ހިތް ޙަލާލު ހޯދުންމަށް ބުނެ ފިރިމީހާގެ ކިބައިން މަޢާފަށް އެދުންވޭތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.

أما بعد:

އަޚާ އެވެ! އުޚްތާ އެވެ!

ކުރީގެ ފިރިމީހާގެ ހިތް ޙަލާލު ހޯދުމެވެ. މިއީ ވަރަށް ގިނައިން މުޖުތަމަޢު ތެރޭގައި ދެކެވޭ ވާހަކަތަކެވެ. އެހެނަސް މިކަން ބިނާވެފައި އޮތީ ކޮން ކަމެއްގެ މައްޗަށް ހެއްޔެވެ؟

އެންމެ ފުރަތަމަ ނުކުތާއަކީ :

އެއްގޮތަކީ ކައިވެނީގެ މަތީގައި ހުރި ހިނދު އަމިއްލަ ނަފްސަށް ފާފަތަކަކަށް އަރައިގެންފައި ވުމެވެ.

އެހިނދު ދަންނަ އެވެ! ތިބާއާ ﷲ އާ ދޭތެރޭގައި ތަޥްބާ ޤަބޫލު ވުމަށްޓަކައި އަންހެން މީހާގެ ފިރިމީހާ، އަލަތު ފިރިމީހާ ކަމުގައިވިނަމަވެސް ފިރިމީހާގެ ކިބައިން މަޢާފަސް އެދުމަކީ ޝަރުޠެއް ނޫނެވެ. (ޙިތް ޙަލާލު ހޯދުމަށޭ ބުނެ ގޮސް އަމިއްލައަށް ކުރެވުނު ފާފަތަކުގެ ވާހަކަތައް ދައްކައި އަމިއްލަ ނަފްސު ބޭޒާރު ކުރުމެއް ނޯވެ އެވެ.)

އެހެނީ ﷲ ވަނީ އެ އިލާހުގެ އޯގާވަންތަކަމުގައި ތިބާ ކޮށްފައިވާ ފާފަތަކެއް ކަމުގައިވީނަމަވެސް އަދި އެހެން ކަންތައްތަކެއް ކަމުގައިވީނަމަވެސް އެކަންތައް ސިއްރު ކޮށްފަ އެވެ.

ﷲ ތަޢާލާ އެ ފާފަތައް ސިއްރު ކުރައްވާފައިވުމުން، ތެދުވެރި ތަޥްބާއަކުން ތަޥްބާވުމުން، ﷲ ތަޥްބާ ލައްވާނެތެވެ.

ޙަޤީޤީ ޢަމަލަކީ މިފަދައިން ޢަމަލުކޮށް އެވަރުން ފުއްދާ ލުމެވެ.

އެއީ، ތަޥްބާވުމުގައި އިޚްލާސްތެރި ކަމާއި އެކު ތެދުވެރި ކަމާއި އެކު، އަދި ތެދުވެރިވެ އެ ފާފައާ މެދުގައި ހިތާމަކޮށް ދުވަހަކުވެސް އެ ފާފައަށް އެނބުރި ރުޖޫޢަ ނުވާނެކަމަށް ޢަޒުމް ކަނޑައެޅުމާއި އެކު އެފަދަ ކަމަކަށް އަރައިގަނެވޭނެ އެންމެހައި ދޮރުތައް ބަންދު ކުރުމެވެ.

ތެދުވެރި ތަޥްބާއަކުން ތަޥްބާވެއްޖެނަމަ، ﷲ ތަޥްބާ ލައްވާނެކަން ޔަޤީން ކުރުން ހުއްޓެވެ.

އަދި އެމީހާގެ ނުބައިކަން ހެޔޮކަމަށް ބަދަލުވެ، ބަދަލުކޮށް އެކުއެކީގައި އިޞްލާޙުވުމުން އެމީހާގެ މިޘާލަކީ ފާފައެއް ނުކުރާ މީހެއް ފަދައިން ލެއްވުމަކީ ދުރުކަމެއް ނޫނެވެ.

ދަންނަ އެވެ! ﷲ ތަޢާލާއީ ތަޥްބާ ޤަބޫލުކުރެއްވުމަށް ނުހަނު ލޯބިވެވޮޑިގަންންވާ އިލާހެވެ.

ދެން ފަހަރެއްގައި ސުވާލު އުފެދިދާނެ އެވެ.

މީހެއްގެ ޙައްޤެއް އެކުލެވިގެންވާނަމަ އެ ޙައްޤު އަދާކުރުން ތަޥްބާގެ ޝަރުޠުތަކުގެ ތެރެއިން ނުވޭ ހެއްޔެވެ؟

މި ސުވާލުގައި އޭނާ އަނބިމީހާ އަރައިގެންފައިވާ ފިރިމީހާގެ ޙައްޤަށް ހަދާނީ ކިހިނެތް ހެއްޔެވެ؟

ދެވަނަ ނުކުތާ އަކީ :

އަނބިމީހާ އަރައިގަނެފައިވާ ކަންތަކުގައި ފިރިހެން މީހާގެ ޙައްޤެއް ވުމެވެ. މިޘާލަކަށް ފިރިމީހާގެ މުދަލުން މުދާތަކެއް ނަގައި ނުޙައްޤު ކަންތައްތަކެއް ކޮށްފައި ވުމެވެ.

އެހެނީ މިޘާލަކަށް މުދަލެއް ނުވަތަ ފުރާނައަށް އަރައިގެންފައިވާނަމަ އެއަށް އެއާއި އެއްފަދަ ވެގެންވާ ބަދަލެއް އޭގެ ޖިންސުން ދެވިދާނެ އެވެ.

އެހިނދު އެއީ، އޭގެ ޖިންސުން އަނބުރައި ދެވޭނެ އެއްޗެއް ކަމުގައި ވެ އެވެ. މާނައަކީ އެ ފައިސާ ނުވަތަ މުދާ ނުވަތަ އެއަށް ޙައްޤުވެގެންވާ ބަދަލެއް ދިނުމެވެ. ފަހެ، އެހިނދު އެކަން ކުރުން ހުއްޓެވެ.

ނުވަތަ އެކަމުގައި އެ ފިރިހެން މީހާ ކައިރިން މަޢާފަށް އެދުން ހުއްޓެވެ.

އެހެނަސް ފިރިހެން މީހާގެ ޙައްޤަށް އަރައިގަނެފައިވަނީ އޭގެ ޖިންސަކުން ބަދަލުދެވޭފަދަ ގޮތަކުންނެތް ނޫނެވެ.

މިޙާލަތުގައި އަރައިގެންފައިވާ ޙައްޤަކީ ފިރިހެން މީހާގެ އަބުރާއި ގުޅިފައިވާ ޙައްޤެއް (މިޘާލަކަށް ފިރިމީހާގެ އަތްބެއްގެ ގޮތުގައިވެ ހުރެ، އެހެން ފިރިހެނަކާ ޒިނޭ ކުރީ އެވެ. والعياذ بالله ) ވުމުން އެފަދަ ބަދަލެއް ދެވޭކަށް ނޯންނާނެ އެވެ.

ނުވަތަ ފިރިމީހާގެ ދަރިއަކަށް ބަނޑުބޮޑުވެ އެ ދަރި ވައްޓާލުންފަދަ ކަމެއް ކޮށްފައި ވުމެވެ. ފަހެ މިއީވެސް އެކަމުގައި ބަދަލެއް ދެވޭނެ ފަދަ ކަންތައްތަކެއް ނޫނެވެ.

އެހެން ކަމުން އޭގެ ބަދަލެއްގެ ގޮތުގައި ﷲ އަށް ތަޥްބާ ވުމާއެކުގައި އޭގެ އިތުރުން ފިރިހެން މީހާއަށް ހެޔޮ ދުޢާކޮށް އަދި އެ ފިރިހެން މީހާއަށް ފާފަފުއްސެވުމަށް އެދި ދަންނަވައި އޭނާގެ މަތިން ޞަދަޤާތްކޮށް ހެޔޮކަންތައްތައް އިތުރު ކުރުމެވެ.

އެއްވެސް ޝައްކެތްނެތް ގޮތުގައި އެ އަންހެން މީހާ ޒިނޭ ކުރުމުގެ ސަބަބުން އެވަނީ، ﷲ ތަޢާލާގެ ހައްޤެއްގެ އިތުރުން ފިރިހެން މީހާގެ ޙައްޤަކަށްވެސް އަރައިގެނަފަ އެވެ.

ފަހެ، މި ޒަމާނުގައި ބައެއް މީހުން ހިތް ޙަލާލު ހޯދުމޭ ބުނެ ގޮސް މިފަދަ ފާފަތަކުގެ ވާހަކަތައް ފަތުރައި އަދި އެފަދަ ވާހަކަތައް ދައްކައި ހެދުން މިއީ ކޮށްގެން ވާނެ ކަމެއް ނޫނެވެ. އަދި އެއީ ﷲ ލޯބިވެވޮޑިގަންނަވާ ޢަމަލެއް ނޫނެވެ.

އަދި މިފަދައިން ޙިތް ޙަލާލު ހޯދުން އެއީ ޢަމަލުކުރުމަށް ދީނުގައި އޮތް ގޮތެއް ކަމުގައި ދެކިގެން ނުވާނެ އެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply