ވޯޓު ހޯދުމުގެ ގަސްތުގައި ދޭ ފައިސާއާއި ހަދިޔާއަކީ ރިސްވަތު ކަމަށްވާނެތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ވޯޓް ހޯދުމަށްޓަކައި އަންނަ މީހާގެ ފަރާތުން އެކަމުގެ ބަދަލަކަށް އެދި ފައިސާ ނެގި ކަމުގައިވީނަމަވެސް އަދި މުދާތައް ނެގި ކަމުގައި ވީނަމަވެސް އެ ވަންނާނީ އެއް ޙުކުމުގެ ތެރެއަށެވެ.
ދަންނަންޖެހެނީ ތިމާ އެ ވޯޓް ދިނުމަށްޓަކައި ބަދަލެއް އެބަ ހޯދާ ކަމެވެ. އެއީ ބަދަލުގެ ގޮތުގައި ކޮންމެ އެއްޗެއް ނެގި ކަމުގައިވީނަމަވެސް އެއީ ހުއްދަވެގެންވާނެ އެއްޗެއް ނޫނެވެ.
މިއަދު މަދީނާގައި ތިއްބެވި ޢިލްމުގެ އަހުލުވެރިންނަށް، އެބޭކަލުންނަށް މި ސުވާލު ހުށަހެޅުނުހިނދު ދެއްވާފައިވާ ބައެއް ޖަވާބުތައް މިތަނުގައި ހިއްސާކޮށްލަމެވެ.
މިއަދު ސުންނަތުގެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންންވާ އަދި ސަޢުދީ ޢަރަބިއްޔާގެ ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންންވާ ޑރ. الشَّيخ أ. عَبد الله بِن عَبد الرَّحِيم حفظه الله ވިދާޅުވެފައިވެ އެވެ.
ސުވާލު : އަހަރުމެންގެ ޝެއިޚް އެވެ. ﷲ عزوجل ޝެއިޚް ރައްކާތެރިކުރައްވާށި އެވެ. ޕާލިމެންޓަށް ވަނުމަށްޓަކައި ކެންޑިޑޭޓުން ގޮތުގައިވާ ފަރާތްތަކުން ރައްޔިތުންނަށް ފައިސާދެ އެވެ. މިކަމުގެ ލަނޑުދަނޑިއަކީ އެމީހުންނަށް ވޯޓު ދިނުމެވެ. ޝެއިޚް އެވެ. މި ފައިސާ ނެގުން ހުއްދަވާނެ ހެއްޔެވެ؟ بَارَك الله فِيكم
ޖަވާބު : ”މި ފައިސާ ނެގުން ހުއްދަވެގެންނުވެ އެވެ. ސަބަބަކީ، (އެ ފައިސާތައް އޭގެ މައްޗަށް) ބިނާވެގެންވާ ވޯޓު ގަތުމަކީ، ޛިންމާތަކާއި އަމާނާތްތައް ގަނެލެވުމެވެ.“
މަދީނާގައި ދިރިއުޅުއްވާ ޢިލްމުވެރި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންންވާ ޑރ. الشَّيخ عَرَفَات بن حَسن المُحمدي حفظه الله ވިދާޅުވެފައިވެ އެވެ.
ސުވާލު : އަހަރުމެންގެ ޝެއިޚް އެވެ. ﷲ عزوجل ޝެއިޚް ރައްކާތެރިކުރައްވާށި އެވެ. ޕާލިމެންޓަށް ވަނުމަށްޓަކައި ކެންޑިޑޭޓުން ގޮތުގައިވާ ފަރާތްތަކުން ރައްޔިތުންނަށް ފައިސާދެ އެވެ. މިކަމުގެ ލަނޑުދަނޑިއަކީ އެމީހުންނަށް ވޯޓު ދިނުމެވެ. ޝެއިޚް އެވެ. މި ފައިސާ ނެގުން ހުއްދަވާނެ ހެއްޔެވެ؟ بَارَك الله فِيكم
ޖަވާބު : ”ހުއްދައެއް ނުވާނެ އެވެ.“
ސުވާލު : އެ ފައިސާއަކީ ރިޝްވަތު ކަމުގައި ބެލެވޭނެ ހެއްޔެވެ؟
ޖަވާބު : ”އާނއެކެވެ.“
މިއީ އެ ޢަމަލުގެ ޙުކުމެވެ.
ސުވާލެއް ކޮށްލުން ހުއްޓެވެ. ރައީސްކަމަށް ނުވަތަ މެންބަރުކަމަށް ނުވަތަ ކައުންސެލަރުކަމަށް ކުރިމަތި ނުލަނީސް އެމީހާ ގޭގެއަށް ޒިޔާރަތްކޮށް ގޭތަކުގެ އަހުލުވެރިން، އެ ދާއިރާގެ އަހުލުވެރިން ގެތަކުގައި ޓިނު އަރުވައި، އޭސީ ބަހައްޓައިދިނުން ފަދަ ކަންތައް ކޮބައި ހެއްޔެވެ؟
އެންމެނަށްވެސް، އެމީހާ މިފަހަރު ކުރިމަތިލާކަން ނުވަތަ ކުރިމަތި ލައިފައިވާ ކެންޑިޑޭޓެއްކަން އެނގުމުން އެއަށްފަހުގައި އެފަދައިން ގެތަކަށް އައިސް ބޭނުންވާ ޙާޖަތްތައް ހޯދައި އެއާމެދު ސުވާލުކޮށް ޢަމަލު ކުރުމުން އެއީ ވޯޓު ހޯދުން ނޫން ކޮންޤަސްތެއްގެ މަތީގައި ކުރި ކަމެއް ހެއްޔެވެ؟
މިއީ، ޛިންމާތަކާއި އަމާނާތްތެރިކަން ގަނެލަނީ ނޫން ހެއްޔެވެ؟
އެ ޓިނުދޭ ކެންޑިޑޭޓްގެ ވާދަވެރި ކެންޑިޑޭޓަކީ އެފަދައިން ފައިސާ އާއި ޓިނު އަދި އޭސީ އަދި ކާބޯތަކެތި އެދުވަސްތަކުގައި ނުބަހާ ފަރާތެއް ކަމުގައިވުމުން، އެމީހާއަށް ލިބޭނެ ވޯޓެއް ނޯންނާނެ އެވެ.
ޙަޤީޤަތަކީ މިއީ ނޫންހެއްޔެވެ؟
މިފަދައިން ނަގާ ފައިސާތަކާއި ހަދިޔާތައް ބޭނުންކޮށް އެއީ ހެޔޮ ރަނގަޅުއެއްޗެއް ކަމުގައި ޝައިޠާނާ އަދި އިންސާނުންގެ ތެރޭގައިވާ އެ ޝައިޠާނީ ބުއްދިވެރި އަހުލުވެރިން ހަދަ އެވެ. އަދި މުސްލިމުންގެ ތެރެއިން އެތައް ބަޔަކުވަނީ އޭގެ އަވައިގައި ޖެހި އެ ފިތުނައިގެ ތެރެއަށް ގެނބި ޣަރަޤުވެފައިބުނުމަކީ ކޮންފަދަ ބޮޑުވެގެންވާ ހިތާމައެއް ހެއްޔެވެ؟
ދަލީލުތަކާއި ޙުއްޖަތްތަކުން މިއަދު މީސްތަކުންގެ ޙާލަތާއި ޝަރުޢީ ގޮތުން މިކަމަށް ކަނޑައެޅިފައިވާ ގޮތް ބަލާލުން ހުއްޓެވެ.
މިއަދު ދުނިޔޭމަތީގައި ތިއްބެވި އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ العلامة رَبِيع بن هادي – حفظه الله- ވިދާޅުވެފައިވެ އެވެ.
“ ރަނގަޅެެވެ! أَبُوبكر رضي الله عنه ވެރިކަމަށް އައުމަށްޓަކައި ކިހާ ފައިސާއެއް ހޭދަކުރެއްވި ހެއްޔެވެ؟ عُمَر رضي الله عنه ކިހާ ފައިސާއެއް ހޭދަ ކުރެއްވި ހެއްޔެވެ؟ މިހާރު ވެރިކަމަށް ދަހިވެތިވެފައިވާ ޖާހިލު، ދަށުދަރަޖައިގެ މީހާ މުސްލިމުންގެ މައްޗަށް އެރުމަށްޓަކައި އެތައް މިލިޔަން ފައިސާ ހޭދަކުރާތަން ތިބާއަށް ފެންނާނެ އެވެ. ޔަޢުނީ؛ ދޮގުވެރި (ދޮގުހަދައި، އޮޅުވާލުމުގައި) އަގެއްނެތް ގޮތްތަކުގަ އެވެ. މިއީ ޝަރުޢީ ގޮތްތަކެއް ހެއްޔެވެ؟ (ﷲގެ ނަބިއްޔާ އަދި ރަސޫލާ) يُوسف عليه السلام މިފަދައިން ޢަމަލުފުޅު ކުރެއްވި ހެއްޔެވެ؟ އިންތިޚާބުތަކާއި، ވޯޓުލުމާއި، ދަޢުވާތައްކޮށް، ކޮންމެ މީހަކު އޭނާގެ ނަފްސު ހުށަހަޅައި ވަޢުދުތަކެއްކޮށް ހަދަ އެވެ. މިއީ يُوسف عليه السلام ޢަމަލުފުޅު ކުރެއްވި ގޮތްތަކެއް ހެއްޔެވެ؟ މިއީ ޔަހޫދީންނާއި ނަޞާރާއިން ގެ ޢަމަލުތަކެވެ. އެއީ يُوسف عليه السلام ގެ ޢަމަލުފުޅު ކަމުގައި ތިޔަބައިމީހުން ދަޢުވާކުރަނީ ކީއްވެ ހެއްޔެވެ؟ يُوسف عليه السلام އާއި މި ކަންތަކާއި އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟“ ބަސްތައް ނަގާފައިވަނީ الذريعة في مقاصد الشريغة 4- 169
އަޚާ އެވެ! މިފަދައިން ”ތިމަންނަ ވެރިކަމަށް އިސްކޮށްދޭށޭ“ ތިމަންނަ ”މެންބަރުކަމަށް ހޮވައިދޭށޭ“ ނުވަތަ ”ތިމަންނަ ކައުންސެލަރަކަށް އިސްކޮށްދޭށޭ“ ބުނާ މީހަކު، ނަބިއްޔާ ﷺ ޙަޔާތްޕުޅުގައި ބައްދަލުވެއްޖެހިނދު ދަންނަވާނީ ކީކޭ ކަމާއިމެދުގައި ވިސްނާލުން ހުއްޓެވެ.
العلامة رَبِيع بن هادي – حفظه الله- ވިދާޅުވެފައިވެ އެވެ. ”ފަހެ، ރަސޫލާ ﷺ ވެރިކަމަށް އެދުން ނަހީކުރެއްވި އެވެ. (ޙަދީޘްގައިވެ އެވެ.) (إنا، واللهِ! لا نولِّي هذا الأمر أحدًا سأله. ولا أحدًا حرِصَ عليه) ”ﷲ ޤަންދީ ބުނަމެވެ. ހަމަކަށަވަރުން އަހަރެމެން ވެރިކަމަށް އެދޭ އެކަކަށްވެސް ވެރިކަމަށް އިސް ނުކުރާނަމެވެ. އަދި ވެރިކަމަށް ދަހިވެތިވި އެއްވެސް ފަރާތަކަށް ވެރިކަން ނުދޭނަމެވެ.“ އަދި ވެރިކަމަށް އެދޭ މީހާ ރަސޫލާ ﷺ (ވެރިކަން ނުދެއްވައި) ރައްދުކުރައްވަ އެވެ.
ފަހެ، ރަސޫލާ ﷺ އަރިއަހަށް أَبُو مُوسى އެ ޤައުމުގެ މީހަކާ އެކު ނުވަތަ ދެމީހަކާ އެކު ވަޑައިގެންނެވި އެވެ. އަދި ރަސޫލާ ﷺ ގެ އަރިއަހުގައި ވެރިކަން ދެއްވުންއެދި ދެންނެވި އެވެ. އެބައިމީހުން ރަސޫލާ ﷺ ގެ އަރިއަހުގައި ވެރިކަމަށް އެދި ސުވާލު ކުރުމުން ކޯފާ އިސްކުރެއްވީނުންގޮސް ތުންފަތްޕުޅު މައްޗަށް އުފުއްލަވާ ދަމާލެެއްވެވި އެވެ. އެހިނދު ނަބިއްޔާ ﷺ އަނގަފުޅުތެރޭގައި ސިވާކުކޮޅެއްވި އެވެ. ވަރަށްވެސް ބޮޑަށް ކޯފާވެވަޑައިގެންނެވި އެވެ. އަދި ﷺ ޙަދީޘްފުޅު ކުރެއްވި އެވެ. (إنا، نولِّي هذا الأمر أحدًا سأله. ولا أحدًا حرِصَ عليه) ”ވެރިކަމަށް އެދޭމީހާއަށް އަދި ވެރިކަމަށް ދަހިވެތިވާ މީހާ އަހަރެމެން ވެރިކަމަށް އިސްނުކުރަމެވެ.“ الذريعة في مقاصد الشريغة 4- 169
އަހަރެމެން ވިސްނާލުން ހުއްޓެވެ. މިއީ ނަބިއްޔާ ﷺ އެމީހަކަށް ދެއްވާނެ ޖަވާބު ނޫންތޯ އެވެ؟ މި ނޫން ބަސްފުޅެއް ވިދާޅުވާނެ ހެއްޔެވެ؟
މީގެ އިތުރަށް އެބައިމީހުން މިވެރިކަމަށް ނިކުމެ ފައިސާ ބަހައި، ހަދިޔާ ބަހައި، އެއިން އެތައް ބަޔަކު ހުއްދަނޫން މަންފާތައް ހޯދައި، އެ ފައިސާއިން ތަކެތި ގަނެ ހަށިގަނޑުގައި މަސްޖަހައި އަނބިންނާއި ދަރިންނަށް ދިނުމުގައިވެ އެވެ.
މި ރިޝްވަތު ނެގުމުގެ ސަބަބުން ޙަރާމް ޢަމަލަކަށް އެވަނީ އަރައިގަނެފަ އެވެ.
ނަބިއްޔާ ﷺ ޙަދީޘް ކުރެއްވި އެވެ. «لَعَنَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الرَّاشِيَ وَالْمُرْتَشِي». ”ރިޝްވަތު ދޭ މީހާ އާއި، ރިޝްވަތު ހިފާ މީހާ އަށް ރަސޫލު ﷲ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ވަނީ ލަޢުނަތް ލެއްވި އެވެ.“
ރިޝްވަތު ކެއުމަކީ ޔަހޫދީންގެ ޢަމަލެއް ކަމުގައި ބަޔާންވެގެންވެ އެވެ. ފަހެ، ރިޝްވަތު ދޭ މީހާ އަކީ އެ ހިފާ މީހާ އެހިނދު އެއްވަތްތަރުވެގެން ދަނީ ޔަހޫދީންނާ އެވެ.
ﷲ ވަޙީކުރައްވާފައިވެއެވެ. ”وَتَرَى كَثِيراً مِنْهُمْ يُسَارِعُونَ فِي الأِثْمِ وَالْعُدْوَانِ وَأَكْلِهِمُ السُّحْتَ لَبِئْسَ مَا كَانُوا يَعْمَلُونَ* لَوْلا يَنْهَاهُمُ الرَّبَّانِيُّونَ وَالْأَحْبَارُ عَنْ قَوْلِهِمُ الأِثْمَ وَأَكْلِهِمُ السُّحْتَ لَبِئْسَ مَا كَانُوا يَصْنَعُونَ“ (المائدة: 62 63
”އެބައިމީހުންކުރެ (ޔަހޫދީންގެ ތެރެއިން) ގިނަބަޔަކު ފާފަކުރުމާއި އުދުވާނީ ކަންކަންތައްތަކަށް އަރައިގަތުމާއި، ޙަރާމް ކެއުމުގައި އަވަސްވެގަންނަތަން އިބަ ނަބިއްޔާ ދެކެވަޑައިގަންނަވާނެއެވެ. ހަމަ ޔަގީނުންވެސް އެމީހުން އެކުރާ އަމަލު ތަކަކީ ނުބައިވެގެންވާ ކަމެކެވެ. ވެރިންނާއި އިލްމުވެރިން އެބައިމީހުންގެ ނުބައި ބަސްތަކާއި، ހަރާމް ތަކެތި (ސުޙްތު) ކެއުމުން މަނާ ނުކުރަނީ ކީއްވެގެން ހެއްޔެވެ. އެމީހުން އެކުރާ ކަންތައްތަކަކީ ހަމަކަށަވަރުންވެސް ނުބައިކަންބޮޑުވެގެންވާ ކަމެކެވެ.“
މިފަދައިން ނަގާ ރިޝްވަތާއި ނުޙައްޤު ފައިސާ ކައި އެއިން ހަށިގަނޑުގައި ޖަހާ މަހަށް ޙައްޤުވެގެންވަނީ ނަރަކައިގެ އަލިފާނެ އެވެ.
ޙަދީޘްގައިވެ އެވެ. «مَنْ نَبَتَ لَحْمُهُ مِنْ سُحْتٍ فَالنَّارُ أَوْلَى بِهِ». ”ޙަރާމް ތަކެތިން އެމީހެއްގެ ގައިގައި މަސްޖަހާފައިވާ މީހަކަށް އައުލާކަންބޮޑީ އަލިފާނެވެ.“
މިއަށްވުރެ ވަކިން ހިތާވެރި އަބާއްޖަވެރިކަން ބޮޑު އެއްކަމެވެ. މިތަކެތި ކައިގެން ބޮއިގެން ހުރެ ކުރާ އަޅުކަންތަކެވެ. ދުޢާ ކުރެ އެވެ. ﷲ ޙަޟުރަތުގައި އެ އިޖާބަ ނުދިއުން ބޮޑުވެގެންވެ އެވެ.
ނަބިއްޔާ ﷺ ހަދީޘް ކުރެއްވި އެވެ. “ «إِنَّ اللَّهَ طَيِّبٌ لَا يَقْبَلُ إِلَّا طَيِّبًا، وَإِنَّ اللَّهَ تَعَالَى أَمَرَ الْمُؤْمِنِينَ بِمَا أَمَرَ بِهِ الْمُرْسَلِينَ، فَقَالَ تَعَالَى: ﴿يَا أَيُّهَا الرُّسُلُ كُلُوا مِنَ الطَّيِّبَاتِ وَاعْمَلُوا صَالِحًا﴾. وَقَالَ تَعَالَى: ﴿يَا أَيُّهَا الَّذِينَ آمَنُوا كُلُوا مِنْ طَيِّبَاتِ مَا رَزَقْنَاكُمْ﴾. ثُمَّ ذَكَرَ الرَّجُلَ، يُطِيلُ السَّفَرَ، أَشْعَثَ، أَغْبَرَ، يَمُدُّ يَدَيهِ إِلَى السَّمَاءِ: يَا رَبِّ! يَا رَبِّ! وَمَطْعَمُهُ حَرَامٌ، وَمَشْرَبُهُ حَرَامٌ، وَمَلْبَسُهُ حَرَامٌ، وَغُذِيَ بِالْحَرَامِ، فَأَنَّى يُسْتَجَابُ لِذَلِكَ؟»
”ހަމަކަށަވަރުން ﷲ އީ އެންމެ ރިވެތި (އެބަހީ: އެންމެހާ އުނި ސިފަތަކުން އެ އިލާހު ހުސްތާހިރުވެ ވޮޑިގެންވެއެވެ.) (ހަލާލު) ރަނގަޅު އެއްޗެއް މެނުވީ އެ އިލާހު ގަބޫލެއް ނުކުރައްވައެވެ. އަދި ހަމަކަށަވަރުން ﷲ ތަޢާލާ މުއުމިނުންނަށް އަމުރު ކުރެއްވީ، އެ އިލާހު ރަސޫލުންނަށް ވެސް އަމުރު ކުރެއްވި ކަންތައްތަކުންނެވެ. ފަހެ އެ އިލާހު ތަޢާލާ ވަހީ ކުރެއްވިއެވެ: ’އޭ ރަސޫލުންނޭވެ. (ހަލާލު) ރަނގަޅު ތަކެތިން ތިޔަ ބޭކަލުން ފަރީއްކުޅުވާށެވެ. އަދި ސާލިހު އަމަލު ކުރައްވާށެވެ.‘ އަދިވެސް އެ އިލާހު ތަޢާލާ ވަހީ ކުރެއްވިއެވެ: ’އޭ އީމާންވި މީސްތަކުންނޭވެ. ތިމަން އިލާހު ދެއްވި (ހަލާލު) ރަނގަޅު ތަކެތިން ތިޔަބައިމީހުން ކައި އުޅޭށެވެ.‘ އެއަށްފަހު ދަތުރު ދިގުވެ، ބޯ ހިރަފުސްވެ، ގައި ކިލާވެފައިވާ މީހެއްގެ ވާހަކަ ނަބިއްޔާ ޒިކުރު ކުރެއްވިއެވެ. އެ މީހާ، އޭނާގެ ދެ އަތް އުޑާ ދިމާލަށް އުފުލާ (ދުއާ ކުރެއެވެ:) ’އަޅުގެ ވެރި ރައްބެވެ! އަޅުގެ ވެރި ރައްބެވެ!‘ (އެހެނަސް) އޭނާގެ ކާތަކެތި ހަރާމެވެ. އަދި އޭނާގެ ބޯތަކެތި ހަރާމެވެ. އަދި އޭނާ ލާ ފޭރާން ހަރާމެވެ. އަދި އޭނާ ހެދިބޮޑުވެފައި ވަނީ ހަރާމް ތަކެތި ކައިގެންނެވެ. ފަހެ އެފަދަ މީހެއްގެ ދުއާ އިޖާބަ ވާނީ ކިހިނަކުންހެއްޔެވެ؟“
ފަހެ، މިފަދައިން ރިޝްވަތު ކައިބޮއި އޭގައި ހިފާ މީހާއާ މެދުގައި ބުނާނީ ކީކޭ ހެއްޔެވެ؟
މީސްތަކުންނަށް ހެޔޮ އެދޭ އަދި ޞާލިޙު ހެޔޮ ފަރާތެއް އޭނާއަށް ވޯޓުލައި ދިނުމަށް ރިޝްވަތު ހިފުމަށް ނާންނާނެ އެވެ. މިއީ މިއަދު އެތައް މުސްލިމް މުޖުތަމަޢުތަކެއްގައި މީސްތަކުން މި ހުތުރުކަން ބޮޑުވެގެންވާ ޢަމަލު އެއްވެސް ޖެހިލުމެއްނެތި ލުއިކޮށްފައިވާ ކަމެކެވެ.
ފަހެ، ކާފަރުންގެ މި މި ނިޒާމުތައް ޤާއިމް ކޮށްފައިވަނީ މިފަދައިން މުސްލިމް މުޖުތަމަޢުތައް ފަސާދަކޮށް ފާފަވެރި ޢަމަލުތައް ލުއިކޮށް، މީސްތަކުންނަކީ އަގެއް ނެތިވެފައިވާ ކުޑަ ފައިސާކޮޅަކަށް އަމާނާތް އަދި ޙައްޤުތައް ވިއްކާލާ ބައެއްގެ ގޮތުގައި ހެދުމަށެވެ.
ވިސްނާލުން ހުއްޓެވެ. ރިޝްވަތު ހިފަ އެވެ. އަދި އެ މުޑުދާރު ފާފަވެރި ޢަމަލު ޢާންމުވެ އެވެ. މީސްތަކުން އެއީ ރިޝްވަތު ކަމުގައި ނުދެކޭ ދަރަޖައަށް އެކަން ޢާންމުކޮށްފައިވެ އެވެ.
މިފަދައިން މި ފާފަތައް ޢާންމުވެ، ތިމާ ކައިބޮއި އަދި އަނބިންނާއި ދަރިންނަށް މި ފައިސާތައް އަދި މުދާތައް ދިނުމުން މުޖުތަމަޢުގައި އޮންނާނީ ކޮންކަހަލަ ރަހައެއް ހެއްޔެވެ؟ ކޮންފަދަ އަބާއްޖަވެރިކަމެއް ހެއްޔެވެ؟ ޢަދުލު އިންސާފު އޮންނާނީ ކިހިނެތް ހެއްޔެވެ؟
މީސްތަކުން މިވަނީ އެބައިމީހުންނަށް ޙަރާމްކުރެވިގެންވާ ފާފަތައް ލުއިކޮށް ޚާލިޤްވަންތަ އިލާހުއަށް ބިރެއްނެތް ބައެއްގެ ގޮތުގައި ޖެހިލުން ކުޑަވެފައިވާ ފަރާތްތަކެއްގެ ތެރެއަށް ގެންގޮސްފަ އެވެ.
އަޚާ އެވެ! އުޚްތާއެވެ! މިފަދައިން ރިޝްވަތުދޭ މީހުން، ރައްޔިތުންނަކީ ފައިސާކޮޅަކަށް ވިކިދާނެ ބައެއް ކަމުގައި ހަދައިފައިވާ ބަޔަކު، ތިމަންމެން ޢަދުލުވެރިން އަދި އިންސާފު ނުވަތަ ތަރައްޤީއޭ ބުނުމުން އެއީ ކޮންފަދަ އޮށްޓަރެއް ހުރި ވާހަކައެއް ހެއްޔެވެ؟
އެމީހުން އެއަށްންނަނީ ޙަލާލު ނޫން ގޮތްތަތަކުގަ އެވެ. ރިޝަވަތާއި މި ފާފައިގެ މުންކަރާތްތަކުގެ ތެރެއިންނެވެ. ފަހެ، އެމީހުން އެ މަޤާމްތަކުގައި ތިބެ ކުރާނީ ކޮން ކަމެއް ހެއްޔެވެ؟
މިފަދަ ޙަރާމްވެގެންވާ ޢަމަލުތަކުން ދުރުވާންޖެހޭ ގޮތަށް މި ޢަމަލުތަކުގެ އަހުލުވެރިންގެ ކިބައިން އަހަރެމެން ރައްކާތެރިވާންޖެހޭނެ އެވެ. މިއީ ހެޔޮލަފާ އަހުލުވެރިން އިސްތިޤްބާލު ކުރާނެ ބައެއް ކަމުގައިވެސް ނުވާނެ އެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.