މަޣްރިބް ނަމާދު ނުކޮށްހުރި ދަތުރުވެރިއަކު އިޝާ ނަމާދުގެ ޖަމާއަތަށް އާދެވުމުން ކަންތައްކުރަންޖެހޭގޮތަކީ ކޮބާތޯއެވެ؟
الشَّيْخ العَلاَّمة مُحمَّد بن صَالح العُثَيمين رحمه الله
ސުވާލު : ދަތުރުވެރިއެކެވެ. އޭނާ މިސްކިތަަށް ވަތްއިރު ޢިޝާނަމާދުގެ ޖަމާޢަތް ފެށުނީ އެވެ. އޭނާ ވަނީ މަޣްރިބް ނަމާދު ނުކޮށެވެ. (ޢިޝާ ނަމާދުގެ ޖަމާޢަތުގައި މަޣްރިބް ނަމާދުގެ ނިޔަތުގައި އޭނާ ބައިވެރިވި އެވެ.) އިމާމް 4 ވަނަ ރަކުޢަތަށް ތެދުވިހިނދު އޭނާ އިށީނދެ އިނެވެ. ފަހެ، އޭނާގެ ޢަމަލަކީ ޞައްޙަވެގެންވާ ގޮތެއް ހެއްޔެވެ؟ މިކަމުގައި އަހަރެމެންނަށް ޖަވާބު ދެއްވުން އެދެމެވެ. ޝެއިޚްއަށް ހެޔޮ ޖަޒާހުއްޓެވެ.
ޖަވާބު : ”ތިޔަ މައްސަލައިގައި ޞައްޙަ ޤައުލަކީ އޭނާގެ ޢަމަލު ޞައްޙަ ކަމެވެ. މާނައަކީ : ތިބާ އިމާމްގެ އިޝާނަމާދުގެ ޖަމާޢަތުގައި މަޣްރިބް ނަމާދު ނުކޮށްހުރި ޙާލުގައި ބައިވެރިވީ އެވެ. (މަޣްްރިބް ނަމާދުގެ) ނިޔަތުގައި އިމާމްގެ ފަހަތުގައި ބައިވެރިވުން ހުއްޓެވެ. އިމާމް ހަތަރުވަނަ ރަކުޢަތަށް ތެދުވުމުން ތިބާ އިށީންނަ ހުއްޓެވެ. އަދި ތިބާގެ (މަޣްރިބް ނަމާދުގެ) އައްތަހިޔާތު ކިޔައި ނިމުމުން ސަލާމް ދޭށެވެ. އެއަށްފަހު، އިމާމްގެ ޢިޝާނަމާދުގެ ބާކީ އޮތް ބައިގައި އިޝާ ނަމާދުގެ ނިޔަތުގައި ބައިވެރިވުން ހުއްޓެވެ.
މިއީ މިމައްސަލައިގައި ޞައްޙަ ވެގެންވާ ބަސްފުޅެވެ. އަދި ބައެއް ޢިލްމުވެރިން ވިދާޅުވެފައިވެ އެވެ. ތިބާ މަޣްރިބް ނަމާދު ވަކިން ކުރާށެވެ. ނުވަތަ ތިބާއާ އެކުގައިވާ ފަރާތްތަކާ އެކުގައި މަޣްރިބް ނަމާދު ކުރުން ހުއްޓެވެ. އެއަށްފަހު އިމާމްގެ ޢިޝާނަމާދުގައި ބާކީ އޮތް ބައިގައި އިމާމްއާ އެކުގައި ބައިވެރިވުން ހުއްޓެވެ. އަދިވެސް ބައެއް ޢިލްމުވެރިން ވިދާޅުވެފައިވެ އެވެ. އިޝާ ނަމާދުގެ ނިޔަތުގައި އިމާމްއާ އެކުގައި ބައިވެރިވުން ހުއްޓެވެ. އިޝާ ނަމާދުކޮށް ނިމުމުން މަޣްރިބް ނަމާދު ކުރާށެވެ. މިއީ ޢިލްމުވެރިން ބަޔާންކޮށްފައިވާ 3 ޤައުލެވެ. މީގެ ތެރެއިން އެންމެ ބާރުދެނިވި، އެންމެ ޞައްޙަވެގެންވާ ބަސްފުޅަކީ ފުރަތަމަ ޤައުލެވެ. (އެއީ) މަޣްރިބް ނަމާދުގެ ނިޔަތުގައި އިމާމް ފަހަތުގައި ބައިވެރިވުމެވެ. އިމާމް 4 ވަނަ ރަކުޢަތަށް ތެދުވާހިނދު ތިބާ އައްތަހިޔާތަށް އިށީނުމެވެ. އަދި އައްތަހިޔާތު ކިޔައި ސަލާމް ދިނުމެވެ. އެއަށްފަހު އިމާމް މީހާގެ ޢިޝާ ނަމާދުގެ ބާކީއޮތް ބައިގައި އިޝާ ނަމާދުގެ ނިޔަތުގައި އިމާމްއާ އެކުގައި ބައިވެރިވުމެވެ.”
ބަސްތައް ނަގާފައިވަނީ : اللقاء الشهري 01