އަންހެން މީހާގެ ނަމާދާއި ފިރިހެން މީހާގެ ނަމާދު ތަފާތުވާނެތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:

ސުވާލުގައި ޛިކުރުކޮށްފައިވާ ފަދައިން އަންހެން މީހާގެ ނަމާދާއި ފިރިހެން މީހާގެ ނަމާދު ތަފާތުވާނެ ކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެފައި އެބަހުއްޓެވެ.

މިފަދައިން ތަފާތު ކުރާޢިލްމުވެރިންނަށް ސުންނަތުން އެއްވެސް ޞައްޙަ ދަލީލެއްް ވަނިކޮށް ނުދެކެމެވެ.

އެހެނަސް މި ޢިލްމުވެރިންގެ މައިގަނޑު ޙުއްޖަތަކީ ނަމާދުގައި އަންހެން މީހާއަށް ވީހާވެސް ނިވާކަން ބޮޑު ކުރުމަށްޓަކައި ބުއްދީގެ ގޮތުން ފާޅުކުރާ ރައުޔުތަކެވެ.

ސުވާލުގައި ޛިކުރު ކުރެވިގެންވާ ފަދައިން އަންހެން ބޭފުޅުން ނަމާދަށް އޮންނައިރު ފަލަމަސްގަނޑުގައި ބަނޑުޖެހޭ ފަދައިން އޮތުމަކީ މިފަދަ މިޘާލަކެވެ. އިމާމް الشافِعِي -رحمه الله- ލިޔުއްވި ފޮތް كتاب الأم ގައި އެއީ މުޞްތަޙައްބު ކަމެއް ކަމުގައި ވިދާޅުވެފައިވެ އެވެ.

އެހެނަސް މި ރައުޔު އަކީ އެދެވިގެންވާ ގޮތް ނޫންކަން އަންނަނިވި ނުކުތާތަކުގެ އަލީގައި ބަޔާންވެގެން ދެއެވެ.

1. އަންހެނުންނާއި ފިރިހެނުން ޝަރުޢުގެ ދަލީލުތަކުގައި ހަމަހަމަ ވެގެންވާކަން ބަޔާންވެގެންވާހިނދު، އެކަން ތަފާތު ކަމުގައި ބަޔާންކުރުމަށް އަޅާކިޔާލެވޭނެ ޙުއްޖަތެއް ކަމުގައި މި ޙުއްޖަތް ނުވެ އެވެ. އެހެނީ، މި އަޞްލުން އިސްތިސްނާވެވޭނީ ޝަރުޢީ ދަލީލަކުން އެ ދެފަރާތުގެ ދެމެދުގައި ތަފާތު ޘާބިތުވެއްޖެނަމަ އެވެ. މިތަނުގައި އެބޭކަލުން ފާޅުކޮށްފައިވާ ރައުޔުއަކީ އެފަދަ ދަލީލެއް ނޫނެވެ.

2. ނަމާދުގައި ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރެއްވި އެވެ. (صلو كما رأيتموني اصلي) ”ތިމަންނަބިއްޔާ ނަމާދުކުރަނިކޮށް ތިޔަބައިމީހުންނަށް ފެނިވަޑައިގެންނެވިގޮތަށް ތިޔަބައިމީހުން ނަމާދު ކުރާހުށި ކަމެވެ.“

މިއީ އަންހެނުންނާއި ފިރިހެނުންނަށް ޢާންމުވެ ޝާމިލްވެގެންވާ ދަލީލެކެވެ. މި ޙާދީޘްގެ ދިލާލަތުގައިވާ ޢާންމުކަން ޚާއްޞަކުރާނެ ވަރުގެ ޙުއްޖަތެއް ކަމުގައި މި ރައުޔު ނުވެ އެވެ.

3. އަންހެން މީހާގެ އަޞްލަކީ އެކަހެރިކޮށް، ފޮރުވިގެންވާ ޙާލުގައި ނަމާދު ކުރާ މީހެއް ކަމުގައިވުމެވެ. އެއްވެސް ޙާލެއްގައި ފިރިހެނުންގެ ޙާޟިރުގައި ފިރިހެނުންނަށް ފެންނަ ގޮތަށް ނަމާދުކުރާ މީހެއް ނޫނެވެ. އެހެންކަމުން މި ރައުޔަކީ ޝަރުޢުގައި އެހާބޮޑު މަޤްޞަދެއް ނުވަތަ މަޞްލަޙަތެއް އެކުލެވިގެންވާ ރައުޔެއް ކަމުގައި ނުވެ އެވެ. ވަކިން ޚާއްޞަކޮށް ޢާންމު ދަލީލުތަކާ ފުށޫއަރާހިނދުގަ އެވެ.

4. މިރައުޔުގެ މައްޗަށްވާ ޙިކުމަތަށް ބުރަވެ ބުނާނަމަ، ނަމާދުގައި އަންހެން މީހާ އަތްވެސް އުފުލުމެއް ނެތެވެ. އެހެނީ ސުވާލުގައި ޛިކުރު ކުރެވިގެންވާ ޞޫރައަށްވުރެ މި ޞޫރައިގައި ކަޝްފުވުން ގާތެވެ. ފަހެ، މި އެންމެހައި ނުކުތާތަކުގެ މައްޗަށް އަދި އެހެން ގޮތްތަކުންނާއެކު، މި މައްސަލައިގެ ޞައްޙަވެގެންވާ ރާޖިޙް ގޮތަކީ ފިރިހެނުން ނަމާދު ކުރާ ފަދައިން ތަފާތެއްނެތި ހަމަ އެބީދައިން އަންހެން މީހާވެސް ސަޖިދަ ކުރުމެވެ. މިއީ މި ޒަމާނުގެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ابن العُثَيمِين އަދި الألبَانِي -رحمهم الله- ފަދަ ޢިލްމުވެރިން އިޚްތިޔާރު ކުރައްވާފައިވާ ގޮތެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts