ގޭގައި ތަރާވީޙް ނަމާދު ކުރުން އެންމެ ރަނގަޅީ ކޮން ވަގުތެއްގައިތޯއެވެ؟
الحمد لله رب العالمين، والصلاة والسلام على رسول الله و على آله و صحبه أجمعين.
އަޚުންނޭވެ! މާޒީވެދިޔަ ރަމަޟާން މައްސަރުތަކުގައި މިސްކިތުގައި ޖަމާޢަތުގައި ތަރާވީޙް ކުރަމުން ދިޔަ ފަރާތެއް ގޮތުގައިވާނަމަ، މިފަދަ ޢުޛުވެރި ޙާލަތެއް ދިމާވުމުން ގޭގައި ނަމާދު ކުރާހިނދު، މިސްކިތުގައި، ޖަމާޢަތުގައިކުރި ޘަވާބު ލިބޭނެކަން ދަންނަ އެވެ. ނަބިއްޔާ ﷺ ޙަދީޘް ކުރެއްވި އެވެ. (إذا مَرِضَ العبد أو سافر كُتِبَ له مِثلُ ما كان يعمل مقيمًا صحيحًا) صحيح البخاري 2996
”އަޅަކު ބަލިވުމުން ނުވަތަ ދަތުރު ކުރަންޖެހުމުން (އޭގެ ކުރިން ޢާދަވެ ކުރަމުންދާ ޢަމަލުތައް ކުރުމަށް ނުކުޅަދާނަވުމުން) އޭނާ ރަށުގައި ޤާއިމްވެހުންނަހިނދު އަދި ޞިއްޙަތު ސަލަމާތް ޙާލުގައިވި ހިނދު ކުރަމުންދިޔަ ޢަމަލުތައް އޭނާއަށްޓަކައި ލިޔުއްވޭނެ އެވެ.“
މިއަދު މިވަނީ ޙާލަތު ދިމާވެ، ޞިއްޙަތާއި، ތަނަވަސް ޙާލުގައި މަސައްކަތް ކުރި އަހުލުވެރިންނަށް އެ އަޖުރު ލިބޭނެ ކަމުގެ އުފާވެރި ޙާލަތެވެ. الحمد لله އެވެ.
ސުވާލުގައި ބުނެފައިވާ ގޭގައި ނަމާދު ކުރާ މީހާއަށް ބުނަމެވެ. ތަރާވީޙް ނަމާދު އަދި ވިތުރީގެ 3 ރަކުޢަތް އެކުގައި 11 އަށް ރަކުޢަތަށް ކުރުން (2 ރަކުޢަތުން 2 ރަކުޢަތުން ސަލާމް ދެމުންގޮސް 8 ރަކުޢަތް ކުރުމަށްފަހު، 3 ރަކުޢަތް ވިތުރި) ކުރުމުގައި ދެމިހުންނާށެވެ. މިއީ މާތް ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތެވެ. މި ޢަދަދުގައި ހިފެހެއްޓުން ހުއްޓެވެ.
ވުމުން ގޭގައި ޖަމާޢަތް ހަދައިގެން ނަމާދު ކުރުން ވަކިން ކުރުމަށްވުރެ އެދެވިގެންވެ އެވެ. ބާރުއެޅިގެންވެ އެވެ. އަދި ހެޔޮކަން ބޮޑުވެގެންވެ އެވެ. އަނބިންނާއި ދަރިން އެކުގައި ޖަމާޢަތުގައި ނަމާދުކުރުން ހުއްޓެވެ.
الحافظ النووي -رحمه الله- ވިދާޅުވެފައިވެ އެވެ. ”އެންމެހައި ޢިލްމުވެރިން އިޖްމާޢުވެވަޑައިގެންފައިވާ ގޮތުގައި، ތަރާވީޙް ނަމާދަކީ ސުންނަތެކެވެ. އަދި ޖަމާޢަތުގައި ކުރުންވެސް އެކަނި ކުރުންވެސް ހުއްދަވެގެންވެ އެވެ. (އެންމެ) ޞައްޙަވެގެންވާ ގޮތަކީ އެންމެހައި ބޭކަލުން އިއްތިފާޤުވެގެންވާގޮތުގައި ޖަމާޢަތުގައި ކުރުން ހެޔޮކަން ބޮޑުވެގެންވެ އެވެ.“
ގޭގައި ކުރާ މީހާ ކުރާނީ ކޮންވަޤުތެއްގައި ހެއްޔެވެ.
މިސްކިތުގައި ޖަމާޢަތުގައި ނުކުރެވޭ މީހާއަށް، އެހިނދު އޭނާއަށް އެވަނީ ވަޤުތު ތަނަވަސްވެގެންނެވެ. އިރާކޮޅުގައި، މެދުދަމުގައި އަދި ފަހު ދަމުގައި ކުރުން އޭނާއަށް އިޚްތިޔާރު އެބަ އޮތެވެ. ލުއި ފަސޭހަ ވަޤުތު ހޯދައި ނަމާދު ކުރާށެވެ. އަދި ހަމައެފަދައިން އިރާކޮޅުގައި އެއްބައި ކޮށްފައި، އަނެއްބައި މެދު ދަމުގައި ކުރުންވެސް ހުއްދަވެގެންވެ އެވެ.
އެއާއެކުގައިވެސް އަޚުންނޭވެ! ގޭގައި ކުރާ މީހާއަށް އެންމެ ހެޔޮވެގެންވާ ގޮތްވެސް ވެ އެވެ. ނަބިއްޔާ ﷺ އަރިހުން ޘާބިތުވެގެންވާ ގޮތުގައި ﷲ ގެ ޙަޟުރަތުގައި އެންމެ ލޮބުވެރިކަން ބޮޑުވެގެންވަނީ ދާޥޫދް -عليه السلام- ގެ ނަމާދެވެ.
ޞަޙީހު مسلم ١١٥٩ ގައި ރިވާވެގެންވެ އެވެ. وَأَحَبُّ الصَّلَاةِ إلى اللهِ عَزَّ وَجَلَّ، صَلَاةُ دَاوُدَ عليه السَّلَام، كانَ يَرْقُدُ شَطْرَ اللَّيْلِ، ثُمَّ يَقُومُ، ثُمَّ يَرْقُدُ آخِرَهُ، يَقُومُ ثُلُثَ اللَّيْلِ بَعْدَ شَطْرِهِ. ”ﷲ ގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަން އިތުރުވެގެންވާ ނަމާދަކީ (ސުންނަތް ނަމާދަކީ) دَاوُدَ عليه السَّلَام ގެ ނަމާދެވެ. ރޭގަނޑުގެ ދެބައިކުޅަ އެއްބައިގައި އަވަހާރަފުޅު ލެއްޕެވުމަށްފަހު ދެން ނަމާދުކުރައްވަ އެވެ. ދެން އެއަށްފަހު އަވަހާރަފުޅު ލައްޕަވަ އެވެ. ފަހެ، ޤިޔާމަށް (ނަމާދުގައި ހުންނަވަނީ) ރޭގަނޑު ދެބައިވުމަށްފަހު، ރޭގަނޑުގެ ތިންބައިކުޅަ އެއްބައިގަ އެވެ.
ފަހެ، ގޭގައި މިފަދައިން ނަމާދުކޮށްފި މީހާއަށް ހުރި ހެޔޮކަމެއްގެ ބޮޑު ކަމާ އެވެ. والله أعلم.
و صلى الله على نبينا محمد و على آله و صحبه وسلم.