neyfai thorufumuge hukum

ޒީނަތްތެރި ވުމުގެ މަޤްޞަދުގައި އަންހެނުން ނޭފަތް ތޮރުފުމުގެ ޙުކުމަކީ ކޮބައިތޯއެވެ؟ 

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

އަންހެނުން ނޭފަތް ތޮރުފުމާއި މެދުގައި ފަހުގެ ދުވަސްތަކުގައި އުއްމަތް ދުށް އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސަޢުދީ ޢަރަބިއްޔާގެ ޢިލްމުވެރިޔާ الإمام العلامة اين العُثَيمِين -رحمه الله- ފަތުވާ ދެއްވާފައި އަދި މައްސަލަ ތަފްޞީލުކޮށްދެއްވާފައިވެ އެވެ.  

އެ ފަތުވާ މިތަނުގައި ޛިކުރު ކުރަމެވެ.  

ސުވާލު : ޒީނަތްތެރި ވުމުގެ މަޤްޞަދުގައި އަންހެން ދަރިފުޅުގެ ކަންފަތް ނުވަތަ ނޭފަތް ތޮރުފުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟ 

ޖަވާބު : ކަންފަތް ތޮރުފުމުގެ ޞައްޙަ ގޮތަކީ އެކަމުގައި މައްސަލައެއް ނެތުމެވެ. ސަބަބަކީ އެއީ ޒީނަތްތެރިވުމަށް ޤަސްދުކޮށް ގަހަނާ ބޭނުންކުރުމުގެ ވަޞީލަތުގެ ތެރޭގައި ހިމެނިގެންވާ ކަމެކެވެ. ހަމަކަށަވަރުން ޞަޙާބީންގެ އަނބިއަނބިކަނބަލުންގެ ކަންފަތުގައި ގަހަނާ (ޒީނަތްތެރިވުމަށް ކަންފަތުގައި އެލުވާފައި ހުންނަ އެކިއެކި ސިފަތަކުގެ ގަހަނާ) ބޭނުންކޮށްފައިވާކަން ޘާބިތުވެގެންވެ އެވެ. އަދި ކަންފަތް ތޮރުފުމުގައި ހަށިގަނޑަށް އަޅާ ވޭނަކީ އެކީ ވަރަށްވެސް ކުޑަ، އާދައިގެ ވޭނެކެވެ. އަދި ޅަފަތުގައި ކަންފަތް ތޮރުފައިފިނަމަ، ފަސޭހަވުން ވަރަށް އަވަސްވެދެވެ. 

އެހެނަސް ނޭފަތް ތޮރުފުމާއި ބެހޭގޮތުން : އަހަރެންނަށް ޢިލްމުގެ އަހުލުވެރިންގެ ކިބައިން މިކަމަށް އެއްވެސް ބަސްފުޅެއް ވިދާޅުވެފައިވާކަން ހަނދާނެއް ނުވެ އެވެ. އެހެނަސް އަހަރެން ދެކޭ ގޮތުގައި (ނޭފަތް ތޮރުފުމަކީ) އެއިން ގުނަވަން ޢަޢިބުވެ، ޚަލްޤު ކުރެވިފައިވާ ސިފައަށް އުނިކަން ލިބިފައި ހުންނަ ކަމެއް ގޮތުގަ އެވެ. އަދި ފަހަރެއްގައި އަހަރެމެން ނޫން އެހެން ފަރާތްތައް (އެހެން ޢިލްމުވެރިން) މިގޮތުގައި ދެކިވަޑައި ނުގަންނަވާފާނެ އެވެ. ފަހެ، އަންހެނާ އުޅޭ މުޖުތަމަޢު އަކީ ޒީނަތްތެރި ވުމުގެ ގޮތުން ނޭފަތުގައި ގަހަނާ ބޭނުންކުރާ މުޖުތަމަޢެއް ކަމުގައި ވާނަމަ ނޭފަތް ތޮރުފައި، ގަހަނާ އެޅުން މައްސަލައެއް ނެތެވެ. فتاوى المرأة المسلمة 2- 737 

ވުމުން، ޝެއިޚްގެ ފަތުވާގައި ބަޔާން ކޮށްފައިވާ ފަދައިން، ކަންފަތުގައި ގަހަނާ އެޅުން އެއީ ހުއްދަވެގެންވާކަމެއް ކަމުގައި ބަޔާންވެ އެވެ.  

އެއްވެސް ދަލީލެއް ނޭފަތުގައި ގަހަނާ އެޅުމާއި ބެހޭގޮތުން އައިސްފައި ނުވެ އެވެ.  

ނޭފަތް ތޮރުފުމަކީ އެ ގުނަވަން ޢައިބުވެގެންދާނެ ޢަމަލެއް ގޮތުގައި ވުމެވެ. ﷲ ތަޢާލާ ޚަލްޤު ކުރައްވާފައިވާ ސިފައަށް ބަދަލު އަންނަ ޢަމަލެއްގެ ގޮތުގައިވެ އެވެ.  

މުސްލިމުން ތެރޭގައި ޢާދަވެ، އެންމެ ކުރީއްސުރެން ފަށައިގެން ގަހަނާ އެޅުވޭ ތަނެއް ކަމުގައި ކަންފަތްވެ އެވެ. އެހެނަސް ނޭފަތެއް ނުވެ އެވެ.  

ފަހެ، ނޭފަތުގައި ގަހަނާ އަޅާ ފަރާތްތަކެއް ކަމުގައިވަނީ، ކާފަރުން ކަމުގައި ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. އެއީ އިސްލާމް ދީނާއި ޚިލާފް ދީންތަކުގެ އަހުލުވެރިންގެ ފަރާތުން ފާޅުވެގެންވާ ޢަމަލެއް ކަމުގައިވެ އެވެ. މިޘާލަކަށް ބުދުދީނާއި ހިންދޫންގެ ޢާދަކާދަ އެއް ކަމުގައިވުމެވެ. ފަހެ، އެބައިމީހުންގެ މި ޢާދަ މުސްލިމުން ނަގާފައިވުމެވެ.  

ފަހެ، މި ނުކުތާއިންވެސް މި ޢަމަލުން މުސްލިމުން ދުރުވުން އޮތްކަން ބަޔާންވެ އެވެ.  

މުޖުތަމަޢު ތަކުގައި ނޭފަތުގައި ގަހަނާ އެޅުން އެއީ ޢާންމުވެ ޢާދަވެފައިވާ ތަނެއް ކަމުގައިވެއްޖެހިނދު ޢިލްމުވެރިން ހުއްދަކުރައްވަ އެވެ.  

މި ސިފައަށް ބަލާލި ކަމުގައިވީނަމަވެސް ދިވެހި ރާއްޖޭގައި މިއީ ޢާންމުވެފައިވާ ޢާދައެއް ކަމުގައި ނުވެ އެވެ. އޭގެ ބަދލުގައި ވަރަށްވެސް ދީނާއި ދުރު، ދީނީ ޝިޢާރު ތަކާއި އަދި ދީނުގައި ލެވިފައިވާ ލަދުވެތިކަމާއި ޢިއްފަތްތެރިކަމުގެ ޢަމަލުން ދުރުވެގެންވާ ފަރާތްތަކުގެ ކިބައިން މެނުވީ މި ޢަމަލު ނުފެންނަ އެވެ.  

ވުމުން، އަޚާއަށް، އުޚްތާއަށް ނަޞޭހަތްތެރިވަނީ މި ޢަމަލުން ދުރުވުމެވެ.  

ފަހެ، ކަންފަތުގައި އެއްވެސް ކަހަލަ ގަހަނާއެއް އެޅުވުން ފިރިހެނުންނަށް ހުއްދަ އެއް ނުވާނެ އެވެ. ޙަރާމްވެގެންވާ ޢަމަލެކެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts