ދެރަކުޢަތުން ދެރަކުޢަތުން ސަލާމް ދެމުން ކުރާ ނަމާދުތަކުގައި ދުޢާއުލް އިސްތިފްތާޙް ކިޔަން ޖެހޭނެތޯ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ދެރަކުޢަތުން ދެރަކުޢަތުން ސަލާމް ދެމުން ކުރާ ނަމާދުތަކުގައި ނުވަތަ ސަލާމް ދެމުން ގިނަ ރަކުޢަތްތަކެއްގެ މައްޗަށް ކުރެވޭ ނަމާދުތަކުގައި ދުޢާއުލް އިސްތިފްތާޙް ކިޔުމާއި މެދުގައި ބުނަމެވެ.
މި މައްސަލައިގައި ޢިލްމުވެރިންގެ މެދުގައި ޚިލާފް އުފެދިފައިވެ އެވެ.
ޚިލާފްވަޑައިގަންނަވާފައިވާ އެއް ސަބަބަކީ، ޢިލްމުވެރިންގެ މެދުގައި ގިނަ ރަކުޢަތްތަކެއްގެ މައްޗަށް ސަލާމް ދިނުމުން ކުރެވޭ ނަމާދުތައް ކަމުގައިވާ، ތަރާވީޙް ނަމާދުފަދަ ނަމާދަކީ، އެއް ނަމާދެއް ކަމުގައި ބައެއް ޢިލްމުވެރިން ދެކެވަޑައިގެންނެވުމެވެ. އަދި އެހެނިހެން ޢިލްމުވެރިން ދެކެވަޑައިގަންނަވަނީ ސަލާމް ދިނުމަށްފަހު އަނެއްކާވެސް ތަކްބީރަތުލް އިޙްރާމް ބަންނަނީ މުސްތަޤިއްލު ނަމާދެއް ގޮތުގަ އެވެ.
މިއީ އެބޭކަލުންގެ މެދުގައި ޚިލާފް އުފެދުމަށްއޮތް އެއް ސަބަބެވެ.
އެ ގޮތުން الحنابلة އަދި އެހެނިހެން ޢިލްމުގެ އަހުލުވެރިން ދެކެވަޑައިގަންނަވަނީ ކޮންމެ ތަކްބީރަތުލް އިޙްރާމަކަށް ފަހުގައި ދުޢާއުލް-އިސްތިފްޠާޙް ކިޔުން މުސްތަޙައްބުވެގެންވާ ކަމެވެ. އަދިވެސް އެބޭކަލުން ދެކެވަޑައިގަންނަވަނީ، ސަލާމް ދިނުމަށްފަހު އަނެއްކާވެސް ޙަރަމްބަން ތަކްބީރު ކިޔައި ފަށަނީ މުސްތަޤިއްލު ނަމާދެކެވެ.
ޢިލްމުވެރިންގެ ބަސްފުޅުކަމުގައި ވަނީ، ސުންނަތް ނަމާދުތައް ފަރުޟު ނަމާދުތައް ފަދަ އެވެ. އަދި ވަކި ޚާއްޞަ ދަލީލެއް ވާރިދުވެގެން މެނުވީ ސުންނަތް ނަމާދު ކުރުމުގެ ސިފައަށް ބަދަލެއް ނާންނާނެ އެވެ. ވުމުން، ކޮންމެ ތަކްބީރަތުލް އިޙްރާމަކާއި އެކު ދުޢާއުލް-އިސްތިފްތާޙް ކިޔުން މުސްތަޙައްބުވެގެންވެ އެވެ.
އަދިވެސް އެބޭކަލުން ވިދާޅުވެ އެވެ. ދެރަކުޢަތުން ދެރަކުޢަތުން ކުރެވޭ ނަމާދެއްގައި ފުރަތަމަ ދެ ރަކުޢަތުގައި ދުޢާއުލް-އިސްތިފްތާޙް ކިޔުމަށް ޚާއްޞަވެގެންވާ ދަލީލެއް ނެތުމެވެ. އެހެނަސް ދަލީލުތައް ވަނީ ޢާންމުވެގެންވާ ގޮތުގަ އެވެ.
މިފަދައިން ފަހުގެ ދުވަސްތަކުގައި ފާޅުވި އިމާމުންގެ ތެރެއިން الإمام ابن العُثَيمِين -رحمه الله- ދެކެވަޑައިގަންނަވަ އެވެ. އަދި މި ޒަމާނުގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސަޢުދީ ޢަރަބިއްޔާގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންްވާ العلامة صَالح الفَوزَان – حفظه الله- މިފަދައިން ދެކެވަޑައިގަންނަވަ އެވެ.
މިފަދައިން ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީގެ ފަތުވާގައިވެސްވެ އެވެ.
الحَافِظ النووي – رحمه الله- ވިދާޅުވެފައިވެ އެވެ. “ފަހެ، ކޮންމެ އިމާމެއް، މައުމޫމެއް، އެކަނި ނަމާދު ކުރާ މީހަކަށް، އަންހެނަކަށް، ކުޑަ ކުއްޖަކަށް، ދަތުވެރިއަކަށް، ފަރުޟު ނަމާދު ކުރާ މީހާއަށް، ސުންނަތް ނަމާދު ކުރާ މީހަކަށް، އިށީދެއިނދެ ނަމާދު ކުރާ މީހަކަށް އަދި އޮށޯވެއޮވެ ނަމާދު ކުރާ މީހާ އަދި މި ނޫން އެންމެނަށްވެސް މުސްޠަޙައްބުވެގެންވަނީ ކޮންމެ ތަކްބީރަތުލް އިޙްރާމެއްގެ ފަހުގައި ދުޢާއުއްލް އިސްތިފްތާޙް ކިޔުމެވެ.” المجموع 3/192
ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީގެ ފަތުވާގައިވެ އެވެ. “ތަރާވީޙް ނަމާދުގެ އެންމެ ފުރަތަމަ ރަކުޢަތުގައި ދުޢާއުލް އިސްތިފްތާޙް ކިޔުމަކީ އެންމެހައި ރަކުޢަތްތަކަށް ފުދޭނެ މިންވަރު ކަމުގައި ފުދިގެން ނުވެ އެވެ. އަދި ކިޔެއްތަ! ފަރުޟު ނަމާދު ފަދައިން ކޮންމެ ދެ ރަކުޢަތެއް ފެށުމުގައި ކިޔުންވެ އެވެ. ސަބަބަކީ، ނަބިއްޔާ ﷺ ރޭއަޅުކަން ކުރައްވާހިނދު އިސްތިފްތާޙްއިން ފައްޓަވަ އެވެ. އެއީ ސުންނަތް ނަމާދެކެވެ. އަދި ނަމާދުގެ އަޞްލަކީ ފަރުޟު ނަމާދާއި ސުންނަތް ނަމާދު ހަމަހަމަ ވެގެންވުމެވެ. ޚާއްޞަ ދަލީލެއް ވާރިދުވެއްޖެއުމަށް ދާންދެނެވެ. އެއީ ނަބިއްޔާ ﷺ ޙަދީޘްފުޅު ކުރައްވާފައިވާ ބަސްފުޅުގައިވާ ޢާންމު މާނައިގެ މައްޗަށެވެ. «صلوا كما رأيتموني أصلي» “ތިމަން ނަބިއްޔާ ނަމާދުކުރެއްވިތަން ފެނިވަޑައިގެންނެވި ގޮތަށް ތިޔަބައިމީހުން ނަމާދު ކުރާށެވެ.”
އަދި ތަރާވީޙް ނަމާދުގެ ޙުކުމްގެ ތެރެއަށް އެހެނިހެން އެންމެހައި ސުންނަތް ނަމާދުތައް ވަންނާނެ އެވެ. އޭގެ ތެރޭގައި ރަވާތިބު ސުންނަތްތައް، ޟުޙާ ނަމާދު އަދި އެ ނޫންވެސް ނަމާދުތަކެވެ.
އެހެނަސް އަޑު ހަރުކޮށް ކިޔަވާ ނަމާދުގައި، މައުމޫމީން ދުޢާއުލް-އިސްތިފްތާޙް ކިޔުމުގެ ކުރިން ކިޔަވަން ފައްޓައިފިހިނދު، އެހިނދު މައުމޫމުންނަށް ލާޒިމްވެގެންވަނީ އިމާމްގެ ކިޔެވުން އަޑުއަހައި ހަނު ހުރުމެވެ. އަދި ދުޢާއުލް އިސްތިފްތާޙް ކިޔުން މައުމޫމުންގެ މަތިން ވެއްޓިގެންދެ އެވެ. އެއީ ﷲގެ ވަޙީ ބަސްފުޅުގައިވާ ފަދައިންނެވެ. (وَإِذَا قُرِئَ الْقُرْآنُ فَاسْتَمِعُواْ لَهُ وَأَنصِتُواْ لَعَلَّكُمْ تُرْحَمُونَ) “އަދި ޤުރުއާން ކިޔަވާހިނދު ތިޔަބައިމީހުން ހަނުތިބެ، އެއަށް ކަނުލައި އަހާށެވެ! (އެއީ) ތިޔަބައިމީހުންނަށް ރަޙްމަތް ލެއްވުމަށްޓަކައެވެ.” فتاوى اللجنة المجموعة الثانية 5/3133
الإمام ابن العُثَيمِين -رحمه الله- ވިދާޅުވެފައިވެ އެވެ.
ސުވާލު : ރޭއަޅުކަމުގައި، ކޮންމެ ދެ ރަކުޢަތެއްގައި ފަށާއިރު ދުޢާއުލް-އިސްތިފްތާޙް ކިޔުން ވޭ ހެއްޔެވެ؟
ޖަވާބު : އާނއެކެވެ. ކޮންމެ ތަކްބީރަތުލް-އިޙްރާމަކާއި އެކުގައި ދުޢާއުލް-އިސްތިފްތާޙް ކިޔުން ޝަރުޢުވެގެންވެ އެވެ. ފަހެ، ތިބާ ފަރުޟު ނަމާދަކަށް ނުވަތަ ސުންނަތް ނަމާދަކަށް، އެ ނަމާދަށް ވަނުމަށްޓަކައި (ތަކްބީރަތުލް އިޙްރާމް) ކިޔައިފިހިނދު، އިސްތިފްތާޙް ކިޔުން ހުއްޓެވެ.“
العلامة صَالح الفَوزَان – حفظه الله- ވިދާޅުވެފައިވެ އެވެ. ”ކޮންމެ ސަލާމެއް ދިނުމަށްފަހުގައި، (އަނެއް ދެ ރަކުޢަތް) ފަށްޓާހިނދު ދުޢާއުއްލް-އިސްތިފްތާޙް ކިޔުންވެ އެވެ. އެގޮތުން އެންމެ ފުރަތަމަ ދެ ރަކުޢަތުގައި އަދި އެނޫން ރަކުޢަތްތަކުގައިވެސް މެ އެވެ. ސަލާމް ދިނުމަށްފަހު، އަނެއް ދެ ރަކުޢަތް ފަށާހިނދުގައިވެސް ދުޢާއުލް-އިސްތިފްތާޙް ކިޔުން ވެ އެވެ.“
ދެވަނައީ :
އެންމެ ފުރަތަމަ ނަމާދުކުރަން ފަށާހިނދުގައި، އެންމެ ފުރަތަމަ ދެ ރަކުޢަތުގައި ދުޢާއުލް-އިސްތިފްތާޙް ކިޔެވުމުން ފުދޭނެ އެވެ. އަދި ސަލާމް ދިނުމަށްފަހު، އަނެއް ރަކުޢަތްތައް ފަށާހިނދު، ތަކްބީރަތުލް-އިޙްރާމް ކިޔައި ޙަރަމްބަދެ، ޢަޢޫޒު އަދި ބިސްމި ކިޔައި ފާތިޙާ ސޫރަތް ކިޔަވަން ފެއްޓުމެވެ.
الشيخ عبد الله ابن الشيخ محمد بن عبد الوهاب -رحمه الله- ވިދާޅުވެފައިވެ އެވެ. ”ދެންފަހެ، ދުޢާއުލް-އިސްތިފްތާޙް، ނަމާދުގެ އެންމެ ފުރަތަމަ ދެ ރަކުޢަތުގައި ކިޔުމަށްފަހު އެހެން ރަކުޢަތްތަކުގައި ދޫކޮށްލުން މައްސަލައެއް ނެތެވެ. އެހެނިހެން ރަކުޢަތްތަކުގައި ޙަރަމްބަންނަ ތަކްބީރަށްފަހުގައި (ޤުރުއާން ކިޔުމަށް ފެއްޓުމުގެ ކުރިން) އަޢޫޛު އަދި ބިސްމި ކިޔާނީ އެވެ..“ الدرر السنية 4/3755
މައްސަލައިގެ ޚުލާޞާ ބަސް ގޮތުގައި ބުނަމެވެ.
މި މައްސަލައަކީ ޢިލްމުވެރިންގެ މެދުގައި އުފެދިފައިވާ އިޖްތިހާދީ މައްސަލައެކެވެ. އެބަހީ ކަނޑައެޅިފައިވާ ވަކި ނައްޞެއް ދަލީލެއް ނެތެވެ. ޢިލްމުވެރިންގެ ބަސްފުޅުތައް ބިނާވެގެންވަނީ އެބޭކަލުންގެ އިޖްތިހާދުގެ މައްޗަށެވެ.
ވުމުން، و الله أعلم , މި ޚިލާފުން ނުކުތުމަށްޓަކައި އަދި އެންމެ ރައްކާތެރި ގޮތުގައި ދެމިހުރުމަށްޓަކައި ކޮންމެ ފަހަރަކު ޙަރަމް ބަންނަ ތަކްބީރަށް ފަހުގައި ދުޢާއުލް އިސްތިފްތާޙް ކިޔުމަކީ އަޥްލާވެގެންވާ ގޮތެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.