އެެނގިހުރެ ދެމަފިރިންގެ ދިރިއުޅުން ހަލާކު ކުރުމަކީ ކިހާވަރެއްގެ ކަމެއް ހެއްޔެވެ؟
بسم الله الرحمن الرحيم
الحمد لله و الصلاة و السلام على ر سول الله و على آله وصحبه ومن والاه :
أما بعد :
އެނގިހުރެ ދެމަފިރިންގެ ދިރިއުޅުން ހަލާކު ކުރުމަކީ ކިހާވަރެއްގެ ކަމެއް ހެއްޔެވެ؟
ސުވާލުގައި، ދެމަފިރިންގެ ދިރިއުޅުމުގެ ތެރެއަށް ވަދެ އެ ދިރިއުޅުން ހަލާކު ކުރުމުގައިވަނީ ކާކުކަމެއް ބަޔާންކޮށްފައި ނުމުވުން، ޖުމްލަކޮށް އެކަމުގައި ހުރި ދީނީ ބައެއް ކަންތައްތައް ބަޔާން ކުރުމެވެ.
ﷲ ގެ އަޅާ އެވެ. ﷲ ތަޢާލާ ވަނީ އެކަލާނގެ ޛާތުފުޅުގެ މައްޗަށް އަނިޔާވެރިކަން ޙަރާމް ކުރައްވާފައި އަދި މިސްތަކުންގެ މައްޗަށްވެސް އަނިޔާވެރިކަން ޙަރާމް ކުރައްވާފަ އެވެ.
އެތަކެއް އާޔަތްތަކެއް އަދި ޙަދީޘްތަކެއް މި ކަމުގެ ދަލީލުތަކުގެ ގޮތުގައިވެ އެވެ.
އޭގެ ތެރޭގައި ﷲ ވަޙީ ކުރެއްވި އެވެ. (وَمَا رَبُّكَ بِظَلَّامٍ لِّلْعَبِيدِ) فصلت 46 ”އަދި އިބަ ނަބިއްޔާގެ ވެރި އިލާހުއީ، އަޅުތަކުންނަށް އަނިޔާވެރިވެވޮޑިގެންވާ ކަލަކުކަމުގައެއް ނުވެއެވެ.“
އަދިވެސް ވަޙީ ކުރެއްވި އެވެ. (إِنَّ ٱللَّهَ لَا يَظْلِمُ ٱلنَّاسَ شَيْـًٔا وَلَٰكِنَّ ٱلنَّاسَ أَنفُسَهُمْ يَظْلِمُونَ) يونس – 44 ”ހަމަކަށަވަރުން، اللَّه، އެއްވެސްކަމަކުން މީސްތަކުންނަށް އަނިޔާއެއް ނުކުރައްވަތެވެ. އެހެނެއްކަމަކު، މީސްތަކުން އެބައިމީހުންގެ އަމިއްލަ ނަފްސު ތަކަށް އަނިޔާކުރެތެވެ.“
މި އަނިޔާވެރިކަމާއި އަދި މީސްތަކުންނަށް އަނިޔާ ދިނުމާއި ގެއްލުން ދިނުން ﷲ ވަނީ ބޮޑުވެގެންވާ ޙަރާމް ކަމެއްގެ ގޮތުގައި ލައްވައި ޙަރާމް ކުރައްވާފަ އެވެ. ޤުދުސީ ޙަދީޘްގައިވެ އެވެ. (يا عبادي إنِّي حرَّمتُ الظُّلمَ على نفسي وجعلتُهُ بينَكم محرَّمًا فلا تظالموا) ”ތިމަން ﷲގެ އަޅުތަކުންނޭވެ! ހަމަކަށަވަރުން ތިމަން ﷲ ވަނީ އަނިޔާވެރިކަން -އަނިޔާ ދިނުން، ގެއްލުން ދިނުން- ތިމަން އިލާހުގެ ނަފްސުފުޅުގެ މައްޗަށް ޙަރާމް ކުރައްވާފަ އެވެ. އަދި ތިޔަބައިމީހުންގެ މެދުގައި އެ ޙަރާމް ކުރެއްވީމެވެ. ފަހެ، ތިޔަބައިމީހުން (އެކަކު އަނެކަކަށް) އަނިޔާވެރި ނުވާށެވެ.“
މުއުމިނުންނަށް ޙައްޤަކާއި ނުލައި ގޯނާކޮށް އަނިޔާދިނުމަކީ ބޮޑުވެގެންވާ ޙަރާމް ޢަމަލެއްގެ ގޮތުގައި ލައްވައި އެކަމުގެ ފާފަވެރިކަން ބަޔާން ކުރައްވައި ﷲއަދިވެސް ވަޙީ ކުރެއްވި އެވެ.
(وَالَّذِينَ يُؤْذُونَ الْمُؤْمِنِينَ وَالْمُؤْمِنَاتِ بِغَيْرِ مَا اكْتَسَبُوا فَقَدِ احْتَمَلُوا بُهْتَانًا وَإِثْمًا مُّبِينًا) އަދި އެބައިމީހުން ހޯދައިގަތް ކުށަކާނުލައި މުއުމިނު ފިރިހެނުންނަށާއި މުއުމިނު އަންހެނުންނަށް އުނދަގޫ ކުރާ މީހުން ދަންނާށެވެ! ފަހެ، ހަމަކަށަވަރުން އެބައިމީހުންނީ ބުހުތާނު ދޮގަކާއި ފާޅުވެގެންވާ ފާފައެއް ލިބިގެންފި ބައެކެވެ.“
الإمام ابن العثَيمِين – رحمه الله ވިދާޅުވެފައިވެ އެވެ. ”އެއީ އެހެންމީހެއްގެ ހިތަށް ނުވަތަ ހަށިގަނޑަށް ވޭން އަޅާނެފަދަ ކަމަކުން ތިބާ މީހަކަށް ގެއްލުންދީ އުނދަގޫ ކުރުމަށް މަސައްކަތް ކުރުމެވެ. މިހުރިހައި ކަމެއް ވާނީ ޙަރާމް ވެގެންނެވެ.“ شرح رياض الصالحين 3-273
ޝައްކެތްވެސް ނެތެވެ! ދެމަފިރިއެއްގެ ޒަވާޖީ ޙަޔާތުގެ މައްޗަށް ޢަދާވާތްތެރިވެ، ދެމަފިރިންގެ މައްޗަށް އަނިޔާދިނުމަކީ އެތައް ބަޔަކަށް އޭގެ ގެއްލުން ފޯރާނެ ކަމެކެވެ. އެ ގޮތުން ދެމަފިރިންނަށެވެ. ދެމަފިރިންގެ ދަރިންނަށެވެ. އަދި ބާލިޣް ނުވާ ޢުމުރުގެ ދަރިންތިބެއްޖެހިނދު އޭގެ އަނިޔާ ބޮޑުވެގެންވެ އެވެ.
ވުމުން މިއީ އަނިޔާވެރިކަމާއި، ހައްދުފަހަނައެޅުމުގައި ނުހަނު ބޮޑަށް އޭގެ ފާފަވެރިކަން ބޮޑުވެގެންވާ ޢަމަލެއް ކަމުގައިމެނުވީ ނުވެ އެވެ.
ނުޙައްޤުން، ޙައްޤަކާއި ނުލައި ދެމަފިރިއެއްގެ ހަޔާތުގެ މައްޗަށް އަނިޔާދޭ ދިނުމުގެ މައްޗަށް އެފަދަ ފަރާތަކުން، އެފަދަ ޢަމަލުތަކުގެ މައްޗަށް ނަފްސަށް ރައްކާތެރިކަން ހުއްޓެވެ.
އެހެނީ : އަނިޔާ ދިނުމަކީ ޤިޔާމަތް ދުވަހުގައި ނަރަކައަށް ހުށެހެޅޭ ސަބަބެއް ކަމުގައިވެ އެވެ. ފަހެ، ނަރަކައިގެ އަނދިރި ކަމަކީ މީސްތަކުންނަށް ވެވޭ އަނިޔާކަން ދަންނަ އެވެ.
ޞަޙާބީ سلمان الفارسي -رضي الله عنه- ވިދާޅުވި އެވެ. ”އޭ جريرއެވެ. ނަރަކައިގެ އަނދިރިކަމަކީ ކޮބައިކަން ތިބާއަށް އިނގޭ ހެއްޔެވެ؟ ތިމަން ދެންނެވީމެވެ. ނޫނެކެވެ. سلمان الفارسي ވިދާޅުވި އެވެ. އެއީ މީހުންގެ އަނިޔާވެރި ކަމެވެ.“ سير أعلام النبلاء (1/548)
ވުމުން ، އެކިއެކި ސިފަތަކުން މީސްތަކުންނަށް ނުޙައްޤުން ޢަދާވަތްތެރިވެ، ނުޙައްޤުން އަނިޔާދޭ މީހުން ދަންނަހުއްޓެވެ. ތިޔަ ޢަމަލުތަކަކީ ނަރަކައަށް ވަނުމަށް، ނަރަކައަށް ހުށެހެޅުމަށް އޮތް އެންމެ ބޮޑު އެއް ސަބަބެވެ.
އަނިޔާވެރިޔާގެ މައްޗަށް އަނިޔާ ލިބޭ ފަރާތް ބަދު ދުޢާ ކުރުން ހުއްދަވެގެންވެ އެވެ. އަދި އެ ބަދު ދުޢާއަކީ، ﷲ ހަޟުރަތުގައި އިޖާބަވެގެން ދިއުމަށް އޮތް ދުޢާ އެކެވެ. އަދި އެ ދުޢާ ﷲގެ ޙަޟުރަތަށް އުފުލިގެން ދިއުމަށް ފަރުދާކުރެވޭ އެއްޗެއް ނުވެ އެވެ.
ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެ އެވެ. (واتَّقِ دَعْوَةَ المَظْلُومِ، فإنَّ دَعْوَةَ المَظْلُومِ مُسْتَجَابَةٌ،) ”އަނިޔާ ލިބިފައިވާ މީހާގެ ދުޢާއަށް ބިރުވެތިވާށެވެ. ފަހެ، ހަމަކަށަވަރުން އަނިޔާ ލިބިފައިވާ މީހާގެ ދުޢާ އިޖާބަވެގެންވެ އެވެ.“
ވުމުން، ޝަރީޢަތުގައި އަނިޔާ ލިބިގެންވާ މީހާއަށް އެ އަނިޔާދިން މީހާގެ މައްޗަށް ބަދު ދުޢާ ކުރުމަށް އިޛުނަދެވިގެންވެ އެވެ. އެމީހަކަށް ލިބިގެންވާ އަނިޔާވެރިކަމުގެ މިންވަރުން އަނިޔާ ދިން މީހާގެ މައްޗަށް ދުޢާ ކުރެވޭނެ އެވެ.
العَلاَّمة محمد بِن صَالح العُثَيمِين -رحمه الله- ވިދާޅުވެފައިވެ އެވެ. ”ދުޢާ އިޖާބަ ކުރެވިގެންވާ 2 ބާވަތެއްގެ މީހުންވެ އެވެ.
ފުރަތަމައީ : ދަތި އުނގަދޫ ޙާލު ޖެހިފައިވާ މީހާ އެވެ.
ދެވަނައީ : އަނިޔާ ލިބިފައިވާ މީހާ އެވެ.
ދެންފަހެ، ދަތި އުނދަގޫ ޙާލަތު ޖެހިފައިވާ މީހާގެ (ދުޢާ އިޖާބަވެވެނީ) ސަބަބަކީ، ﷲގެ ރަޙްމަތްވަނީ އެކަލާނގެ ކޯފާވޮޑިގެންނެވުމުގެ މައްޗަށް އިސްވެގެންނެވެ. އެހެންވުމުން، ދަތި ޙާލަތު ދިމާވެފައިވާ މީހާއަށް ރަޙުމު ކުރައްވައި އޭނާގެ ދުޢާ އިޖާބަ ކުރައްވަ އެވެ. ދެންފަހެ، އަނިޔާލިބިގެންވާ މީހާ : ފަހެ، ﷲ ތަޢާލާގެ ޢަދުލުވެރިވަންތަ ކަމުގެ ފުރިހަމަ ކަމީ، އަނިޔާވެރިޔާގެ މައްޗަށް އަނިޔާ ލިބިފައިވާ މީހާއަށް ނަޞްރުވެރި ވުމަށްޓަކައި އޭނާގެ ދުޢާ އިޖާބަ ކުރައްވަ އެވެ.“ تفسير سورة الأنعام (٢١٦/١)
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.