އެކަނި ނަމާދު ކުރާމީހާއަށް ޤުނޫތު ނާލިޒާ ކުރެވިދާނެތޯއެވެ؟

بسم الله الرحمن الرحيم.

الحمد لله رب العالمين والصلاة والسلام على رسول الله و على آله وصحبه ومن ولاه:

أما بعد

ޖަވާބު : ”ޤުނޫތު ނާލިޒާ އެކަނި ނަމާދު ކުރާމީހާ ކިޔުމާއި މެދު މީގެ ކުރިންވެސް ސުވާލުކުރެވި ޖަވާބު ދެވިފައިވާނެ އެވެ. މި ސުވާލު މަދީނާގައިވާ ޝެއިޚް ޑރ. عَرفَات بن حَسن المحمدي -حفظه الله- އަރިއަހުގައި ދެންނެވުމުން ވިދާޅުވެފައިވަނީ އެއީ މިސްކިތްތަކުގައި ޖަމާޢަތުގައި ކިޔުމަށް އޮތް ޤުނޫތެއް ކަމެވެ. މިސްކިތުގައިވިޔަސް ވަކިން ނަމާދު ކުރާ މީހާ އޭނާ އަމިއްލައަށް ކިޔުމެއްނެތެވެ.

އަދި އޭގެ ފަހުން ޑުބާއީގައި ހުންނަވާ ޔަމަނުގެ ޢިލްމުވެރިއެއް ކަމުގައިވާ ޑރ. محمد غَالب العمري -حفظه الله- ގެ އަރިހުގައިވެސް ގޭގައި ނަމާދުކުރާހިނދު ޤުނޫތު ކިޔުމާއި މެދު ސުވާލު ދެންނެވިމެވެ. ޝެއިޚް ޖަވާބުގައި ވިދާޅުވި އެވެ. ”ގޭގައި ޤުނޫތު ނާޒިލާ ކިޔުމެއް ނޯވެ އެވެ.“

އަދި މި ސުވާލު ސަޢުދީ ޢަރަބިއްޔާގެ ޢިލްމުވެރި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. عبد الله الظفيري- حفظه الله – އަރިހުގައި ދެންނެވުމުން ވިދާޅުވި އެވެ. ”ޤުނޫތު ކިޔުމެއް ނޯވެ އެވެ. އަދި ޝެއިޚް ވިދާޅުވެފައިވަނީ އެފަދައިން العلامة الشيخ صَالح الفَوزَان ވިދާޅުވެފައިވާ ކަމެވެ.“

އަޚާއެވެ! ދަންނައެވެ. މި އެންމެހައި ބަސްފުޅުތައް ވިދާޅުވެފައިވާ ޢިލްމުވެރިންނަކީ މިއަދު އެދަޥްލަތްތަކުގައި ވަބާގެ ޙާލަތު ދިމާވެ، މިސްކިތްތައް ބަންދުވެ، ބަންދުކޮށް ގެކޮޅުގައި ނަމާދު ކުރައްވާ ބޭފުޅުންނެވެ. ފަހެ، އެހެންވުމުން މައްސަލައިގައި ޢިލްމުވެރިންގެ ބަސް މިފަދައިން ބަޔާންވެފައިވާކަން ފާހަގަ ކޮށްލަމެވެ. ނިންމާލުމުގެ ކުރީގައި ބުނަމެވެ.

އަޚާ އެވެ! ދުޢާ ކުރުމުގެ ދޮރު ހުޅުވިފައިވެ އެވެ. އެއްވެސް ޝައްކެތް ނެތެވެ. މުއުމިނު އަޅާ މިއަދު ދިމާވެފައިވާ ޙާލަތު ފެނުމުން އެކަމާ ދެރަވާ ވާނެ އެވެ.

އެހެނަސް ދުޢާކުރުމާއި، ﷲގެ ޙަޟުރަތުން އުއްމީދު ދޫކޮށް ނުލާށެވެ. ރޭގަނޑުގެ ދަން ގަޑީގައި، ނަމާދުގެ ސަޖިދައިގައި މިއީ ހެޔޮވެގެންވާ ވަޤުތު ތަކެވެ. ދުޢާއަކި އަޅަމެންގެ ކިބައިން މިވަބާ ﷲ އުފުއްލެވުމެވެ. މުސްލިމުންނަށް މިކަމުގައި ﷲ ހެޔޮގޮތް މިންވަރު ކުރައްވައި އަޅަމެނަށް ތިޔާގި ތަނަވަސް ދުވަސްތަކެއް ދެއްކެވުމެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts