ވަޒީފާގެ ގޮތުން ރޭގަނޑު ހޭލާހުންނަޖެހިފައިވާތީ ދުވާލު ނިދުމުން ރޯދަ އަށް އުނިކަމެއް އަންނާނެތޯ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ވަޒީފާގެ ގޮތުން ރޭގަނޑު ހޭލާހުންނަޖެހިފައިވާތީ ދުވާލުގެ ބައެއްގައި ނިދަން ޖެހިފައިވާ މީހާގެ ޢަމަލުގެ މައްޗަށް ބުނަމެވެ.
އޭނާގެ ރޯދަ ޞައްޙަ ވާނެ ކަމާއި މެދުގައި ޝައްކެތްވެސް ނެތެވެ. އަދި ދިރިއުޅުމުގައި އުޅެން ޖެހިފައިވާ ވަޒީފާގެ ގޮތުން، އާމްދަނީ ހޯދުމަށް ކުރާ މަސައްކަތުގެ ގޮތުން ރޭގަނޑުގައި ހޭލާ އުޅެން ޖެހުމުން ޔަޤީނުންވެސް ދުވާލުގެ ވަޤުތުގައި ނިދި ބޭނުންވެ ނިދަން ޖެހޭނެ އެވެ.
ވުމުން، އެފަދަ ނިޔަތް އޮވެ، ނިދުމުގައި ބޭނުން ނުޖެހޭވަރަށް އަދި ނިދުމުގެ ބޭނުންކަމުގައިވަނީ ދުވާލުގެ ވަޤުތުތަކުގެ މައްޗަށް ފަރުވާކުޑަކޮށް އިހުމާލުވުން ކަމުގައިނުވާނަމަ ކުށެއް ނެތެވެ.
އެހެނަސް ދުވާލުގެ ވީހާވެސް ކުރީ ކޮޅުގައި ނިދައި ހޭލުމަށް ނަޞޭޙަތްތެރި ވަމެވެ. ދުވާލުގެ ކުރީ ކޮޅުގައި 4 ނުވަތަ 5 ގަޑި އިރު ނިދުމަކީ ކުރެވިދާނެ ކަމެވެ. ސަބަބަކީ އެހިނދު ވަޤުތުގައި މިސްކިތުގައި ޖަމާޢަތުގައި ނަމާދު އަދާކުރުމުގެ މައްޗަށް ފަރުވާތެރިވެވޭނެތީ އެވެ.
ނަފްސަށް އަބަދުވެސް ރަމަޟާން މަހުގެ ދުވާލުގެ ވަޤުތުގައި ރޯދައަށް ހުރެ އެ ރޯދައަށް ފަރުވާތެރި ވުމާއި، އެންމެ އެދެވިގެންވާ ގޮތުގައި ދުވާލުގެ ވަޤުތުތައް ހޭދަކުރުމުގެ ޤަޞްދު ބާއްވާށެވެ. ފަހެ، އެހިނދު އެއީ މަދު ނިންޖެއް ނިދުނު ކަމުގައިވީނަމަވެސް އެއިން ފުދޭނެ މިންވަރެއް ކަމުގައި ވުމަކީ ނުހަނު ގާތް ކަމެކެވެ.
މިއަދު މަދީނާގައިވާ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الشَّيْخُ الإِمَام رَبِيْع بِن هَادِي المَدْخَلِي حفظه الله ވިދާޅުވެފައިވެ އެވެ.
”ރޯދައަކީ ކެއުމާއި ބުއިމުން އެއްކިބާވެ ހުރުން އެކަންޏެއް ނޫނެވެ. އެހެނަސް އެއީ ﷲ عزوجل ކޯފާވެވޮޑިގަންނަވާ އެންމެހައި ކަންތައްތައް ކަމުގައިވާ ފާފަތަކާއި އަދި އެނޫންވެސް ކަންތައްތަކުން ރޯދައަށް ހުރުމެވެ. އަދި ﷲއަށް ކިޔަމަންގަތުމަށް ކުރިމަތިލުމާއި، އެންމެހައި ޢަމަލުތަކެއް ﷲ އަށް އިޚްލާޞްތެރި ކުރުމެވެ.“
المجموع 15- 338
ވުމުން، ދުވާލުގެ ވަޤުތު ތަކުގެ ފައިދާ އެންމެ އެދެވިގެންވާ ގޮތުގައި ހޯދުމަށް ނަޞޭޙަތްތެރި ވަމެވެ. ނިދި ފުދޭނެ މިންވަރަށް ނިދުމަށްފަހު، ވަޤުތުތައް އެންމެ އެކަށީގެންވާ ގޮތުގައި ބިނާ ކުރާށެވެ.
އަދިވެސް ބުނަމެވެ. ނަމާދަށް އަދި ނަމާދުގެ ވަޤުތުތަކަށް ފަރުވާތެރި ވުމަށްޓަކައި ނަމާދުގެ ވަޤުތު ތަކުގައި ނިދައިގެން ނުވާނެ އެވެ. އަދި ނިދި ބައްޓަން ކުރަންޖެހޭނީ، އަދި ޚާއްޞަކޮށް ރަމަޟާން ފަދަ މައްސަރެއްގައި ﷲ ލޯބިވެވޮޑިގަންނަވާ އެ ކަލާނގެ ފަރުޟު ކުރެއްވި ޢަމަލުތަކަށް ފަރުވާކުޑަވެގެން ނުދާ ގޮތުގަ އެވެ. ވުމުން ފަރުޟު އަޅުކަންތައް ދޫކޮށްފައި، ހަމައެކަނި ކެއުމާއި ބުއިން ދޫކޮށްފައިވެ ރޯދައޭ ބުނުމުން އެއިން ލިބޭ މާ ބޮޑު މަންފާއެއް ނޯންނާނެކަންވެސް ދަންނަހުއްޓެވެ.
ފަހެ، ފަރުޟު ކުރައްވާފައިވާ އަޅުކަންތަކަށް ފަރުވާކުޑަވެ، އިހުމާލުވެ، އެ އަޅުކަންތައް ދޫކޮށް ތިމާ މި ހުރީ ރޯދައަށޭ ބުނާ އަހުލުވެރިންގެ މައްޗަށް ބަޔާންވެގެންވާ ބަސްފުޅުތަކުގެ މައްޗަށް ބިރުވެތިވާންޖެހެ އެވެ. ޙަދީޘްގައިވެ އެވެ. (رُبَّ صَائِم حَظُّهُ مِن صِيَامِه الجُوْعَ وَالعَطشَ) ”ރޯދަވެރިޔާއަށް، އޭނާއަށް ރޯދައިން ލިބުނު ނަޞީބަކީ (އަޖުރަކީ) ބަނޑުހައި ހޫނުކަމާއި އަދި ކަރު ހިއްކުން ކަމުގައިވެދާ ހުއްޓެވެ.“ رواه أحمد(٢/٣٧٣) وصححه ابن خزيمة (١٩٩٧) وابن حبان (٣٤٧٢)
މިކަންތައްތަކަށް ނުހަނު ވިސްނަންޖެހެ އެވެ. ތިޔަފަދައިން ރޭގަނޑު އެކުއެކީގައި ހޭލައި ހުރުމުން ފަހަރެއްގައި ނަފްސު އެދޭނީ ދުވާލުގެ ބޮޑު ބައެއްގައި ނިދުމަށެވެ. އަދި އެއީ ހިތްހަމަޖެހުން ކަމުގައި ހެދުމަށެވެ. އިސްވެ ބަޔާންކުރި ފަދައިން ބޭނުންޖެހޭނެ އެންމެ މަދު މިންވަރެއްގެ ނިދިން ފުއްދައި ވަޤުތުތައް ހެޔޮ ޢަމަލުތަކުގައި އާރާސްތު ކުރާށެވެ.
ﷲ ގެ އިރާދަފުޅާއެކު، މިފަދައިން ޤަޞްތު އޮވެ ތިފަދައިން ދުވާލުގެ ވަޤުތުގައި ނިދަން ކޮންމެހެން ޖެހިގެން ނިދުމަކީ ރޯދައަށް އުނިކަމެއް ގެނުވާނެ ކަމެއް ނޫން ކަމުގައި އުއްމީދު ކުރަމެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.