ރޭއަޅުކަމުގައި ޖަމާޢަތުގައި އެއްބައި ކޮށްފައި ފައިބައިގެން ދިއުމުން މުޅިރޭގައި އަޅުކަންކުރިކަމުގެ އަޖުރު ޙާސިލްވާނެތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.

أما بعد:

ސުވާލުގެ ޖަވާބުގައި ބުނަމެވެ.  

ވަރަށްގިނަ ބަޔަކަށް ވިސްނިފައިވަނީ ރޭއަޅުކަމުގެ މާނައަކީ ގިނަ ރަކުޢަތްތަކެއް ކޮށްލުމެވެ. އެ ގޮތުން އޭގެ މައްޗަށް ބުރަވެ، ރޭއަޅުކަމުގެ ގޮތުގައި ގިނަ ރަކުޢަތްތަކެއް ކުރުމަށްޓަކައި ސުވާލުގައި ބަޔާންކޮށްފައިވާ ފަދައިން ޢަމަލު ކުރެ އެވެ.  

އެހެނަސް މިތަނުގައި އެންމެ ހެޔޮވެގެންވާ އަދި އެންމެ ފުރިހަމަ ނަމޫނާގެ ފޮތުގައި މުއުމިނު އަޅުތަކުންނަށް މިޘާލެއްގެ ގޮތުގައި ފޮނުއްވި ފަރާތް، މާތް ނަބިއްޔާ صَلَّى اللهُ عليه وسلَّمَ ގެ ހިދާޔަތް ބަލާލުން ހުއްޓެވެ.   

صحيح البخاري 2013 ގައި ވާރިދުވެގެންވާ ޙަދީޘްގައިވެ އެވެأنَّهُ سَأَلَ عَائِشَةَ رَضِيَ اللَّهُ عَنْهَا، كيفَ كَانَتْ صَلَاةُ رَسولِ اللَّهِ صَلَّى اللهُ عليه وسلَّمَ في رَمَضَانَ؟ فَقَالَتْ: ما كانَ يَزِيدُ في رَمَضَانَ ولَا في غيرِهِ علَى إحْدَى عَشْرَةَ رَكْعَةً،   ”(ނަބިއްޔާގެ އަނބިކަނބަލުން)   عَائِشَةَ رَضِيَ اللَّهُ عَنْهَا، އަރިހުގައި މާތް ނަބިއްޔާ ރަމަޟާން މަހުގެ ރޭއަޅުކަމާއި ބެހޭގޮތުން ސުވާލު ދެންނެވުމުން އެ ކަމަނާ ވިދާޅުވި އެވެ. ”ރަމަޟާން މަހުގައިވެސް އަދި ރަމަޟާން ނޫން މަސްތަކުގައިވެސް 11 ރަކުޢަތަށްވުރެ ގިނަ ނުކުރައްވަތެވެ.“    

ފަހެ، އެހެން ވުމުން މިއީ އެންމެ ހެޔޮވެގެންވާ ގޮތެވެ. އަދި އެންމެ ރިވެތި ވެގެންވާ ނަމޫނާ އެވެމި ސިފައިގައި ރަމަޟާން މަހުގައި އަދި އެނޫން ދުވަސްތަކުގައިވެސް ޢަމަލު ބެހެއްޓުމަށް އަޚާއަށް ނަޞޭހަތްތެރިވަމެވެ.  

އެންމެ ހެޔޮ ގޮތަކީ މި ފަދައިން ޢަމަލު ބެހެއްޓުމެވެ. އެއަށްފަހު ނަމާދުގެ ޤިޔާމުގައި ދިގުކޮށް ކިޔެވުމެވެ. އެމީހަކަށް ހިތުދަސް މިންވަރެއް ފަސޭހަ ތަނެއް ކިޔެވުމެވެ. ހިތުދަސްވެފައި ނުވާނަމަ، ދަމު ނަމާދުގައި ޙަތިމް ބަލައިގެންވެސް ކިޔެވުން ހުއްދަވެގެންވެ އެވެ. މިއީ މިކަމުގައި އެންމެ އަޥްލާ އަދި ހެޔޮވެގެންވާ ގޮތެވެ. 

ފަހެ، އިމާމްއަށް އެންމެ އެދެވިގެންވާ ގޮތަކީ، ރޭއަޅުކަމުގައި މައުމޫންނާ އެކުގައި  2ރަކުޢަތުން 2 ރަކުޢަތުން 8 ރަކުޢަތް ކުރެއްވުމަށްފަހު، ވިތުރި އެކުގައި ނިންމާލުމެވެ.  

أبو ذر الغفاري -رضي الله عنه- ގެ އަރިހުން ރިވާވެގެންވާ ރިވާޔަތެއްގައިވެ އެވެ. އަޞްޙާބު ބޭކަލުން ނަބިއްޔާ صلى الله عليه وسلم އަރިހުގައި ޤާއިމްވެ ތިއްބަވައި ރޭއަޅުކަން ކުރެއްވި އެވެ. އަދި ރޭގަނޑުގެ ބައެއް އޮއްވައި ނަބިއްޔާ ނަމާދު ކުރައްވައި އަވަދިވެވަޑައިގެންނެވި އެވެ. ފަހެ، އެ ރޭގައި ބާކީއޮތް ވަޤުތުގައިވެސް އެ ބޭކަލުންނާއިގެން ނަމާދު ކުރެއްވުމަށް ރަސޫލާ صلى الله عليه وسلم އަރިހުގައި އެހިނދު އަޞްޙާބު ބޭކަލުން ދެންނެވި އެވެ. އެހިނދު ޙަދީޘް ކުރެއްވި އެވެ. (إنَّه مَن قام مع الإمامِ حتَّى ينصرِفَ كُتِب له قيامُ ليلةٍ)  ”ހަމަކަށަވަރުން އިމާމް މީހާ ނަމާދުން އަވަދިވެއްޖައުމަށް ދާންދެން، އިމާމާ އެކު ނަމާދުގައި ޤާއިމްވެއްޖެ މީހާއަށް މުޅި ރޭގެ ޤިޔާމުގެ އަޖުރު ލިޔެވިގެންވެ އެވެ.“  

މިއީ ކޮންފަދަ އަޖުރެއް ހެއްޔެވެ؟  

އެމީހަކު އިޝާއިން ފެށިގެން ފަތިސް ވުމަށް ދާންދެން މުޅި ރޭގައި އަޅުކަން ކޮށްފައިވާ ކަމުގެ އަޖުރާއި ޘަވާބު ﷲ އެމީހަކަށް ދެއްވަ އެވެ. 

ފަހެ، އިމާމް ނުވަތަ މައުމޫމެއް އިމާމް ދޫކޮށް ގޮސްފިހިނދު މި އަޖުރު ފާއިތުވެގެންދެ އެވެ. މިއީ ﷲ ތަޢާލާގެ ދީލަތިވަންތަ ކަމެވެ. މިއީ އެ އިލާހުގެ ފަޟްލުވަންތަވެރި ކަމެވެ. އެމީހާއަށް އެހިނދު މުޅި ރޭ އަޅުކަމުގައި ޤާއިމްވެ ދެމިހުރި ފަރާތެއްގެ ގޮތުގައި ލިޔެވިގެންދެ އެވެ.   

އަދިވެސް އިތުރަށް ބުނަމެވެ.  

ރޭ އަޅުކަމުގެ ގޮތުގައި ނަމާދު ކުރުމަށްފަހު، ޤާއިމްވުމަށް ދެމިހުންނެވުމަށް ބޭނުންވާ މީހާއަށް އެ ފުރުސަތުވެ އެވެ. 

ޔަޢުނީ : އެ ރޭގައިވެސް އެމީހަކަށް ރޭއަޅުކަމުގައި ކުރެވޭނެ އެހެނިހެން ޢަމަލުތަކެއް ވެ އެވެ. ރޭ އަޅުކަން ބުނެވެނީ ހަމަ އެކަނި ރަކުޢަތްތަކެއް ކުރުމެއް ނޫނެވެ.  

 އެހެނީ، ޤުރުއާން ކިޔެވުމުގައި ދެމިހުންނެވުމާއި، ޛިކުރު ކުރުމުގައި ޤާއިމްވެ އިނުމާއި އަދި ދުޢާ ކުރުމުގައި އިނުންފަދަ އެންމެހައި ޢަމަލުތަކަކީވެސް ރޭ އަޅުކަމެވެ.  

ވުމުން ރަކުޢަތްތަކުން ނޫން ކަމުގައިވީނަމެސް އެ ފުރުސަތުވެ އެވެ.  

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.  

Similar Posts