ނަމާދުގައި ޤުރުއާން ކިޔަވާއިރު ތަރުތީބު ދޫ ކޮށްލުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ނަމާދުގައި ތަރުތީބުން ކިޔެވުމާއި މެދުގައި ކޮށްފައިވާ ސުވާލުގައި ބުނަމެވެ.
ތަރުތީބުގެ ތެރެއަށް ވަންނަ 2 ސިފައެއްވެ އެވެ.
ފުރަތަމައީ : އެއް ސޫރަތުގެ ތަރުތީބު ގެއްލުވާ ލުމެވެ. މިޘާލަކަށް ފުރަތަމަ ރަކުޢަތުގައި سُورة النبأ ގެ إِنَّ لِلْمُتَّقِينَ مَفَازًا އާޔަތުން ފަށައިގެން ކިޔަވައި ސޫރަތް ނިންމައި ލުމެވެ.
އަދި ދެވަނަ ރަކުޢަތުގައި سُورة النبأ ގެ عَمَّ يَتَسَاءَلُونَ عَنِ النَّبَإِ الْعَظِيمِ ފައްޓައިގެން ކިޔެވުމެވެ. ފަހެ، މިތަނުގައި މިވަނީ އެއް ސޫރަތް ތަރުތީބު ދޫކޮށް ކިޔަވާފަ އެވެ. ޢިލްމުވެރިންގެ ބަސްފުޅުތަކަށް ބަލާއިރު މިއީ ހުއްދަވެގެންވާ ޢަމަލެއް ނޫނެވެ.
ޔަޢުނީ : މިފަދައިން ކިޔެވުން ހުއްދަވެގެން ނުވުމެވެ.
ދެވަނައީ : ސޫރަތުގެ ތަރުތީބާއި ޚިލާފްކޮށް ކިޔެވުމެވެ. މިޘާލަކަށް ފުރަތަމަ ރަކުޢަތުގައި وَالتِّينِ وَالزَّيْتُونِ وَطُورِ سِينِينَ އަދި އެއަށްފަހު ދެވަނަ ރަކުޢަތުގައި وَالضُّحَىٰ وَاللَّيْلِ إِذَا سَجَىٰ ކިޔެވުމެވެ.
މިޙާލުގައި ބުނެވެނީ، ސުންނަތް ގޮތަކީ ސޫރަތްތައް ތަރުތީބުން ކިޔެވުމެވެ. އެހެނަސް މި ސިފައިގައި ތަރުތީބު ގެއްލުވައި ކިޔެވުން ހުއްދަވެގެންވެ އެވެ.
ސަބަބަކީ ނަބިއްޔާ صلى الله عليه وسلم ގެ ނަމާދުގައި ސޫރަތްތައް ތަރުތީބު ދޫކޮށްލެއްވިކަން ބަޔާންވެގެންވުމެވެ. އެފަދަ ޙަދީޘްތަކުގެ ތެރޭގައި : އިމާމް مسلم 772 ގައި ރިވާކޮށްފައިވެ އެވެ. عن حُذَيْفَةَ رضي الله عنه قال: صَلَّيْتُ مع النبي صلى الله عليه وسلم ذَاتَ لَيْلَةٍ فَافْتَتَحَ الْبَقَرَةَ فقلت يَرْكَعُ عِنْدَ الْمِائَةِ ثُمَّ مَضَى فقلت يُصَلِّي بها في رَكْعَةٍ فَمَضَى فقلت يَرْكَعُ بها ثُمَّ افْتَتَحَ النِّسَاءَ فَقَرَأَهَا ثُمَّ افْتَتَحَ آلَ عِمْرَانَ فَقَرَأَ…… ޞަޙާބީ حُذَيْفَةَ رضي الله عنه ރިވާކޮށްފައިވެ އެވެ. ”ތިމަން ޞަޙާބީ ނަބިއްޔާ صلى الله عليه وسلم އަރިއަހުގައި އެއް ރޭގައި، ރޭއަޅުކަމުގައި ބައިވެރިވީމެވެ. الْبَقَرَةَ ސޫރަތުން ކިޔަވާ ވިދާޅުވާން ފެއްޓެވި އެވެ. ސަތޭކަ އާޔަތް ތިލާވަތް ކުރެއްވުމަށްފަހުގައި ރުކޫޢު ކުރައްވާނެ ކަމުގައި ދެކުނީމެވެ. އެހެނަސް ތިލަވާތް ކުރައްވާ ވަޑައިގެންނެވި އެވެ. ….. އެއަށްފަހު النِّسَاءَ ސޫރަތް ތިލާވަތް ކުރެއްވި އެވެ. އެއަށްފަހު آلَ عِمْرَانَ ތިލާވަތް ކުރެއްވި އެވެ…..“
ފަހެ، ޙަދީޘްއިން ބަޔާންވެގެންވަނީ ޢަމަލު ހުއްދަވެގެންވާ ކަމެވެ.
އެހެނަސް އަޥްލާ ވެގެންވަނީ ނަބިއްޔާ ޢާދަވެ އެ ސުންނަތެއްގެ މަތީގައި ޤާއިމްވެ ހުންނެވި ގޮތް ކަމުގައިވާ ސޫރަތްތައް އޭގެ ތަރުތީބުން ކިޔެވުމެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.