މުސްލިމަކު ކުއްތާއެއް ގެންގުޅުމުގެ ޙުކުމަކީ ކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

މުސްލިމަކު ކުއްތާއެއް ގެންގުޅުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. އަދި އެއީ ދީނުގައި ޙަރާމްވެގެންވާ ޢަމަލެއް ކަމުގައި ކަނޑައެޅިފައިވެ އެވެ. ޝަރީޢަތުގައި އިސްތިސްނާ ކުރެވިގެންވާ ޙަލާތްތައް ފިޔަވަ އެވެ. އެއީ ޝިކާރަ ކުރުމަށާއި، ކަންބަޅިބަކަރި (ނަޢަމްސޫފިތައް) ފާރަވެރިކަމުގައި އަދި ދަނޑުގޮވާންތައް (އެފަދަ ދަނޑުގޮވާންތައް) ބެލެހެއްޓުމުގެ ގޮތުން ފިޔަވަ އެވެ.

 

އިމާމް البخاري ޞަޙާބީ أبو هريرة -رضي الله عنه- ގެ އަރިހުން ރިވާކޮށްފައިވާ ޙަދީޘްގައިވެ އެވެ.  رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވި އެވެ. (مَنْ أَمْسَكَ كَلْبًا فَإِنَّهُ يَنْقُصُ كُلَّ يَوْمٍ مِنْ عَمَلِهِ قِيرَاطٌ إِلا كَلْبَ حَرْثٍ أَوْ مَاشِيَةٍ) ”ދަނޑުގޮވާންތައް ބެލެހެއްޓުމަށް ނުވަތަ ނަޢަމްސޫފިތަކުގެ ފާރަވެރިކަމުގައި ނޫންގޮތުގައި ކުއްތާއެއް ގެންގުޅޭ މީހާގެ ކިބައިން ކޮންމެ ދުވަހަކު ޤީރާތެއްގެ (އަޖުރާއި ޘަވާބު) ގެއްލިގެންދާނެ އެވެ.“

 

އަދިވެސް އިމާމް مسلم  ޞަޙާބީ عبد الله بن عمر -رضي الله عنهما- ގެ އަރިހުން ރިވާކޮށްފައިވާ ޙަދީޘްގައިވެ އެވެ. ހަމަކަށަވަރުން رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ – ޙަދީޘް ކުރެއްވި އެވެ. ( مَنْ اقْتَنَى كَلْبًا إِلا كَلْبَ مَاشِيَةٍ أَوْ كَلْبَ صَيْدٍ نَقَصَ مِنْ عَمَلِهِ كُلَّ يَوْمٍ قِيرَاطٌ . قَالَ عَبْدُ اللَّهِ : وَقَالَ أَبُو هُرَيْرَةَ : أَوْ كَلْبَ حَرْثٍ) ”ނަޢަމްސޫފިތައް ބެލެހެއްޓުމަށް ނުވަތަ ޝިކާރަ ކުރުމަށް ނޫންގޮތުގައި ކުއްތާއެއް ގެންގުޅެފި މީހެއްގެ ޢަމަލުން ޤީރާތެއްގެ މިންވަރު މަދުވެގެންދާނެ އެވެ.“

 

މީގެ އިތުރަށް ކުއްތާ ގެންގުޅުން ޙަރާމްވެގެންވާކަން ދަލީލު ކުރެވިގެންދާ އެފަދަ އެހެން ޙަދީޘްތަކުގެ ތެރޭގައިވެ އެވެ. (إِنَّ الْمَلائِكَةَ لا تَدْخُلُ بَيْتًا فِيهِ كَلْبٌ وَلا صُورَةٌ) ”ހަމަކަށަވަރުން އެ ގެއެއްގައި ޞޫރަ ބެހެއްޓިފައިވާ އަދި ކުއްތާއެއް އޮންނަ ގެއަކަށް މަލާއިކަތުން ނުވަންނާނެ އެވެ.“ މި ޙަދީޘް ابن ماجه ރިވާކުރެއްވި އެވެ. އަދި އިމާމް الألباني -رحمه الله- ޞައްޙަ ކުރެއްވި އެވެ.

 

އިސްވެ ބަޔާންވި އެންމެހައި ޙަދީޘްތަކުން މިއީ ގެންގުޅޭވޭނެ ޖަނަވާރެއް ނޫން ކަމާއި އަދި އެކަމުގެ ޙުކުމް ބަޔާންވެގެންވެ އެވެ. ފަހެ، މުސްލިމް އަޅަކު އޭނާގެ ޢަމަލުން ޤީރާތެއްގެ އަޖުރާއި ޘަވާބު (ޤީރާތެއްގެ އެންމެ ކުޑަ މިންވަރަކީ ބޮޑު ބިޔަ ފަރުބަދައެކެވެ.) ނެތިވެގެންދާނެ ހިނދު އޭގެ ނުރައްކަލާއި އެކަމުގެ ނުބައިކަން ބަޔާންވެ އެވެ.

 

ފަހެ، ޖުމްހޫރުން الشافعية، الحنابلة އަދި الحنفية ގެ ޤައުލަކީ ކުއްތާއަކީ ނަޖިސް ޖަނަވާރެއް ކަމެވެ. އޭގޭ ބޭރުފުށުންވެސް ނަޖިސްވެގެންވާ ޖަނަވާރެއް ކަމެވެ.

ޞަޙީހުގައި ވާރިދުވެގެންވާ ޙަދީޘްގައިވެ އެވެ. ޞަހާބީ أَبِي هُرَيْرَةَ – رَضِيَ اللَّهُ عَنْهُ އަރިހުން ރިވާވެގެންވެ އެވެ. ހަމަކަށަވަރުން أرَسُولَ اللَّهِ ﷺ ޙަދީޘް ކުރެއްވި އެވެ. «إذَا شَرِبَ الْكَلْبُ فِي إنَاءِ أَحَدِكُمْ فَلْيَغْسِلْهُ سَبْعاً) ”ތިޔަބައިމީހުންގެ ތެރެއިން މީހެއްގެ ކަންވާރަކުން ކުއްތާއެއް ފެން ބޮއެފި ނަމަ، ފަހެ ހަތް ފަހަރު އެ ކަންވާރު ދޮންނާށެވެ.“

ފަހެ، އޭގެ ނަޖިސްކަމާއި މުޑުދާރު ކަމުގެ ބޮޑުކަމާ އެވެ!

މިއީ އާދަމު ދަރިއަކު އެ އެއްޗަކަށް ލޯބި ޖެހި، އެ އެއްޗެއްގައި އޭނާ ބައްދައި ގެންގުޅެވޭނީ ކިހިނަކުން ހެއްޔެވެ؟

 

ޝައްކެތްވެސް ނެތެވެ. މިއީ މުޑުދާރު ކަމާއި ނަޖިސް ކަމުގައި ޣަރަޤުވެފައިވާ އަހުލުވެރިން އެ މުޑުދާރުކަމާއި ނަޖިސް ކަމުގައިވާ ތަކެތި ދެކެ ލޯބި ކުރުމެކެވެ.

މުންކަރާތްކަން ބޮޑުވެފައިވާ ފާފަވެރި ޢަމަލުގައި ޣަރަގުވެގެންވާ ފަރާތްތަކުގެ ކިބައިން ނޫނީ މިފަދަ ޢަމަލުތަކެއް ނުފެންނާނެ އެވެ.

 

ފަހުގެ ދުވަސްތަކުގައި ދުނިޔެ ދުށް އެންމެ ބޮޑެތި ފިޤުހުވެރި ބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ابن عثيمين -رحمه الله – ވިދާޅުވެފައިވެ އެވެ.

”ކުއްތާ ގެންގުޅުން އެގޮތުން އިންސާނަކު ޖަނަވާރެއްގެ ގޮތުގައި ކުއްތާ ގެންގުޅުން، ފަހެ ހަމަކަށަވަރުން އެކަން ޙަރާމްވެގެންވެ އެވެ. އަދި ކިޔެއްތަ! އެއީ ބޮޑުވެގެންވާ ފާފައެއް ކަމުގައިވެ އެވެ. ސަބަބަކީ، (ޝަރީޢަތުގައި) އިސްތިޘްނާ ކުރެވިފައިވާ ގޮތުގައި ނޫން ގޮތަށް ކުއްތާއެއް ގެންގުޅޭ މީހެއްގެ ކިބައިން ޤީރާޠެއްގެ އަޖުރު އުނިވެގެން ދާނެ އެވެ.“ شرح رياض الصالحين (4/241)

 

ވުމުން، އެއްވެސް ޙާލެއްގައި ތިމާ ގެންގުޅޭ ޖަނަވާރެއް (ޕެޓެއް) ފަދައިން ކުއްތާ ގެންގުޅުން ހުއްދައެއް ނުވާނެ އެވެ. އަދި އެވާކަން ކަށަވަރީ ބޮޑުވެގެންވާ ފާފަވެރި ޙަރާމް ޢަމަލެއް ކަމުގަ އެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts