ގައިދުރުކޮށް ނަމާދު ކުރުމުގެ ހުކުމަކީ ކޮބާ؟

بسم الله الرحمن الرحيم. الحمد لله وحده والصلاة والسلام على من لا نبي بعده :

أما بعد :

ގައިދުރުކޮށް ނަމާދު ކުރުމާއި މެދުގައި ކޮށްފައިވާ ސުވާލަށް ޖަވާބުގައި ބުނަމެވެ.

މިތަނުގައި ދަންނަންޖެހޭ ނުކުތާތަކެއްވެ އެވެ.

 

ފުރަތަމައީ : އިމާމްގެ ފަހަތުގައި އެކަނި ވަކިންހުރެ ނަމާދު ކުރުން ނަހީ ކުރެވިގެންވާ ސިފައިގެ ތެރެއަށް މި ޢަމަލު ނުވަންނާނެ އެވެ.

وَابِصَة بِن مَعْبَدُ -رضي الله عنه- ނަބިއްޔާ -صلى الله عليه وسلم- އަރިހުން ރިވާކޮށްފައިވާ ރިވާޔަތެއްގައިވެ އެވެ. (أن النبيَّ صلَّى اللهُ عليهِ وسلَّمَ رأى رجلًا يصلِّي خلفَ الصفِّ وحدَه فأمره أن يعيدَ الصلاةَ) ހަމަކަށަވަރުން ނަބިއްޔާ -صلى الله عليه وسلم- އަށް މީހަކު ސަފުތަކުގެ ފަހަތުގައި އެކަނި ނަމާދު ކުރަން ހުއްޓާ ފެނިވަޑައިގެންނެވި އެވެ. ފަހެ އެހިނދު އެމީހާއަށް ނަމާދު އަނބުރައި އަލުން އިޢާދަކުރުމަށް އަމުރުފުޅު ކުރެއްވި އެވެ.“ رواه أبو داود (٦٨٢) وصححه الألباني

މި މައްސަލައިގެ ތެރެއަށް މިއަދު ދެމީހުންގެ ދެމެދުގައި ހުސްޖާގަދީގެން ނަމާދު ކުރުމުގެ ސިފަ ނުވަންނާނެ އެވެ. ސަބަބަކީ ހުސްޖާގަ ދެވޭހިނދު އެބައިމީހުން ތިބެނީ އެއް އިމާމަށް ތަބަޢަވެ އެއް ސަފެއްގަ އެވެ. އެއް ހަމައެއްގަ އެވެ. އެކަކަށްވުރެ އަދި ދެމީހުން އަދި ކިޔެއްތަ! ގިނަ ބަޔަކު އެއް ހަމައެއްގައި އިމާމަކަށް ތަބަޢަވެ ސަފެއްގައި ތިބެ އެވެ.

ވުމުން، މިއީ ޙަދީޘްގައި ނަހީވެގެންވާ ވަކިންހުރެ ނަމާދު ކުރުމުގެ ޙުކުމގެ ތެރެއަށް ނުވާންނެ ޢަމަލެއް ކަމުގައިވާނެކަން ޔަޤީންކަމުގެ ދަރަޖައަށް ދެ އެވެ.

 

ދެވަނައީ : ސަފުތަކުގައި ބަދަހި ކަމާއި ހުސްޖާގަ ނުދެވޭ ގޮތުގައި ފުރިހަމައަށް ސަފު ހެދުމަކީ ޖުމްހޫރު ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ވާޖިބު ޢަމަލެއް ނޫނެވެ. އަދި މަދު ބައެއް މުޙައްޤިޤުން އެއީ ވާޖިބު ޢަމަލެއް ކަމުގައި ދެކެވަޑައިގަންނަވަ އެވެ.

ފަސުހެދުމުގައި ބަދަހިކަން ބެހެއްޓުން ވާޖިބުކަމުގައި ދެކޭ ޤައުލަކީ ޟާހިރީ މަޛްހަބުގެ ޤައުލެވެ.

 

ދެންއޮތީ، ވާޖިބު ކުރާ މުޙައްޤިގުން އަދި ޢިލްމުވެރިންގެ އަރިހުގައިވެސް ޙާޖަތެއް މެދުވެރިގެން، ބަދަހިކަން ނެތި ވަކިން ނަމާދު ކުރަންޖެހިއްޖެހިނދުގައި، އެ ދިމާވާ ޙާލަތުގެ މައްޗަށް ބިނާކޮށް ބަދަހިކަން ނެތް ކަމުގައިވީނަމަވެސް ނަމާދު ކުރުން ހުއްދަ އެވެ. މިކަމަށް އިޝާރަތް ކުރައްވައި އިމާމް شيخ الإسلام ابن تَيمية -رحمه الله- مجموع الفتاوى 23-406 ގައި އިޝާރާތް ކުރައްވާފައިވެ އެވެ.

މިއީ ޢިލްމީ ނަޒަރަކުން ބަލައިފިހިނދު އެއަށްއޮތް ޙުކުމެވެ. އަދިވެސް އޭގެ އިތުރަށް ޝަރުޢީ މަސްލަޙަތާއި އަދި ވުމުން، އެއިރެއްގައި ވެރިން ނުވަތަ މަސްޢޫލުވެރިންނަށް ފެނިގެންވާ ޙާޖަތަށްޓަކައި އެކަމުގައި ދުރުގައި ތިބުމަށް ފެނިއްޖެހިނދު، (އެބަހީ : އެކަމުގައި ވެރިން އިޖްތިހާދުކޮށް) ފެނިއްޖެހިނދު، އެކަން ހުއްދަވާނެ ކަމުގައި ޝައްކެތްވެސް ނެތެވެ.

 

ތިންވަނައީ : ނަމާދުގައި ދެމީހެއްގެ މެދުގައި ހުސްޖާގަ ދެވި، ބަދަހިކަން ސަފުގައި ނެތް ކަމުގައިވިނަމަވެސް ނަމާދު ބާޠިލް ނުވާނެކަމަށް އެންމެހައި ޢިލްމުވެރިން އިޖްމާޢުވެވަޑައިގަންނަވަ އެވެ.

 

ފަހެ، މިއީ މިކަމުގެ ޙުކުމް ކަމުގައިވެ، އެފަދައިން ސަފުހެދުމަށް ޙާޖަތް މެދުވެރިވެއްޖެހިނދު، ބުނާނީ ކީކޭ ހެއްޔެވެ؟ މިކަމުގައި ފެންނަންއޮތް ހެއްކަކީ، ފަހެ، ތަނބުތަކެއް ލެވިފައި ސަފެއްގައި ނަމާދު ކުރާ މީހާ ވާހުށީ ހުސްގާޖަ ދޫކޮށްފައިވާ މީހެއްގެ ގޮތުގަ އެވެ. އެހެނަސް އޭނާގެ ނަމާދު ބާޠިލެއް ނުވެ އެވެ. އަދި އެއީ ޞައްޙަ ނަމާދެއް ކަމުގައިވެ އެވެ. އެހެނަސް ޝައްކެތްވެސްނެތެވެ. ހުސްޖާގަ ދެވުމަކީ ކަރާހަތްތެރި ވެގެންވާ ކަމެކެވެ.

 

ابن مَسعُود -رضي الله عنه- ތަނބުތަކުގެ ދެމެދުގައި ނަމާދު ކުރުން ދުރުވުމަށް -އެބަހީ : ސަފުގައި ހުސްޖާގަދެވޭ މި ސިފަ ބަޔާން ކުރައްވާ ވިދާޅުވެފައިވެ އެވެ. ”ތިޔަބައިމީހުން ތަނބުތަކުގެ މެދުގައި ނަމާދު ނުކުރާށެވެ.“ މި ބަސްފުޅު ޛިކުރު ކުރެއްވުމަށްފަހު، الإمَام البَبهَقِي ވިދާޅުވެފައިވެ އެވެ. ”މިކަމުގެ ސަބަބަކީ، والله أعلم. ތަނބަކީ ނަމާދަށް ހެދޭ ސަފު ބަދަހި ކަމާއެކު ހެދިގެން ދިއުމަށްވާ ހުރަހެއް ކަމުގައިވާތީ އެވެ.“سنن الكُبرى 3-104

 

އިމާމް ابن العَرَبِي- رحمه الله- މިތަނުގައި ނަހީކުރެވިފައިވާ ސަބަބު ބަޔާންކޮށްދެމުން ބުނެފައިވެއެވެ. “ އެއީ ސަފުބުރިވެދިއުމެވެ. މިބާބުގެ މުރާދަކީއެއީ އެވެ.“

ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީގެ ފަތުވާގައިވެ އެވެ. ”ސަފު ބުރިވެ މެދުކެނޑިގެންދާނަމަ އެ ތަނުގައި ސަފުހެދުން މަކްރޫކަވެގެންވެ އެވެ. އެހެނަސް ނަމާދު ކުރާ މީހުން ގިނަވެ މިސްކިތުގައި ޖާގަ ނެތް ޙާލަތުގައި ފިޔަވަ އެވެ.“ (މާނައީ : އެ ޖަމާޢަތެއްގައި މީހުން ގިނަވެ މިސްކިތް ފުރޭނަމަ، އެ ޙާލުގައި ތަނބުތަކުގެ މެދުގައިވެސް ސަފުތައް ހެދުން ހުއްޓެވެ. މަކްރޫހަކަމެއް ނޯންނާނެ އެވެ.“ فتاوى اللجنة الدائمة (5/295)

ވުމުން، ޙާޖަތެއް އޮވެއްޖެހިނދު، އެ އޮތަ ކަރާހަތްތެރިކަންވެސް ކެނޑިގެންދާނެ އެވެ.

ވުމާއެކު، މި ޝަރުޢީ ހަމަތައް ދަންނަ މީހަކު ޖަމާޢަތުގައި ނަމާދު ދޫކޮށްލަން ބުނާނެ ހެއްޔެވެ؟

 

ހަތަރުވަނައީ : ނަމާދުގައި ސަފުތައް ހެދުމުގައި ބަދަހިކަމުގައި ދެމިތިބުން އެއީ ވާޖިބުވެގެންވާ ޢަމަލެއްކަމުގައި ބުނާނަމަ އެވެ. އެބަހީ : އެބަޔަކު ޤަބޫލު ކުރަނީ ގާތްގާތުގައި ޖެހިޖެހިގެން ބަދަހިކޮށް ސަފުހެދުމަކީ ވާޖިބުވެގެންވާ ކަމެކެވެ. ވުމުން، ސުވާލަކީ އެފަދައިން ދެކުނު ކަމުގައިވީނަމަވެސް، ޢުޛުރުވެރި ޙާލަތެއް މެދުވެރިވެއްޖެހިނދު އެ ވާޖިބު ވެއްޓިގެންދާނެ ހެއްޔެވެ؟

ޝައްކެތްވެސް ނެތެވެ. ޢުޛުރުވެރި ޙާލަތެއް ދިމާވެއްްޖެހިނދު އެކަން ވެއްޓިގެންދާނެ އެވެ. މިކަމަށް ދަލީލު ކުރެވޭ ގިނަ ދަލީލުތަކެއްވެ އެވެ. އޭގެ ތެރޭގައި އުޛުރެއް ދިމާވުމުން، ނަމާދަށް ކޮޅަށް ހުންނަ މީހާ އިށީނުމާއި، ބަލި ޙާލަތުގައި އޮށޯތުންފަދަ އެވެ. މި ކަމުގައި އިމާމް شَيخ الإسلام ابن تَيمية -رحمه الله- ވިދާޅުވެފައިވެ އެވެ. ”ނަމާދުގެ ވާޖިބުތައް އުޛުވެރި ޙާލަތްތަކުގައި ވެއްޓިދާނެތެވެ. ވަކިން ނަމާދު ކުރާ މީހާއަށް ދިމާވާ ޙާލަތާކާއި ގުޅިގެން ވާޖިބުތައް ވެއްޓޭ ފަދައިން ޖަމާޢަތުގައި ނަމާދު ކުރުމުގެ ވާޖިބުތައްވެސް ވެއްޓިގެން ދެ އެވެ.“ قاعدة النورانية

 

ފަސްވަނައީ : ޢިލްމީ އަސާސުގެ މައްޗަށް ބިނާކޮށް، ޝަރުޢީ ޤަވާޢިދުތަކުގެ މައްޗަށް ރިއާޔަތްކޮށް ޢަދުވެރި ބަސްތަކުގެ މީޒާނުގައި ބެލުމެވެ. ޖަމާޢަތުގައި ނަމާދު ކުރުން ދޫކޮށް މިސްކިތްތައް ބަންދު ކުރުމާއި، ގައިދުރުކޮށް ތިބެގެން ނަމާދު ކުރުމުގެ ދެކަމަށް ބަލާލާއިރު، އެއް ޢަމަލުގެ މައްޗަށް ގަދަވެގެންވާ އަނެއް ޢަމަލަކީ ކޮބައިތޯ އެވެ؟

ޖަމާޢަތުގައި ނަމާދު ކުރުމުގެ ޝިޢާރު އެކުގައި ގައިދުރު ކަމާއި އެކުގައިވެސް އެ ޢަމަލުގައި ދެމި ހުރުންތޯ ނުވަތަ ގައިދުރު ކުރުމުގެ ސިފަ އައުމުން އެކުއެކީގައި ނަމާދު ޖަމާޢަތުގައި ކުރުން މިސްކިތްތަކުގައި ދޫކޮށްލުން ހެއްޔެވެ؟

ފަހެ، ޝަރުޢީ ޤަވާޢިދާއި އަސާސްތައް ދަންނަ ފަރާތަކުން، ގައިދުރު ކަމާއިހުރެ ނަމާދު ޖަމާޢަތުގައި ދޫކޮށްލުމަށާއި، މިސްކިތައް ޙާޒިރުވުން ދޫކޮށްލުމަށް ނުބުނާނެ އެވެ. އެހެނަސް ގައިދުރު ކަމާއެކުގައިވެސް ޖަމާޢަތުގައި ނަމާދު ޤާއިމްކުރުން އެތައް ގުނަތަކަށް އިސްވެގެންދާނެކަން ކަށަވަރުވާނެ އެވެ.

 

ހަވަނައީ : ދިމާވާ އެކިއެކި ޙާދިޘާތަކާއި، އެންމެހައި މީސްތަކުންނަށް ޢާންމުވެގެންވާ މަޞްލަޙަތުގެ މައްޗަށް މުސްލިމްވެރިން ކަނޑައަޅާ ކަންކަމަކީ ރައްޔިތުން އެކަމުގައި ވެރިންނަށް އެއްބާރުލުން ދިނުމަށް ޝަރުޢުގައި ކަނަޑައެޅިފައިވާ އަސާސެކެވެ. މިކަންކަމުގައި ވެރިންނާ ޚިލާފްވުމެއް ނުވެ އެވެ. އަދި ވެރިންނަށް ނުބައިކޮށް ވިސްނި، އެހެނަސް ފާފަވެރި ނުވާނެ ކަމުގައިވާ ކަންތައްތަކުގައި އެމީހަކު އަމިއްލައަށް ދެކޭ ގޮތާއި ޚިލާފްއަށް ވެރިން އަމުރުފުޅު ކުރި ކަމުގައިވީނަމަވެސް ވެރިންނަށް ކިޔަމަންތެރިކަން އަދާކުރުންވެ އެވެ. الحافظ ابن حجر – رحمه الله – (ވެރިންގެ މިފަދަ އަމުރުތަކަށް ކިޔަމަން ވުމުގެ މައްޗަށް ބަޔާންވެގެންވާ ޙަދީޘް ޛިކުރު ކުރައްވައި) ވިދާޅުވެފައިވެ އެވެ. ”މިޙަދީޘްގައި ވެރިންނަށް ކިޔަމަންވުން ވާޖިބުކުރައްވާފައިވެ އެވެ. މިޙުކުމްވަނީ ފާފައަކަށްނުވާ ކޮންމެ ކަމެއްގައެވެ. މިކަމުގެ ޙިކްމަތަކީ ބައިބައިވެ ދިއުމުންނާއި މީސްތަކުން ފަސާދަވެދިއުމުން އެކަހެރިވެ އެބައިމީހުންގެ ކަލިމަ އެކަތިގަނޑެއްގެމަތީގައި ރައްކައުތެރިވެ ތިބުމެއެވެ.“ ( فتح الباري ج 13 ص 112 )

 

ހަތްވަނައީ : މިއަދު އުއްމަތުގައިވާ ސުންނަތުގެ ޢިލްމުވެރިންގެ ތެރެއިން އެއްވެސް ޢިލްމުވެރިއެއް ގައިދުރުކޮށްގެން ނަމާދު ކުރުމުގެ ސަބަބުން ނަމާދު ބާޠިލްވާނެ ކަމުގައި ވިދާޅުވެފައެއް ނުވެ އެވެ. ސުންނަތުގައި ފައިތިލަ ޘާބިތުވެގެންވާ އެބޭކަލުންގެ ޢިލްމާއި ތަޤްވާވެރިކަމާއި މަތިވެރިކަމަށް އުއްމަތް ހެކިވެގެންވާ އެއްވެސް ބޭކަލަކު ފަތުވާ ދެއްވާފައެއް ނުވެ އެވެ. އެހެނަސް ޝަރުޢީ ދަލީލުތަކާއި އަދި ޝަރުޢީ ޤަވާޢިދުތަކުގެ މައްޗަށް ބަޔާންކުރައްވާ އެކަން ޙާޖަތަށްޓަކައި ހުއްދަވާނެކަމުގައި ވިދާޅުވެފައިވެ އެވެ.

ސަޢުދީ ޢަރަބިއްޔާގެ މުފްތީ الشيخ العلامة عَبد العَزِيز آل الشيخ، ސަޢުދީ ޢަރަބިއްޔާ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންންވާ އަދި ފަތުވާ ކޮމެޓިގެ މެންބަރު العلامَة الشيخ صَالح الفَوزَان، މިއަދު މަދީނާގައިވާ ޙަދީޘް ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެންމެ ބޮޑު އެއް ޢިލްމުވެރިޔާ العلامة عَبد المُحسن العبَّاد، حفطهم الله އަދި މި ނޫން ޢިލްމެރިންނެވެ.

 

ވުމުން، ނަމާދު ބާޠިލްވާނެ ކަމާއި، އެއީ ބިދުޢަ ހެދުން ކަމުގައި ބުނެ، އަމިއްލަ ބަސްތައް ފާޅުކުރާ މިފަދަ އެންމެހައި ފަރާތްތަކުގެ މަތިން ދުރުވެ އެއިން އެއްވެސް އެއްޗަކަށް ނަޟަރު ހިންގުމެއް ނުވެ އެވެ.

 

Similar Posts

Leave a Reply