނެ ކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެފައި އެބަހުއްޓެވެ. މިފަދައިން ތަފާތުކުރާ ޢިލްމުވެރިންނަށް ސުންނަތުން އެއްވެސް ޞައްޙަ ދަލީލެއްް ބަޔާންކޮށްފައި ވަނިކޮށް ނުދެކެމެވެ. އެހެނަސް މި ރައުޔު އަކީ އެދެވިގެންވާ ގޮތް ނޫންކަން އަންނަނިވި ނުކުތާތަކުގެ އަލީގައި ބަޔާންވެގެން ދެއެވެ.
އަންހެނުންނާއި ފިރިހެނުން ޝަރުޢުގެ ދަލީލުތަކުގައި ހަމަހަމަ ވެގެންވާކަން ބަޔާންވެގެންވާހިނދު، އެކަން ތަފާތު ކަމުގައި ބަޔާންކުރުމަށް އަޅާކިޔާލެވޭނެ ޙުއްޖަތެއް ކަމުގައި މި ޙުއްޖަތް ނުވެއެވެ. އެހެނީ، މި އަޞްލުން އިސްތިސްނާވެވޭނީ ޝަރުޢީ ދަލީލަކުން އެ ދެފަރާތުގެ ދެމެދުގައި ތަފާތު ޘާބިތުވެއްޖެނަމައެވެ. މިތަނުގައި އެބޭކަލުން ފާޅުކޮށްފައިވާ ރައުޔުއަކީ އެފަދަ ދަލީލެއް ނޫނެވެ.
ނަމާދުގައި ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރެއްވި އެވެ. (صلو كما رأيتموني اصلي) “ތިމަންނަބިއްޔާ ނަމާދުކުރަނިކޮށް ތިޔަބައިމީހުންނަށް ފެނިވަޑައިގެންނެވިގޮތަށް ތިޔަބައިމީހުން ނަމާދު ކުރާހުށި ކަމެވެ.”
މިއީ އަންހެނުންނާއި ފިރިހެނުންނަށް ޢާންމުވެ ޝާމިލްވެގެންވާ ދަލީލެކެވެ. މި ޙާދީޘްގެ ދިލާލަތުގައިވާ ޢާންމުކަން ޚާއްޞަކުރާނެ ވަރުގެ ޙުއްޖަތެއް ކަމުގައި މި ރައުޔު ނުވެއެވެ.
އެހެންކަމުން ގޭގައި ނުވަތަ އެހެން ތަނެއްގައި ނަމާދު ކުރިކަމުގައިވީނަމަވެސް ޖަމާޢަތުގައި ނަމާދު ކުރުމުގައި އަންހެނުންނާއި ފިރިހެނުން ތަފާތު ކުރެވޭނީ ތަފާތު ކުރުމަށް ޚާއްޞަ ޙުކުމް ބަޔާންވެގެންވާ ޙާލަތްތަކުގައެވެ. އެފަދަ ސިފައެއް ސަފު ހެދުމުގައި ނެތެވެ. އެހެނަސް ސަފުގައި ބަދަހިކަން ހިފެހެއްޓުމާއި، ސަފުގައި ހުސް ޖާގަ ނުދިނުމާއި، ސަފު ބުރިކޮށް ނުލުމާއި މި އެންމެހައި ޙުކުމްތަކެއް ދެ ޖިންސުގެ މައްޗަށް ވެއެވެ.
ސަފުތައް ހެދުމުގައި ފުރަތަމަ ސަފު ފުރާލުމަށްފަހުގައި މެނުވީ ދެވަނަ ސަފެއް ނުހެދުމަށް ޙަދީޘްތައް ނުހަނު ގިނައިން ވާރިދުވެފައިވެއެވެ. އެކިއެކި ތަފާތު ޖުމްލަތަކެއް އެކަން ބަޔާންކުރައްވާ ވާރިދުވެގެންވެއެވެ. ابن عُمَر -رضي الله عنهما- ގެ އަރިހުން ރިވާކުރެވިގެންވެއެވެ. ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ. (مَنْ وَصَلَ صَفاً وَصَلَهُ اللهُ،وَمَنْ قَطَعَ صَفاً قَطَعَهُ الله) ”ސަފުގައިވާ ހުސްޖާގަ ފުރާލައި (ސަފު ގުޅުވައިފި) މީހާއަށް (ޖަޒާއެއްގެ ގޮތުން) ﷲ އެމީހަކާ ގުޅުން ޤާއިމްކުރައްވާނެތެވެ. އަދި ސަފެއް ބުރިކޮށްލައިފި މީހާއަށް (ޢުޤޫބާތެއްގެ ގޮތުގައި) ﷲ އެމީހަކާ މެދުގައި އޮންނަ ގުޅުން ކަނޑުއްވާލައްވައެވެ“. رواه أبوداود ٦٦٦ وصححه الألباني
الإمام مسلم ޞަޙީހުގައި 430 ގައި ރިވާކޮށްފައިވެ އެވެ. ނަބިއްޔާ ޙަދީޘް ކުރެއްވި އެވެ. ألَا تَصُفُّونَ كما تَصُفُّ المَلَائِكَةُ عِنْدَ رَبِّهَا؟ فَقُلْنَا يا رَسولَ اللهِ، وكيفَ تَصُفُّ المَلَائِكَةُ عِنْدَ رَبِّهَا؟ قالَ: يُتِمُّونَ الصُّفُوفَ الأُوَلَ ويَتَرَاصُّونَ في الصَّفِّ “މަލާއިކަތް ބޭކަލުން، އެބޭކަލުންގެ ރައްބުގެ ޙަޟުރަތުގައި ސަފުތައް ހަދާ ފަދައިން ތިޔަބައިމީހުން ސަފުހެދުން ނުވޭ ހެއްޔެވެ؟ ޞަޙާބީން ދެންނެވި އެވެ. ﷲ ގެ ރަސޫލާ އެވެ. މަލާއިކަތުން ސަފުތައް ހައްދަވަނީ ކިހިނަކުން ތޯއެވެ؟ (ޙަދީޘް ކުރެއްވި އެވެ.) ފުރަތަމަ ސަފަށްފަހުގައި، އެއަށްފަހު ވިދިގެން އިންނަ ސަފެވެ. އަދި ސަފުގެ ބަދަހި ކަމާއެކުގައެވެ. (ޔަޢުނީ، ސަފުގައި ހުސްޖާގަ ނުދީ، ކޮނޑާއި ކޮނޑު އަދި ފައިތިލައާއި ފައިތިލަ ޖެހޭ ގޮތުގަ އެވެ.)
أَنَس -رضي الله عنه-ގެ އަރިހުން ރިވާކުރެވިގެންވެ އެވެ. ނަބިއްޔާ ﷺ ޙަދީޘް ކުރެއްވި އެވެ. (أَتِمُّوْا الصَّف المُقَدِّم ثُمَّ الذِّيْ يَلِيْه..) ”ކުރިމަތީގައިވާ ސަފު ފުރިހަމަކުރުން ހުއްޓެވެ. އެއަށްފަހު އެ ސަފާއި ވިދިގެންވާ ސަފެވެ. …“ رواه أبوداود 671` وصححه الألباني
މި އެންމެހައި ޙުކުމްތަކުގައި އަންހެނުންވެސް ޝާމިލް ވުމެވެ.