ތަލްބީނާ މިއީ ކޮންފަދަ އަގުހުރި ހެޔޮވެގެންވާ ކާއެއްޗެއް ކަމުގައި ދަންނަނީ ކިތައް މުސްލިމުންތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:

ތަލްބީނާ -މިއީ ކޮންފަދަ އަގުހުރި ހެޔޮވެގެންވާ ކާއެއްޗެއް ކަމުގައި ދަންނަނީ ކިތައް މުސްލިމުން ހެއްޔެވެ؟

ޝައްކެތްވެސް ނުވާ ގޮތުގައި މާތް ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުގައި ބަޔާން ވެގެންވާ އެންމެހައި ތަކެއްޗަކީ ﷲ އެ އިލާހުގެ ރަސޫލާއަށް އިޚްތިޔާރު ކޮށްދެއްވާފައިވާ ނުހަނު ބަރަކާތްތެރި އަދި ހެޔޮވެގެންވާ ތަކެއްޗެވެ.

އިންސާނުންނަށް އެކަމުގައި ތަޙްލީލުކޮށް ދިރަސާކޮށް ފައިދާ އާއި އެއިން ކުރާ އަޘަރާއި އަދި މަންފާ ނޭނގުނު ކަމުގައިވީނަމަވެސް އެއީ ނުހަނު ފައިދާ ލިބޭނެ އެއްޗެއްކަން ކަށަވަރެވެ. މިއީ ﷲ އަށާއި އެ އިލާހުގެ ރަސޫލާ ﷺ  އަށް އީމާންވެގެންވާ ކޮންމެ ނަފްސެއްގެ ހިތުގައި ވަޅުނެގިފައިވާން ޙަޤީޤަތެއް ކަމުގައިވެ އެވެ.

އަޚުންނޭވެ! ހުޅަނގުގެ ޤައުމުތައް ނުވަތަ މި ޒަމާނުގައި ޑަކްޓަރީ ގޮތުން ބޭސްވެރިކަން ކުރިއަރައިފާ މިންވަރަކީ މީގެ ކުރިން ދެކެފައި ނުވާ މިންވަރެކެވެ. އެހެނަސް މިއިން ކޮންމެ ބޭސްފަރުވާއަކީ އޭގެ އެތައް ގެއްލުމަކާއި އެ ބޭސްތަކާއި ގުޅިގެން އެއިން ނުބައި އަޘަރުތައް ހަށިގަނޑަށް ކުރުވާ އެއްޗެއް ކަމާއި މެދު ޚުދް އެ ޑަކްޓަރުންނާއި ތަޖުރިބާ ކާރުންވެސް ހެކިވެ އެވެ.

ހިތާމައަކީ، ޑަކްޓަރީ ގޮތުން ކުރި ހޯދާފައިވާހިނދުވެސް، ސުންނަތުގައި ޛިކުރު ވެގެންވާ ބައެއް ފަރުވާތަކަކީ އަދިވެސް މި ޑަކްޓަރުންނަށް ހޯދިފައި ނުވާ ތަކެއްޗެވެ. އަދި އެ ޑަކްޓަރުން ސުންނަތުގައި ބަޔާންވެގެންވާ މި ބޭސްފަރުވާތަށް ބަޔާން ނުކުރުމުގައިވާ އެންމެ ބޮޑު އެއް ސަބަބަކީ، އެބައިމީހުންނަށް ލިބޭ މި ބޭސްވެރިކަމުގެ އާމްދަނީ އާއި އަދި އިސްލާމް ދީނުގެ ފުރިހަމަކަން މީސްތަކުންނަށްއެނގި އިސްލާމް ދީނަށް މީސްތަކުން ލޯބިޖެހިދާނެ ކަމާއި އެ ދީނަކީ ޙައްޤުދީންކަން އެނގިދާނެ ކަމަށްޓަކައި ހިތުގައިވާ ދުނިޔެވީ މަންފާއާއި އަދި ނަފްރަތާއި ރުޅިވެރިކަމުގެ ސަބަބު ކަމުގައިވެސް ވުން އެކަށީގެންވެ އެވެ.

ޤުރުއާނުން ކުރާ ބޭސްފަރުވާ ނުވަތަ ސުންނަތުގެ ބޭސް ފަރުވާއަކީ، އެކަމަށް ޙަކީމެއް ނުވަތަ ތަޖުރިބާ ކާރެއް ބޭނުންވާ ކަމެއް ނޫނެވެ. އެހެނަސް ޚާލިޤްވަންތަ އިލާހު އެއިލާހުގެ އެންމެހައި އަޅުތަކުންނަށް ކަނޑައަޅައި ދެއްވާފައިވާ ނުހަނު ލުއިފަސޭހަ ފަރުވާތަކެވެ.

މީސްތަކުން ދުނިޔެވީ ޑަކްޓަރީ ބޭސްތަކުގެ އަވައިގައިޖެހި، އެއަށް ދެވިހިފާފައިވާ މިންވަރުގެ ބޮޑުކަމުން ސުންނަތުގެ ބޭސްފަރުވާތަކަކީ އެއީ 100 ޕަސެންޓް އަދި ކިޔެއްތަ 200 ޕަސެންޓް ޔަޤީންކަން އޮތް ފަރުވާއެއްކަން ޔަޤީން ކުރާ ޙާލުގައިވެސް، މި ފަރުވާތަކުން މިވަނީ ގެތަށް ފަޤީރުވެ، ގެތައް ނިކަމެތި ޙާލަތަށް ގޮސްފަ އެވެ. والله المستعان!

މިފަދަ އެކައްޗަކީ ތަލްބީނާ އެވެ. البُخَارِي 5365 އަދި مسلم 2216 ގައި އުއްމުލް-މުއުމިނީން عَائِشَة -رضي الله عنها- ގެ އަރިހުން ރިވާކުރެވިގެންވެ އެވެ. أنَّهَا كَانَتْ تَأْمُرُ بالتَّلْبِينِ لِلْمَرِيضِ ولِلْمَحْزُونِ علَى الهَالِكِ، وكَانَتْ تَقُولُ: إنِّي سَمِعْتُ رَسولَ اللَّهِ صَلَّى اللهُ عليه وسلَّمَ يقولُ: إنَّ التَّلْبِينَةَ تُجِمُّ فُؤَادَ المَرِيضِ، وتَذْهَبُ ببَعْضِ الحُزْنِ ”އެކަމަނާ ބަލި މީހާއަށް އަދި މީހަކު މަރުވުމުން އެ ހިތާމަގައިވާ ފަރާތްތަކަށް ތަލްބީނާ ދިނުމަށް އަމުރުފުޅު ކުރައްވަ އެވެ. އަދި ވިދާޅުވެ އެވެ. ހަމަކަށަވަރުން ތިމަން ކަމަނާ رَسولَ اللَّهِ صَلَّى اللهُ عليه وسلَّمَ ޙަދީޘް ކުރައްވަނީކޮށް އަޑު އެހީމެވެ. ”ހަމަކަށަވަރުން ތަލްބީނާއަކީ ބަލި މީހާގެ ހިތަށް ހިތްހަމަޖެހުން ގެނުވައިދީ އަދި ބައެއް ހިތާމަވެރި މޮޅިވެރިކަން ފިލުވައިދޭ އެއްޗެކެވެ.“

އަދިވެސް البُخَارِي 5101 އަދި مسلم 216 ރިވާކޮށްފައިވާ އެހެން ރިވާޔަތެއްގައިވެ އެވެ. އުއްމުލް-މުއުމިނީން عَائِشَة -رضي الله عنها- ގެ އަރިހުން ރިވާކުރެވިގެންވެ އެވެ. ”މީހަކު މަރުވުމުން، މައްޔިތާގެ އަހުލުވެރިންނަށް (ތަލްބީނަ ކައްކައިގެން ކެއުމަށް) ދެއްވަ އެވެ. އަދި ވިދާޅުވެ އެވެ. ”ތިޔަބައިމީހުން މި ކެއުން ހުއްޓެވެ.“ ހަމަކަށަވަރުން ތިމަން ކަމަނާ رَسولَ اللَّهِ صَلَّى اللهُ عليه وسلَّمَ ޙަދީޘް ކުރައްވަނީކޮށް އަޑު އެހީމެވެ. ”ހަމަކަށަވަރުން ތަލްބީނާއަކީ ބަލި މީހާގެ ހިތަށް ހިތްހަމަޖެހުން ގެނުވައިދީ އަދި ބައެއް ހިތާމަވެރި މޮޅިވެރިކަން ފިލުވައިދޭ އެއްޗެކެވެ.“

އަޚުންނޭވެ! ސުވާލެއް ކޮށްލަމެވެ. ހިތަށް ހިތްހަމަ ޖެހުން ގެނުވައިދޭ ޑަކްޓަރީ ބޭސްތަކެއްވޭ ހެއްޔެވެ؟ މާޔޫސް ކަމާއި ހިތާމަ އަދި ހިތްދަތިކަން ފިލުވައިދޭނެ ކަމުގައި ކަށަވަރުވާ އަދި އެއްވެސް ސައިޑްއިފެކްޓެއް ނެތް ޑަކްޓަރީ ބޭސްވޭ ހެއްޔެވެ؟

ތަލްބީނާއަކީ ކުޑަ ކުދިންނާއި ޒުވާނުންނަށް މުސްކުޅިންނާއި އެންމެހައި ފަރާތްތަކަށް ކެއުމެއްގެ ގޮތުގައިވާ ނުހަނު ފައިދާކުރި ފަސޭހައިން ހޯދޭނެ ނުހަނު އަގުހެޔޮ އެއްޗެކެވެ.

ބާރުލީ ފެނުގައި ކައްކައި އެ ބޮއެފިހިނދު އެއީ ތަލްބީނާ އެވެ. އެބަހީ : މިއީ އެހިނދު ތަލްބީނާގެ ގޮތުގައިވާނެ އެވެ.

ތަލްބީނާގެ ފައިދާ ޛިކުރު ކޮށްފައިވާ ބައެއް ފަރާތަކުން ބުނެފައިވާ ގޮތުގައި ތަލްބީނާއަކީ، ހިތަށާއި (ހިތާއި ގުޅިފައިވާ ކަންތައްތަކަށް)، ހަޖްމްކޮށްދޭ ނިޒާމް (ގޮހުރުގެ ބަލިތަކަށް) ލޭސާފްކުރުމާއި ހަށިގަނޑުގައި އުފެދޭ ކެމިކަލްސް (ކިޑްނީގެ) އެންމެހައި މަސައްކަތަކަށް އޮތް ވަރަށްބޮޑު ފަރުވާ އެކެވެ. ولله الحمد

ފަހެ، ހަކުރު ބަލީގެ މީހުންނާއި ޕްރެޝަރ ގެ މީހުންނަށްވެސް މިއީ ކެއުމުގައި ބޭނުން ކުރެވޭނެ އެއްޗެކެވެ. ހަށިގަނޑުގައި ވަރުޖައްސައި ކުޑަ މިންވަރަކުން ބަނޑު ފުރާލަދޭ ކެއުމެކެވެ.

މަތީގައި ބަޔާންކުރެވުނު ގޮތަށް ފެނުގައި ކައްކައި އެ ބޮއެފިހިނދު އެއީ ތަލްބީނާ އެވެ.

މި ޒަމާނުގައި އެ ކެއްކުމުގައި ބޭނުންކުރާ ތަފާތު ގޮތްތައްވެ އެވެ. ކިރުއަޅައި ކެއްކުމާއި، ކަދުރާއި، މާމުއި އަޅައި ފޮނިކުރުމާއި މިއީ އެފަދަ ގޮތްތަކަވެ.

މިއީ ނުހަނު ހެޔޮ އަދި މަންފާ ބޮޑު ކާނާއެއް ކަމުގައިވެ އެވެ. ހެނދުނާއި މެންދުރާއި ހަވީރު އަދި ރޭގަނޑަށްވެސް ނުހަނު ހެޔޮ ކާނާ އެކެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply