|

ޙައްޖު މަހުގެ ފުރަތަމަ 9 ދުވަސް، އެކުއެކީގައި ރޯދަ ނުހިފި ކަމުގައިވީނަމަވެސް ޘަވާބު ލިބޭނެތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ޙައްޖު މަހުގެ ފުރަތަމަ 9 ދުވަސް، އެކުއެކީގައި ރޯދަ ނުހިފި ކަމުގައިވީނަމަވެސް ޘަވާބު ލިބޭނެތޯ ކޮށްފައިވާ ސުވާލުގައި ބުނަމެވެ.

އަޚާ އެވެ! އުޚްޠާއެވެ!

ފަހަރެއްގައި ތިފަދައިން ސުވާލު އުފެދިފައިވަނީ މި ދުވަސްތަކުގެ މާތް ކަމާއި މަތިވެރިކަން އެންމެ ފުރިހަމައަށް ބަޔާންވެފައި ނުވުމުން ކަމުގައި ވެދާނެ އެވެ.

ފަހެ، މި ދުވަސްތަކުގެ މާތް ކަމާއި މަތިވެރިކަން ދެނެގަތުން ހުއްޓެވެ.

ސުވަރުގެ ހޯދުމަށް މަސައްކަތްކުރާ މީހާއަކަށް މިފަދަ ދުވަސްތަކެއް ނުވެ އެވެ. ﷲ ގެ ރުއްސެވުމާއި ފުއްސެވުމަށް އެދޭ މީހާއަށް މިފަދަ އެހެން ދުވަސްތަކެއް ނުވެ އެވެ.

ޞާލިޙް ޢަމަލު ކުޅައުމަށް މިފަދަ އެހެން ދުވަސްތަކެއް ނުވެ އެވެ. އެހެނަސް ހެޔޮކަމުގައި ކުރިއަރައި ދަނީ ކިތައް ނަފްސު ހެއްޔެވެ؟ މިފަދަ ދުވަސްތަކަކާއި ބައްދަލުވުމުގެ ފުރުސަތު ލިބިފައިވެ، އެ ފުރުސަތުގެ ބޭނުން ހިފުމަށް ޢަޒުމް ކަނޑައަޅައިފައިވަނީ ކޮން ނަފްސެއް ހެއްޔެވެ؟

1. މި ދުވަސްތަކުގެ މާތްކަން ބަޔާން ކުރައްވާ މާތް ނަބިއްޔާ ޙަދީޘް ކުރައްވާފައިވެ އެވެ. (ما من أيَّامٍ أعظمُ عندَ اللَّهِ ولا أحبُّ إليهِ منَ العملِ فيهنَّ من هذِهِ الأيَّامِ العَشرِ ….) ”މި ދުވަސްތަކަށްވުރެ ﷲ ގެ ޙަޟުރަތަށް މަތިވެރިކަން ބޮޑުވެގެންވާ، ހެޔޮ ޞާލިޙް ޢަމަލު ކުރުމަށް ﷲ ހަޟުރަތަށް ލޮބުވެތިކަން ބޮޑުވެގެންވާ އެހެން ދުވަސްތަކެއް ނުވެ އެވެ…..“

2. ޙަދީޘްގައިވެ އެވެ. (أفضلُ أيَّامِ الدُّنيا أيَّامُ العشرِ) ”މި ދުނިޔެމަތީގައިވާ އެންމެ ހެޔޮވެގެންވާ -މާތް މަތިވެރިވެގެންވާ- ދުވަސްތަކަކީ ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހެވެ.“

3. އަހަރެމެންގެ ކޮންމެ މީހެއްގެ ނަފްސަށް ”ރަމަޟާން މަހުގެ ފަހު ދިހަ“ ބުނުމުން ޝައުޤުވެރިކަމާއި، އިޙުސާސްތައް ގެނުވަ އެވެ.

އެދުވަސްތަކަކީ އަޅުކަން ކުރުމަށް ކޮންމެހެންވެސް އެކުއެކީގައި ހުސްކޮށްލަން ޖެހޭ ދުވަސްތަކެއް ކަމާއި، އަޅުކަމުގައި ކުރިއަރައި ދިއުމަށް ކޮންމެހެންވެސް ލާޒިމްވެގެންވާ ދުވަސްތަކެއްކަން އަހަރެމެން ދަންނަމެވެ.

އެކަން، މިސްކިތްތަކުގައި ފެންނަން ހުރެ އެވެ. މަގުތަކުގެ މަތީގައި ފެންނަން ހުރެ އެވެ.

އެހެނަސް ރަމަޟާން މަހުގެ ފަހުދިހައިގެ ދުވަސްތަކަށްވުރެ ޙައްޖުމަހުގެ ފުރަތަމަ ދުވަސްތައް ﷲގެ ޙަޟުރަތަށް އަޅުކަން ކުރުމުގައި، ޞާލިޙް ޢަމަލު ކުރުމުގައި މާތްކަމާއި، ﷲގެ ހަޟުރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާކަން އަހަރެމެން ދަންނަމު ހެެއްޔެވެ؟

އެގޮތުގައި ޝައުގުވެރިކަމާއި، އިޙުސާސު ނަފްސަށް ކުރެވޭ މީހާގެ ޢަމަލުތައް ހުންނާނެ ގޮތަކީ ކޮބައިކަން ވިސްނާލަން ޖެހެ އެވެ.

އުއްމަތަށް ފާޅުވި ސުންނީ، ސަލަފީ އިމާމުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޝެއިޚުލް އިސްލާމް ابن تَيمِيَّة -رحمه الله – ވިދާޅުވެފައިވެ އެވެ.

”ރަމަޟާން މަހުގެ ފަހުދިހައިގެ ދުވަސްތަކުގެ ދުވާލުގެ ވަޤުތުތަކަށްވުރެ، ހައްޖުމަހުގެ (ފުރަތަމަ ދިހަ ދުވަހުގެ) ދުވާލުގެ ވަޤުތުތުތައް ހެޔޮކަން ބޮޑުވެގެންވެ އެވެ.“ الفتاوى 25- 287

الإِمَام العلامة ابن باز -رحمه الله- ވިދާޅުވެފައިވެ އެވެ.

”ރޭގަނޑަށް ބަލާއިރުގައި ރަމަޟާންމަހުގެ ފަހު ދިހައިގެ ރޭތައް ހެޔޮކަން ބޮޑުވެގެންވެ އެވެ. ސަބަބަކީ އެ ރޭތަކުގެ ތެރޭގައި ލައިލަތުލް ޤަދްރި ވުމެވެ. ދުވާލުގެ ވަޤުތަށް ބަލާއިރު، ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ ހެޔޮކަން (ރަމަޟާންމަހުގެ ފަހު ދިހައިގެ ހެޔޮކަމަށްވުރެ) ބޮޑުވެގެންވެ އެވެ. ސަބަބަކީ އެ ދިހަ ދުވަސްތަކުގެ ތެރޭގައި ޢަރަފާތް ދުވަސް، ނަޙުރު ދުވަސް ވުމެވެ. މި ދެ ދުވަހަކީ ދުނިޔެ މަތީގައިވާ އެންމެ ހެޔޮވެގެންވާ ދިހަ ދުވަހެވެ. މިއީ ޢިލްމުވެރިންގެ ތެރޭގައިވާ މުޙައްޤިޤުން ޤަބޫލުކޮށްފައިވާ ގޮތެވެ. ފަހެ، ދުވާލުގެ ވަޤުތުތަކަށް ބަލާހިނދުގައި ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ ހެޔޮކަން (ރަމަޟާން މަހުގެ ފަހު ދިހައިގެ ހެޔޮކަމަށްވުރެ) ބޮޑުވެގެންވެ އެވެ. އަދި ރޭގަނޑުގެ ވަޤުތަށް ބަލާހިނދުގައި ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭގަނޑު ވަޤުތުތައް ހެޔޮކަން (ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ ރޭގަނޑުގެ ވަޤުތުތަކަށްވުރެ ހެޔޮކަން) ބޮޑުވެގެންވެ އެވެ. ސަބަބަކީ އެ ރޭތަކުގައި ލައިލަތުލް ޤަދްރި ވުމެވެ. އެއީ އެންމެ ހެޔޮވެގެންވާ ރެ އެވެ.“

ވުމުން އަޚާ އެވެ! އުޚްތާ އެވެ! މި ދުވަސްތައް މިފަދައިން ނަފްސުގައި ޤަދަރު ދެވިގެންވޭ ހެއްޔެވެ؟ އަޅުކަންކޮށް ކުރިއަރައި ދިއުމަށް މިފަދަ އެހެން ދުވަސްތަކެއްވޭ ހެއްޔެވެ؟ އެހެން ދުވަސްތަކެއް ފެންނާނެ ހެއްޔެވެ؟

އެއަށްފަހު ބުނަމެވެ. މި ދުވަސްތަކުގައި ކުރެވޭ ޞާލީހް ޢަމަލުތަކުގެ ތެރެއިން އެއް ޢަމަލކީ މި 9 ދުވަހުގައި ރޯދައަށް ހުރުމެވެ. ވަރަށް ގިނަ ދަލީލުތަކާއި އުއްމަތުގެ ގިނަ ޢިލްމުވެރިންގެ ބަސްފުޅުތައް މި މައުޟޫގައި ވާރިދުވެގެންވެ އެވެ.

1. رَسُول الله ﷺ ޙަދީޘް ކުރެއްވި އެވެ.

(ما مِن أيَّامٍ العملُ الصَّالحُ فيها أحبُّ إلى اللَّهِ من هذِهِ الأيَّام يعني أيَّامَ العشرِ قالوا : يا رسولَ اللَّهِ، ولا الجِهادُ في سبيلِ اللَّهِ؟ قالَ : ولا الجِهادُ في سبيلِ اللَّهِ، إلَّا رَجلٌ خرجَ بنفسِهِ ومالِهِ، فلم يرجِعْ من ذلِكَ بشيءٍ)

”ހެޔޮ ޞާލިޙް ޢަމަލު ކުރުމަށް ﷲގެ ޙަޟުރަތަށް ލޮބުވެތިކަން ބޮޑުގެންވާ މިފަދަ ދުވަސްތަކެއް ނުވެ އެވެ. ޔަޢުނީ ޙައްޖުމަހުގެ ދިހަ ދުވަހެވެ.

އެހިނދުގައި ޞަޙާބީން ދެންނެވި އެވެ. ﷲގެ ރަސޫލާ އެވެ. ﷲގެ މަގުގައި ޖިހާދުކުރުމަށް ވުރެންވެސް ތޯ އެވެ؟ ޙަދީޘް ކުރެއްވި އެވެ. ﷲގެ މަގުގައި ޖިހާދު ކުރުމަށްވުރެންވެސް އެވެ. މީހަކު އޭނާގެ ނަފްސާއި އަދި މުދަލައިގެން ނުކުމެ، އެއިން އެއްވެސް އެއްޗެއް ހިފައިގެން އަނބުރާ ނާންނަ (ދުނިޔެ ދޫކޮށްފި) މީހާ ފިޔަވަ އެވެ.“ صحيح سنن أبي داود 2438

ޙަދީޘްގައި ޛިކުރު ކުރެވިގެންވާ ޞާލިޙު ޢަމަލުގެ ތެރެއަށް ރޯދަ ހިފުން ޝާމިލްވެގެންވެ އެވެ. ސަބަބަކީ ރޯދައިގެ އަޅުކަމަކީ ހެޔޮ ޞާލިޙް ޢަމަލުތަކުގެ ތެރޭގައި ހިމެނިގެންވާ ޢަމަލެއް ކަމުގައިވުމެވެ.

2. ”މީހަކު أَبُو هُرَيرة-رضي الله عنه- އަރިއަހުގައި ސުވާލުކޮށް ދެންނެވިއަޑު އެހީމެވެ. (އެމީހަކު ދެންނެވި އެވެ.) ރަމަޟާން މަހުގެ ރޯދަތަކެއް ތިމަންނަ ޤަޟާކުރަން ޖެހިފައިވެ އެވެ. (އެ ރޯދަތައް ޤަޟާކުރަން ޖެހިފައިވަނިކޮށް) ޙައްޖުމަހުގެ ނުވަ ދުވަހުގައި ސުންނަތް ރޯދަ ހިފިދާނެ ހެއްޔެވެ؟

އެހިނދު أَبُو هُرَيرة ވިދާޅުވި އެވެ. ނޫނެކެވެ. އަދި ކިޔެއްތަ! ﷲގެ ޙައްޤު އަދާކުރަން ފަށާށެވެ. އެއަށްފަހު ތިބާ ބޭނުންނަމަ، ސުންނަތް އަޅުކަންތަކާއިގެން ކުރިއަށްދިއުން ހުއްޓެވެ.“

وأخرجه البيهقي سننه 8395 عبد الرزاق في المصنف 7715

މި އަޘަރު ޛިކުރު ކުރެއްވުމަށްފަހު الشَّيخ عَبد القَادر الجُنَيد حفظه الله ވިދާޅުވެފައިވެ އެވެ. ހަމަކަށަވަރުން މި ރިވާޔަތުގައި أَبُو هُرَيرة -رضي الله عنه- ސުވާލު ކުރި މީހާއަށް ޙައްޖުމަހުގެ 9 ދުވަހުގައި ސުންނަތް ރޯދަ ހިފުން އިންކާރު ކުރައްވާފައެއް ނުވެ އެވެ. އެހެނަސް އެކަމަށް އިޤްރާރުވެވަޑައިގެންނެވި އެވެ. އެއީ ރަމަޟާން މަހުގެ ރޯދަ އަދާކުރުމަށްފަހު، އެދުވަސްތަކުގައި ސުންނަތް ރޯދަ ހިފުމަށެވެ. ފަހެ، އެހެންވުމުން ބަޔާންވެގެންވަނީ އުއްމަތުގެ ޞަލަފުއް ޞާލިޙުންގެ އަރިއަހުގައި މި ދުވަސްތަކުގައި ރޯދަ ހިފުމަކީ (އެބޭކަލުންގެ މެދުގައި) މަޢުރޫފް ކަމެއްގެ ގޮތުގައިވާ ކަމެވެ. އެކަމުގެ އެންމެ އިސްފަރާތްތަކީ މާތް ނަބިއްޔާ ﷺ ގެ އަޞްޙާބުންނެވެ.

3. ޙަދީޘްގެ މައްޗަށް އުއްމަތުގެ ސަލަފުއް-ޞާލިޙުންގެ ފަހުމްވަޑައިގެންފައިވާ ގޮތުގެ މައްޗަށް ބަލާލުމުން ރޯދަހިފުން ބަޔާންވެގެންވެ އެވެ.

(ما مِن أيَّامٍ العملُ الصَّالحُ فيهِنَّ أحبُّ إلى اللَّهِ من هذِهِ الأيَّام العشر) ”މި ދިހަ ދުވަހަށްވުރެ، އެދުވަސްތަކެއްގައި ކުރެވޭ ހެޔޮ ޢަމަލު ﷲ ގެ ޙަޟުރަތުގައި ލޮބުވެތިކަން އިތުރުވެގެންވާ އެހެން ދުވަސްތަކެއްނުވެ އެވެ.“ صحيح سنن أبي داود 2438

الإِمَام أَبُودَاود-رحمه الله- ) އަދި الإِمَام ابن مَاجَه -رحمه الله- ސުނަނުގައި މި ޙަދީޘް ޛިކުރުކޮށް ބާބެއް ބަންނަވައި ވިދާޅުވެފައިވެ އެވެ. ”ޙައްޖުމަހުގެ ދިހަ ދުވަހުގައި ރޯދަހިފުން ނަންގަނެވޭ ބާބު“

ފަހެ، އެހިނދު ބަޔާންވެގެންވަނީ ޙަދީޘްގައި ޛިކުރު ކުރެވިގެންވާ ޞާލިޙް ޢަމަލުގެ ތެރެއަށް އެ ދުވަސްތަކުގައި ރޯދަހިފުން ޝާމިލްވެގެންވާކަން ވުމެވެ.

އެބޭކަލުންނަށް އެފަދައިން ފަހުމްވެވަޑައިގެންފައިވާ ކަމެވެ.

4. الحافظ النووي -رحمه الله- ވިދާޅުވެފައިވެ އެވެ. ”މި ނުވަ ދުވަހުގައި ރޯދައަށް ހުރުމުގައި އެއްވެސް ކަރާހަތްތެރިކަމެއް ނުވެ އެވެ. އަދި ކިޔެއްތަ! މިދުވަސްތަކުގައި ރޯދައަށް ހުރުން ނުހަނު ގަދައަށް މުސްތަޙައްބުވެގެންވެ އެވެ. ޚާއްޞަކޮށް އެ ދުވަސްތަކުގެ ތެރެއިން ނުވަވަނަ ދުވަހެވެ. އެއީ ޢަރަފާތް ދުވަހެވެ. އެދުވަހުގެ ރޯދައިގެ މަތިވެރިކަން (ބަޔާންވެގެންވާ) ޙަދީޘްތައް އިސްވެ ބަޔާންކުރެވިއްޖެ އެވެ. އަދި (صَحِيح البُخَارِي) ގައި ޘާބިތުވެގެންވާ (ޙަދީޘްއެއްގައި) ވެ އެވެ. ހަމަކަށަވަރުން ރަސޫލާ ޙަދީޘް ކުރެއްވި އެވެ.

(ما مِن أيَّامٍ العملُ الصَّالحُ فيهِا أَفْضَلُ مِنه فِي هذِهِ …..) ”ހެޔޮ ޞާލިޙް ޢަމަލު ކުރުމަށް ﷲގެ ޙަޟުރަތަށް މިދުވަސްތަކަށްވުރެ ލޮބުވެތިކަން ބޮޑުވެގެންވާ އެހެން ދުވަސްތަކެއް ނުވެ އެވެ….“ ޔަޢުނީ : ދިހަ ދުވަހެވެ. ޙައްޖުމަހުގެ އެންމެ ފުރަތަމަ ދުވަސްތަކެވެ. شرح صحيح مسلم 8-320

5. ޙައްޖުމަހުގެ ފުރަތަމ ނުވަ ދުވަހުގައި ރޯދަހިފުން ސުންނަތްވެގެންވާކަމަށް (މުޞްތަޙައްބުވެގެންވާކަމަށް) ހަތަރު މަޛްހަބުގެ އިމާމުންވެސް އިއްތިފާޤުވަޑައިގަންނަވަ އެވެ. މިކަން އިމާމް އަލް-ފަޤީހް المرداوي – رحمه الله– ނަޤުލު ކުރައްވާފައިވެ އެވެ.

ވުމުން އެމީހަކަށް ކެރި ކުޅަދާނަވީ މިންވަރަށް ސުންނަތް އަޅުކަންތަކުގައި ޤާއިމްވުން ހުއްޓެވެ. ހުރިހައި ދުވަސްތަކުގައި ރޯދައަށް ހުރެވޭ ކަމުގައިވާނަމަ އެއީ ނުހަނު ހެޔޮވެގެންވާ ޢަމަލެކެވެ. ހުރިހައި ދުވަހެއްގައި ރޯދައަށް ނުހުރެވޭ ފާރާތުން އެ ނަފްސަކަށް ކުޅަދާނަވީ މިންވަރަށް ރޯދައިގެ އަޅުކަމުގައި ދެމިހުންނާށެވެ. ހުރިހައި ގޮތްތަކަކަކީވެސް ހެޔޮ ޞާލިޙް ޢަމަލުކޮށް ﷲ އާ ކުށްތަންވެވޭނެ މަގުތަކެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts