ދަތުރުވެރިޔާއަށް ސުންނަތްވެގެންވަނީ ސުންނަތް ނަމާދުތައް ދޫކޮށްލުންތޯއެެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ސުވާލުގައި ބަޔާންކޮށްފައިވަނީ، ދަތުރުވެރިއެއްގެ ގޮތުގައިވާ މީހަކު ސުންނަތް ނަމާދު ކުރުމާއި މެދުގަ އެވެ.  

ސުންނަތް ނަމާދުތަކުގެ ތެރޭގައި ރަވާތިބު ސުންނަތްތަކާއި އަދި އެހެނިހެން ސުންނަތް ނަމާދުތައްވެސް ވެ އެވެ. 

ސުވާލުގައި ދެބަޔަކަށް ޖަވާބު ދެމެވެ.  

ފުރަތަމައީ : 

ތިޔަ ކޮށްފައިވާ ސުވާލަށް ވަރަށްވެސް ފުރިހަމަ ތަފްޞީލީ ޖަވާބެއް މި ޒަމާނުގައި ފާޅުވި އެންމެ ބޮޑެތި ފިޤުހު ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސަޢުދީ ޢަރަބިއްޔާއަށް ފާޅުވި އިމާމް العلامة محمد بن صَالح العُثَيمِين -رحمه الله- ދެއްވާފައިވެ އެވެ.  

އެ ފަތުވާ މިތަނުގައި ޛިކުރު ކުރަމެވެ.  

ސުވާލު : ޝެއިޚްގެ ކުރިފުޅުމަތީގައިވާ މީހުންގެ ތެރެއިން ގިނަ މީހުންނަކީ ދަތުރުވެރިންނެވެ. ފަހެ، އަހަރެމެންނަށް ހެޔޮކަން ބޮޑުވެގެންވަނީ ކޮން ގޮތެއް ހެއްްޔެވެ؟ (ފަރުޟު) ނަމާދުގެ ކުރިން އަދި ފަހުން ކުރުމަށް ވާރިދުވެގެންވާ ސުންނަތްތައް ކުރުން ހެއްްޔެވެ؟ ނުވަތަ އަހަރެމެން ބޭނުންވާ ސުންނަތް ނަމާދުތައް ކުރެވޭނެ ހެއްްޔެވެ؟ ނުވަތަ ހެޔޮކަން ބޮޑުވެގެންވަނީ ވިތުރި އަދި ފަތިސް ނަމާދުގެ ސުންނަތް ފިޔަވައި އެހެން އެއްވެސް ސުންނަތް ނަމާދެއް ނުކުރުން ތޯ އެވެ؟ 

ޖަވާބު : އެންމެހައި ސުންނަތް ނަމާދުތަކަކީ ދަތުރުވެރިޔާގެ ޙައްޤުގައި ސުންނަތްވެގެންވާ ކަމެކެވެ. އެގޮތުން ރޭއަޅުކަމާއި، ޟުޙާ ނަމާދުގެ ދެ ރަކުޢަތާއި، އިސްތިޚާރާ ނަމާދުފަދަ ނަމާދުތަކެވެ. އެހެނަސް އޭގެއިން އިސްތިސްނާ ވެގެންވަނީ މެންދުރު ނަމާދުގެ ރަވާތިބު ސުންނަތްތަކާއި، މަޣްރިބް ނަމާދުގެ ރަވާތިބް ސުންނަތާއި ޢިޝާނަމާދުގެ ރަވާތިބް ސުންނަތް އެކަންޏެވެ. އެހެނިހެން ސުންނަތް ނަމާދުތައް ކުރުން އޭނާއަށް ޝަރުޢުވެގެންވެ އެވެ.  ފަހެ، ސުންނަތުގައި ވާރިދުވެގެންވަނީ ދަތުރުވެރިޔާ މި ރަވާތިބް ސުންނަތްތައް އެކަނި ނުކުރުމެވެ.  

ދެންފަހެ، އެހެނިހެން ސުންނަތްތައް، ގެނެސްގަތުން އޭނާއަށް ޙައްޤުވެގެންވެ އެވެ. ޝަރުޢުވެގެންވެ އެވެ.  

ސަބަބަކީ، ސުންނަތުގައި މި ތިން ނަމާދުގެ ރަވާތިބްތައް ދޫކޮށްލުން މެނުވީ ވާރިދުވެގެންނުވެ އެވެ. މި ނޫން ސުންނަތް ނަމާދުތައް އޭގެ އަޞްލުގައި އޮތްގޮތަށް ޝަރުޢުވެ ދެމިއޮންނާނެ އެވެ.  

އަދި އެއާއެކު، އިންސާނާ މި ޙުރުމަތްތެރިވެގެންވާ މިސްކިތް (މަސްޖިދުލް ޙަރާމްގައި) ސުންނަތް ނަމާދުކުރުން އިތުރު ކުރުމުގައި ދެމިހުރުމަކީ އޭގައި މައްސަލައެއް އޮތްކަމެއް ނޫނެވެ.  

އަދި އެއީ ސުންނަތާއި ޚިލާފް ކަމެއްކަމުގައި ބުނެގެން ނުވާނެ އެވެ. ބައެއް މީހުން ސުންނަތް ނަމާދުތައް (މަސްޖިދުލް ޙަރާމް) ގައި ދޫކޮށްލުމަށް (އެކަމުގެ މަތިން) ޢުޛުރުވެރިވެ އެވެ. އެބައިމީހުން ބުނެ އުޅެ އެވެ. ”ތިމަންނަ ސުންނަތް ނަމާދުތައް ދޫކޮށްލަން ލޯބި ނުކުރަމެވެ.“ އެހިނދު އަހަރެމެން ބުނަމެވެ. ދޫކޮށް ނުލާށެވެ. އެހެނަސް، ވަކި ޚާއްޞަވެގެންވާ ރަވާތިބު ސުންނަތްތަކެއް، އެއީ މެންދުރު ނަމާދާއި، މަޣްރިބް އަދި ޢިޝާ ނަމާދާއި ގުޅިފައިވާ ރަކްޢަތްތައް ދަތުރުވެރިޔާ ދޫކޮށްލުން ހެޔޮކަން ބޮޑުވެގެންވެ އެވެ. މީގެ މާނައަކީ ތިބާ ސުންނަތް ނަމާދުތައް ނުކުރާށޭ ނޫނެވެ. އެހެނަސް ތިބާ ކުރަން ބޭނުންވާ ސުންނަތް ނަމާދުތައް ކުރާށެވެ.“ ފަތުވާ ނަގާފައިވަނީ : فتاوى الحرم المكي  

ވުމުން، ދަތުރުވެރިން އެބައިމީހުންގެ ދަތުރުގައި ދޫކޮށްލުން އޮތް ސުންނަތް ތަކަކީ، މެންދުރު ނަމާދުގެ ރަވާތިބު، މަޣްރިބް ނަމާދުގެ ރަވާތިބް އަދި ޢިޝާ ނަމާދުގެ ރަވާތިބް ސުންނަތެވެ.  

އެހެނަސް ފަތިސް ނަމާދުގެ ރަވާތިބް ކުރުން އޭނާއަށް ސުންނަތްވެގެންވެ އެވެ. އަދި ވިތުރި ނަމާދުވެސް އޭނާއަށް ދަތުރު މަތީގައި ކުރުން ސުންނަތްވެގެންވެ އެވެ.  

ފަހެ، ނަބިއްޔާ صلى الله عليه وسلم ދަތުރު މަތީގައި ނުކުރައްވާ ދޫކުރެއްވި ސުންނަތްތަކަކީ މިއެވެ. އެހެން ސުންނަތްތައް ކުރުމަކީ އޭނާގެ ޙައްޤުގައިވެސް ސުންނަތް ވެގެންވެ އެވެ. ނުވަތަ އެދެވިގެންވެ އެވެ.  

އަދި ހަމައެފަދައިން މުޠްލަޤް ސުންނަތް (ވަކި ޚާއްޞަ ނަމާދެއް ގޮތުގައި ނުވާގޮތުގައި، ﷲ ގެ ވަޖްހުފުޅަށް އެދިގެން 2 ރަކުޢަތުން ދެރަކުޢަތުން، ނަމާދުކުރުން) ނަމާދު ކުރުންވެސް ދަތުރުވެރިޔާއަށްވެ އެވެ. 

ވުމުން ސުވާލު ކުރި ފަރާތަށް ދަތުރުވެރިޔާގެ ޙައްޤުގައި އޭނާއަށް ދޫކޮށްލުމަށް ކަނޑައެޅިފައިވާ ސުންނަތް ނަމާދުތައް ބަޔާންވެއްޖެ އެވެ.   

ދެވަނައީ :  

ދެން އޮތީ، ޤަޞްރުކޮށް އަދި ޖަމްޢުކޮށް ކުރާހިނދު އޭނާއަށް މި ސުންނަތްތައް ކުރާނީ ކިހިނަކުން ހެއްޔެވެ؟   

ފަތިސް ނަމާދަކީ އެއްވެސް އެހެން ނަމާދަކާ ޖަމްޢު ކުރާ ނަމާދެއް ކަމުގައި ނުވެ އެވެ. އަދި ޤަޞްރުވެސް ކުރެވޭނެ ނަމާދެއް ކަމުގައި ނުވެ އެވެ. ވުމުން ފަތިސް ނަމާދުގެ އިހު ސުންނަތް ކުރުމުގައި އެފަދަ އެއްވެސް އޮޅުމެއް ނުވެ އެވެ.  

ދުވާލުގެ ދެ ނަމާދު ޖަމަޢަކޮށް ކުރުމެވެ. އެ ގޮތުން މެންދުރު ނަމާދާއި އަޞްރު ނަމާދު ޖަމްޢުކޮށް ކޮށްލުމެވެ.  

ސުވާލުގެ ފުރަތަމަ ބައިގައި، ދަތުރުވެރިޔާއަށް އޭނާ ދަތުރު މަތީގައި ދޫކޮށްލުމަށް ކަނޑައެޅިފައިވާ ސުންނަތް ނަމާދު ތަކުގެ ތެރޭގައި މެންދުރު ނަމާދުތެ ރަވާތިބް އަދި މަޣްރިބް ނަމާދުގެ ރަވާތިބް އަދި ޢިޝާ ނަމާދުގެ ރަވާތިބްވެ އެވެ.  

ވުމުން، ޤަޞްރުކޮށް ޖަމްޢުކޮށް ކުރުމުގައި މި ސުންނަތް ނަމާދުތައް ދޫކޮށްލާ މީހާއަކީ، އޭނާއަށް ދަތުރުވެރިއެއްގެ ގޮތުގައި ލިބިދީފައިވާ ލުއި ކަންތައްތަކުގެ ތެރެއިން ލުއެކެވެ.  

އެއަށްފަހުގައި، ވިތުރި ނަމާދެވެ. ފަހެ، މި ނަމާދު ކުރުން އޭނާއަށް ތަނަވަސް ވަޤުތެއްވެ އެވެ. އެއީ، ޢިޝާ ނަމާދުކޮށް އަވަދި ވުމުގެ ވަޤުތުން ފަށައިގެން ފަތިސް ނަމާދުގެ ވަޤުތު ވަނުމާއި ދެމެދުގަ އެވެ.  

އެގޮތުން މަޣްރިބް ގަޑީގައި މަޣްރިބް ނަމާދާއި އެކު ދަތުރުވެރިއެއްގެ ގޮތުގައިވުމުން އިޝާނަމާދު ޖަމްޢުކޮށް ކުރީ އެވެ. ފަހެ، އެހިނދު އެއީ (މަޣްރިބް ނަމާދުގެ ވަޤުތުގެ ތެރޭގައި ވީނަމަވެސް) ޢިޝާނަމާދު ކޮށްފައި ވުމުން ވިތުރި ކުރުން އޭނާއަށް ހުއްދަވެގެންވެ އެވެ.  

އަދިވެސް ބުނަމެވެ. ސުންނަތް ނަމާދު ކުރުން ހުއްދަ އެންމެހައި ގަޑި ތަކުގައި ދަތުރުވެރިޔާއަށް މުޠްލަޤް ސުންނަތް (ﷲ އަށްޓަކައި 2 ރަކުޢަތް ނަމާދު ގޮތުގައި ނަމާދުކުރުން) ހުއްދަވެގެންވެ އެވެ.  

ދަތުރުވެރިއެއްގެ ގޮތުގައިވެ، ނަބިއްޔާ صلى الله عليه وسلم ދޫކުރެއްވި ސުންނަތްތައް ފިޔަވައި އެހެނިހެން ސުންނަތްތައް ދަތުރުވެރިޔާއަށްވެސް ކުރުން ވެ އެވެ. ޟުޙާ ނަމާދު އަދި ރޭ އަޅުކަންވެސް އޭގެ ތެރޭގައި ހިމެނެ އެވެ.  

މައްސަލަ އޮޅުން ފިލައިފިކަމުގައި އުއްމީދު ކުރަމެވެ.  

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts