|

އަނބިމީހާ ނަމާދަށް ހުއްޓާ ފިރިމީހާ ނަމާދު އަވަސްކުރުމަށް ބުނުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ނަމާދު އަވަސްކުރުމަށް ބުނުމާމެދު ކޮށްފައިވާ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ބުނަމެވެ.

ފުރަތަމައީ: ނަމާދަށް ހުންނަ މީހަކާ ވާހަކަ ދެއްކުމެވެ. އަސްލަކީ ނަމާދަށް ހުންނަ މީހާގެ ނަމާދުގެ ހުޟޫއަތްތެރިކަމަށް އަޘަރު ކުރާ އެންމެހާ ކަމެއް ކުރުން ވަނީ ޙަރާމްވެގެންނެވެ.

އެހެންކަމުން ނަމާދަށް ހުންނަ މީހަކަށް އުދަނގޫވާގޮތަށް އަޑުގަދަ ކުރުމާއި އަދި އެމީހަކާ ވާހަކަ ދެއްކުން ފަދަ ކަންތައްތަކަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަންތައްތަކެއް ނޫނެވެ.

އެހެނަސް ކޮންމެހެން ބޭނުން ޖެހިގެން ހާޖަތަކަށްޓަކައި ބުނަން ޖެހޭ ބަހެއް ބުނަމަކުން ގޯހެއް ނެތް ކަމަށް الشيخ العلامة ابن باز- رحمه الله- ވިދާޅުވެފައިވެއެވެ. އޭގެ މިސާލެއްގެ ގޮތުގައި ޟެއިޙް ގެންނަވައިފައިވެއެވެ.

“ތިބާ ނަމާދުން އަވަދިވެއްޖެނަމަ ބޭރަށް ނުނިކުންނާށެވެ. ގެއަށް މިވެނި ބަޔަކު އެބައާދެއެވެ…”.

ދެވަނަ ނުކުތާއަކީ: ފިރިމީހާ އަނބިމީހާ ކުރެން ނަމާދު އަވަސް ކުރަން ބުނާ ސަބަބަކީ ޟަރޫރީ ހާލަތެއްގައި ލިބިދާނެ ގެއްލުމަކަށްޓަކައި ބުނާ ބުނުމެއް ކަމުގައި ވާނަމަ އެކަމުގައި ގޯހެއް ނެތެވެ. އަދި ކިޔެއް ހެއްޔެވެ. އެފަދަ ޙާލަތެއްގައި ނަމާދު މެދުކަނޑާނުލައިފިނަމަ ގެއްލުން ވާނެކަން ހީވާނަމަ ފަރުޟު ނަމާދަކަށް ވިޔަސް މެދުކަނޑާލާފައި އިޖާބަދޭން ވާނެއެވެ.

މިސާލަކަށް ފިރިމީހާށް ޞިއްޙީ ކުއްލިކަމެއް ދިމާވެގެން އަނބިމީހާގެ އެހީތެރިކަމަށް ބޭނުންވީއެވެ. ނޫނީ ދަރިއަކަށް ކަމެއް ދިމާވެގެންނެވެ.

ތިންވަނަ ނުކުތާއަކީ: މިފަދަ ޝަރުއީ ގޮތުން މުއުތަބަރު ސަބަބެއް ނެތި އަނބިމީހާ ނަމާދަށް ހުންނަ އިރު ވާހަކަ ދައްކާ އުދަނގޫ ކުރުމަކީ ފިރިހެންމީހާއަށް އޮތް ކަމެއް ނޫނެވެ.

ނަމާދުގެ މި ޝިޢާރަށް ދޭންޖެހޭ ގަދަރު އެންމެ ފުރިހަމަ ގޮތުގައި ދޭ ހިތަކުން އަމިއްލަ ބޭނުންތަކަށްޓަކައި الله އާއި އެކަލާނގެ އަޅާއާއި ދެމެދުގައިވާ ގުޅުން ކަމުގައިވާ ނަމާދަށް ހުރަސް އަޅަން ޖެހިލުންވާނެއެވެ.

ހަތަރުވަނައީ: މިފަދަ ޟަރޫރީ ބޭނުމެއް ނެތި ނުވަތަ ކޮންމެހެން ވަގުތުން ނުކުރިޔަސް ފަހުން ވެސް ކުރެވިދާނެ ފަދަ ކަމެއްގައި ފިރިމީހާ ގޮވާލައިފި ހިނދެއްގައި، ނަމާދު މެދުކަނޑާލައި، އެ ގޮވުމަށް އަނބިމީހާ އިޖާބަ ދޭކަން ނުޖެހޭނެއެވެ.

އަދި އިޖާބަދިނުމުގެ ބޭނުމުގައި ފަރުޟުނަމާދެއްގައި ހުރެ މެދުކަނޑާލުން ހަރާމްވާނެއެވެ. އެހެނަސް ސުންނަތް ނަމާދު މެދުކަނޑާލުމާ މެދު ޢިލްމުވެރިން ޙިލާފްވެފައި ވެއެވެ.

އެގޮތުން مالكية -މާލިކީން- އަދި الحنفية- ހަނަފީން-ދެކެވަޑައިގަންނަވަނީ މައިންބަފައިން ދަރިއެއްގެ ކިބައިން ކަމަކު އެދޭ ހާލުގައި ފިޔަވައި ސުންނަތް ނަމާދެއް ވިޔަސް ސަބަބަކާ ނުލާ މެދު ކަނޑާލުން ހަރާމްވެގެންވެއެވެ.

އޭއީ ޢަމަލުތައް ބާޠިލް ނުކުރުމަށް الله އަމުރުފުޅު ކުރައްވާފައިވާތީއެވެ.

( يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَلَا تُبْطِلُوا أَعْمَالَكُمْ ) މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައި މީހުން الله އަށް ކިޔަމަންވާށެވެ. އަދި ރަސޫލާއަށް ކިޔަމަންވާށެވެ. އަދި ތިޔަބައިމީހުންގެ ޢަމަލުތައް ބާޠިލް ނުކުރާހުއްޓެވެ”.

އެހަނަސް الحنبلي ހަންބަލީ އަދި الشافعي ޝާފިއީ މަޒުހަބުގައި ކަރާހަތްތެރިކަމެއްނެތި އެކަން ހުއްދަވެގެންވެއެވެ.

އެހެނީ އާޔަތުގެ މުރާދަކީ ފަރުޟު ޢަމަލުތައް ކަމުގައި ވެފައި ފިރިމީހާ އަށް އަދާ ކުރަންޖެހޭ ޙައްޤުގެ ބޮޑުކަމުން އެއީ އޭގެ ސަބަބުން ކަރާހަތްތެރިކަން ފިލައިގެން ދާނެ ހާޖަތެއް ކަމުގައި އެބޭކަލުން ދެކެވަޑައި ގަންނަވާތީއެވެ.

މިއީ މިކަމުގައި ބޮޑަށް ބުރަވެވޭ ގޮތެވެ.

ފަސްވަނައީ: ފިރިމިހާއަށް އިޖާބަދިނުމުގެ ގޮތުން ސުންނަތް ނަމާދުގައި ހުރެ މެދުކަނޑާލުން ހުއްދަ ވެގެންވާ ކަން އެނގި ބަޔާންވެއްޖެ ނަމަ ދަންނާށެވެ. ފަހެ ފަރުޟު ނަމާދުން އަވަދިވެގެން ސުންނަތް ނުކޮށް އިންދާ ފިރިމީހާ ގޮވާލައިފިނަމަ އެގޮވާލުމަށް އިޖާބަދިނުން މާއައުލާވެގެންވެއެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply