ފާތިޙާ ސޫރަތަށް ފަހުގައި އިމާމް އަދި މައުމޫމުން އާމީން ކިޔުމުގެ ޙުކުމަކީ ކޮބާތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
ނަމާދުގައި ފާތިޙާ ސޫރަތަށް ފަހުގައި އިމާމް އަދި މައުމޫމުން އާމީން ކިޔުމުގެ ޙުކުމް.
އެންމެހައި ފުޤަހާއިން އަދި ޢިލްމުވެރިން އިއްތިފާޤުވަޑައިގެންފައިވާ ގޮތުގައި، އެކަނި ނަމާދު ކުރާ މީހާ، ސިއްރިއްޔަ ނަމާދުގައި އަދި ޖަހްރިއްޔަ ނަމާދުގައިވެސް ފާތިޙާ ސޫރަތަށްފަހު އާމީންކިޔުން -މުޠްލަޤުކޮށް އެންމެހައި ނަމާދުތަކުގައި- އާމީން ކިޔުން މުސްތަޙައްބުވެގެންވާކަމަށް ދެކެވަޑައިގަންނަވަ އެވެ.
އެހެނަސް މި މައްސަލައިގައި ޚިލާފްވަޑައިގެންފައިވަނީ ޖަމާޢަތުގައި ނަމާދު ކުރާހިނދު އިމާމް ފާތިޙާ ސޫރަތަށް ފަހުގައި އާމީން ކިޔުމާއި މެދުގަ އެވެ.
މި މައްސަލައިގައި ވަނީ މަޝްހޫރު ތިން ޤައުލެވެ.
ފުރަތަމަ ޤައުލަކީ : ޖުމްހޫރު ޢިލްމުވެރިންގެ ބަސްފުޅެވެ. އެއީ އިމާމްއަށް މުޠްލަޤްކޮށް އާމީން ކިޔުން ޝަރުޢުވެގެންވާކަމެވެ. ޖަހްރިއްޔަ ނަމާދުގައި އަދި ސިއްރިއްޔަ ނަމާދުގައި ކަމުގައިވީނަމަވެސް އެވެ. އެހެނަސް އަޑުހަރުކޮށް ކިޔުންވަނީ ޖަހްރިއްޔަ ނަމާދުގަ އެވެ. އަދި ސިއްރިއްޔަ ނަމާދުގައި ބާރަށް ކިޔުމެއް ނުވެ އެވެ.
ދެވަނަ ޤައުލު : މިއީ މާލިކީ މަޛްހަބުގައި މަޝްހޫރުވެގެންވާ ގޮތެވެ. އެހެނީ އިމާމް مالك ގެ ބަސްފުޅަކީ، ޖަހްރިއްޔަ ނަމާދުގައި އިމާމް އާމީން ކިޔުން މަކްރޫހަވެގެން ވުމެވެ. އަދި އާމީން ކިޔުންވަނީ ސިއްރިއްޔަ ނަމާދުގަ އެވެ.
ވުމުން، އެއީ ޖަހްރިއްޔަ ނަމާދެއް ކަމުގައިވާނަމަ އިމާމް އާމީން ނުކިޔުމެވެ. އަދި ފާތިޙާ ސޫރަތުގެ އާޔަތް صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ ކިޔައި ފުއްދާލާނީ އެވެ.
ތިންވަނަ ޤައުލު : ޙަނަފީ މަޛްހަބުގެ ޤައުލެވެ. އެއީ އެއްވެސް ޙާލެއްގައި އިމާމް އާމީން ކިޔުމެއް ނުވެ އެވެ. މުތްލަޤްކޮށް އާމީން ކިޔުމެއް ނުވެ އެވެ.
ޝައްކެތްވެސް ނެތް ގޮތުގައި މައްސަލައިގައި އެންމެ ޢަދުލުވެރި ބަސްފުޅަކީ ޖުމްހޫރު ޢިލްމުވެރިންގެ ބަސްފުޅެވެ. ސަބަބަކީ، ދަލީލުތައް، ޙުއްޖަތްތައް، ނައްޞުތައް އެފަދައިން ޞަރީޙަކޮށް ވާރިދުވެގެން ވުމެވެ.
އެފަދަ އެއް ދަލީލަކީ އިމާމް البخاري 780 އަދި مسلم 410 ޞަޙާބީ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ ގެ އަރިހުން ރިވާކޮށްފައިވާ ޙަދީޘެވެ.
ޙަދީޘްގައިވެ އެވެ. «إِذَا أَمَّنَ الإِمَامُ فَأَمِّنُوا؛ فَإِنَّهُ مَنْ وَافَقَ تَأْمِينُهُ تَأْمِينَ المَلَائِكَةِ؛ غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ) ”އިމާމު މީހާ އާމީން ކިޔާ ހިނދު، ތިޔަބައިމީހުން ވެސް އާމީން ކިޔާށެވެ. އެހެނީ ހަމަކަށަވަރުން މީހެއްގެ އާމިން، މަލާއިކަތުންގެ އާމީންއާ ދިމާވެއްޖެ ނަމަ، އެ މީހެއްގެ އިސްވެ ގޮސްފައިވާ ފާފަތައް ފުއްސެވޭ ހުއްޓެވެ.“
މި ޙަދީޘްހައި ވަރަށް ޞަރީޙަކޮށް ”އިމާމް މީހާ އާމީން ކިޔާހިނދު…“ ބަޔާންވެގެންވެ އެވެ. ފަހެ، މިއީ ނުހަނު ސާފުވެގެންވާ އަދި ވަންހަނާ ކަމެއް ނެތް ޢިބާރާތެކެވެ.
އަދިވެސް މައްސަލައިގައި އެހެނިހެން ރިވާޔަތްތައް ބަޔާންވެ އެވެ. އޭގެ ތެރޭގައި އިމާމް أبي داود 932 އިމާމް أحمد -المسند ގައި- ޞަޙާބީ وائل بن حجر ގެ އަރިހުން ރިވާކޮށްފައިވާ ރިވާޔަތް ހިމެނެ އެވެ. ޙަދީޘްގައި ޞަޙާބީ ވިދާޅުވެފައިވެ އެވެ. كانَ رسولُ اللَّهِ – صلَّى اللَّهُ علَيهِ وعلَى آلِه وسلَّمَ – إذا قرأ وَلَا الضَّالِّينَ قالَ : آمينَ ورفعَ بِها صَوتَهُ ”ރަސޫލާ صلَّى اللَّهُ علَيهِ وعلَى آلِه وسلَّمَ (ނަމާދުގައި) وَلَا الضَّالِّينَ ވިދާޅުވެއްޖެހިނދު، آمينَ ވިދާޅުވެ އެވެ. އަދި އަޑުފުޅު އުފުއްލަވައި ވިދާޅުވެ އެވެ.“
ފަހެ، މިއީ ޞައްޙަ ޙަދީޘެކެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.