ގޭގައި ޢީދު ނަމާދު ކުރާނެ ސިފަ (ޚުލާޞާކޮށް)
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ފުރަތަމައީ : ޢީދު ދުވަހުގެ ހެނދުނު އިރު އަރައި، ގާތްގަނޑަކަށް 15 މިނިޓް ހޭދަވުމުން ޢީދު ނަމާދުގެ ވަޤުތު ފެއްޓުނީ އެވެ. މެންދުރު ވަޤުތު ވަނުމުން ޢީދު ނަމާދުގެ ވަޤުތު ނިމުނީ އެވެ. ޢީދު ނަމާދުގެ ކުރިއަށް ބަންގި ދިނުމެއް އަދި ޤަމަތް ދިނުމެއް ނޯވެ އެވެ. ޢީދު ނަމާދު ފެށުމުގެ ކުރިން އަދި ނިމުމަށްފަހު ސުންނަތެއް ނޯވެ އެވެ. ޢީދު ނަމާދު ކުރުމަށް ހިތުން ނިޔަތްގަނެ، ޤިބްލައަށް ކުރިމަތިލާނީ އެވެ. އަދި ދެ އަތް ކޮނޑާ ހަމައަށް އުފުލައި، ޙަރަމްބަންނަ ތަކްބީރު “ اللهُ أَكبَرُ “ ކިޔައި، ޙަރަމްބަދެ ދުޢާއުލް އިސްތިފްތާޙް ކިޔާނީ އެވެ.
ދެވަނައީ : އެއަށްފަހު، ޙަރަމްބަންނަ ތަކްބީރު ނުލައި 7ތަކްބީރު ކިޔާނީ އެވެ. އަދި ކޮންމެ ތަކްބީރަކަށް ދެއަތް އުފުލުން ހުއްޓެވެ.
ތިންވަނައީ : އެއަށްފަހު އިސްތިޢާޛަ (އަޢޫޛު) ކިޔައި ބަސްމަލަ (ބިސްމި) ކިޔައި ފާތިޙާ ސޫރަތް ކިޔަވާނީ އެވެ. އެއަށްފަހު ސޫރަތް الأَعْلَى ކިޔެވުން އެދެވިގެންވެ އެވެ. (މި ޞޫރަތް ނުދަންނަ މީހާ އެހެން ސޫރަތެއް ކިޔުން ހުއްދަވެގެންވެ އެވެ.) ކިޔަވާނީ އަޑު ހަރުކޮށެވެ.
ހަތަރުވަނައީ : އެއަށްފަހު اللهُ أَكبَرُ ކިޔައި ރުކޫޢުއަށް ދިއުން ހުއްޓެވެ. އަދި ރުކޫޢުގައި ކިޔާ ޛިކުރު سُبحَان رَبِّيَ العَظِيم 3 ފަހަރު ކިޔުމަށްފަހު سَمِعَ الله لِمَن حَمِدَه ކިޔައި ތެދުވެ، އިޢުތިދާލުގައި ޤާއިމްވެ رَبَّنَا وَلَكَ الحَمدُ ކިޔާނީ އެވެ. އެއަށްފަހު اللهُ أَكبَرُ ކިޔައި ސަޖިދައަށް ދާނީ އެވެ. އަދި ސަޖިދައިގައި سُبحَان رَبِّيَ الأَعلَى 3 ފަހަރު ކިޔުމަށްފަހު اللهُ أَكبَرُ ކިޔައި ދެ ސަޖިދަ ދެމެދުގައި އިށީނދެއިދެ رَب اغْفِرلِي، وَارحَمنِي، وَعَافِنِي، وارزقِنِي، وَاهدِنِي، وَاجْبُرنِي، وَارفعْنِي ކިޔުމަށްފަހު اللهُ أَكبَرُ ކިޔައި ދެވަނަ ސަޖިދަކުރާނީ އެވެ. އަދި ސަޖިދައިގައި ކިޔާ ތަސްބީޙަ ކިޔުން ހުއްޓެވެ.
ފަސްވަނައީ : އެއަށްފަހު اللهُ أَكبَرُ ކިޔައި ދެވަނަ ރަކުޢަތަށް ތެދުވާނީ އެވެ. އަދި އެއަށްފަހު ކޮޅަށް ހުއްޓުމާއެކު ވިދިވިދިގެން 5 ތަކްބީރު ކިޔާނީ އެވެ. އެއީ، ފުރަތަމަ ރަކުޢަތުން 2 ވަނަ ރަކުޢަތަށް ބަދަލުވުމަށް ކިޔާ ތަކްބީރު ނުލަ އެވެ. އަދި ކޮންމެ ތަކްބީރަކަށް ދެއަތް ކޮނޑާ ހަމައަށް އުފުލުން ހުއްޓެވެ. އެއަށްފަހު އިސްތިޢާޛަ (އަޢޫޛު) ކިޔައި ބަސްމަލަ (ބިސްމި) ކިޔައި ފާތިޙާ ސޫރަތް ކިޔަވާނީ އެވެ. އެއަށްފަހު ސޫރަތް الغَاشِيَة ކިޔެވުން އެދެވިގެންވެ އެވެ. (މި ޞޫރަތް ނުދަންނަ މީހާ އެހެން ސޫރަތެއް ކިޔުން ހުއްދަވެގެންވެ އެވެ.) ކިޔަވައި ނިމުނުން ފުރަތަމަ ރަކުޢަތުގައި ރުކޫޢު، ސަޖިދަ، ދެސަޖިދަ ދެމެދުގައި ޢަމަލު ކުރި ސިފައިގައި ޢަމަލުކޮށް އަދި ދެވަނަ ސަޖިދަކުރުމަށްފަހު اللهُ أَكبَرُ ކިޔައި އައްތަހިޔާތަށް އިށީނދެއިދެ، އައްތަހިޔާތު ކިޔައި ސަލާމް ދޭނީ އެވެ. ޢީދު ނަމާދަށްފަހު ޛިކުރު ތަސްބީޙަ ކިޔުމެއް ނުވެ އެވެ.
ދަންނަ އެވެ. : ޢީދު ނަމާދު ކުރިން ހިނައިގަތުމާއި، ރިވެތި ފޭރާން ލުމާއި، ހުވަދު ލުމާއި އަދި ވިތުރި ޢަދަދަށް ކަދުރު ކެއުން (ކަދުރުނެތްހިނދު، އެހެން އެއްޗެއް ކެއުން) ސުންނަތްވެގެންވެ އެވެ. އަދި ނަމާދު ކުރަން ފެށުމަށް ދާންދެން ތަކްބީރު ކިޔުމުގައި ޤާއިމްވުން ހުއްޓެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.