ޙަޖަރުލް އަސްވަދުގައި ބޮސްދިނުން ސުންނަތުން ޘާބިތުވޭތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
ޙަޖަރުލް އަސްވަދާއި މެދުގައި ގިނަ ދަލީލުތަކެއް ވާރިދުވެންވެ އެވެ.
އޭގެ ތެރޭގައި :
ޙަޖަރުލް އަސްވަދުގައި އަތްލުން ނުވަތަ އަތްތިލަ ބީހުމާއި އޭގައި ބޮސްދިނުމަކީ އެމީހާގެ ކުށްފާފަތައް ފޮހެވިދިއުމަށް އޮތް ސަބަބެއް ކަމުގައިވެ އެވެ.
ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެ އެވެ. (إنَّ استلامَهما يَحُطُّ الخطايا) ”ހަމަކަށަވަރުން ޙަޖަރުލް އަސްވަދު އަދި ރުކުނުލް-ޔަމާނީ ގައި އަތްތިލަ ބީހުމަކީ ފާފަފުއްސެވިގެންދާ ކަމެކެވެ.“ صحيح الترغيب 1139
ހަމައެފަދައިން ޤިޔާމަތް ދުވަހުގައި މި ހިލަ ﷲ ތަޢާލާ ގެންނަވައި ޙައްޤު ގޮތުގައި އޭގައި ބޮސްދިން ފަރާތްތަކަށް ހެކިވާނެ ކަމުގައިވެސް ޙަދީޘްތަކުން ވާރިދުވެ އެވެ.
ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެ އެވެ. (واللهِ لَيَبْعَثَنَّه اللهُ يومَ القِيامةِ له عينانِ يُبصِرُ بِهِما، ولِسانٌ ينطِقُ به، يَشْهَدُ على مَنِ اسْتَلَمَه بِحقٍ) ”ﷲ ޤަންދީ ބުނަމެވެ. ޙަޖަރުލް އަސްވަދު ޤިޔާމަތް ދުވަހުގައި މަޙްޝަރު ކުރެވޭނެ އެވެ. ލޮލަށް ފެންނަ ދެ ލޯ ލިބިފައިވާނެ އެވެ. ވާހަކަ ދައްކާނެ ދުލެއް ލިބިފައިވާނެ އެވެ. ޙައްޤު ގޮތުގައި (ބޮސްދީ، އަތްލައިފި) މީހާއަށްޓަކައި ހެކިވާނެ އެވެ.“ الترمذي، وصححه الألباني في صحيح الترمذي، 1/493.
މި ހިލައިގެ ޙަޤީޤަތަކީ ކޮބައިކަން ބަޔާންކުރައްވާ މާތް ނަބިއްޔާގެ ޞަޙާބީ عبدالله بن عمرو بن العاص ﷺ ވިދާޅުވެފައިވެ އެވެ. (لَقَدْ نَزَلَ الْحَجَرُ مِنَ الْجَنَّةِ، وَإِنَّهُ أَشَدُّ بَيَاضًا مِنَ الثَّلْجِ، فَمَا سَوَّدَهُ إِلاَّ خَطَايَا بَنِي آدَمَ) ”ހަމަކަށަވަރުން ޙަޖަރު އަލް-އަސްވަދަކީ ސުވަރުގޭގެ ހިލައެކެވެ. އަދި ހަމަކަށަވަރުން އެ ހިލައިގެ ހުދުކަން ގަނޑުފެންގަނޑަކަށްވުރެ ގަދަވެގެންވެ އެވެ. ފަހެ، އާދަމު ދަރިން ކޮށްފައިވާ ފާފަތަކުން މެނުވީ އެ ހިލަ ކަޅެއް ނުވެ އެވެ.“
ابن أبي شيبة في المصنف١٤٣٥٠
ދަންނަ އެވެ! ހަޖަރުލް އަސްވަދު ﷲ ތަޢާލާ ލައްވާފައިވަނީ އެއަށް ބޮސްދީ ނުވަތަ އަތްލުމަށް އޮތް ހިލައެއް ކަމުގަ އެވެ. އެއަށްވުރެ ބޮޑު ޤަދަރެއް އަދި މާތްކަމެއް އެއަށް ނުވެ އެވެ.
އޭގައި ބޮސްދެނީ މާތް ނަބިއްޔާ ﷺ އޭގައި ބޮސްދެއްވުމުންނެވެ. ނަބިއްޔާގެ ޝަރީޢަތަށް އަދި ހިދާޔަތަށް ތަބަޢަވުމަށްޓަކަ އެވެ. އެ ހިލައަށް އެ ނޫން ކަމެއް ޝަރުޢުވެގެން ނުވެ އެވެ.
މިކަން ބަޔާންކުރައްވާ އުއްމަތުގެ ޚަލީފާ عُمر بن الخطَّاب -رضي الله عنه- ނުހަނު ހެޔޮވެގެންވާ ބަސްފުޅެއް ވިދާޅުވެފައިވެ އެވެ.
އިމާމް البخاري ރިވާކޮށްފައިވާ ރިވާޔަތުގައިވެ އެވެ. أنَّهُ جَاءَ إلى الحَجَرِ الأسْوَدِ فَقَبَّلَهُ، فَقالَ: إنِّي أعْلَمُ أنَّكَ حَجَرٌ، لا تَضُرُّ ولَا تَنْفَعُ، ولَوْلَا أنِّي رَأَيْتُ النبيَّ صَلَّى اللهُ عليه وسلَّمَ يُقَبِّلُكَ ما قَبَّلْتُكَ ”ޞަޙާބީ ޙަޖަރުލް އަސްވަރު ކައިރިއަށް ވަޑައިގެންނެވި އެވެ. އަދި އެއަށް ބޮސް ދެއްވި އެވެ. އަދި ވިދާޅުވި އެވެ. ހަމަކަށަވަރުން ތިޔައީ ހިލަގަނޑެއްކަން ތިމަން ޞަޙާބީ ދަންނަމެވެ. (ތިޔަ ހިލައަށް) ގެއްލުމަށް އަދި ފައިދާއެއްވެސް ކޮށް ނުދެވޭނެ އެވެ. ނަބިއްޔާ ﷺ ތި ހިލައިގައި ބޮސްދެއްވިތަން ތިމަން ޞާހާބީއަށް ފެނިވަޑައިގެންފައިނުވާނަމަ، ތި ހިލައަށް ބޮސް ނުދޭނަމެވެ.“ صحيح البخاري 1597
ވުމުން، އެއީ ހިލައެއްކަން ދަންނަ އެވެ. އެއީ އެއަށް ބޮސްދިނުމަށް އަދި އޭގައި އަތްލުމަށް އޮތް ހިލައެކެވެ. އެ ނޫން ޢަމަލެއް އެ ހިލައާމެދުގައި ނުވެ އެވެ.
އިސްވެދިޔަ އެންމެހައި ޙަދީޘްފުޅުތަކުން އަދި ބަސްފުޅުތަކުން ހަޖަރުލް އަސްވަދުގައި ބޮސްދިނުން އިންކާރުކޮށް އެއީ ނެތްކަމެއް ކަމަށް ދަޢުވާ ކުރާނީ ކިހިނަކުން ހެއްޔެވެ؟
ޖާހިލެއް މެނުވީ އެފަދައިން ނުބުނާނެ އެވެ.
އަދިވެސް ބުނަމެވެ. މި ހިލައަށް ބޮސްދިނުމަކީ ސުންނަތެކެވެ. އެއީ ކޮންމެހެން ކުރަންޖެހޭ، އެކަން ނުކޮށްފި މީހާ ފާފަވެރިވާނެ ޢަމަލެއް ނޫނެވެ.
ވުމާއެކު ދަންނަންޖެހެ އެވެ. މީސްތަކުންނަށް އަނިޔާކޮށް، މީސްތަކުންނަށް ގެއްލުންދީ، ހާނީއްކަ ކުރުމަކީ ޙަރާމްވެގެންވާ ޢަމަލެކެވެ. ޙަޖަރުލް އަސްވަދުގައި ބޮސް ދިނުމަކީ އެކަމަށް ކުޅަދާނަވެއްޖެ މީހާއަށް ސުންނަތެކެވެ. އެކަން ކުރެވެން އޮތީ މީހުންނަށް އަނިޔާދީ، ގެއްލުން ދީގެން ކަމުގައިވާނަމަ އެކަން ކުރުމަށް ގޮސްގެން ނުވާނެ އެވެ.
ވަރަށްގިނަ ބައެއްގެ ޢަމަލު ކަމުގައިވާ، މީސްތަކުންނަށް އަނިޔާކޮށް ގޯނާކޮށް، ދަތިކޮށް، އެމީހެއްގެ ފަރާތުން ބަޔަކަށް ހާނީއްކަ ވުމާއި ދުއްތުރާތައް ކުރިމަތިކޮށް، މި ހިލައިގައި ބޮސްދިނުމަށް ނުކުތުމަކީ އެއްވެސް ޙާލެއްގައި ހުއްދަވެގެންވާނެ ޢަމަލެއް ނޫނެވެ.
މުސްލިމަކަށް ގޯނާކޮށް އުނދަގޫކޮށް އަދި ކިޔެއްތަ އަނިޔާ ދިނުމަކީ ޙަރާމް ކަމެއްގެ ގޮތުގައިވެ އެވެ. ފަހެ، ސުންނަތެއް ކުރުމަށްޓަކައި އެ ޙާލުގައި ހުއްދަވާނެ ގޮތަކީ ކޮބައިތޯ އެވެ؟
ހަމައެފަދައިން، އަންހެނުން ފިރިހެނުންގެ ތެރެއަށް ވަދެގަނެ، ފިރިހެނުންގެ ހަށިގަނޑުގައި ބީހި، އޭގެ އިތުރަށް، ހަށިގަނޑު ހާމަވެ، ފޭރާން ބޭލިގެންދިއުމާއި ޢަޥްރަ ކަޝްފުވެ، މި ޢަމލު ހުއްދަ ނުވާނެކަމީ ޝައްކެތްވެސް އޮތް ކަމެއް ނޫނެވެ.
ﷲއަށްޓަކައި ޢަމަލު ކުރާނެ މީހެއް ﷲ ޙަރާމްކޮށްފައިވާ ޢަމަލެއް ކުރުމަށް ނުކުންނާނެ ހެއްޔެވެ؟
އެހެނަސް ހަވާނަފްސަށް ތަބަޢަވެ، ޝައިޠާނާ މި ވަނީ މީސްތަކުންނަށް މި ޢަމަލުތައް ޒީނަތްތެރިކޮށްފަ އެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.