ބަންގި ގޮވަން ފެށުމާއި އެކުގައި، ބަންގި ގޮވައި ނުނިމެނީސް ނަމާދު ކުރަން ފެށުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ބަންގި ގޮވަން ފެށުމާއި އެކުގައި، ބަންގި ގޮވައި ނުނިމެނީސް ނަމާދު ކުރަން ފެށުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟

ޖަވާބުގައި ބަޔާން ކުރަމެވެ.

ނަމާދުގެ ޝަރުޠު ތަކާއި އަދި ރުކުން ތަކާއި ވާޖިބު ތަކާއި ސުންންތަ ކަންތައްތަކެއްވެ އެވެ.

އޭގެ ތެރޭގައި ނަމާދު ކުރުމަށްޓަކައި ނަމާދުގެ ވަޤުތު ވަނުމަކީ ނަމާދުގެ ޝަރުޠު ތަކުގެ ތެރެއިން ޝަރުޠެކެވެ.

މާނައަކީ، ވަޤުތު ވަނުމުގެ ކުރިން ނަމާދު ކޮށްފި ނަމަ އެ ނަމާދު ޞައްޙައެއް ނުވާނެ އެވެ. ﷲ ވަޙީ ކުރެއްވި އެވެ. ﴿إِنَّ الصَّلَاةَ كَانَتْ عَلَى الْمُؤْمِنِينَ كِتَابًا مَّوْقُوتًا﴾ النساء 103 ”ހަމަކަށަވަރުން ނަމާދަކީ މުއުމިން އަޅުތަކުންގެ މައްޗަށް ވަޤުތު ކަނޑައެޅިގެންވާ ގޮތުގައި ފަރުޟު ކުރައްވާފައިވާ އަޅުކަމެއް ގޮތުގައިވެ އެވެ.“

ވުމުން، ނަމާދު ވަޤުތު ވަނުމުން އެމީހަކު ނަމާދު ކުރަންފަށައިފިހިނދު، އެމީހެއްގެ ނަމާދު ޞައްޙަވާނެ އެވެ.

އެހެނަސް ދަންނަން ޖެހެ އެވެ.

ބަންގި އަޑުއިވޭ މީހާ ބަންގިއަށް އިޖާބަދީ، ބަންގި ގޮވައި ނިމުމުން ބަންގީގެ ދުޢާ ކިޔުމަކީ ނުހަނު ބޮޑަށް އެދިގެންވާ ސުންނަތެކެވެ. އޭގެ އުޖޫރަ އާއި ޘަވާބު ނުހަނު ބޮޑެވެ.

އިމާމް އަލް-ބުޚާރީ، صحيح البخارގައި ޞަޙާބީ أبي سعيد ގެ އަރިހުން ރިވާކޮށްފައިވެ އެވެ. رسول الله -صلى الله عليه وسلم – (إذا سمعتم النداء فقولوا مثل ما يقول المؤذن) ”ތިޔަބައިމީހުންނަށް ބަންގި ގޮވާ އަޑު އިވިއްޖެހިނދު، ފަހެ، ބަންގި ގޮވާ މީހާ ކިޔާ ކަލިމަތައް، -އޭނާގެ ފަހަތުން- ކިޔާށެވެ.)

މިގޮތަށް އިޖާބަ ދިނުމުގައި , حي على الصلاة ، حي على الفلاح ކިޔާ ދަނޑިވަޅުގައި ކިޔާނީ لاحول ولا قوة الا بالله އެވެ.

އަދި ބަންގި އެކުއެކީގައި ގޮވައި ނިމުމުން، ބަންގީގެ ދުޢާ ކިޔުމެވެ. ޙަދީޘްގައިވެ އެވެ. ބަންގި ގޮވައި ނިމުމުން މާތް ނަބިއްޔާއަށް ޞަލަވާތް ކިޔަވައި އަދި اللَّهُمَّ ربَّ هذِهِ الدعوةِ التَّامةِ و الصلاةِ القائمةِ آتِ محمَّدًا الوسيلةَ و الفضيلةَ و ابعثْهُ مقامًا محمودًا الَّذِي وعدْتَهُ

މިފަދައިން ކިޔައިފި މީހާއަށް މާތް ނަބިއްޔާގެ ޝަފާޢަތް ޤިޔާމަތް ދުވަހުގައި ޙާޞިލްވެގެންދާނެ ކަމެވެ.

ވުމުން، ނަޞޭޙަތްތެރިވަނީ ބަންގީގެ އަޑު އިވޭ މީހާ ބަންގިއަށް އިޖާބަ ދިނުމަށްފަހު، ނަމާދު ކުރަން ފެށުމެވެ.

އެހެނަސް ވަޤުތު ވަނުމަށްފަހު ނަމާދު ކޮށްފިހިނދުވެސް ނަމާދު ޞައްޙަވާނެ އެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts