ދުލުން ނިޔަތް ކިޔުމުގެ ޙުކުމަކީ ކޮބާތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ރޯދަ ހިފުމުގައިވެސް އަދި އެހެނިހެން އަޅުކަންތަކުގައިވެސް ނިޔަތް ދުލުން ކިޔުމާއި މެދުގައި ބުނަމެވެ.
ނިޔަތެއް ނެތި (ނިޔަތް ނުގަނެ) ރޯދަ ޞައްޙަ އެއް ނުވާނެ އެވެ. އެންމެހައި މަޛްހަބް ތަކުގެ އިމާމުން الحنفيَّة، المالكيَّة، الشَّافعيَّة، الحَنابِلة މި ކަމުގެ މައްޗަށް އިއްތިފާޤުވެވަޑައިގެންފައިވެ އެވެ.
އަދި އިޖްމާޢުވެސް މިކަމަށް ކަނޑައެޅިފައިވެ އެވެ.
މި ކަމަށް ދަލީލު ކުރެވިގެންވާ ބައެއް ދަލީލުތަކުގެ ތެރޭގައި، ޞަޙާބީ عُمَرَ بنِ الخَطَّابِ -رضي الله عنه- ރިވާކޮށްފައިވާ މަޝްހޫރު ޙަދީޘް އެވެ. النَّبيَّ -صلى الله عليه وسلم- ޙަދީޘް ކުރެއްވި އެވެ. (إنَّما الأعمالُ بالنيَّاتِ، وإنَّما لكُلِّ امرئٍ ما نوى) ހަމަކަށަވަރުން ޢަމަލުތައް ބިނާވެގެންވަނީ ނިޔަތުގެ މައްޗަށެވެ. އަދި ކޮންމެ މީހަކަށް އެމީހަކު ނިޔަތްގަތް ކަމެއްވެ އެވެ.“
ފަހެ، މި ނިޔަތް ނުވަތަ ޤަޞްދު ކުރުމުގެ މަޙައްލަކީ ހިތެވެ.
އެއްވެސް އަޅުކަމެއްގައި، އެއީ ނަމާދު އަދި ރޯދަ އަދި އެހެން އަޅުކަމެއް ކަމުގައިވީނަމަވެސް ދުލުން ކިޔާނެ ކަލިމައެއް ނޯންނާނެ އެވެ.
ދުލުން ކިޔާނެ ކަލިމަތަކެއްގެ ގޮތުގައި އެއްޗެއް ފެނިއްޖެހިނދު ދަންނަ އެވެ. އެއީ، ދީނަށް އަލަށް ވައްދާފައިވާ، ބިދުޢަވެރި ޢަމަލުތަކުގެ ތެރެއިން ޢަމަލެކެވެ. ފަހެ، އެންމެހައި ބިދުޢަތަކެއް ވަނީ ނަރަކައިގެ އަލިފާނުގަ އެވެ.
ޢަރަފާތް ދުވަހުގައި ރޯދައަށް ހުންނަ މީހާ ޢަރަފާތް ދުވަހުގައި ރޯދައަށްހުރުން ޤަޞްތު ކުރުމުން އެއީ ނިޔަތެވެ.
އިމާމް الشافعي -رحمه الله- ވިދާޅުވެފައިވެއެވެ. ”ޠަހާރަތުގައި އަދި ނަމާދުގައި ނިޔަތް ދުލުންކިއުމަކީ މިޝަރީޢަތުގެ މައްޗަށް އެމީހަކު ޖާހިލުވެފައިވާކަން އެނގިގެންދާކަމެކެވެ. ނޫނީ އެމީހެއްގެ ވިސްނުމުގައި އުނިކަންވާކަން އެނގިގެންދާކަމެކެވެ.“
القَاضِي أبوْ رَبِيع سُلَيمان عُمر الشَّافعي -رحمه الله- ވިދާޅުވެފައިވެ އެވެ. ”ނިޔަތް ދުލުން ކިޔުމާއި އަދި އިމާމް އަޑުހަރުކޮށް ކިޔަވާ ނަމާދުގައި އިމާމްގެ ފަހަތުން ކިޔެވުމަކީ ސުންނަތުގައިވާ ކަމެއް ނޫނެވެ. އަދި ކިޔެއްތަ، މަކްރޫހަވެގެންވާ ކަމެކެވެ. އެކަމުގެ ސަބަބުން ނަމާދުކުރާ މައުމީންނަށް އުނދަގޫވާނަމަ ފަހެ، އެކަން ޙަރާމްވެގެންވެ އެވެ. ނިޔަތް ދުލުން ކިޔުމަކީ އެއީ ސުންނަތެއް ކަމުގައި ބުނެފިމީހާ ވަނި ކުށް ކޮށްފަ އެވެ. ފަހެ، އެފަދަ މީހަކަށް އަދި އެހެން މީހަކަށްވެސް ﷲ ދީނުގައި ޢިލްމެއް ނެތި ބަސްތައް ބުނުން ޙަލާލެއްް ނުވާނެ އެވެ. “ القول المبين في أخطاء المصلين ص 91
الحافظ النووي -رحمه الله- ދުލުން ނިޔަތް ކިޔުމާއި މެދުގައި، ވިދާޅުވެފައިވެއެވެ. ”މިއީ ނުބައިކަން ބޮޑުވެގެންވާ ބަހެކެވެ.“ މިގޮތައް ދެކުމުގެ ކުރީގައި އިލްމުވެރިންގެ މެދުގައި ނިޔަތަކީ ހިތުގައިވާ އެއްޗެއްކަމުގައި ވަނީ ޢިޖްމާޢު ވެފައިއެވެ.“
الإمام شيخ الإسلام ابن تيمية -رحمه الله- ވިދާޅުވެފައިވެ އެވެ. ”އެންމެހައި މުސްލިމުން އިއްތިފާގުވެގެންވާ ގޮތުގައި ނިޔަތް އަޑުހަރުކޮށް ބާރަށް ކިޔުމަކީ، ވާޖިބު އަދި މުސްތަޙައްބު ވެގެންވާ ކަމެއް ނޫނެވެ. އެހެނަސް ނިޔަތް އަޑުހަރުކޮށް ބާރަށްކިޔާ މީހާއަކީ ބިދުޢަވެރި އަދި ޝަރީޢަތާ ޚިލާފަށް ޢަމަލުކޮށްފައިވާ މީހެކެވެ.“ مجموع الفتاوى2/88
ނަމާދުގައި އަދި އެހެނިހެން އަޅުކަންތަކުގައިވެސް ނިޔަތް ބާރަށް، ދުލުން ކިޔުމާއި މެދުގައި އިމާމް الإمام ابن القيم – رحمه الله- ވަރަށްވެސް ފުރިހަމަ ބަސްފުޅެއް ވިދާޅުވެފައިވެ އެވެ.
الإمام ابن القيم – رحمه الله- ވިދާޅުވެފައިވެއެވެ.“ ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ނަމާދަށް ކޮޅަށް ތެދުވެއްޖެނަމަ “ الله أكبر“ މިފަދައިން ވިދާޅުވެ އެވެ. އެއްވަސް އެއްޗެއް އޭގެ ކުރީގައި ވިދާޅުވާކަމެއް ނުވެ އެވެ. އެއްވަސް ޙާލެއްގައި ނިޔަތް ދޫފުޅުން ވިދާޅެއް ނުވެ އެވެ. އިމާމަކަށް ހުރެނޫނީ މައުމޫމަކަށްހުރެ ޤިބްލައަށް ކުރިމަތި ލައިހުރެ اللَّهُ އަށް މިވަނި ނަމާދެއް“ ކުރަމެވެ. މިފަދަ އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ. ވަގުތުގެ ފަރުޟު ކުރެއެވެ. އަދާ އަށެވެ. ޤަޟާއަށެވެ. މިފަދައިން ބަސް ވިދާޅެއް ނުވެ އެވެ. މިއީ ކުރެވޭ ބިދުޢައެކެވެ. މިއިން އެއްވެސް ކަމެއް އެއްވެސް މީހެއްފަރާތުން އެއްވެސް ގޮތަކަށް ސައްޙަ އިސްނާދަކުން ނަޤުލުކުރެވިފައި ނުވެއެވެ. މުރްސަލްކޮށް އަދި މުސްނަދުކޮށް އަދި ބަލިކަށި ރިވާޔަތެއްވެސް މިގޮތަށް ވާރިދުވެފައެނުވެ އެވެ. މިއިން އެއްވެސް ލަފްޒެއް އެއްވެސް ޙާލެއްގައި ވާރިދުވެފައެއް ނުވެ އެވެ. އަދި ހަމަ އެހެންމެ މިކަން އެއްވެސް ސަޙާބީއެއްގެ ފަރާތުން ބަޔާންވެފައެއްވެސް ނުވެ އެވެ، އެއްވެސް ތާބިޢީއެއް މިކަން ރަގަޅު ކަމެއް ގޮތުގައި ދެކެވަޑައިގެންފައެއް ނުވެއެވެ. ހަތަރު އިމާމުންވެސް މިކަން ބަޔާން ކޮށްފައެއް ނުވެ އެވެ. ފަހުން އުއްމަތަށް ފާޅުވި ބައެއް އިލްމުވެރިން އިމާމް ޝާފިޢީ މިގޮތަށް ބުނެފައިވާކަމުގައި ދެކުނެވެ. “ ނަމާދަކީ ރޯދަފަދަ އަޅުކަމެއް ނޫނެވެ. ނަމާދަށް ޒިކުރެއް ކިޔުމަށްފަހުގައި ނޫނީ ނުވަދެވޭނެވެ.“ މިތާގައި މިވާ ޒިކުރަކީ އެއީ ނިޔަތް ކިޔުން ކަމުގައި އެބައިމީހުންނަށް ދޭހަވިއެވެ. ޝާފިޢީ رحمه الله މިތަނުގައި ބުނުމަށް ބޭނުންވަނީ އެޒިކުރަކީ ”ހަރަމްބަން ތަކްބީރުކަމެވެ.“ މިނޫން އެއްވެސް އެއްޗެއްނޫނެވެ. ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ އެއްވެސް ޚަލީފާއެއް ކޮށްފައި ނުވާ ކަމެއް އަދި ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އެއްމެ ނަމާދެއްގައި ވެސް ކޮށްފައި ނުވާކަމެއް އިމާމް އައް ޝާފިޢީ އެއީ މުސްތަހައްބު ކަމެއްކަމުގައި ދެކޭނީ ކިހިނެއް ހެއްޔެވެ. އެމީސްތަކުންގެ ހިދާޔަތަކީ އަދި ސީރަތަކީ މިއެވެ. އެއިން އެންމެމީހެއްގެ ފަރާތުންވެސް މިކަމަށް އެންމެ އަކުރެއްވެސް ލިބިފައިވާނަމަ މިކަން ޤަބޫލް ކުރީމެވެ. ރުހުމާއެކު އެކަމެއް ޤަބޫލް ކުރީމެވެ. އެމީސްތަކުންގެ ހިދާޔަތަށް ވުރެ ފުރިހަމަ ހިދާޔަތެއް ނެތެވެ. އަހަރުމެން ޝަރީއަތް ބަޔާންކޮށްދިން ފަރާތް صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ސުންނަތް ފިޔަވައި އެހެން އެއްޗެއް ނުވެއެވެ.“
މިއަދު ދުނިޔެމަތީގައި ތިއްބެވި އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރެއިން ހިމެނިވަޑައިގަންނަވާ ސަޢުދީ ޢަރަބިއްޔާގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީގެ މެންބަރު العلامة ޑރ. صالح الفوزَان -حفظه الله- ވިދާޅުވެފައިވެ އެވެ. ”“ނިޔަތް ދުލުން ކިޔުން ހުއްދައެއް ނުވާނެ އެވެ. ނިޔަތް ދުލުން ކިޔުމަކީ އެއްވެސް ގޮތަކަށް ﷲ ގެ ރަސޫލާ ﷺ އަރިއަހުން ވާދިރުވެގެންވާ ކަމެއް ނޫނެވެ. އެގޮތުން اللهُمَّ إِنِّي نَوَيْتُ الصيَام (މިއަޅާ ﷲ އަށް ރޯދަ ހިފުމަށް ނިޔަތް ގަނެފީމެވެ.) ނުވަތަ اللهُمَّ إِنِّي نَوَيْتُ الصلاة (މިއަޅާ ﷲ އަށް ނަމާދު ކުރުމަށް ނިޔަތް ގަނެފީމެވެ.) ނުވަތަ މިވެނި އެވެނި ކަމަކަށް ނިޔަތް ގަތީމެވެ.. މިއީ ވާރިދުވެގެންވާ ކަމެއް ނޫނެވެ.
ﷲ ވަޙީކުރައްވާފައި މިފަދައިންނެވެ. ( قُلْ أَتُعَلِّمُونَ اللَّهَ بِدِينِكُمْ وَاللَّهُ يَعْلَمُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۚ وَاللَّهُ بِكُلِّ شَيْءٍ عَلِيمٌ) ”ނަބިއްޔާ ވިދާޅުވާށެވެ! ތިޔަބައިމީހުން ތިބީ ކޮން ދީނެއްގައިކަން، ތިޔަބައިމީހުން ﷲ އަށް އަންގައިދެނީ ހެއްޔެވެ. އުޑުތަކުގައި އާއި ބިންތަކުގައި ވާހައިއެއްޗެއް އެ އިލާހު ދެނެވޮޑިގެންވެތެވެ. ﷲއީ ކޮންމެ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ފަރާތެވެ.“ ނިޔަތް އޮންނާނީ ހިތުގައެވެ. އެއްވެސް ގޮތަކަށް ދުލުން ކިޔައިގެން ނުވާނެ އެވެ. އާނއެކެވެ.“
ވުމުން އެއްވެސް ޚިލާފެއްނެތް ގޮތުގައި ދުލުން ނިޔަތް ކިޔުމަކީ ނުބައިވެގެންވާ، ހުތުރުކަން ބޮޑުވެގެންވާ، ބިދުޢަވެރި ޢަމަލެއްކަމުގެ މައްޗަށް އެއްވެސް ޚިލާފެއް ނެތެވެ.
ދުލުން ކިޔުމަށް ބުނެފައިވާ މިފަދަ އެންމެހައި ބަސްތަކުން ދުރުވުން ހުއްޓެވެ. ނަރަކައިގެ އިންޒާރު އަދި ވަޢީދު އައިސްފައިވާ ކޮންމެ ޢަމަލަކީ އެއިން އިންޒާރު ލިބިގަންނަންޖެހޭ ޢަމަލުތަކެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.