wudoo

ފާހާނަ ތެރޭގައި ވުޟޫކުރެވިދާނެތޯއެވެ؟

ސުވާލު: މާލޭގައި ދިރިއުޅޭ ކުޑަ އެޕާރޓްމަންޓަތަކުގައި ހުންނަ ފާހާނަތެރޭގައި ވުޟޫ ކުރެވިދާނެތަ؟

އެއީ ފާހާނަ ތެރޭގައި ހެދުންވެސް ބަދަލުކުރާތީމެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.

أما بعد

ޖަވާބު: ފާޚާނައިގައި ހުރެގެން ވުޟޫ ކުރުމާއި މެދުގައި ބުނަމެވެ. ސުވާލުގައި ބުނެފައިވަނީ، އެތަނުގައި ހެދުން ބަދަލު ކުރާތީ ކަމުގަ އެވެ. އެހެނަސް ފާޚާނައިގައި ވުޟޫ ނުކުރުމަށް ބުނާ، އެކަމަށް މެދުވެރިވާ ސަބަބެއް ބުނެފައިނުވެ އެވެ. މިޘާލަކަށް އެއީ ޤަޟާޙާޖަތް ކުރާ ތަނެއްވީމަ އެތަނުގައި ވުޟޫ ކުރެވޭ ހެއްޔެވެ؟ މިފަދަ ސަބަބެއް ނެތުމުން އެންމެހައި ބަސްތަކަށް ޝާމިލްކޮށް ޖަވާބުގައި އިޝާރާތް ކޮށްލާނަމެވެ. 

ފުރަތަމައީ : އަޚާ އެވެ. އިސްލާމީ ޝަރީޢަތް އައިސްފައިވަނީ އެންމެހައި ޙާލަތްތަކެއްގައި، އެންމެހައި ގޮތްތަކުން ލުއި ފަސޭހަ ދީނެއްގެ ގޮތުގަ އެވެ. الحمد لله އެވެ.

މި ޝަރީޢަތް އައިސްފައިވަނީ އިންސާނާ އެކިއެކި ވަސްވާސް ތަކާއި، ޚިޔާލުތަކާއި އަދި ވިސްނުންތަކުން އެއްބިވާނެ އަދި ދުރުކުރާނެ ދީނެއްގެ ގޮތުގަ އެވެ. އެގޮތުން  ދީނުގައި ކަނޑައެޅިފައިވާ ޤަވާޢިދުތަކުގައި ދެމިހުރުމުން މި ބަލިމަޑުކަމުން ސަލާމަތްވެދެ އެވެ. ބޭނުންވަނީ އިންސާނާ ޚަލްޤު ކުރެއްވި އެއިންސާނާގެ ޙަޔާތް އެންމެ މޮޅަށް ދެނެވޮޑިގެންވާ އިލާހު އެންމެ ފުރިހަމައަށް ކަނޑައަޅުއްވާފައިވާ ގޮތް ޚިޔާރުކޮށް ނަފްސާނީ ބަލިމަޑުކަމުން ސަލާމަތްވުންތޯ އެވެ؟

އެހެން ކަމުގައިވާނަމަ އެކަން އޮތީ ޝަރީޢަތުގަ އެވެ. އޭގައި ދެމި ނުހުރެއްޖެހިނދު ބޮޑުވެގެންވާ ވަބާއަކަށް ހުށަހެޅިގެން ދެ އެވެ. ދަންނަ އެވެ. ދީނުގައި ކަނޑައެޅިފައިވާ ޤަވާޢިދަކީ، ތަކެތީގެ އަޞްލަކީ ޠާހިރު ކަމެވެ.

ދަލީލެއް އެއީ ނަޖިސް އެއްޗެއް ގޮތުގައި ބަޔާން ވުމަށް ދާންދެން އެއީ ޠާހިރު އެއްޗެކެވެ.

ފޭރާންތައްވެސް އެފަދަ އެވެ. ނަޖިހެއް ފޭރާމުގައި ހުރިކަން ޔަޤީންވުމަށް ދާންދެން ފޭރާމަކީ ސާފު ފޭރާމެކެވެ.

ފަހެ، މި ޤަވާޢިދުތައް ދޫކޮށް ފަހަނައަޅައި ދިއުމުން ވަސްވާސްތަކާއި ޚިޔާލުތަކުގެ ތެރެއަށް ވަދެވި ޝައިޠާނާ އެމީހަކު އޭނާގެ ކަސްތޮޅުގެ ތެރެއަށް ވައްދަ އެވެ.

ފާޚާނައިގައި ވުޟޫ ނުކުރުމަށް ވިސްނިފައި އޮންނަ އެކައްޗަކީ، ފާޚާނައަކީ ކުޑަކަމު އަދި ބޮޑު ކަމުދާ ތަނެއް ކަމުގައިވުމުން އެތަން އެއީ ނަޖިސްތަނެއް ތަނެއް ކަމުގަ އެވެ.

އެހެނަސް އެތަނެއް އެއީ ނަޖިސްތަނެއްގެ ގޮތުގައި ކަނޑައެޅޭނީ ނަޖިސް އެތަނުގައި ހުރެއްޖެކަން ޔަޤީން ވުމުންނެވެ. 

ހަމައެފަދައިން އެއްބަޔަކަށް ވިސްނިފައި އޮންނަނީ ފާޚާނައިގައި އިސްކުރުން ނުވަތަ މާގަނޑުން ފެން ވެރި، އެފެން ފާޚާނައިގެ ބިމުގައި ޖެހުމުން އެ ނަޖިސްވީ އެވެ. ދެން އެ ފެން ބުރައިގެން ހަށިގަނޑު އަދި ފޭރާމުގައި ޖެހުމުން އެއީ ނަޖިސްވީ ކަމުގައި ދެކޭ ވިސްނުމެވެ.

މިއީ ހައްތަހާވެސް ޝައިޠާނާގެ ވަސްވާސްތަކާއި މީސްތަކުންނަށް އަޅުކަން ކުރުމަށް ދަތިކޮށް ބުރަ ކުރުމަށް އެ ޝައިޠާނާ ވައްދާފައިވާ އޮޅުންތަކެވެ.

ނަޖިސް   ފެންނަން ހުރެއްޖައުމަށް ދާންދެން މެނުވީ ފާޚާނައިގެ ބިން ނަޖިހެއް ނުވާނެ އެވެ. އެހެން ވުމުން ފެން ބިންމައްޗަށް ފައިބައި އެ ފެން ބުރައިގެން ގޮސް ހެދުމުގައި އަދި ހަށިގަނޑުގައި ޖެހުމުން އެއްވެސް މައްސަލައެއް ނެތެވެ. ގެއްލުމެއް ނުވެ އެވެ. 

ދެވަނައީ :  ވުޟޫ ކުރުމާއި މެދުގަ އެވެ. މި މައްސަލައިގައި ވަރަށް ގިނަ ޢިލްމުވެރިންގެ އަރިހުގައި ގިނަ ގުނަ ސުވާލުތަކެއް ކޮށްފައިވެ އެވެ. އޭގެ ބައެއް ޖަވާބު ޛިކުރު ކުރަމެވެ.

ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމިޓީން ދެއްވާފައިވާ ޖަވާބެކެވެ.

ސުވާލު : ފާޚާނައިގައި ހުރެ ވުޟޫ ކުރުމުގެ ޙުކުމަކީ ކޮބައިހެއްޔެވެ؟ ފާޚާނަ ތެރޭގައި ނަޖިސްތަކެއްހުރެފަ، އެ ނަޖިސްތަކެއްޗާއި އިސްކުރުން ފައިބައިފެނާއި ދެމެދު ހުރަހެއް (ފަރުދާ) ކުރެވިފައިވެއްޖެހިނދު، ވުޟޫ ކުރުން ހުއްދަހެއްޔެވެ؟ 

ޖަވާބު : އިސްކުރުން ފައިބާ ފެނާއި ނަޖިސްއާ ދެމެދު ފަރުދާއެއް ލެވިފައިވެ، އެގޮތުން އިސްކުރުން ފައިބާފެން އެ ނަޖިހުގައި ނުޖެހޭގޮތަށް ހަދައި، މާނައީ : ފެން ބިންޗައް ފައިބާހިނދު ބިންވަނީ ޠާހިރުތަކެއްގެ ގޮތުގަ އެވެ. އެހިނދު އެތަނަށް ފައިބާ ފެން ބިމުގައިޖެހިިފައި ހަށިގަނޑުގައި އަދި ފޭރާމުގައި ޖެހުމަކުން މައްސަލައެއް ނެތެވެ. 

ފާޚާނައިގައި ވުޟޫ ކުރުމުގެ ޙުކުމާއިމެދު الإمام العلامة ابن باز -رحمه الله- ވިދާޅުވެފައިވެ އެވެ. “ފާޚާނައިގައި ވުޟު ކުރުމަށް ޙާޖަތް ޖެހިގެން، ފާޚާނައިގައި ވުޟޫ ކުރުން މައްސަލައެއް ނެތެވެ. ………. އެހެނަސް ވުޟޫ ދުޢާ ކިޔާނީ ފާޚާނާއިން ނުކުތުމަށްފަހު އެވެ. ސަބަބަކީ އެއީ ޤަޟާ ޙާޖަތް ކުރެވޭ ތަނެއްގެ ގޮތުގައިވުމެވެ. އޭނާ ވުޟޫ ކޮށް އަވަދިވެ ނިމުމުން ފާޚާނައިން ނުކުތުމަށްފަހު ދުޢާ ކިޔާނީ އެވެ…”

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply