ކީރިތި ޤުރުއާން ކިޔެވުމުގައި އޭގައި އޮތީ އަވަސްކޮށް ގިނައިން ކިޔެވުންތޯ ނުވަތަ ތަރުތީލުކޮށް ލަސްލަހުން ވިސްނައިގެން ކިޔެވުންތޯ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ކީރިތި ޤުރުއާން ކިޔެވުމުގައި އޭގައި އޮތީ އަވަސްކޮށް ގިނައިން ކިޔެވުންތޯ ނުވަތަ ތަރުތީލުކޮށް ލަސްލަހުން ވިސްނައިގެން ކިޔެވުންތޯ؟
މި މައްސަލައިގެ މައްޗަށް ޖަވާބުގައި ބުނަމެވެ.
ޢިލްމުވެރިންގެ މެދުގައި ހެޔޮކަން ބޮޑުވެގެންވަނީ އަވަހަށް ގިނައިން ކިޔެވުންތޯ ނުވަތަ ތަރުތީލުކޮށް ވިސްނައިގެން މަޑުމަޑުން ކިޔެވުންތޯ، މިކަމުގެ މައްޗަށް މަޝްހޫރު ދެ ޤައުލެއްގެ މައްޗަށް ޚިލާފް ވަޑައިގެންފައިވެ އެވެ.
ތިރީގައި ބަޔާން މި ކުރަނީ މި މައްސަލައިގެ މައްޗަށް އިމާމް الإمام ابن القيم -رحمه الله- ވިދާޅުވެފައިވާ ވަރަށްވެސް ފުރިހަމަ އަދި އެހާމެ މުހިންމުކަން ބޮޑުވެގެންވާ ބަސްފުޅުތަކެވެ.
އެގޮތުން ޞަޙާބީ ابن عباس އަދި ابن مسعود އަދި އިތުރު އެހެނިހެން ބޭކަލުން ދެކެވަޑައިގަންންވާ ގޮތުގައި ކިޔަވާ މިންވަރު މަދުވި ކަމުގައިވީނަމަވެސް ތަރުތީލުކޮށް ލަސްލަހުން ކިޔެވުން އަވަސްކޮށް ގިނައިން ކިޔެވުމަށްވުރެ ހެޔޮކަން ބޮޑުވެގެންވެ އެވެ. އޭބެކަލުން މި ރައުޔުގެ މައްޗަށް ބުރަވެވަޑައިގެންފައިވާ ޙުއްޖަތް ތަކުގެ ތެރޭގައި، ވިދާޅުވެފައިވެ އެވެ. ކީރިތި ޤުރުއާން ކިޔެވުމުގެ މަޤްޞަދު ކަމުގައިވަނީ، އެ ޤުރުއާން ފަހުމްވުމާއި، ޤުރުއާން ތަދައްބުރު ކުރުމާއި ޤުރުއާނުގެ ފިޤްހުވެރިވުމާއި އަދި ޢަމަލު ކުރުމެވެ.
މި ޤައުލަށް ބުރަވެވަޑައިގަންނަވާ އަހުލުވެރިން ވިދާޅުވެފައިވެ އެވެ. އުއްމަތުގެ ބައެއް ސަލަފުއް ޞާލިޙުން ވިދާޅުވެފައިވެ އެވެ. ”ހަމަކަށަވަރުން ﷲ ޤުރުއާން ބާވައިލެއްވީ އެ ޤުރުއާނަށް ޢަމަލު ކުރުމަށްޓަކަ އެވެ. (އެބަހީ : ކީރިތި ޤުރުއާން ބާވައިލެއްވުނީ އެ ތިލާވަތްކޮށް ޢަމަލުތަކާ ހަމައަށް ވާޞިލް ވުމަށްޓަކަ އެވެ. އެ މަޤްޞަދުގައި ކީރިތި ޤުރުއާން ކިޔަވާށެވެ. ވުމުން ކީރިތި ޤުރުއާން ކިޔެވުން އެއީ ޢަމަލެއް ކަމުގައި ހަދާށެވެ) ފަހެ، މީސްތަކުން އެ ޤުރުއާން ތިލާވަތް ކުރުމަކީ އެއީ (ބާވައިލެއްވުނު މަޤްޞަދު ކަމުގައި) ހަދައިފި އެވެ.“
އަދިވެސް އެބޭކަލުން ވިދާޅުވެފައިވެ އެވެ. ޤުރުއާން ބާވައިލެއްވުނީ އެއަށް ޢަމަލު ކުރުމަށެވެ. އަދި ޤުރުއާނުގެ އަހުލުވެރިންނަކީ އެ ޤުރުއާނަށް ޢަމަލުކުރުމުގައިވާ މީސްތަކުންނެވެ. ”ޤުރުއާންގެ އަހުލުވެރިންނަކީ އެ ޤުރުއާން ހިތުން ދަސްކޮށްފައި ނުވިއަސް އޭގެ ޢިލްމު ލިބިފައިވެ، ޢަމަލު ކުރުމުގައިވާ ފަރާތްތަކެވެ. އެހެނަސް ޤުރުއާން ހިތުދަސްކޮށް އޭގައި ބުނާ އެއްޗެއް ފަހުމްނުވެ އަދި ޢަމަލު ނުކުރާ މީހަކީ ޤުރުއާނުގެ އަހުލުވެރިއެއް ނޫނެވެ. އެއީ ޤުރުއާނުގެ އަކުރުތައް (ޤުރުއާން ކިޔެވުން) ލޮންސިއެއްގެ ސީދާކަމާއި ފުރިހަމަ ކަމުގެ މިންވަރަށް އަކުރު ކިޔާ ކަމުގައިވިޔަސް އެވެ.“
އަދިވެސް އެބޭކަލުން ވިދާޅުވެފައިވެ އެވެ. ހަމަކަށަވަރުން އީމާން ކަމަކީ އެންމެ މާތް މަތިވެރި ވެގެންވާ ޢަމަލެވެ. ފަހެ، ޤުރުއާން ފަހުމް ވުމާއި އަދި ޤުރުއާން ތަދައްބުރު ކުރުމަކީ، އެއީ އީމާންކަން އިތުރުކޮށްދޭ މޭވާފަދައިން ކަމުގައިވެ އެވެ. ދެންފަހެ، އެއްވެސް ފަހުމްވުމެއްނެތި މުޖައްރަދު ތިލާވަތް ކޮށްލުމާއި، ތަދައްބުރު ކުރުމެއްނެތި ކިޔެވުމަކީ، ހެޔޮލަފާ މީހުންނާއި، ފާޖިރުންނާއި، މުއުމިނުން އަދި މުނާފިޤުންވެސް ޢަމަލު ކުރާ ޢަމަލެކެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރައްވާފައިވާ ފަދައިންނެވެ. (ومثل المنافق الذي يقرأ القرآن كمثل الريحانة : ريحها طيب ، وطعمها مر) ”ޤުރުއާން ކިޔަވާ މުނާފިގެއްގެ މިޘާލަކީ ރައިޙާނެއްގެ މިޘާލެވެ. އޭގެ ވަސް މީރެވެ. އަދި އޭގެ ރަހަ އަކީ ހިތި ރަހައެކެވެ.“
އަދިވެސް އެބޭކަލުން ވިދާޅުވެ އެވެ. ޤުރުއާން ނެތި އީމާން ލިބިގެންވާ މީހާ އަކީ އީމާން ކަމެއް ނެތި ޤުރުއާން ލިބުނު މީހާއަށްވުރެ ހެޔޮކަން ބޮޑުވެގެންވާ މީހެކެވެ. ފަހެ، ހަމަ އެފދައިން ތިލާވަތް ކުރުމުގައި ފަހުމް ވުމާއި އަދި ތަދައްބުރުކޮށް ކިޔެވުން ލިބިފައިވާ މީހާއަކީ ތަދައްބުރު ކުރުމެއްނެތި އަވަސްކޮށް ގިނައިން ކިޔަވާ މީހާއަށްވުރެ ހެޔޮކަން ބޮޑުވެގެންވާ މީހެކެވެ.
އަދިވެސް އެބޭކަލުން ވިދާޅުވެ އެވެ. ހަމަކަށަވަރުން މި ސިފައިގައި (ތަދައްބުރުކޮށް، ފަހުމްވުމާއި އެކު ޤުރުއާން ތިލާވަތް ކުރުމަކީ) އެއީ ނަބިއްޔާ صلى الله عليه وسلم ގެ ހިދާޔަތް ކަމުގައިވެ އެވެ. އެގޮތުން ސޫރަތް ތިލާވަތް ކުރައްވާ ތަދައްބުރުކުރައްވާލެއް ފުރިހަމަކަމުން، އެ ސޫރަތަށް ވުރެ ދިގު ސޫރަތްތަކަށް ވުރެވެސް ދިގުކޮށް ކިޔަވަ އެވެ. އަދި ނަބިއްޔާ صلى الله عليه وسلم (ރޭއަޅުކަމުގައި) އެންމެ އާޔަތެއް ތިލާވަތް ކުރައްވައި ވިދާޅުވި އެވެ. (އެބަހީ : އެފަދައިން ޢަމަލުކޮށްފައިވަނީ، އާޔަތަށް ތަދައްބުރު ކުރައްވައި ތިލާވަތް ކުރެއްވުމުގެ ސަބަބެވެ.)
ދެންފަހެ، އަވަސްކޮށް ގިނައިން ކިޔެވުން މޮޅު އިތުރުވެގެންވާ ކަމުގައި ވިދާޅުވާ އަހުލުވެރިން ކަމުގައިވާ الشافعي މަޛްހަބުގެ އަޞްޙާބުން ވިދާޅުވެފައިވެ އެވެ. އަވަސްކޮށް ގިނައިން ކިޔެވުން މޮޅު އިތުރުވެގެންވާކަމުގެ ދަލީލަކީ އިމާމް الترمذي ޞަޙާބީ ابن مسعود -رضي الله عنه- ގެ އަރިހުން ރިވާކޮށްފައިވާ ޙަދީޘް އެވެ. ޙަދީޘްގައިވެ އެވެ. (من قرأ حرفا من كتاب الله فله به حسنة ، والحسنة بعشر أمثالها ، لا أقول الم حرف ، ولكن ألف حرف ، ولام حرف ، وميم حرف) ”ހަމަކަށަވަރުން ﷲ ގެ ފޮތުގެ އަކުރެއް ކިޔަވައިފިމީހާއަށް ހެޔޮކަމެއް ވެ އެވެ. އަދި ކޮންމެ ހެޔޮކަމަކަށް އޭގެ ދިހަ ގުނަ ވެ އެވެ. الم އަކީ އެއް އަކުރު ކަމުގައި ވިދާޅު ނުވަމެވެ. އެހެނަސް އަލިފް އަކީ އަކުރެކެވެ. ލާމް އަކީ އަކުރެކެވެ. އަދި މީމް އަކީ އަކުރެކެވެ.
އަދިވެސް އެބޭކަލުން ވިދާޅުވެފައިވެ އެވެ. ޞަޙާބީ عثمان بن عفان އެއް ރަކުޢަތުގައި ކީރިތި ޤުރުއާން އެކުގައި ތިލަވާތް ކުރެއްވި އެވެ. އަދި އެބޭކަލުން މިފަދައިން އުއްމަތުފެ ސަލަފުއް ޞާލިޙުންގެ ފަރާތުން ގިނައިން ޤުރުއާން ތިލާވަތް ކުރެއްވި ކަމުގެ އަޘަރުތައް ނަޤުލު ކުރެއްވި އެވެ.
ފަހެ، މި މައްސަލައިގައި ޞައްޙަވެގެންވާ ބުނުމަކީ :
ހަމަކަށަވަރުން ޤުރުއާން ތަރުތީލުކޮށް ތަދައްބުރުކޮށް ކިޔެވުން އޭގެ ޤަދަރުގެ ގޮތުން އޭގެ މިންވަރުގެ ގޮތުން ބޮޑުވެގެންވެ އެވެ. އަދި އުފުލިގެންވެ އެވެ. (މާނައަކީ : ޤަދަރުގެ ގޮތުން ބުނާނަމަ، ހެޔޮ ކަމެކެވެ. އެއް ހެޔޮކަމެވެ. އެހެނަސް އޭގެ ސައިޒުގެ ގޮތުން އެ ހެޔޮކަން -އެ ހަސަނާތް- ވަރަށް ބޮޑެވެ.) އަދި ގިނައިން ޤުރުއާން ކިޔެވުމަކީ ޢަދަދުގެ ގޮތުން ޘަވާބު އިތުވެގެންވާ ކަމެކެވެ.
މިކަމުގެ މިޘާލަކީ (ތަރުތީލުކޮށް ތަދައްބުރުކޮށް ޤުރުއާން ކިޔެވުން މިޘާލުކުރެވެނީ) : އަގު ބޮޑު މަތިވެރި ޖަވާހިރެއް މީހަކު ޞަދަޤާތް ކުރުމެވެ. ނުވަތަ އަގު (މަންފާ ބޮޑުވެގެންވާ) އަގު ބޮޑު އަޅަކު މިނިވަން ކުރުން ފަދަ އެވެ. އެހެނަސް (އަވަސްކޮށް ޤުރުއާން ކިޔަވާ މީހާ) ގެ މިޘާލަކީ، ވަރަށްގިނަގުނަ ދިރުހަމް ޞަދަޤާތް ކުރުންފަދަ އެވެ. ނުވަތަ އަގު ހެޔޮ ގޮތުގައިވާ އަޅުންތަކެއް މިނިވަން ކުރުން ފަދަ އެވެ.
ޞަޙާބީ ابن مسعود ވިދާޅުވެފައިވެ އެވެ. ”ތިޔަބައިމީހުންގެ ތެރެއިން މީހަކު ޅެމެއް ކިޔާފަދައިން (އަވަސްކޮށް) ޤުރުއާން ނުކިޔެވުން ހުއްޓެވެ. އެއްޗެއް ތަނަކަށް އުކާލާހިނދު އަޑުތަކެއް ކިޔާލާފަދައިން ދުލުން ޙަރަކާތެއް ކޮށްލާ ފަދައިން ޤުރުއާން ނުކިޔަވާށެވެ. އަދި ތިޔަބައިމީހުން އެ ޤުރުއާނުގެ ބަސްﷲފުޅުތަކުގެ މައްޗަށް ވިސްނައި ތަދައްބުރު ކުރުން ހުއްޓެވެ. އަދި ހިތްތަކަށް ފަހުމްކޮށް ކިޔަވާށެވެ. އަދި ތިޔަބައިމީހުންކުރެ މީހެއްގެ އުއްމީދު ކަމުގައިވާހުށީ ޞޫރަތް ނިންމާލުން ކަމުގައި ނަހަދާށެވެ.“
أبو جمرة ވިދާޅުވެފައިވެ އެވެ. ތިމަން ابن عباس ގެ އަރިހުގައި ދެންނެވީ މެވެ. އަހަރެންނަކީ ޤުރުއާން އަވަހަށް ކިޔަވާ މީހަކީމެވެ. އަދި ބައެއް ފަހަރުގައި އެއް ރޭގައި ހަތިމެއް ނުވަތަ ދެ ހަތިމް ކޮށްލަމެވެ. ފަހެ، އެހިނދު ابن عباس ވިދާޅުވި އެވެ. ”ތިބާ ތި ޢަމަލު ކުރާ ފަދައިން ޢަމަލު ކުރުމަށްވުރެ، އެންމެ ސޫރަތެއް ކިޔަވައި (އެ ޞޫރަތުގެ މައްޗަށް ތަދައްބުރު ކޮށް ކިޔެވުމަށް) އަހަރެން ލޯބި ކުރަމެވެ. ފަހެ، ހަމަކަށަވަރުން ތިބާ ކޮންމެހެންވެސް އަވަސްކޮށް ކިޔަވަންޖެހިއްޖެހިނދު، ތިބާގެ ކަންފަތަށް އަޑުއިވޭ ފަދައިން (އެބަހީ : ކިޔަނީ ކީކޭކަމާއި ވިސްނޭ ގޮތަށް) ކިޔަވާށެވެ.“
(އަދި މިނޫނަސް ތަރުތީލުކޮށް، ތަދައްބުރުކޮށް ކިޔެވުމަށް ބާރުދެވޭ ގިނަ އަޘަރުތަކާއި ބަސްފުޅުތައް الإمام ابن القيم -رحمه الله- ޛިކުރު ކުރެއްވި އެވެ.) މަތީގައި ބަޔާން ކުރެވިފައިވަނީ زاد المعاد (1/337-340) ޚުލާޞާ ކޮށްފައިވާ ބަސްފުޅުތަކެވެ.
ބުނަމެވެ. ފަހެ ހަމަކަށަވަރުން ޤުރުއާން ކިޔަވާހިނދު އޭގެ މާނައާމެދު ވިސްނައި ފިކުރުކުރާޙާލުގައި، އެބަހީ ތަދައްބުރު ކުރުމަކީ، ޤުރުއާނު ކިޔެވުމާއެކު ނުހަނު ބާރުއެޅިފައިވާ ކަމެކެވެ. އަދި ކިޔެއްތަ! މިއީ ޤުރުއާން ބާވައިލެއްވުނު ސަބަބު ތަކުގެ ތެރެއިން މަޤްޞަދެކެވެ. ﷲ عزوجل ވަޙީކުރައްވާފައިވެ އެވެ. (كِتَابٌ أَنزَلْنَاهُ إِلَيْكَ مُبَارَكٌ لِّيَدَّبَّرُوا آيَاتِهِ) ص 29
”މިއީ އިބަ ނަބިއްޔާއަށް ތިމަން އިލާހު ބާވައިލެއްވި ބަރަކާތްތެރި ފޮތެކެވެ. އެއީ އެބައިމީހުން އެފޮތުގެ އާޔަތްތަކުގެ މައްޗަށް ތަދައްބުރު ކުރުމަށްޓަކަ އެވެ.“ ﷲ ވަޙީކުރައްވާފައިވެ އެވެ. ( أَفَلَا يَتَدَبَّرُونَ الْقُرْآنَ أَمْ عَلَىٰ قُلُوبٍ أَقْفَالُهَا ) محمد 24 ”ފަހެ ޤުރުއާނާއި މެދު އެބައިމީހުން ވިސްނައި ފިކުރު ނުކުރަނީ ހެއްޔެވެ؟ ނުވަތަ އެބައިމީހުންގެ ހިތްތަކުގައި ތަޅުތަކެއް ލެވިފައިވަނީ ހެއްޔެވެ؟“
ކީރިތި ޤުރުއާން ތަދައްބުރު ކުރުމުގައިވާ ކަންތައްތައް މީސްތަކުންނަށް އިނގޭނަމަ އެހެން ހުރިހައި ކަމެއް އެކަހެރި ކުރުމަށްފަހު، އެކަމާ އެބައިމީހުން މަޝްޣޫލުވީހެވެ. ފަހެ، ކީރިތި ޤުރުއާނުގެ އެންމެ އާޔަތެއް ވިސްނައި ފިކުރު ކުރުމާ އެކީ ކިޔެވުން، ފަހުމްވުމެއް އަދި ތަދައްބުރު ނެތި ހަތިމް އެއްކޮށް ނިންމާލުމަށްވުރެ ހެޔޮކަން ބޮޑުވެގެންވެ އެވެ. އަދި އެއީ ހިތަށް އެންމެ ފައިދާކުރަނިވި ގޮތެވެ. އަދި އީމާން ކަމުގެ އިތުރުން ޤުރުއާން ކިޔެވުމުގެ ފޮނިރަހަ އެންމެ ބޮޑަށް ޙާޞިލްވާނެ ގޮތްވެސްމެ އެވެ. އަދި އުއްމަތުގެ ސަލަފުއް ޞާލިޙުންގެ އާދައަކީވެސް މި އެވެ. އަދި ހިތުގެ އިޞްލާޙުގެ އަޞްލުކަމުގައި މިކަންވެ އެވެ.
މަތީގައި ބަޔާންކޮށްފައިވާ الإمام ابن القيم -رحمه الله- ބަސްފުޅުގައި ބަޔާން ކުރެވިފައިވާ ފަދައިން، މިތަނުގައި ތަދައްބުރުކޮށް ކިޔުމާއި އަދި އަވަސްކޮށް ތަދައްބުރު ކުރުމެއްނެތި ކިޔުމުގައިވާ ތަފާތު ބަޔާން ކުރަމެވެ.
މިތަނުގައި އިޝާރަތް ކުރެވިފައިވަނީ، ޢަމަލުތައް ގިނަގުނަ ކުރެވެނީ ދެ ގޮތަކަށެވެ. އެއްގޮތަކީ އޭގެ ޤަދަރުގެ ގޮތުން ގިނަ ކުރުމެވެ. އަނެއް ގޮތަކީ އޭގެ ޢަދަދުގެ ގޮތުން ގިނަ ކުރުމެވެ. މިޘާލަކަށް އެންމެ ހެޔޮކަމެކެވެ. އެހެނަސް އެ ހެޔޮކަމަކީ އޭގެ ސައިޒުގެ ގޮތުން ވަރަށްވެސް ބޮޑުވެގެންވާ ހެޔޮކަމެއް ގޮތުގައި ވުމެވެ. އެގޮތުން ޤުރުއާން ތަދައްބުރުކޮށް ތަރުތީލުކޮށް ކިޔެވުން އޭގެ ޤަދަރުގެ ގޮތުން ވަރަށްބޮޑެވެ. އޭގެ ޤަދަރު ނުހަނު އުފުލިގެންވެ އެވެ.
އެފަދަ މިޘާލެކެވެ. މަސްޖިދުއް ނަބަވީގައި ނަމާދުކުރާ މީހާއަށް 1000 ނަމާދުގެ ޘަވާބު ލިބުމެވެ. އެހެނަސް މަދީނާގެ އަހުލުވެރިއެއްގެ ގޮތުގައިވިޔަސް އަންހެނަކު ގޭގައި ނަމާދު ކުރުމުން ލިބޭ ޘަވާބު 1000 އަށް ވުރެ ބޮޑުވެގެންވެ އެވެ. މިސްކިތުގައި ކުރާ މީހާ އަދި ގޭގައި ނަމާދު ކުރާ މީހާވެސް ކުރަނީ އެއް އަޅުކަމެކެވެ.
އެހެނަސް މަދީނާގާއި ހުރެ ގޭގައި އަންހެން މީހާ ގޭގައި ނަބިއްޔާ صلى الله عليه وسلم އިރުޝާދު ދެއްވާފައިވާ ފަދައިން އެ ޢަމަލު ކުރުމުން އޭގެ ހެޔޮކަން ބޮޑުވެގެންވާކަމެވެ. އެބަހީ އޭގެ ގަދަރު އުފުލި 1000 އަށްވުރެ އޭގެ އަޖުރު އުފުލިގެންވާކަމެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.