އެކަނި ނަމާދުކުރާ މީހާ ރޭއަޅުކަމުގުގައި އަޑުހަރުކޮށް ކިޔެވުމުގެ ޙުކުމަކީ ކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
ޖަވާބުގައި ބުނަމެވެ.

ނަމާދުތައް ވަނީ އެ ނަމާދުގައި ކިޔެވުމުގެ ސިފައިގައި ދެ ބަޔަކަށެވެ. އެއީ ސިއްރިއްޔަ ނަމާދާއި ޖަހްރިއްޔަ ނަމާދެވެ. ސިއްރިއްޔަ މާނައީ އަޑު މަޑުކޮށް ކިޔަވާ ނަމާދުތަކެވެ. މިޘާލަކަށް މެންދުރު ނަމާދު ޢަޞްރު ނަމާދެވެ. އެއަށްފަހު، ޖަހްރިއްޔަ ނަމާދެވެ. އެއީ އެނަމާދުތަކުގައި އަޑުހަރުކޮށް ކިޔަވާ ނަމާދުތަކެވެ. މިޘާލަކަށް މަޣްރިބް ޢިޝާ ދަމު ނަމާދުފަދަ އެވެ.

ފިޤުހު ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ޖަހުރިއްޔަ (އަޑުހަރުކޮށް ކިޔަވާ ނަމާދު) ތަކުގައި އަޑުހަރުކޮށް ކިޔުމާއި އަދި ސިއްރިއްޔަ (ސިއްރުން ކިޔަވާ ނަމާދުތަކުގައި) ސިއްރުން ކިޔުމަކީ އެއީ ސުންނަތް ކަމުގައި ޖުމްހޫރު ޢިލްމުވެރިން ވިދާޅުވެފައިވެ އެވެ. އެބޭކަލުންގެ ތެރޭގައި المالكية ، الشافعية ، الحنابلة ހިމެނި ވަޑައިގަންނަވަ އެވެ.. ޔަޢުނީ ސުންނަތަކީ މިފަދައިން ދެމިހުރުމެވެ. އިސްވެ ޛިކުރު ކުރެވުނު މަޛްހަބުގެ އަހުލުވެރިން ވިދާޅުވެފައިވެ އެވެ. ”ޖަހިރިއްޔަ ކިޔަވާހިނދު އަޑު ހަރުކޮށް ކިޔެވުން އިމާމް އަށް ސުންނަތްވެގެންވެ އެވެ. މިޘާލަކަށް ފަތިސް، ހުކުރު މަޣްރިބްގެ ފުރަތަމަ ދެރަކުޢަތް އަދި އިޝާގެ ފުރަތަމަ ދެރަކުޢަތް ފަދަ ނަމާދުތަކުގަ އެވެ…“

ދަންނަ އެވެ! ރޭނަގޑުގައި ނުވަތަ ރޭގަނަޑަށް ނިސްބަތްކޮށް ކުރެވޭ އެންމެހައި ސުންނަތް ނަމާދުތަކެއްގެ އަޞްލަކީ ބާރަށް ކިޔެވުމެވެ.

ފަހެ، އެހެންވުމުން ޖަމާޢަތުގައި ކުރާހިނދު، އިމާމް ބާރަށް ކިޔުން އެއީ ސުންނަތުގައި ވާރިދުވެގެންވާ ގޮތެވެ. އަދި ވަކިން އެކަނި ކުރާ މީހާއަށްވެސް ސުންނަތުގައިވަނީ މިފަދައިންނެވެ. ގޭގައި ނަމާދު ކުރާ އަންހެނުންނަށްވެސް މިފަދަ އެވެ.

ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ الإِمَام العَلاَّمة ابن بَاز ވިދާޅުވެފައިވެ އެވެ. ” އަންހެނުންނަށްވެސް މުޞްތަޙައްބުވެގެންވަނީ ޖަހްރިއްޔަ ނަމާދުތަކުގައި އަޑުހަރުކޮށް ކިޔެވުމެވެ. މިޘާލަކަށް ފަތިސްނަމާދާއި، ޢިޝާނަމާދާއި މަޣްރިބް ނަމާދުގެ ފުރަތަމަ ދެ ރަކުޢަތެވެ. ފިރިހެނުން އަޑުއުފުލައި ކިޔަވާފަދައިން އަންހެންމީހާއަށްވެސް މުޞްތަޙައްބުވެގެންވަނީ އަޑުއުފުލައި ކިޔެވުމެވެ. ހިލޭ ފިރިހެނުން ޙާޟިރުވެތިބެއްޖެހިނދު ފިޔަވަ އެވެ. އެހިނދު މޮޅުއިތުރުވެގެންވަނީ ވަންހަނާކޮށް (ފިރިހެނުންނަށް އަޑުނީވޭ ގޮތަށް) ކިޔެވުމެވެ.“

އެހެންވުމުން ޚުލާޞާއަކީ : ޖަހްރިއްޖަ ނަމާދެއް ކަމުގައިވާނަމަ، ޖަމާޢަތް ހަދައިގެން ކުރިއަސް ނުވަތަ އެކަނި ކުރި ކަމުގައިވިނަމަވެސް އޭނާއަށް ސުންނަތް ވެގެންވަނީ އަޑުހަރުކޮށް ކިޔެވުމެވެ. ފަހެ، މިއީ މިކަމުގައި މުޞްތަޙައްބުވެގެންވާ ގޮތެވެ.

ޖަވާބު އޮޅުންފިލައި، ސާފު ވެއްޖެކަމުގައި އުއްމީދު ކުރަމެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts