ކައިވެނީގެ ޙަފްލާއަށް ތައްޔާރު ކުރެވޭ ހެދުމުގެ ފަސްބައި ދިގުކޮށް ދޫކޮށްފައިވާ ފަދައިން ބެހެއްޓުމުގެ ޙުކުމަކީކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
ކައިވެނީގެ ޙަފްލާއަށް ތައްޔާރު ކުރެވޭ ހެދުމުގެ ސިފައާ ބެހޭގޮތުން ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.

އަޚާ އެވެ! އުޚްތާ އެވެ!

ޝަރީޢަތުގައި މުޢާމަލާތްތަކުގެ އަޞްލަކީ ހުއްދަވުން ކަމުގައިވީނަމަވެސް، ޝަރިޢަތުގައި ކަނޑައެޅިފައިވާ ޤަވާޢިދުތަކާއި އުޞޫލްތަކެއްވެ އެވެ.

އެގޮތުން ފޭރާމުގެ އަޞްލަކީވެސް އެ ފޭރާމެއް ހުއްދަވެގެން ވުމެވެ. އެހެނަސް އެ ފޭރާމުގައި މުސްލިމުންނަށް ނަހީ ކުރެވިގެންވާ ސިފަތަކާއި އަދި ޝަރުޢީ ގޮތުން މަނާވެގެންވާ ކަންކަން ހުރެއްޖެހިނދު އެއީ ﷲ އަށާއި ރަސޫލާއަށް ކިޔަމަންގަތުމުގައިވާ ފަރާތެއް ކަމުގައިވެއްޖެހިނދު، އެޢަމަލުތަކުން ދުރުވާނެކަން ކަށަވަރެވެ.

ކައިވެނީގެ މުނާޞަބަތަކީ، ޝައްކެތްވެސް ނުވާ ގޮތުގައި މުސްލިމެއްގެ ޙަޔާތުގައި ބައްދަލުކުރާނެ ޚާއްޞަ ދުވަހެކެވެ. އެ ގޮތުން އުފާ ފާޅު ކުރުމާއި، ކެއުމާއި ބުއިމާއި އަދި ޙަފްލާ (ވަލީމާ) ބޭއްވުން މިކަމުގައިވާ ސިފަތަކެވެ. އެހެނަސް ދަންނަންޖެހެ އެވެ.

1. މުސްލިމުންނަށް އެބައިމީހުންގެ ޢަމަލުތަކުގައި ކާފަރުންނާއި އެއްގޮތްވުމާއި އަދި ކާފަރުންނާއި އެއްވަތްތަރުވުން އަދި އެސިފަތަކުން ސިފަ ލިބިގަތުމަކީ ކަނޑައެޅިގެން ޙަރާމްވެގެންވާ ކަމެކެވެ.

އަދި އުއްމަތުގައި މިފަދައިން ކަންތައްތައް މެދުވެރިވާނެކަމުގެ ޚަބަރު މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެ އެވެ. (لتتبعُنَّ سَنَنَ من كان قبلَكم، شبرًا بشبرٍ وذراعًا بذراعٍ، حتى لو دخلوا جُحْرَ ضبٍّ تبعتُمُوهم) قلنا :يا رسولَ اللهِ، اليهودُ والنصارى؟ قال: فمَنْ) البُخَاري 7320

”ހަމަކަށަވަރުން ތިޔަބައިމީހުންނަށްވުރެ ކުރިން އިސްވެދިޔަ މީސްތަކުންގެ މަގުތަކަށް ތިޔަބައިމީހުން ތަބަޢަވާނެތެވެ. (އެއީ) ކައިވަކަތަށްފަހު ކައިވަތަކަށެވެ. އަދި މުށަކަށްފަހު މުށަކަށެވެ. އެފަދައިން ތަބަޢަވުމުންގޮސް، އެބައިމީހުން ޟޮއްބެއް އޮންނަ ހޮރަކަށް ވަތްކަމުގައި ވީނަމަވެސް، ތިޔަބައިމީހުން (އެ މީހުންނަށް ތަބަޢަވުމަށް) އެކަން ކުރާނެތެވެ. އެހިނދު ޞަޙާބީން ދެންނެވި އެވެ. ﷲގެ ރަސޫލާ އެވެ. (ތިޔަ ވިދާޅުވަނީ، މުސްލިމުން) ޔަހޫދީނަށް އަދި ނަޞާރާއިންނަށް ތަބަޢަވާނެ (ވާހަކަތޯ އެވެ؟) ޙަދީޘް ކުރެއްވި އެވެ. ފަހެ، އެނޫން ކޮންބައެއް ހެއްޔެވެ؟“

އަޚާ އެވެ! އުޚްތާއެވެ! ސުވާލެއް ކޮށްލުން ހުއްޓެވެ. މުސްލިމުން ކައިވެނީގެ ހެދުމުގެ ފަސްބައި އެފަދައިން ދިގުކޮށް ދޫކޮށްފައިވާ ފަދައިން ޢަމަލު ކުރީ އެބައިމީހުން އަމިއްލައަށް އެއީ ރީތި ސިފައެއް ކަމުގައި ދެކިގެން ހެއްޔެވެ؟ ނުވަތަ ޔަހޫދީން އަދި ނަޞާރާއިން އެކަން ކުރުމުން އެސިފަ އެބައިމީހުންގެ ފަރާތުން ހޯދައި ޢަމަލު ކުރީ ހެއްޔެވެ؟

ޖަވާބު ވަރަށް ސާފުކޮށް ފެންނާނެ އެވެ. ޝައްކެތްވެސް ނެތެވެ. މިއީ ކާފަރުންގެ މަގަކަށް އަދި ޢަމަލަކަށް ތަބަޢަވުމެވެ.

2. ކާފަރުންނާ ތަޝައްބުހުވުން މުސްލިމުންގެ މައްޗަށް ނަހީކުރެވިގެންވެ އެވެ. ނަބިއްޔާ ﷺ ޙަދީޘް ކުރެއްވި އެވެ. (من تَشبَّه بِقَوْمٍ فَهُو مِنهُم) ”ބަޔަކާއި ތަޝައްބުހު –އެއްވައްތަރު- ވެއްޖެ މީހާވަނީ އެބައެއްގެ ތެރެއިންނެވެ.“

ހެދުން ތަކުގައި ކާފަރުންނާއި އެއްވަތްތަރު ނުވުމަށާއި އަދި ކާފަރުން އެމީހުންގެ ޙަފްލާތަކާއި އަދި މުނާސަބަތު ތަކުގައި ބޭނުންކުރާ އެތަކެތި މުސްލިމުން ދުރުވުން ބަޔާން ކުރައްވައި، ސަޢުދީ ޢަރަބިއްޔާގެ މިވަޤުތުގައި ތިއްބެވި އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި ފަތުވާ ކޮމެޓީގެ މެންބަރު ޑރ. صالح الفَوزَان -حفظه الله- ވިދާޅުވެފައިވާ ފަތުވާއެއް މިތަނުގައި ބަޔާން ކުރަމެވެ. މި ސުވާލަކީ ގުރެޖުއޭޝަން ޙަފްލާތަކުގައި ބޭނުންކުރާ -ނަން- އާ ބެހޭ ގޮތުން ކޮށްފައިވާ ސުވާލެކެވެ.

ސުވާލު : ފަޟީލަތުއް ޝެއިޚް އެވެ. ﷲ ޝެއިޚްއަށް ތަޥްފީޤު ދެއްވާނދޭވެ. ޘާނަވީ ތަޢުލީމް ޙާޞިލްކޮށް ނިމޭ ބައެއް (އަންހެން) ދަރިވަރުން ޙަފްލާއެއް ބާއްވަ އެވެ. މި ޙަފްލާއަށް ކިޔަނީ ”ދަސްވެނިމުން“ ގެ ޙަފްލާ އެވެ. މި ޙަފްލާގައި ޚާއްޞަވެގެންވާ ޢަބާޔާއެއް (ކޮނޑުން ވައްޓާލާފައި އިންނަ، ޚާއްޞަ ހެދުމެއް) ބޭނުން ކުރެ އެވެ. އަދި އެ ޢަބާޔާގައި ހުރެ، ކިޔަވައިދިން މީހުންގެ ކުރިމަތިން ހިނގާފައި ދެ އެވެ. މިކަމުގައި މައްސަލައެއްވޭތޯ އެވެ؟

ޖަވާބު : ތިޔަ ހެދުމަކީ، ކާފަރު އަންހެނުންގެ ހެދުމާއި ތަޝައްބުހުވާނަމަ، ތިޔަ ހެދުން ހުއްދައެއް ނުވާނެ އެވެ. ކާފަރު އަންހެނުންގެ ހެދުމާއި އެއްވައްތަރުވުން ހުއްދައެއް ނުވާނެ އެވެ. (ޙަދީޘްގައި ވެ އެވެ.) ނަބިއްޔާ صلى الله عليه وسلم (من تَشبَّه بِقَوْمٍ فَهُو مِنهُم) ”ބަޔަކާއި ތަޝައްބުހު –އެއްވައްތަރު- ވެއްޖެ މީހާވަނީ އެބައެއްގެ ތެރެއިންނެވެ.“ އާއެކެވެ. ބޮޑަށް ބުރަވެވެނީ ތިޔައީ އެއްވައްތަރު، އެއްގޮތް ވުމެކެވެ. މިއީ ބުރަވާގޮތެވެ. ފަހެ އެގޮތުން، ނަޞާރާ އަންހެން ފާދިރީންގެ (NUN) ހެދުން ބޭނުންކުރެ އެވެ. ކުރިސްޓިއަން އަންހެން ފާދިރީންނެވެ. ތިޔަ ހެދުން އެތަނުން ނޫނީ ނާދެ އެވެ. އަހަރެމެންގެ ތެރެއަށް ތިޔަހެދުން އެމީހުންގެ ތެރެއިން ނޫނީ ނާދެ އެވެ. އަހަރެމެންގެ ތެރެއަށް ތިޔަ ހެދުން ގެނެވިފައިވަނީ އެމީހުންގެ ތެރެއިންނެވެ. (ޝެއިޚްގެ ފަތުވާ ނިމުނީ)

ވުމުން، މިއީ މިޒަމާނުގައި ކާފަރުންނާ އެއްވަތްރު ވެވޭ ފޭރާމެއް ގޮތުގައި ވުމުން، އެ ފޭރާމެއް މުސްލިމުންނަށް ހުއްދަވެގެން ނުވާ ކަމުގައިވާނަމަ، މުސްލިމުންނަށް ކައިވެނީގެ ޙަފްލާގައި އެތައް ފޫޓެއް އަދި އެތައް ފޮއްޗެއް ބޭނުންކޮށް ދިގުކޮށް ބިންމަތީގައި ދެމޭ ގޮތަށް ފަހާފައިވާ ފޭރާން ލެވޭނީ ކިހިނަކުން ހެއްޔެވެ؟ އެއީ ކާފަރުންނާ ތަޝައްބުހު ވުމުގެ ތެރެއަށް ނުވަންނާނެ ގޮތެއް އޮންނާނެ ހެއްޔެވެ؟

3. އަޚާއެވެ. އުޚްތާއެވެ! އިސްލާމް ދީނަކީ އެދީނެއްގައި މެދުމިންގަނޑު (ދަހިވެތިކަންވެސް އަދި އިސްރާފްވެސް) ޙަރާމްކުރައްވާފައިވާ ދީނެކެވެ. އެހެނަސް މެދު މިންގަޑެވެ. އެއްވެސް ބޭނުމެއް ނެތް ގޮތުގައި، އެއިން މަންފާއެއް ނެތް ގޮތުގައި، ފޮތި ތަކެއް މުދާތަކެއް ހޭދަކޮށް ބޭކާރު ގޮތުގައި ހޭދަކުރުން ހުއްދަވާނެ ހެއްޔެވެ؟

މުދާ ހަލާކުކޮށް ނައްތައި ބޭކާރު ކޮށްލުމުގެ ތެރެއިންނެވެ. ޞަޙީޙުގައި ވާރިދުވެގެންވާ ޙަދީޘެއްގައިވެ އެވެ. (إِنَّ اللَّهَ كَرِهَ لَكُمْ ثَلاثاً: قِيلَ وَقالَ، وَإضَاعَةَ المالِ، وَكَثْرَةَ السُّؤالِ) ”ހަމަކަށަވަރުން ތިޔަބައިމީހުންގެ މައްޗަށް ﷲ ތަޢާލާ 3 ކަމަކަށް ރުއްސަވާވޮޑި ނުގަންނަވަ އެވެ. (އޭގެ ތެރޭގައި) މުދާ ހަލާކުކޮށް ބޭކާރު ކޮށްލުންވެ އެވެ.“

ދެވަނައީ : ކާބޯތަކެތި ބޭނުން ނުކޮށް އެއްލާލުމަކީ އިސްރާފް ކުރުމުގެ ތެރެއަށް ވަންނާނެ ކަމެއް ކަން ދަންނަ އެވެ. އެއީ ﷲ ޙަރާމް ކުރައްވާފައިވާ ޢަމަލެއް ކަމުގައި ދަންނަންޖެހެ އެވެ. ﷲ ވަޙީ ކުރެއްވި އެވެ. (وَكُلُوا وَاشْرَبُوا وَلَا تُسْرِفُوا إِنَّهُ لَا يُحِبُّ الْمُسْرِفِينَ) الأعراف-31، ”ތިޔަބައިމީހުން ކާށެވެ. އަދި ބޯށެވެ. އިސްރާފް ނުކުރާށެވެ. ހަމަކަށަވަރުން އެ އިލާހު އިސްރާފް ކުރާ މީހުދެކެ އެ އިލާހު ލޯބިވެވޮޑިނުގަންނަވަ އެވެ.“

އަދިވެސް ﷲ ވަޙީކުރެއްވި އެވެ. (إِنَّ الْمُبَذِّرِينَ كَانُوا إِخْوَانَ الشَّيَاطِينِ ۖ وَكَانَ الشَّيْطَانُ لِرَبِّهِ كَفُورًا) الأعراف-31، ”ހަމަކަށަވަރުން، އިސްރާފް ކުރާ މީހުންނީ، ޝައިޠާނުންގެ އަޚުން ކަމުގައިވެ އެވެ. އަދި ޝައިޠާނާ، އޭނާގެ ވެރި އިލާހުއަށް ވަރަށް ބޮޑަށް ކާފަރު ވާ ކަމުގައިވިއެވެ.“

އަދިވެސް އެހެން ޙަދީޘެއްގައިވެ އެވެ. رسولُ اللهِ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. (كُلُوا واشرَبوا والبَسوا في غيرِ إسرافٍ ولا مَخيلةٍ) ”ތިޔަބައިމީހުން އިސްރާފް ކުރުމެއް އަދި ކިބުރުވެރިކަމެއް ނުވާ ގޮތުގަ ކައިބޮއިހަދައި އަދި ފޭރާންލާށެވެ.“ صحيح النسائي 2559

ހެދުން ތައްޔާރު ކުރުމުގައި މިއީ އިސްރާފެއް ނޫން ހެއްޔެވެ؟ ޝަރުޢީ ހަމަތަކުން މިއީ އިސްރާފް ކުރުން ކަމުގައި ނުވާނެ ހެއްޔެވެ؟ ހަޔާތުގައި ދެވަނަ ފަހަރަކަށް ބޭނުން ކުރާނޭ ފޭރާމެއް ކަމުގައިވެސް ގިނަފަހަރު ނުވާނެ އެވެ. އަދި އެންމެ ފަހަރު ބޭނުން ކުރުމަށް މިފަދައިން ކާފަރުންނާ އެއްގޮތްވެ އެއްވަތްތަރުވެ އަދި އޭގެ އިތުރަށް އިސްރާފެއް ކަމުގައިވެ އެވެ.

4. އަންހެނުންގެ ހެދުން ދިގު ކުރުމާއި މެދުގައި ނަބިއްޔާ ﷺ ގެ ނަބަވީ މަންހަޖެއްވެ އެވެ. އިމާމް الترمذي ، النسائي ރިވާކޮށްފައިވާ މި ޙަދީޘްގައިވެ އެވެ. ޞަޙާބީ ابْنِ عُمَرَ رضي الله عنهما ވިދާޅުވި އެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްފުޅު ކުރެއްވި އެވެ. ( مَنْ جَرَّ ثَوْبَهُ خُيَلَاءَ لَمْ يَنْظُرْ اللَّهُ إِلَيْهِ يَوْمَ الْقِيَامَةِ ) فَقَالَتْ أُمُّ سَلَمَةَ : فَكَيْفَ يَصْنَعْنَ النِّسَاءُ بِذُيُولِهِنَّ ؟ قَالَ :(يُرْخِينَ شِبْرًا) . فَقَالَتْ : إِذًا تَنْكَشِفُ أَقْدَامُهُنَّ ؟ قَالَ : (فَيُرْخِينَهُ ذِرَاعًا لَا يَزِدْنَ عَلَيْهِ) ”ބޮޑާވެރިކަމާއެކު އެމީހެއްގެ ފޭރާން (ބިންމަތީގައި ދަމާ މީހާ)އަށް ޤިޔާމަތް ދުވަހުގައި ﷲ ތަޢާލާ ބައްލަވައިވޮޑި ނުގަންނަވާނެ ތެވެ.“ ފަހެ، އެހިނދު (ނަބިއްޔާގެ އަނބިކަނބަލުން) أُمُّ سَلَمَةَ ވިދާޅުވި އެވެ. ”އަންހެނުން އެކަނަބލުންގެ ހެދުމުގެ ފަސްބަޔަށް ހަދާނީ ކިހިނެތްތޯ އެވެ؟“ ޙަދީޘްފުޅު ކުރެއްވި އެވެ. ”ތަނބިކަށްޓަށްވުރެ ކައިވަތެއް ތިރިކުރާށެވެ.“ އެހިނދު އެކަމަނާ ދެންނެވި އެވެ. ”އެހިނދުވެސް އެކަނބަލުންގެ ފައިތިލަ ފެންނާނެ އެވެ.“ ޙަދީޘް ކުރެއްވި އެވެ. ”މުށެއް މިންވަރު ތިރިކޮށްލާށެވެ. އަދި އެއަށްވުރެ ދިގު ނުކުރާށެވެ.“

މި ޙަދީޘް އިމާމް الألباني ޞައްޙަ ކުރެއްވި އެވެ.

ޙަދީޘްއިން ބަޔާންވެގެންވަނީ، ޝަރީޢަތުގައި ފަސްބައި ދިގުކުރުމަށް ކަނޑައެޅިފައިވާ މިންވަރެވެ. ފަހެ، ޝަރީޢަތުގައި ކަނޑައެޅިފައިވާ މިންގަނޑަށްވުރެ ދިގުކޮށްފައިވަނީ ދެއްކުންތެރިކަމާއި، ބޮޑާވެރިކަމުގައި ނުވީނަމަވެސް އަންހެނުންނަށް ކަމުގައިވީނަމަވެސް މިއީ ހުއްދަވެގެންވާނެ ޢަމަލެއް ކަމުގައި ނުވެ އެވެ.

ފަހެ، ޙަރާމް ކަމުގެ އިތުރަށް އަނެއް ޙަރާމް ކަމަކީ ބޮޑުވެގެންވާ ބޭކާރު، އަދި ބޮޑު އިސްރާފެއް ކަމުގައިވެސް މިކަމުގައިވާތީ އެވެ.

ދަންނައެވެ! މިކަންތައް ގިނަ މީސްތަކުން ކުރާ ޤަޞްދުކަމުގައި ވަނީ މީސްތަކުންނަށް ދެއްކުންތެރިކަމާއި، ތިމާމެންގެ މޮޅު އަދި ތަނަވަސްކަން ދެއްކުމުގެ ގޮތުގައި ބުނުމަކީ ދޮގަކަށް ނުވާނެ އެވެ.

ނުވަތަ މީސްތަކުންގެ ނަޟަރު އެކަމަށް ހުއްޓުވައި މީސްތަކުންނަށް ދެއްކުންތެރިކަމުގައިވެ އެވެ.

ނުވަތަ އެކަކަށް ވުރެ އަނެކަކު މިކަމުގައި ކުރިއަރައި ގޮސްފައިވާ ކަމާއި، އެގޮތުން ވާދަވެރިކަމުގައިވެ އެވެ.

ފަހެ، މިއީ ބޮޑާވެރި ކަމުގެ އެކިއެކި ސިފަތަކެވެ. ފަހެ، ޙަރާމް ކަމުގެ އިތުރަށް ބޮޑާވެރިކަން އޭގެ ތެރެއަށް ވަދެއްޖެހިނދު އެކަމުގެ ނުބައިކަމާއި ނުރައްކާގެ ކޮޅެއްނެތެވެ.

ވުމުން، ބޮޑާވެރި ކަމާއި ކިބުރުވެރި ކަމުގެ ސިފައިގެ މައްޗަށް އިންޒާރު ލިބިގަތުން ހުއްޓެވެ. އަދި ދީނުގައި ކަނޑައެޅިފައިވާ ޙުދޫދްގައި ދެމިތިބުމަށްވުރެ ރިވެތި ނަމޫނާއަކީ ކޮބައިތޯ އެވެ؟

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts