|

ޝަޢުބާން މަހުގައި ސުންނަތް ވެގެންވާ ޢަމަލުތައް އަދި ޘާބިތުނޫން ޢަމަލުތަކަކީ ކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:

ޝަޢުބާން މައްސަރާއި ގުޅޭގޮތުން ކޮށްފައި ސުވާލަށް ޖުމްލަކޮށް އަދި ތަފްޞީލުކޮށް ޖަވާބުގައި ބަޔާން ކުރަމެވެ.

މި މައްސަރުގެ މާތްކަން :

1.މި މައްސަރަކީ ނަބިއްޔާ ވަރަށްވެސް ގިނައިން ރޯދަ ހިއްޕަވާ މައްސަރެއްކަމުގައި ވުމުން މި މައްސަރުގައި ގިނައިން ރޯދަ ހިފުން ސުންނަތްވެގެންވެ އެވެ. ސުނަނުގައި ވާރިދުވެގެންވާ ޙަދީޘްގައިވެ އެވެ. أسامة بن زيد -رضي الله عنه- ވިދާޅުވެފައިވެ އެވެ. ތިމަންނަ رَسُول الله -صلى الله عليه وسلم- އަރިހުގައި ސުވާލު ދެންނެވީމެވެ. (يا رسولَ اللهِ إنِّي أراك تصومُ في شهرٍ ما لا أراك تصومُ في شهرٍ شعبان ، قال : شعبانُ بين رجبَ وشهرِ رمضاَ يغفلُ النَّاسُ عنه ، يُرفعُ فيه أعمالُ إلى رب العالمين، فأُحبُّ ألا يُرفعَ عملي إلَّا وأننا صائمٌ) ”ﷲގެ ރަސޫލާ އެވެ. ޝަޢުބާން މައްސަރުގައި ރޯދަ ހިއްޕަވާ މިންވަރަށް ރަސޫލާ އެހެން އެއްވެސް މައްސަރެއްގައި ރޯދައަށް ހުންނަވާތަނެއް ތިމަންނަ ނުދެކެމެވެ. (އެހިނދު ޙަދީޘް ކުރެއްވި އެވެ.) ރަޖަބު މައްސަރާއި ރަމަޟާން މައްސަރުގެ ދެމެދުގައިވާ ޝަޢުބާން މައްސަރަކީ މީސްތަކުން އެމައްސަރެއްގެ މައްޗަށް ޣާފިލުވެގެންވާ މައްސަރެކެވެ. އަދި އެ މައްސަރަކީ ޢާލަމްތަކުގެ ވެރި އިލާހުގެ ޙަޟުރަތަށް ޢަމަލުތައް އުފުއްލެވޭ މައްސަރެވެ. ފަހެ، ތިމަން ނަބިއްޔާގެ ޢަމަލު އުފުއްލެވޭ ހިނދުގައި ރޯދައަށް ހުންނެވުމަށް ތިމަން ނަބިއްޔާ ލޯބި ކުރައްވަމެވެ.“ النسائي2356 الألباني : الإرواء 4-103

މި ޙަދީޘްއިން މި މައްސަރުގެ މާތް މަތިވެރި ކަމެއް ބަޔާންވެގެންވެ އެވެ. އެއީ ޢަމަލުތައް ﷲ ގެ ޙަޟުރަތަށް އުފުއްލެވޭ މައްސަރެއްގެ ގޮތުގައި ސިފަ ކުރެވިގެންވުމެވެ. ފަހެ ﷲ ގެ ނަބިއްޔާ، އެ ނަބިއްޔާގެ ޢަމަލުފުޅު އުފެއްލެވޭހިނދު ރޯދައަށް ހުންނެވުމަށް ލޯބިކުރައްވާހިނދު، އަހަރެމެން ކޮންފަދައަކުން ލޯބި ކުރަން ޖެހޭނެ ހެއްޔެވެ؟

އަދިވެސް އެހެން ރިވާޔަތެއްގައި ވެ އެވެ. عَائِشَة -رضي الله عنها- ވިދާޅުވެފައިވެ އެވެ. (ما رأيتُ النَّبيَّ في شهرٍ أكثرَ صيامًا منه في شعبانَ، كان يصومُه إلا قليلًا) ”ޝަޢުބާން މައްސަރަށްވުރެ ގިނައިން އެ މައްސަރެއްގައި ނަބިއްޔާ -صلى الله عليه وسلم- ރޯދައަށް ހުންނަވާ މައްސަރެއް ނުދެކެމެވެ. އެ މައްސަރުގެ މަދު ދުވަސްތަކެއް މެނުވީ ހުރިހައި ދުވަހެއްގައި ރޯދައަށް ހުންނަވަ އެވެ.“ صحيح الترغيب 1024

މި ޙަދީޘްތަކުގެ މައްޗަށް الإِمَام العلامة العثيمين ވިދާޅުވެފައިވެ އެވެ. ”شَعْبَان މަހުގައި ރޯދަ ހިފުމާއި އަދި ރޯދަ ހިފުން ގިނަ ކުރުމަކީ ސުންނަތެކެވެ. އެއީ عَائِشَة  ވިދާޅުވެފައިވާ ބަސްފުޅުގެ މައްޗަށް ބިނާކޮށެވެ. ”شَعْبَان މައްސަރަށްވުރެ ގިނައިން ނަބިއްޔާ  ރޯދަ ހިއްޕަވާ މަައްސަރެއް ދެނެވަޑައިނުގަންނަވަމެވެ.“ الفتاوى 20-22

ވުމާއެކު ޝަޢުބާން މައްސަރުގައި ކުޅަދާނަވެގެންވާ ކަމުގައިވާނަމަ ގިނަ ރޯދަ ހިފުން އެދެވިގެންވެ އެވެ.

2. އަޚުންނޭވެ! މި މައްސަރުގައި ރޯދަހިފުމުގެ މަޤްޞަދު ނުވަތަ ޙިކްމަތަކީ ކޮބައިކަން ބައެއް ޢިލްމުވެރިން ޛިކުރު ކުރައްވާފައިވެ އެވެ.

ލޯބިވާ އަޚުންނޭވެ! ނަމާދުގެ އަޅުކަމަށް ބަލައިފިނަމަ، ނަމާދުގެ ކުރިއަށް އަދި ނަމާދަށް ފަހުގައި ކުރާ ސުންނަތް ނަމާދުތަކެއްވެ އެވެ. އެ ސުންނަތް ނަމާދު ކުރުމުން އެމީހެއްގެ ފަރުޟު ނަމާދުން އުނިވެދިޔަ ބައިތައް ސުންނަތް ނަމާދުން ފުރިހަމަކޮށްދެ އެވެ. ފަހެ މިއީ ކޮންފަދަ ހެޔޮކަން ބޮޑުވެގެންވާ ޢަމަލެއްގެ ގޮތުގައިވޭ ހެއްޔެވެ؟ ތިމާ ކުރާ ނަމާދު ތިމާގެ ލޯމައްޗަށް ފެންނަނަމަ، އެކަކުވެސް އެ އުނިވެފައިފާ، ފުރިހަމަ ނުވެފައިވާ ގޮތުގައި ނަމާދު ދޫކޮށެއް ނުލާނެވެ. ފަހެ ރޯދަވެސް ވަނީ ހަމައެފަދައިންނެވެ. ރަމަޟާން މައްސަރަކީ ފަރުޟު ރޯދަ އެވެ. އެ ފަރުޟު އަޅުކަމުގެ ކުރިއަށް އަދި ފަރުޟު އަޅުކަމުގެ ފަހުން ރޯދަ ހިފުން ކަނޑައެޅިފައިވަނީ މިފަދައިން ކަމުގައި ޢިލްމުވެރިން ބަޔާން ކުރައްވަ އެވެ.

الحَافظ ابن رَجَب الحَنبَلِي ވިދާޅުވެފައިވެ އެވެ. ”ރަމަޟާން މަހުގެ ކުރިން ޝަޢުބާން މައްސަރުގައި ރޯދަހިފުމަކީ، ފަރުޟު ނަމާދުތަކާ ގުޅިގެން ކުރެވޭ ރަވާތިބު ސުންނަތްފަދަ ޢަމަލެކެވެ.“ لطائف المعارف

ވުމާއެކު މި އަޖުރު ހޯދުމަށް އަވަސްވެގަތުން ހުއްޓެވެ. އަޚުންނޭވެ! މި ދުނިޔޭގައި އިތުރު ޝަޢުބާން މައްސަރެއް ބައްދަލުވާނެ ކަމުގެ އުއްމީދެއް ނެތެވެ. ދުނިޔެ އޭނާއަށް ނިމިދާނެއެވެ. ހެޔޮ ޢަމަލުތަކަށް އަވަސްވެގަތުން ހުއްޓެވެ.

މިއީ މި މައްސަރުގައި ކުރުމަށް ބާރުއެޅިފައިވާ، ސުންނަތުގައި ޛިކުރު ކުރެވިފައިވާ ޢަމަލެވެ.

ދެންފަހެ މި މައްސަރުގައި ކުރަމުންދާ، މިސްތަކުންގެ ތެރޭގައި އަށަގަނެފައިވާ ބިދުޢަވެރި، އެއްވެސް ޙުއްޖަތެއް ދަލީލެއް ނެތި ކުރާ ޢަމަލުތަކަށް ބަލާލާނަމެވެ.

3. ޝަޢުބާން މައްސަރުގެ 15 ވިލޭރޭ ފާހަގަކުރުމާއި 15 ވަނަ ދުވަހަށް ޚާއްޞަކޮށް ރޯދަ ހިފުމެވެ. މިއީ މީސްތަކުން ދީނަށް ވައްދާފައިވާ ބިދުޢަވެރި، ނުބައިކަން ބޮޑުވެގެންވާ ޢަމަލެކެވެ. އެއްވެސް ޙާލެއްގައި އެއްވެސް ގޮތަކަށް އެ ރެއަށް ޚާއްޞަ އަދި އެ ދުވަހަށް ޚާއްޞަ ވެގެންވާ ޢަމަލެއް ނުވެ އެވެ.

الإمام شَيخ الإِسلام ابن تَيميَّة -رحمه الله- ވިދާޅުވެފައިވެ އެވެ. ”ޝަޢުބާން މަހުގެ 15 ވަނަދުވަހަށް ޚާއްޞަކޮށް ރޯދަހިފުމަކީ އެއްވެސް އަޞްލެއްއޮތް ކަމެއް ނޫނެވެ. އަދި ކިޔެއްތޯ، އެ ދުވަހަށް ޚާއްޞަކޮށް ރޯދަ ހިފުން ކަރާހަތްތެރިވެގެންވެ އެވެ. އަދި ހަމައެފަދައިން އެ ދުވަސްތަކަކީ ކާބޯތަކެތި ތައްޔާރު ކުރުމަށް އޮތް މޫސުމެއްކަމުގައި ހެދުމާއި އަދި ޒީނަތްތެރިވުމާއި މިފަދައިން މި ދުވަސްތައް ފާޅުކުރުމަކީ، އިސްލާމްދީނަށް އަލަށްވައްދާފައިވާ ބިދުޢަވެރި ކަމެކެވެ. އެއްވެސް އަޞްލެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ.“ اللإقتضاء 2-628

الشيخ الإمام ابن باز -رحمه الله- ވިދާޅުވެފައިވެ އެވެ. ”ޝަޢުބާން މައްސަރުގެ 15ވާ ދުވަހަށް ޚާއްޞަކޮށްގެން ރޯދަ ހިފުމަކީ މަކްރޫހަވެގެންވާ ކަމެކެވެ. އެކަމަށް އެއްވެސް ދަލީލެއް ނުވެ އެވެ.“ مجموع الفتاوى (10/ 385)

الشيخ الإمام ابن باز -رحمه الله- ވިދާޅުވެފައިވެ އެވެ. ”ބައެއް މީހުން އިސްލާމް ދީނުގެ ތެރެއަށް އަލަށް ވައްދާފައިވާ ބިދުޢަ ތަކުގެ ތެރޭގައި : ޝަޢުބާން މަހުގެ 15ވިލޭރޭ އެކިގޮތްގޮތުން ފާހަގަ ކުރުންވެ އެވެ. އަދި އެ ދުވަހަށް ޚާއްޞަކޮށް ރޯދަ ހިފުންވެ އެވެ. އެކަން ހުއްދަ ކުރުމަށް ބަރޯސާވެވޭނެ އެއްވެސް ދަލީލެއް ނުވެ އެވެ. އެރޭގެ މަތިވެރި ކަމުގެ މައްޗަށް ބަލިކަށި ދަލީލުތަކެއް ވާރިދުވެގެންވެ އެވެ. އޭގެ މައްޗަށް ބަރޯސާވުން ހުއްދަވެގެންނުވެ އެވެ.“ مجموع الفتاوى (1-186)

الشيخ الإمام ابن باز -رحمه الله- ވިދާޅުވެފައިވެ އެވެ. ”އެރޭގައި ނަމާދު ކުރުމަށް ވާރިދުވެގެންވާ އެންމެހައި ދަލީލު ތަކަކީ މައުޟޫ (ރަސޫލާ  ގެ މައްޗަށް ބަޔަކު ހަދައިފައިވާ ދޮގު) ޙަދީޘްތަކެވެ.“

”ބައެއް މީސްތަކުން އަލަށް ގެނެސްފައިވާ ބިދުޢަތަކުގެ ތެރޭގައި شَعْبَان މަހުގެ 15 ވިލޭރޭ (ހިޔަރަކާތް ރޭ) ފާހަގަ ކުރުން ހިމެނެވެ. އަދި އެ ދުވަހަށް ޚާއްޞަކޮށް ރޯދަހިފުން ހިމެނެ އެވެ. މިކަންތައް ކުރުމަށް ބަރޯސާވެވޭނެ އެއްވެސް ދަލީލެއް ވާރިދުވެގެންނުވެ އެވެ. ފަހެ، އެ ގޮތެއްގައި ޖުމްހޫރު ޢިލްމުވެރިން ޤާއިމްވެގެންވާ ގޮތަކީ މިކަންތައް ފާހަގަ ކުރުމަކީ ބިދުޢައެކެވެ.“ مجموع الفتاوى (1-186)

الشيخ الإمام ابن باز -رحمه الله- ވިދާޅުވެފައިވެ އެވެ. ”ޝަޢުބާން މަހުގެ 15 ވިލޭރޭ އެއްވެސް ގޮތަކަށް ޚާއްޞަކުރުން، އެއީ ނަމާދެއް ނުވަތަ އެހެން ޢަމަލެއް ކުރުމަށް ކަމުގައިވީނަމަވެސް، އަދި އެ ދުވަސް ރޯދަ ހިފުމަށް ޚާއްޞަ ކުރުމަކީ ގިނަ ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ބިދުޢަވެރި މުންކަރު ޢަމަލެކެވެ. ޠާހިރުވެގެންވާ މަތިވެރި ޝަރީޢަތުގައި އެއްވެސް އަޞްލެއް އޮތް ކަމެއް ނޫނެވެ. އަދި ކިޔެއްްތަ! މި ޢަމަލުތަކަކީ ޞަޙާބީންގެ ޒަމާނަށްފަހުގައި އިސްލާމް ދީނަށް އަލަށް ވައްދާފައިވާ ކަންތައްތަކެވެ.“ مجموع الفتاوى (1-191)

الشيخ مُحمَّد بن صَالح العُثَيمِين -رحمه الله- ވިދާޅުވެފައިވެ އެވެ. ”ޝަޢުބާން މަހުގެ 15 ވާ ދުވަހަށް ޚާއްޞަކޮށް ރޯދަ ހިފުމާއި، ޤުރުއާން ކިޔެވުމަށް ޚާއްޞަ ކުރުމާއި ނުވަތަ ޛިކުރު ކުރުމަށް ޚާއްޞަ ކުރުމަކީ އެއަށް އެއްްވެސް އަޞްލެއް އޮތް ކަމެއް ނޫނެވެ. ޝަޢުބާން މަހުގެ 15 ވިލޭރޭ އެހެނިހެން މައްސަރުތަކުގެ 15ވަނަ ރޭތަކުގައިވެސް ޤާއިމްވާ ފަދައިން ޤާއިމްވާނީ އެވެ.“ مجموع الفتاوى (20-23)

الشيخ مُحمَّد بن صَالح العُثَيمِين -رحمه الله- ވިދާޅުވެފައިވެ އެވެ. ”ޝަޢުބާން މަހުގެ 15 ދުވަހަށް ޚާއްޞަކޮށްގެން ރޯދަ ހިފުމަކީ ސުންނަތެއް ނޫނެވެ. ދެންފަހެ، އެދުވަހުގައި ރޯދަ ހިފުމަކީ ސުންނަތެއް ކަމުގައިނުވެއްޖެހިނދު ބިދުޢައެއް ކަމުގައިވެ އެވެ. ސަބަބަކީ ރޯދަހިފުމަކީ އަޅުކަމެކެވެ. ފަހެ، އެއީ ޝަރުޢު ކުރެވިގެންވާ ކަމެއްގެ ގޮތުގައި ކަނޑައެޅިފައި ނުވެއްްޖެހިނދު، ބިދުޢައެއްގެ ގޮތުގައިވެ އެވެ.“ مجموع الفتاوى (20-26)

މިއީ މި ޒަމާނުގައި އަދި އެތައް ޤަރުނުތަކެއް ކުރިން ފަށައިގެން ޢިލްމުވެރިން ޝަޢުބާން މައްސަރުގެ 15 ވިލޭރޭ އަދި އެ ދުވަހަށް ނިޞްބަތްކޮށް ވިދާޅުވެފައިވާ ބަސްފުޅުތަކެވެ.

4. މި މައްސަރުގައި ކިޔުމަށް ވާރިދުވެގެންވާ ދުޢާތައް ކަމުގައި ބުނެފައިވާ ބައެއް ބަސްތަކެވެ. މިއީވެސް ޘާބިތު ރިވާޔަތްތަކެއް ނޫނެވެ. އެކަމުގައި އެއްވެސް ޙުއްޖަތެއް ނުވެ އެވެ. ފަހެ، ދުޢާ ކުރާ މީހާ އެހެން ދުވަސްތަކުގައިވެސް އޭނާގެ ނަފްސަށާއި މުސްލިމުންނަށް ދުނިޔެއާއި އާޚިރަތުގެ ހެޔޮކަންތައްތަކަށް އެދި ދުޢާ ކުރާ ފަދައިން ދުޢާ ކުރުން ހުއްޓެވެ. ޝައުބާން މަހަށް ޚާއްޞަވެގެންވާ އެފަދަ އެއްވެސް ޢަމަލެއް ނުވެ އެވެ. ޘާބިތު ނުވާ އެފަދަ ރިވާޔަތްތަކުގެ ތެރޭގައި ނަބިއްޔާ ﷺ  ޙަދީޘް ކުރެއްވި ކަމުގައި ރިވާވެގެންވެ އެވެ. (اللَّهمَّ بارِكْ لَنا في رجَبٍ وشَعبانَ، وبَلِّغْنَا رمَضانَ) ”އަޅަމެންގެ ވެރި އިލާހު! ރަޖަބު މައްސަރާއި ޝަޢުބާންގައި އަޅަމެންނަށް ބަރަކާތް ލައްވާނދޭވެ. އަދި ރަމަޟާން މައްސަރު އަޅަމެންނާ ބައްދަލު ކުރައްވާނދޭވެ.“ابن حجر رحمه الله ވިދާޅުވެފައިވެ އެވެ. މިއީ ބަލިކަށި ޙަދީޘެކެވެ. تبيين العجب 19 الألباني رحمه الله ވިދާޅުވެފައިވެ އެވެ. ބަލިކަށި ޙަދީޘެކެވެ. ضعيف الجامع 4395

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts