|

އަންހެނަކު ފިރިހެނަކަށް ބަދަލު ޙައްޖު ކޮށްދެވިދާނެތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
އަމިއްލަ ނަފްސަށް فَرْضُ حَجُّ ނުވަތަ عُمْرَة ކޮށްފައިވާ މީހަކަށް، ބަދަލުގައި حَجُّ ކޮށްދިނުން ހުއްދަވެގެންވާ ފަރާތަކަށް فَرْضُ حَجُّ ނުވަތަ فَرْضُ عُمْرَة ނުވަތަ سُنَّة حَجُّ ނުވަތަ سُنَّة عُمْرَة ކުރެވިދާނެ އެވެ.

އެއީ حَجُّ ކޮށްދެވުނު ފަރާތަށް إِحْسَان ތެރިވުމުގެ ގޮތުން ނަމަވެސް ނުވަތަ އޭގެ ބަދަލުގައި ފައިސާ ނަގައިގެން ކޮށްދިނުން ކަމުގައިވިޔަސް އެވެ.

އެހެނަސް ފައިސާ ނަގާ މީހާއަށް، حَجُّ ކޮށްދިނުމުގެ މަޤްޞަދަކީ ފައިސާ ހޯދުން ކަމުގައިވުން ހުއްދައެއް ނުވާނެ އެވެ.

ފަހެ ހަމަކަށަވަރުން އެހިނދުގައި އެއީ، ދެރަ ނިކަމެތި ޢައިބުވެގެންވާ ކަމެކެވެ. ސަބަބަކީ އެއީ އިންސާނާ އޭނާގެ عَمَلُ ން ދުނިޔެ ހޯދުމަށް ބޭނުންވުމެވެ.

އަދި އެހެން މީހަކަށް حَجُّ ކޮށްދޭ މީހާ، އޭނާގެ ހިތުން އޭނާ حَجُّ ކޮށްދޭން ބޭނުންވާ މީހާގެ މައްޗަށް ނިޔަތްގަތުން ހުއްޓެވެ. އަދި ނިޔަތްގަތް ކަމެއް ދުލުން ބުނުންވެ އެވެ. ފަހެ އެގޮތުން ބުނާާނީ މިހެންނެވެ:

”لَبَّيْكَ حَجًّا عَنْ أَبِي (އަޅުގެ ބައްޕައަށް) ނުވަތަ أُمِّي (އަޅުގެ މަންމައަށް) ނުވަތަ عَنْ فُلاَنْ (އެވެނި މީހަކަށް) އަދި އެމީހާގެ ނަން ކިޔާނީއެވެ.

އެއީ عَبْدُاللّه بُنُ عَبَّاسٍ رضي الله عنهما ގެ حَدِيْث ގައިވާ ފަދައިންނެވެ. ވިދާޅުވިއެވެ. (سمع النبي صلى الله عليه وسلم رجلاً يقول: لَبَيْكَ عَن شُبْرُمَة، فَقَالَ: حَجَجْتَ؟ فقال: لا، فقال: حج عن نفسك ثم حج عن شبرمة) ”ނަބިއްޔާ އަށް މީހަކު ”لَبَّيْكَ عَنْ شُبْرُمَة“ ކިޔާ އަޑުއިވިވަޑައިގެންނެވި އެވެ. އެހިނދު حَدِيْث ކުރެއްވިއެވެ. ”ތިބާގެ އަމިއްލަ ނަފްސަށް حَجُّ ކޮށްފިންހެއްޔެވެ؟“ އެމީހަކު ދެންނެވިއެވެ. ”ނޫނނެކެވެ.“ حَدِيْث ކުރެއްވިއެވެ. ”ތިބާގެ އަމިއްލަ ނަފްސަށް حَجُّ ކުރުން ހުއްޓެވެ.“ އެއަށްފަހު شُبْرُمَة އަށް حَجُّ ކޮށްދޭށެވެ.“

ފަހެ މި حديث ން ދަލީލުކުރެވޭ ކަންތައްތަކުގެ ތެރޭގައި އަމިއްލަ ނަފްސަށް حَجُّ ކޮށްފައި ނުވާ މީހާއަށް އެހެންމީހަކަށް ބަދަލުގައ حَجُّ ނުކޮށްދެވޭނެކަން ދަލީލު ލިބެއެވެ.

އަންހެނަކަށް ބަދަލުގައި ފިރިހެނަކަށް حَجُّ ކޮށްދިނުން ހުއްދަވެގެންވެއެވެ. އެއީ الفضل بن عبّاس އަރިއަހުން الخَثْعَمِيَّة ގެ އަންހެނަކު އެކަމާނާގެ ބައްޕައަށް حَجُّ ކޮށްދިނުން ވާރިދުވެގެންވާ حديث ގައިވާ ފަދައިންނެވެ.

އަދި ފިރިހެނަކަށް ބަދަލުގައި އަންހެނަކަށް حَجُّ ކޮށްދިނުން ހުއްދަވެގެންވެ އެވެ. އަދި صحيح البخاري ގައި ابن عباس ގެ އަރިއަހުން ރިވާވެގެންވާ حديث ގައި ވެއެވެ. ވިދާޅުވިއެވެ

.

(أتَى رجلٌ النبيَّ صلى الله عليه وسلم فقال له : إن أُختي نذَرَتْ أن تَحُجَّ، وإنها ماتَتْ، فقال النبيُّ (لو كان عليها دَينٌ أكنتَ قاضِيَه ) قال: نعم، قال: (فاقضِ اللهَ، فهو أحقُّ بالقَضاءِ)

”ފިރިހެނަކު ނަބިއްޔާ އަރިއަހަށް ގޮސް ދެންނެވިއެވެ. އަޅުގަނޑުގެ أخت حَجُّ ކުރުމަށް ނަދުރު ބުނެފައި ވަނިކޮށް މަރުވެއްޖެ އެވެ.“ ނަބިއްޔާ حديث ކުރެއްވި އެވެ. ”އެކަނބުލޭގެ މަރުވި ހިނދު އަދާކުރަން ޖެހިފައިވާ ދަރަންޏެއް އޮތް ހިނދު ތިބާ އެދައްކާނަންހެއްޔެވެ.“ އެމީހާ ދެންނެވިއެވެ. ”އާދޭހެވެ.“ حديث ކުރެއްވި އެވެ. ”ﷲ އަށް އެދަރަނި އަދާކުރާށެވެ. ފަހެ ﷲ އަށް އަދާކުރަންޖެހިފައިވާ ދަރަނި އަދާކޮށްދިނުން މާ حق ކަން ބޮޑުވެގެންވެ އެވެ.“

އެބައެއްގެ މައްޗަށް ބަދަލުގައި حَجُّ ކޮށްދިނުމާއި عُمْرَة ކޮށްދިނުން ވަނީ 3 މީހެއްގެ މަައްޗަށެވެ.

1. މަރުވެފައިވާ މީހާ،

2. ދަތުރުފަތުރު ކުރުމަށް ކުޅަދާނަވެގެންނުވާ ދުވަސްވެ މުސްކުޅި ބަލީގައި އޮތް މީހާ، (މުސްކުޅި ބަލީގެ ސަބަބުން، އެހެން މީހަކާއެކުގައިވެސް ދަތުރު ފަތުރު ކުރުމަށް ކުޅަދާނަނުވާ މީހާ އެވެ.)

3. އަދި ބަލިވެ އެބަލިން ޝިފާ ލިބޭނެކަމުގެ އުއްމީދު ކެނޑިފައިވާ މީހާ އެވެ. (މާނައީ : އެބަލީގެ ސަބަބުން އުއްމީދުކެނޑި، ދަތުރުވެސް ނުކުރެވޭ ޙާލަތަށް ވެއްޓިފައިވާ މީހާ އެވެ.)

ފިރިހެނަކު އޭނާގެ أخت ގެ މައްޗަށް حَجُّ ކޮށްދިނުމުގެ حديث ން މަރުވެފައިވާ މީހާއަށް حَجُّ ކޮށްދިނުން ދަލީލުކޮށްދެ އެވެ.

އަދި الخَثْعَمِيَّة ގެ އަންހެނާ އެކަމާނާގެ ބައްޕައަށް حَجُّ ކޮށްދިނުމުގެ حديث ން، ދުވަސްވެ މުސްކުޅިވެ ދަތުރުނުކުރެވޭ މީހާގެ މައްޗަށް حَجُّ ކޮށްދިނުން ދަލީލުކުރެވެއެވެ.

ބަލިވެ އެބަލިން ފަސޭހަވުމުގެ އުންމީދު ކެނޑިފައިވާ މީހާއަކީ މިފަދަ މިޡާލުގައި ވެއްޖެ މީހެކެވެ.

އިސްވެ ބަޔާން ކުރެވިފައިވާ ބަސްތަކުން އަންނަނިވި ފައިދާތައް ނެރެވެ އެވެ.

1. މީހަކަށް ބަދަލުގައި ހައްޖު ނުވަތަ ޢުމުރާ ކޮށްދޭ ފަރާތަކީ އެމީހެއްގެ އަމިއްލަ ނަފްސަށް ޙަޔާތުގައި ހައްޖެއް ނުވަތަ ޢުމުރާ އެއް ކޮށްފައިވާ ފަރާތެއް ކަމުގައިވާނެ ޖެހެ އެވެ. އެހެން ނޫނީ އޭނާއަށް ބަދަލުގައި އެހެން މީހަކަށް ހައްޖެއް އަދި ޢުމުރާއެއްވެސް ނުކޮށްދެވޭނެ އެވެ.

2. ބަދަލުގައި ކޮށްދެވޭ ފަރާތަކީ 3 ޙާލަތުންކުރެ ޙާލަތެއް މެދުވެރިވެފަައިވާ ފަރާތެއް ކަމުގައި ވުމެވެ.

އެއްގޮތަކީ މަރުވެފައިވާ މީހެކެވެ.

ދެވަނައީ ދަތުރު ފަތުރު ކުރުމުގެ ކުޅަދާނަކަން ގެއްލިފައިވާ، އެފަދަ މުސްކުޅި ޙާލަތަށް ގޮސްފައިވާ މީހާ އެވެ.

ތިންވަނައީ : ބަލިހާލަތެއް މެދުވެރިވެ އެބަލިން ޝިފާ ލިބުމަށް އުއްމީދު ކެނޑިފައިވާ މީހާ އެވެ.

(ޔަޢުނީ މި ޙާލަތްތައް މެދުވެރި ވެފައިވާ މީހުންނަށް މެނުވީ ބަދަލުގައި ކޮށްދީގެން ނުވާނެ އެވެ.)

3. ބަދަލު ޙައްޖެއް ނުވަތަ ޢުމުރާ އެއް އެމީހަކަށް ކޮށްދޭހިނދު ހަމައެކަނި އެމީހެއްގެ ނަން ޛިކުރުކުރުން އޮތީ އިޙްރާމް ބަންނަ ހިނދު އެކަންޏެވެ. އެގޮތުން އަމިއްލަ ނަފްސަށް ޢުމުރާ ކުރާ މީހާ ކިޔަނީ لبيك اللهم عُمرَة އެވެ. މީހަކަށް ކޮށްދޭ މީހާ ކިޔާނީ لبيك اللهم عُمرة عَن (ދެން ކިޔާނީ އެމީހާގެ ނަމެވެ.) މާނައަކީ އެއަށްފަހު ކުރާ ޠަވާފުގައި އަދި ސަޢުގައިވެސް ވަކި ޚާއްޞަކޮށް ނަމެއް ކިޔައި ކަމެއް ކުރުމެއް ނޯވެ އެވެ.

4. ޙައްޖު އަދި ޢުމުރާ ކޮށްދޭ މީހާ އަކީ ފިރިހެނެއް ކަމުގައިވެ، ބަދަލުގައި ކޮށްދެވޭ ފަރާތަކީ އަންހެނަކަށްވުމުގައި އެއްވެސް މައްސަލައެއް ނެތެވެ. މާނައީ ޖިންސު ތަފާތުވުމަކީ އެއްވެސް މައްސަލައެއް ނޫން ކަމެވެ.

5. ބަދަލުގައި ކޮށްދޭ މީހާއާއި ކޮށްދެވޭ މީހާއަކީ ޢައިލީ ގޮތުން ގުޅުމެއް އޮތް މީހަކަށް ވާކަށް ނުޖެހޭ ކަމެވެ. ތިމާގެ މީހެއް ނުވަތަ ރަޙްމަތްތެރިއެއް ނުވަތަ ނުވެސް ދަންނަ މީހެއް ކަމުގައި ވުމަކުން އެކަމުގައި އެއްވެސް މަނާކަމެއް ނެތެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts