ރަޖަބު މަހުގެ 27 ވަނަ ދުވަހު ރޯދައަށް ހުރުން ސުންނަތުން ޘާބިތުވޭތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:

ރަޖަބު މަހުގެ 27 ވަނަ ދުވަހަށް ޤަޞްދުކޮށްގެން ރޯދަ ހިފުމަކީ އެއްވެސް ދަލީލެއް އަދި އެއއްވެސް ޙުއްޖަތެއް އެކަމަށް ވާރުދުވެގެންވާ ޢަމަލެއް ނޫނެވެ.

ފަހެ، ރަޖަބް މަހުގެ 27 ވަނަ ދުވަސް ޤަޞްތުކޮށްގެން ރޯދަހިފުން ވެގެންދަނީ ބިދުޢަވެރި ޢަމަލެއް ކަމުގަ އެވެ. އެއްވެސް ޙާލެއްގައި ކޮށްގެން ވާނެ ކަމެއް ނޫނެވެ. އަދި މަނާ ކުރަންޖެހޭނެ ކަމެކެވެ.

ފަހަރެއްގައި ރަޖަބު މައްސަރުގެ 27 ވަނަ ދުވަސް އެއީ ރޯދަ ހިފުމަށް ޚާއްޞަވެގެންވާ ދުވަހެއްގެ ގޮތުގައި ހަދާފައިވާ ސަބަބަކީ ބައެއް މީސްތަކުން ދެކޭ ގޮތުގައި ނަބިއްޔާ އިސްރާ އަދި މިޢުރާޖް ކުރެވުނީ ރަޖަބް މަހުގެ 27 ކަމުގައި ދެކެފައި ވުމުގެ ސަބަބުންނެވެ.

އެހެނަސް މިއީވެސް މިކަމުގައި ޞައްޙަ ބުނުމެއް ނޫނެވެ.

الإِمَام العلامة العثيمين -رحمه الله- ވިދާޅުވެފައިވެ އެވެ.

”ވަރަށްވެސް ގިނަ މީހުންގެ ތެރޭގައި ނުވަތަ ގިނަމީހުންގެ ތެރޭގައި މަޝްހޫރުވެފައިވަނީ الإِسْرَاء وَالمِعرَاج ހިނގައިދިޔައީ رَجَب މައްސަރުގަ އެވެ.

އަދި އެ މައްސަރުގެ 27 ވިލޭރޭގަ އެވެ. ފަހެ، މިއީ އެއްވެސް ގޮތަކަށް (އެއްވެސް ޙާލެއްގައި) ޞައްޙަވެގެންވާ ގޮތެއް ނޫނެވެ. މިކަމުގައި އެންމެ ފާޅުކަންބޮޑުވެގެންވާ ބަސްފުޅަކީ، الإِسْرَاء وَالمِعرَاج ހިނގައިދިޔައީ رَبِيْع الأَول މަހުގަ އެވެ. އެއަށްފަހު، ރަޖަބު މަހުގެ 27 ވަނަ ވިލޭރޭ ފާހަގަ ކުރުމަކީ އެއްވެސް އަޞްލެއް ނުވާ ބިދުޢަ އެކެވެ.“ لقاء باب المفتوح 217

ބުނަމެވެ. ޢިލްމުގެ އަހުލުވެރިން ވިދާޅުވާ ގޮތުގައި ތާރީޚުގެ ގޮތުން ބަލާލި ކަމުގައިވީނަމަވެސް އެ ޙާދިޘާ އަކީ ރަޖަބު މައްސަރުގައި ހިގައިދިޔަ ޙާދިޘާއެއް ނޫނެވެ.

ވުމުން، އެފަދައިން ޤަބޫލު ކުރަނީ ކިހިނަކުން ހެއްޔެވެ؟

الإِمَام العلامة العثيمين -رحمه الله- ވިދާޅުވެފައިވެ އެވެ. އިސްރާ އާއި މިޢުރާޖްގެ ޙާދިޘާ ހިނގައިދިޔަ ރޭ ކަމުގައި ބުނެފައިވާ ރޭގައި އެއްވެސްގޮތަކަށް ފާހަގަ ކުރުމެއް ނުވަތަ އަޅުކަމެއް ކުރުންވޭ ތޯ އެވެ؟

ޖަވާބު : ”އެ ރޭ ފާހަގަ ކުރުމުގެ ގޮތުން އެއްވެސް ކަމެއް ކޮށްގެން ނުވާނެ އެވެ. އަދި އެއްވެސް އަޅުކަމެއް ކޮށްގެން ނުވާނެ އެވެ.

ސަބަބަކީ އެއީ ނަބިއްޔާ ﷺ އަދި ނަބިއްޔާ ގެ ޞަޙާބީން އަރިހުން ޘާބިތުވެގެންވާ ކަމެއް ނޫނެވެ… އެ ރޭ މަތިވެރި ކުރުމަށް އަދި އެ ރޭ އިޙްޔާ ކުރުމަށް އެއްވެސް ކަމެއް ކުރުމެއް ނުވެ އެވެ.“ مجموع الفتاوى 2-297

އަދިވެސް ވިދާޅުވެފައިވެ އެވެ.”ގިނަ މީސްތަކުންގެ ތެރޭގައި މަޝްހޫރުވެފައިވަނީ އިސްރާއި މިޢުރާޖް ޙާދިޘާ ހިނގައިފައިވަނީ ރަޖަބު މަހުގެ 27 ވިލޭރޭގަ އެވެ. މިއީ އޭގައި އެއްވެސް ޞައްޙަކަމެއް އޮތް ބަސްތަކެއް ނޫނެވެ. އެއްވެސް ޙާލެއްގައި އެއްވެސް ބީދައަކުން ރަޖަބު މަހުގައި އެކަން ހިނގައިދިޔުން ޞައްޙަވެގެންނުވެ އެވެ. ބަސްތަކުގެ ތެރެއިން އެކަމުގައި އެންމެ ޞައްޙަގޮތަކީ އެ ޙާދިޘާ ހިނގައިދިޔައީ ރަބީޢުލް އައްވަލު މަހުގަ އެވެ.“ لقاء باب المفتوح 217

އިސްރާ އާއި މިޢުރާޖް ވަކި ރެއެއްގެ ގޮތުގައި ބުނެވޭކަށް ނެތެވެ. ޘާބިތު އެއްވެސް ރިވާޔަތެއް ނެތެވެ.

އަދި އެއީ ވަކި ރެއެއްކަން ޘާބިތުވިނަމަވެސް އެ ރޭގައި އަދި އެ ދުވަހަކަށް ޚާއްޞަކޮށް ކުރުމަށް އެއްވެސް ޢަމަލެއް ނަބިއްޔާ ﷺ އުއްމަތަށް އަންގަވާ ދެއްވާފައެއް ނުވެ އެވެ.

އިސްރާ އާއި މިޢުރާޖްގެ ރެއަށް ފަހު، ނަބިއްޔާ ﷺ ޙަޔާތްޕުގައި ކިތައް އަހަރު ހޭދަ ކުރެއްވި ހެއްޔެވެ؟

މަދީނާއަށް ހިޖުރަ ކުރައްވައި ހޭދަ ކުރެއްވި އެންމެހައި އަހަރު ތަކަކީ، އިސްރާ އާއި މިޢުރާޖްގެ ޙާދިޘާއަށް ފަހު ހޭދަ ކުރެއްވި އަހަރުތަކެވެ.

އެއްވެސް އަހަރެއްގައި އެއްވެސް ގޮތަކަށް އެއީ ފާހަގަ ކުރެއްވި ރެއެއް ނޫނެވެ.

އެއްވެސް ޚާއްޞަ ޢަމަލެއްވެސް ކުރައްވާފައި ނުވެ އެވެ.

ފަހެ، އެހިނދު ނަބިއްޔާ ﷺ ދުނިޔެ ދޫކުރެއްވުމަށްފަހު، އެ ރޭ ފާހަގަ ކުރުމާއި އަދި އެރެއަށް ޚާއްޞަ ޢަމަލު ކުރުމާއި އެ ދުވަހަށް ޚާއްޞަކޮށް ރޯދަ ހިފުން އެއީ އިސްލާމް ދީނުގައި އޮތް ޢަމަލެއް ކަމުގައި ދެކޭނީ ކިހިނަކުން ހެއްޔެވެ؟

ޝައިޚުލް އިސްލާމް ابن تيمية رحمه الله ވިދާޅުވެފައިވެ އެވެ. ”އެއްވެސް މުސްލިމެއްގެ ފަރާތުން އިސްރާއާއި މިޢުރާޖުގެ ރެއަކީ އެހެން ރޭތަކުގެ މައްޗަށް މާތްކަން ލިބިގެންވާ ރެއެއްކަމުގައި ނުވެއެވެ. އަދި އެރެއަށް ޚާއްޞަވެގެންވާ އެއްވެސް ކަމެއް ލިބިގެންވާ ކަމުގައި ޞަޙާބީންނާ ތާބިޢީންނާއި އަދި އިޙްސާންތެރިކަމާއެކު އެބޭކަލުންނަށް ތަބަޢަވީ އެކަކުވެސް ބުނެފައެއް ނުވެއެވެ. އަދި އެބައިމީހުން މިރެޔާ ބެހޭގޮތުން ޛިކުރެއްވެސް ނުކުރެއެވެ.“

އަދިވެސް ވިދާޅުވެފައިވެއެވެ. ”މިއީ އިސްރާއާއި މިޢުރާޖުގެ ރެއަކީ ކޮން ރެއެއްކަން އެނގުނު ކަމުގައި ވީނަމަވެސް އެވެ. އެއާއެކު މިރެޔާ މެދުގައި ވަނީ ޚިލާފް އުފެދިފައެވެ. މިރެޔަކީ ކަނޑައެޅިގެން ވަކި ރެއެއް ކަމުގައި ބުނެވޭނެ ދަލީލެއް ވާރިދުވެފައިނުވެއެވެ. އަދި އިސްލާމީ ޝަރީޢަތުގައި މުސްލިމުންނަށް އެއީ އިސްރާއާއި މިޢުރާޖުގެ ރޭކަމުގައި ނުވަތަ އެހެންވެސް ރެއެއްކަމުގައިވީ ނަމަވެސް އެރެއެއްގައި ކުރުމަށް ޝަރުޢުވެގެންވާ އެއްވެސް ކަމެއް ނުވެ އެވެ.“

ވުމާއެކު ޘާތިބު ކަމެއް ނެތް އެއްޗެއްގެ މައްޗަށް ބަރޯސާވެ ކުރެވޭ ޢަމަލެއް ޞައްޙަ ވާނެ ހެއްޔެވެ؟

ދީނުގައި ނެތްކަމެއް އެއީ ހެޔޮކަމެއްގެ ގޮތުގައި ދެކެވޭނެ ހެއްޔެވެ؟

ﷲ ގެ ރުއްސެވުން ހޯދުމަށް ﷲ ޝަރުޢު ކުރައްވާފައި ނުވާ ޢަމަލެއް ކުރެވޭނެ ހެއްޔެވެ؟

ވުމުން ރަޖަބު މަހުގެ 27 ވަނަ ދުވަހަށް ނިސްބަތްކޮށް ކުރެވޭ އެންމެހައި ޢަމަލުތައް ވަންނާނީ ޙަރާމް ކުރައްވާފައިވާ ބިދުޢަވެރި ޢަމަލުތަކުގެ ތެރެއަށެވެ.

އަދިވެސް ދަންނަ އެވެ! ރަޖަބު މަހުގެ އެއްވެސް ދުވަހަކަށް އަދި އެއްވެސް ރެއަކަށް ޚާއްޞަކޮށް އެއްްވެސް ޢަމަލެއް ކުރުންވެސް ވާރިދުވެގެން ނުވެ އެވެ.

شَيخُ الإِسلام ابن تَيْمِيَّة -رحمه الله- ވިދާޅުވެފައިވެ އެވެ. ”ފަހެ، ރަޖަބުމަހަށް ޚާއްޞަކޮށް ރޯދަ ހިފުމަށް ވާރިދުވެގެންވާ އެންމެހައި ޙަދީޘްތަކަކީ ޟަޢީފު (ބަލިކަށި) ޙަދީޘްތަކެވެ. އަދި (ދަންނަ އެވެ.) އެއީ ބަޔަކު ހަދާފައިވާ ދޮގު ޙަދީޘްތަކެކެވެ. ޢިލްމުގެ އަހުލުވެރިން އެއިން އެއްވެސް އެއްޗަކަށް ބަރޯސާ ނުވެ އެވެ.“

مَجمُوع الفتاوى 25-290

ވުމުން، މި މައްސަރުގެ އެއްވެސް ދުވަހަކަށް ޚާއްޞަ ކޮށްގެން ރޯދަ ހިފުމެއް ނެތެވެ. އެއީ 15 ނުވަތަ 27 ނުވަތަ އެހެން ދުވަހެއް ކަމުގައި ވީނަމަވެސް، މި މައްސަރުގެ ދުވަހަކަށް ޚާއްޞަކޮށް ރޯދިހުން ކަނޑައެޅޭނީ އިސްލާމް ދީނުގެ ތެރެއަށް އަލަށް ވައްދާފައިވާ ބިދުޢަވެރި އަމަލެއްގެ ތެރެއިންނެވެ.

މި ޒަމާނުގައި ދުިނޔެ ދޫކުރެއްވި އެންމެ ބޮޑެތި އިމާމުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ބޭކަލުންގެ ތެރޭގައި الإِمَام العلامة العثيمين ވިދާޅުވެފައިވެ އެވެ. ”ރަޖަބު މައްސަރުގެ ހެޔޮކަމުގެ މައްޗަށް ވާރިދުވެގެންވާ އެއްވެސް ޙަދީޘެއްގެ މައްޗަށް ބަރޯސާވެ، ރަޖަބު މައްސަރަށް ޚާއްޞަ ނަމާދެއް ނުވަތަ ރޯދައެއް ހިފުން އެއްވެސް މީހެއްގެ މައްޗަށް ޙަލާލެއް ނުވާނެ އެވެ. ސަބަބަކީ އެއީ ބިދުޢައެކެވެ. ހަމަކަށަވަރުން ނަބިއްޔާ ﷺ ޙަދީޘްް ކުރެއްވި އެވެ.

(كُلُّ بِدْعَةٍ ضَلالَة وكُل ضَلاَلَةٍ في النَّار) ”އެންމެހައި ބިދުޢަތަކަކީ މަގުފުރެދުންތަކެވެ. އަދި އެންމެހައި މަގުފުރެދުންތަކެއް ވަނީ ނަރަކައިގަ އެވެ.

“الإِمَام مُقْبِل الوَادِعِي ވިދާޅުވެފައިވެ އެވެ. ”ރަޖަބު މައްސަރަށް ޚާއްޞަކޮށް އެއްވެސް އަޅުކަމެއް ކުރުމަށް އެއްވެސް ދަލީލެއް ވާރިދުވެގެންވާކަމެއް ނުދަންނަމެވެ.

މީސްތަކުން އެފަދައިން ކުރާ އެންމެހައި ޢަމަލުތަކަކީ ބިދުޢަތަކެވެ.“

މިއަދު ދުނިޔެ މަތީގައި ތިއްބެވި އިމާމުވެރި ޢިލްމުވެރި ބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، ސަޢުދީ ޢަރަބިއްޔާގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ކޮމެޓީގެ މެންބަރު ޑރ. الشَّيْخُ العَلاَّمَة صَالحِ الفَوْزَان حفظه الله ވިދާޅުވެފައިވެ އެވެ. ”ޢިލްމުގެ އަހުލުވެރިން ވިދާޅުވެފައިވެ އެވެ. އަޅުކަމުގެ ތެރޭގައި ހިމެނޭ އެއްވެސް އަޅުކަމެއް ކުރުމަށް ރަޖަބު މަސް ޚާއްޞަ ކުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ.“ شرح إغاثة اللهفان 25-06-1437 ه

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts