ދަމު ނަމާދުގައި ފޯނުން ނުވަތަ މުޞްޙަފުން ބަލައިގެން ކިޔެވުން ހުއްދަވާނެ ހެއްޔެވެ؟ އަދި ކިޔެވުމަށް ޚާއްޞަ ކުރެވިފައިވާ ވަކި ތަނެއް ނުވަތަ ވަކި ޚާއްޞަ ސިފައެއްވޭ ހެއްޔެވެ؟
ސުވާލުގައި ތަފާތު ދެ މައްސަލައެއް ހިމެނިފައި ވެއެވެ. ވީމާ، މި ދެ މައްސަލައަށް ވަކިވަކިން އަލިއަޅުވައިލާނަމެވެ. އެގޮތުން އެންމެ ފުރަތަމައަށް ފޯނުން ބަލައިގެން ކިޔެވުމާއި މުޞްޙަފުން ބަލައިގެން ކިޔެވުމާއި މެދުގައި ބުނަމެވެ.
ސުންނަތް ނަމާދުގައި، މުޞްޙަފުން ޙަތިމުން ބަލައިގެން ކިޔެވުން ހުއްދަ ވެގެންވެއެވެ. އެކަމުގައި ވަރަށް ސާފު ޞަރީޙަ ބަސްފުޅުތައް ވާރިދު ވެގެންވެއެވެ. އޭގެ ތެރެއިން ބައެއް ބަސްފުޅުތައް ޛިކުރު ކުރަމެވެ. ނަބިއްޔާ ﷺ ގެ އަނބިކަނބަލުން عَائِشة -رضي الله عنها- އަރިއަހުން ވާރިދު ވެގެންވެއެވެ. ” (كَانَ يَؤمُّها غُلامُهاَ ذَكْوَان فِي المُصحف) މާނައީ؛ އެކަމަނާގެ ޚާދިމް (ޛަކްވާނު) މުޞްޙަފުން (ބަލައިގެން) އެކަމަނާއެކު ރަމަޟާން މަހު އިމާމްވެ ނަމާދު ކުރައްވަވައެވެ” (رواه البخاري 1/170، معلقا ). އަދިވެސް އެފަދަ އެހެން ރިވާޔަތެއްގައި ވެއެވެ. الإِمَامُ ﺃَﺑُﻮْﺩَاﻭُﺩ رحمه الله ވިދާޅުވެފައި ވެއެވެ. الإمام أَحْمد بِن حَنبل رحمه الله އަރިއަހުގައި މީހަކު މުޞްޙަފުން ބަލައިގެން އިމާމްވެ ނަމާދު ކުރުމާ މެދު ސުވާލު ކުރެވުނެވެ. ފަހެ، އެހިނދު އެކަމަށް ހުއްދަދެއްވި އެވެ. (مسائل أبي داود ٩٢)
ވީމާ، މި ޢަމަލު ހުއްދަވުމުގެ މައްޗަށް ޝަައްކެތް ވެސް ނުކުރާށެވެ. ދެން އޮތީ، ސުންނަތް ނަމާދުތަކުގައި ފޯނުން ބަލައިގެން ކިޔެވޭނެ ހެއްޔެވެ؟ މި ސުވާލެވެ. ފަހެ، އެއީ ހުއްދަ ޢަމަލެކެވެ. ނަމަވެސް މުޞްޙަފުން ކިޔެވުން ބޮޑަށް އެދެވިގެންވެއެވެ. އަޥްލާ ވެގެންވެއެވެ.
އަލް-ޙާފިޟް الحَافِظ النوَوِي رحمه الله ވިދާޅުވެފައިވެއެވެ. “މުޞްޙަފަށް ބަލައިގެން ޤުރުއާން ކިޔެވުމަކީ މުޞްޙަފަށް ނުބަލައި ކިޔުމަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ކަމެކެވެ. ސަބަބަކީ، މުޞްޙަފަށް ބެލުމަކީ އެދެވިގެންވާ އަޅުކަމެކެވެ. ފަހެ، އެހިނދު ޤުރުއާން ކިޔެވުމުގެ އަޅުކަމާއި އަދި މުޞްޙަފަށް ބެލުމުގެ (އަޅުކަން) ޖަމަޢަވެގެންދެ އެވެ” (التبيان في آداب حملة القرآن 95 ).
ސަޢުދީ ޢަރަބިއްޔާގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި ފަތުވާ ކޮމެޓީގެ މެންބަރު العلامة الشيخ صَالح الفَوزَان حفظه الله ވިދާޅުވެފައި ވެއެވެ. “ތިޔަ ދޭތީގެ އެއްވެސް ފަރަޤެއް ނުވެއެވެ. ހުރިހައި އެއްޗެއްގައި ވެސް ލިޔެވިފައިވަނީ ޤުރުއާންއެވެ. ފަހެ، ލިޔެފައި ހުންނަ މުޞްޙަފުން ކިޔެވުން އައުލާ ވެގެންވެއެވެ. ސަބަބަކީ މުޞްޙަފަކީ އެކަމަށް ތައްޔާރު ކުރެވިފައިވާ އެއްޗެކެވެ. އަދި ފޯނަށްވުރެ ސާފުކަން ބޮޑެވެ. ފަހެ، އެގޮތުން ފޯނުން ކިޔެވުމަށްވުރެ މުޞްޙަފުން ކިޔުން އައުލާ ވެގެންވެއެވެ. އަދި ފޯނުން ކިޔެވުން ހުއްދަ ވެގެންވެއެވެ.”
ފަހެ، މިމައްސަލައިގައި މިނޫން ބަސްފުޅުތައް ވެސް ވެއެވެ. އެހެންކަމުން މުޞްޙަފުން ކިޔެވޭނަމަ، އެގޮތް އިޚްތިޔާރު ކުރުން ހުއްޓެވެ.
ސުވާލުގެ ދެވަނަ ބައެވެ. އެއީ ދަމު ނަމާދުގައި ކިޔެވުމަށް ޚާއްޞަ ކުރެވިފައިވާ ވަކި ތަނެއް ނުވަތަ ވަކި ޚާއްޞަ ސިފައެއްވޭ ހެއްޔެވެ؟ ފަހެ، ދަންނާށެވެ! ދަމު ނަމާދުގައި ކިޔެވުމަށް ޚާއްޞަ ކުރެވިފައިވާ ތަނެއް އަދި ވަކި ޚާއްޞަ ސިފައެއް ނުވެއެވެ. ދީނުގައި އެކަން ވަނީ އެއަށްވުރެ ބޮޑަށް ތަނަވަސްވެ ފުޅާވެގެންނެވެ. އެ މީހަކު ރެއާއި ދުވާލުގައި ކިޔަވަމުންދާ ގޮތަށް ނަމާދުގައި އެ ހިސާބުން ކުރިއަށް ގެންދިއުން ނުވަތަ ނަމާދުގައި ފަސޭހަ ތަނެއް ކިޔެވުން ނުވަތަ އެ މީހަކަށް ފަރިތަ ތަނެއް ކިޔެވުމުގައި އެއްވެސް މައްސަލައެއް އަދި މަނާ ކަމެއް ވެސް ނެތެވެ. الحمد لله އެވެ. ސުވާލު ހުރިހާ ބައިތަކެއް އެކުގައި ފަހުމްވެއްޖެ ކަމުގައި އުއްމީދު ކުރަމެވެ.