ޤަޟާ ކުރަން ޖެހިފައިވާ ރޯދަ ހުއްޓާ ރަމަޟާން މަސް ބައްދަލުކުރާ މީހާ ޢަމަލުކުރާނީ ކިހިނެއްތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
ދޫކޮށްފައިވާ ރޯދަ ނުވަތަ ޤަޟާ ކުރަން ޖެހިފައިވާ ރޯދަ ހުއްޓާ ރަމަޟާން މަސް ބައްދަލުކުރާ މީހާ ޢަމަލުކުރާނީ ކިހިނެއްތޯއެވެ؟
ގެއްލިފައިވާ ރޯދަ ނުވަތަ ޤަޟާ ކުރަން ޖެހިފައިވާ ރޯދަ ހުރީ 2 ބަޔަކަށެވެ.
ފުރަތަމައީ :
ޢުޛުރުވެރި ޙާލުގައިވެ ރަމަޟާން މައްސަރު ބައްދަލުކޮށް ރޯދަ ހިފުމުގެ ކުޅަދާނަކަމެއް ލިބިފައި ނުވާ މީހާ އެވެ. އެގޮތުން ބަލި ޙާލަތެއް މެދުވެރިވެ އެމީހަކަށް ރަމަޟާން މަހުގެ ރޯދަ ހިފުމުގެ ކުޅަދާނަކަމެއް ލިބިގެން ނުވުމެވެ. ނުވަތަ އެ ގޮތުގައި ބަލީގައި ހުރެ އަނެއް ރަމަޟާން މަސް ބައްދަލުކުރީ އެވެ.
އެހެނަސް އެ ބަލިން ސަލަމާތްވެ ރަނގަޅުވުމުގެ އުއްމީދު އެމީހަކަށް އެބަ އޮތެވެ.
އެހެން ކަމުގައިވާނަމަ، ރަމަޟާން މައްސަރުގައި ރޯދަ ދޫކުރުމަށްފަހު، އެ ދިމާވެފައިވާ ޢުޛުރު ނުވަތަ ބަލިން ސަލާމަތްވުމުން، ރޯދަތައް ޤަޟާ ކުރާނީ އެވެ.
މިފަދަ މީހާއަށް މިކަމުގައި އެއްވެސް މައްސަލައެއް ނެތެވެ.
އެބަހީ : ރަމަޟާން މަހުގެ ރޯދަތައް ދޫކުރީ ޢުޛުރުވެރި ޙާލަތެއް މެދުވެރި ހުއްދަވެގެންވާ ގޮތުގަ އެވެ. އަދި އެ ޢުޛުރެއް ފިލައި ދިއުމުން ރޯދަތައް ޤަޟާ ކުރާނީ އެވެ.
އެ ގޮތުން ފަހަރެއްގައި، ރަމަޟާން މަހުގެ ރޯދަތައް އެއްމަސް ފަހުން ނުވަތަ ދެ މަސް ނުވަތަ ތިން މަސް ފަހުންވެސް ހިފިދާނެ އެވެ. ނުވަތަ އެއަށްވުރެންވެސް ލަސްވެދާނެ އެވެ.
އެހެނަސް، މިފަދައިން ލަސްވި ކަމުގައިވީނަމަވެސް ކުށެއް ނެތެވެ. ސަބަބަކީ އެމީހާވަނީ ޢުޛުރުވެރި ޙާލަތުގަ އެވެ.
ބަލިވެގެން ދޫކުރި ކޮންމެ ރޯދައަށް ރޯދައެއް ހިފާނީ އެވެ.
މި ޢަމަލު ނޫން އެހެން އެއްވެސް ޢަމަލެއް މި މީހާގެ މައްޗަކަށް ނުވެ އެވެ.
މިކަމުގެ ދަލީލަކީ ﷲގެ ވަޙީބަސްފުޅެވެ. (فَمَن كَانَ مِنكُم مَّرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ) ”ފަހެ، ތިޔަބައިމީހުންގެ ތެރޭގައިވާ ބަލިމީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ، ރަމަޟާން މަހުގެ ރޯދަތައް ދޫކުރުމުން -އެބަހީ : އެ ޢުޛުރުވެރި ޙާލަތާއި ބައްދަލުކޮށް ރޯދަ ދޫކޮށްފިހިނދު- އެ ޢަދަދަށް އެހެން ދުވަސްތަކެއްގައި ރޯދަ ޤަޟާކުރުން ހުއްޓެވެ.“
ދެވަނަ ޙާލަތަކީ :
އެމީހަކު ޢުޛުރުވެރި ޙާލަތު މެދުވެރިވެ ރޯދަ ދޫކުރި މީހެކެވެ. އަދި އެބަލިން ޝިފާލިބި، ދޫކުރި ރޯދަތައް ޤަޟާ ކުރުމަށްޓަކައި ފުރުސަތު ލިބުނު މީހާ އެވެ. ފުރުސަތު ލިބުނު ކަމުގައިވީނަމަވެސް އެމީހަކުވަނީ، ފަރުވާކުޑަކޮށް ރޯދަ ނުހިފަ އެވެ.
އަދި މި ގޮތުގައި ހުއްޓާ އަނެއް ރަމަޟާން މަސް ބައްދަލު ކުރެ އެވެ.
މިފަދަ މީހާގެ މައްޗަށް އޮތީ، ބައްދަލު ކުރި ރަމަޟާން މަހުގެ ރޯދަތައް ހިފުމެވެ. އަދި ރަމޟާން މަހުގެ ރޯދަތައް ހިފުމަށްފަހު، ކުރިން ބައްދަލުކުރި ރަމަޟާން މަހުގެ ރޯދަތައް ޤަޟާ ކުރުމެވެ.
އޭނާއަށްވެސް އޮތީ ރޯދައަކަށް ރޯދައެއް ޤަޟާ ކުރުމެވެ. ފަރުވާކުޑަކޮށް އިހުމާލުވެ، އަނެއް އަހަރުގެ ރަމަޟާން މަސް ބައްދަލުކުރިހިނދު ރޯދަ ނުހިފައި ހުރުމުގެ ސަބަބުން ޤަޟާ ކުރަންޖެހޭ ރޯދައިގެ ޢަދަދަށް އިތުރެއް ނުވާނެ އެވެ.
އެހެނަސް ދަންނަންޖެހެ އެވެ.
މި މީހާވަނީ އޭނާ އަދާކުރުމަށްއޮތް ފަރުޟު ރޯދަތަކުގެ މައްޗަށް ފަރުވާކުޑަ ކޮށްފަ އެވެ. މިފަދައިން ފަރުވާކުޑަކޮށްފައި ވުމުން އެކަމަށް ކައްފާރާ ދިނުންވެ އެވެ. މި ޒަމާނުގައި ބޭނުން ކުރާ ހަނޑުލުގެ ގޮތުން އެއީ ކޮންމެ ރޯދައަކަށް 1.5 ކިލޯ ހަނޑޫ ނެރުމެވެ. ވުމުން، ނުހިފައި ފަރުވާކުޑަކޮށް އަނެއް އަހަރާއި ބައްދަލު ކުރުމުގެ ސަބަބުން ކޮންމެ ރޯދައެއް ހިފައި އަދި ކޮންމެ ރޯދައަށް މިސްކީނަކަށް ކާންދިނުން ހުއްޓެވެ. އެއީ ކޮންމެ ރޯދައަކަށް 1.5 ކިލޯ ހަނޑުލެވެ.
މިޘާލަކަށް އޭނާ މިފަދައިން ދޫކޮށްފައިވަނީ 5 ރޯދަ އެވެ. އެހެން ވުމުން 5 ރޯދަ ޤަޟާ ކުރުމާއި އެކު، 5 މިސްކީނުންނަށް ކާން ދިނުމެވެ. އެއީ ޞާޢުގެ ދެބައިކުޅަ އެއްބައެވެ. އެއީ ހަނޑުލުން ބަލައިފިނަމަ 1.5 ކިލޯ ޤްރާމެވެ.
ސަބަބަކީ މިފަދައިން ޞަޙާބީ ابن عبَّاس -رضي الله عنهما- ވިދާޅުވެފައި ވުމެވެ. ابن عباس އަރިއަހުގައި ކުރީގެ ރަމަޟާން މައްސަރުގެ ރޯދަ ޤަޟާން ކުރަންޖެހިފައިވާ މީހަކު އެ ރޯދަތައް ޤަޟާ ނުކުރެވެނީސް އަނެއް ރަމަޟާން މައްސަރު ބައްދަލުކޮށްފި މީހާގެ މައްޗަށްއޮތީ ކިހިނެތްތޯ ސުވާލު ކުރެވުނެވެ. އެހިނދު ވިދާޅުވި އެވެ.
(يصوم هذا الذي أدركه، ويصوم الذي عليه، ويطعم لكل يوم مسكيناً نصف صاع) ”ރަމަޟާން މައްސަރު ބައްދަލު ކުރުމުގެ ކުރިން ލިބޭ ދުވަސްތަކުގައި އެ ރޯދަތައް ޤަޟާކުރާށެވެ. އަދި (ރަމަޟާން މައްސަރުގެ ކުރިން) ޤަޟާ ނުކުރެވުނު ރޯދަތައްވެސް ހިފަންޖެހޭނެ އެވެ. އަދި އެއިން ކޮންމެ ރޯދައަކަށް މިސްކީނަކަށް ކާންދޭންޖެހޭނެ އެވެ. އެއީ ޞާޢުއެއްގެ ދެބައިކުޅަ އެއްބައި މިންވަރެވެ.“
އަދި މިފަދައިން އެހެނިހެން ޞަޙާބީންވެސް ފަތުވާ ދެއްވާފައިވެ އެވެ. އެބަހީ : އެމީހެއްގެ ފަރުވާ ކުޑަ ވުމާއި އަޅާލުން ކުޑަވުމުގެ ސަބަބުން ޤަޟާކުރަން ޖެހޭ ރޯދަތައް ނުހިފައި ދެވަނަ ރަމަޟާން މައްސަރާއި ބައްދަލު ކުރި މީހާ ޢަމަލު ކުރުން އޮތީ މިފަދައިންނެވެ.
މަދީނާގެ ޢިލްމުވެރިން ތެރޭގައި ހިމެނިވަޑައިގަންނަވާ الشَّيْخ د. عَرَفَات بن حَسَن المُحمدي حفظه الله ވިދާޅުވެފައިވެ އެވެ.
ސުވާލު : އަހަރެމެންގެ ޝެއިޚް އެވެ. އަންހެނަކު ސުވާލުކޮށް ބުނެ އެވެ. ފާއިތުވީ ރަމަޟާން މަހުގައި ގެއްލުނު ރޯދަތަކެއް ހުއްޓައި، މާބަނޑު ޙާލަތާއި ބައްދަލު ވެއްޖެ އެވެ. ނުހިފައިހުރި ރޯދަތަކަށް ޢަމަލު ކުރާނީ ކިހިނަކުން ހެއްޔެވެ؟
ޝެއިޚް ވިދާޅުވި އެވެ. ގެއްލުނު ރޯދަތައް ގެއްލުނީ ކޮން ސަބަބަކާހެދި ހެއްޔެވެ؟
ސުވާލު ކުރާ މީހާ : ޙައިޟުގެ ދުވަސްތައް ދިމާވުމުން ގެއްލުނު ރޯދަތަކެވެ.
ޝެއިޚް ވިދާޅުވި އެވެ. އެ ރޯދަތައް ހިފުމަށް ލަސްކޮށްފައިވަނީ ކީއްވެ ހެއްޔެވެ؟
ސުވާލު ކުރާ މީހާ : ރަމަޟާން މަސް އައުމުގެ ކުރިން ހިފޭނެކަމަށް ދެކިގެން ރޯދަ ޤަޟާކުރުމަށް އަވަސްވެނުގަތީ އެވެ. އެގޮތުގައި ހުއްޓާ މާބަނޑުވީ އެވެ.
ޝެއިޚް ވިދާޅުވި އެވެ. ވިހައި ގަދަވުމުން އެ ރޯދަތައް ހިފާށެވެ. އަދި ރޯދަތައް ހިފުމަށް ފަރުވާކުޑަކޮށްފައިވުމުން އެ ކޮންމެ ރޯދައަކަށް މިސްކީނަކަށް ކާންދިނުން ހުއްޓެވެ.“
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.