ސިއްރުން ކިޔަވާ ނަމާދުތަކުގައި އަޑު ހަރުކޮށް ކިޔުމުގެ ޙުކުމަކީ ކޮބާތޯ؟
بسم الله الرحمن الرحيم
الحمد لله و الصلاة و السلام على ر سول الله و على آله وصحبه ومن والاه :
أما بعد :
ސިއްރުން ކިޔަވާ ނަމާދުތަކުގައި އަޑު ހަރުކޮށް ކިޔުމާއި އަދި އޭގެ އިދިކޮޅު، މި މައުޟޫގައި ބުނަމެވެ.
ފުރަތަމައީ : ޖަހުރިއްޔަ (އަޑުހަރުކޮށް ކިޔަވާ ނަމާދު) ތަކުގައި އަޑުހަރުކޮށް ކިޔުމާއި އަދި ސިއްރިއްޔަ (ސިއްރުން ކިޔަވާ ނަމާދުތަކުގައި) ސިއްރުން ކިޔުމަކީ އެއީ ސުންނަތް ކަމުގައި ޖުމްހޫރު ޢިލްމުވެރިން ވިދާޅުވެފައިވެ އެވެ. އެބޭކަލުންގެ ތެރޭގައި المالكية ، الشافعية ، الحنابلة ހިމެނި ވަޑައިގަންނަވަ އެވެ.. ޔަޢުނީ ސުންނަތަކީ މިފަދައިން ދެމިހުރުމެވެ. އިސްވެ ޛިކުރު ކުރެވުނު މަޛްހަބުގެ އަހުލުވެރިން ވިދާޅުވެފައިވެ އެވެ. ”ޖަހިރިއްޔަ ކިޔަވާހިނދު އަޑު ހަރުކޮށް ކިޔެވުން އިމާމް އަށް ސުންނަތްވެގެންވެ އެވެ. މިޘާލަކަށް ފަތިސް، ހުކުރު މަޣްރިބްގެ ފުރަތަމަ ދެރަކުޢަތް އަދި އިޝާގެ ފުރަތަމަ ދެރަކުޢަތް ފަދަ ނަމާދުތަކުގަ އެވެ…“
الحنفية މަޛްހަބުގައި އަޑުހަރުކޮށް ކިޔަވަން ކަނޑައެޅިފައިވާ މަޙައްލުގައި އަޑުހަރުކޮށް އަދި ސިއްރުން ކިޔަވަންޖެހޭ މަޙައްލުގައި ސިއްރުން ކިޔެވުމަކީ ވާޖިބުވެގެންވާ ޙުކުމެއް ކަމުގައި ވިދާޅުވެފައިވެ އެވެ. (އިސްވެ ދިޔަ މަޛްބަހުގެ ބަސްފުޅާއި ޚިލާފަށް މި މަޛްހަބުގައި ބަޔާން ކޮށްފައިވަނީ ވާޖިބުވެގެންވާ ކަމެވެ.)
އެބޭކަލުންގެ ދަލީލު ކަމުގައިވާހުށީ ނަބިއްޔާ ﷺ އެގޮތުގައި އަބަދުވެސް ޤާއިމްވެ ދެމިހުންނެވުމެވެ. (މި ބަސްފުޅުން ޙާޞިލްވާ ނުކުތާއަކީ، އިމާމް އަށް ޖަހްރިއްޔަ ނަމާދެއްގައި ސިއްރު ކުރުން އަދި ސިއްރިއްޔަ ނަމާދެއްގައި ޖަހްރު ކުރުން ހުއްދަ ނުވާނެ ކަމާއި، އެކަމުގައި އިޚްތިޔާރެއް ނޯންނާނެ ކަމެވެ. އަދި ފާފަވެރި ވާނެ ކަމެވެ.)
މިއީ މަޛްހަބުތަކުގެ މެދުގައި އޮތް ޚިލާފެވެ.
ދެވަނައީ : ސިއްރިއްޔަ ނަމާދުގައި ޖަހްރު ކުރުން ނުވަތަ އޭގެ އިދިކޮޅު ޙާލަތުގައި ހުރުމެވެ. ޖުމްހޫރު ޢިލްމުވެރިންގެ ބަސްފުޅަކީ އެއީ މަކްރޫހަ ޢަމަލެއްގެ ގޮތުގައި ވުމެވެ. އެފަދައިން ޢަމަލު ކޮށްފިހިނދު شافعي، أحمد ދެކެވަޑައިގަންނަވަނީ މަކްރޫހަ ޢަމަލެއް ކަމެވެ. އަދި ނަމާދު ޞައްޙަ ވާނެ ކަމެވެ. އަދި ކުށު ސަޖިދަ ކުރުމެއް ނުވެ އެވެ.
އަދި މިފަދަ ޙާލަތުގައި ކުށު ސަޖިދަ ޖަހަން ޖެހޭނެކަމަށް أبو حنيفة ވިދާޅުވެފައިވެ އެވެ. އަދި المالكية ދެކެވަޑައިގަންނަވަނީ ސިއްރު ނަމާދުގައި ޖަހްރު ކޮށްފި ހިނދުގައި ސަލާމް ދިނުމުގެ ކުރިން ކުށު ސަޖިދަ ކުރުމެވެ. އަދި ޖްހަރު މަޙައްލުގައި ސިއްރު ކޮށްފިހިނދު ސަލާމް ދިނުމަށްފަހު ކުށު ސަޖިދަ ޖެހުމެވެ. މިއީ ކިޔެވުމުގެ ޙާލަތުގައި އޮތް ޚިލާފްތަކެވެ. މި މިމައްސަލައިގެ މައްޗަށް ބަޔާންވެގެންވާ ޚިލާފެވެ.
ދެންއޮތީ އޭގެ އެންމެ ޞައްޙަ ހެޔޮ ބަސްފުޅަށް ބެލުމެވެ.
އެއްވެސް ޝައްކެތް ނުވާގޮތުގައި، ސުންނަތް ގޮތަކީ އެއީ ޖަހްރިއްޔަ ނަމާދުގައި އަޑުހަރުކޮށް ކިޔައި އަދި ސިއްރިއްޔަ ނަމާދުގައި ސިއްރުކޮށް ކިޔުމެވެ. އަދި އިދިކޮޅުގޮތުގައި ނުވުމެވެ. ސަބަބަކީ މިއީ މާތް ނަބިއްޔާ ﷺ ގެ ޢަމަލުފުޅެވެ. އަދި ޞަޙާބީންނާއި އޭގެ ފަހުގައި އުއްމަތަށް ވަޑައިގެންނެވި އަހުލުވެރިންގެ ބަސްފުޅުތަކެވެ. ދެންއޮތީ މި މައުޟޫގައި ވާރިދުވެގެންވާ އިމާމް البخاري، مسلم ރިވާކުރައްވާފައިވާ ހަދީޘެކެވެ. ޞަޙާބީ أبو قتادة -رضي الله عنه- ވިދާޅުވެފައިވެ އެވެ. كان رسول الله صلى الله عليه وسلم يصلي بنا فيقرأ في الظهر والعصر في الركعتين الأوليين بفاتحة الكتاب وسورةٍ، ويسمعنا الآية أحيانا
“ ނަބިއްޔާ ﷺ އަހަރުމެންނާ އެކު (ޖަމާޢަތުގައި) މެންދުރު ނަމާދާއި އަޞްރު ނަމާދު ކުރައްވާ، ފުރަތަ ދެރަކުޢަތުގައި ސޫރަތުލް ފާޠިޙާ އަދި (އެހެން) ޞޫރަތެއް ވިދާޅުވެ އެވެ. އަދި އާޔަތްތައް ބައެއް ފަހަރު އަހަރުމެންނަށް ކިޔަވާ ވިދާޅުވާއަޑު އިއްވަވަ އެވެ…“
މި ޙަދީޘް އެވެ! ފަހެ އެހެން ވުމުން ސުންނަތުގެ އަހުލުވެރިން މި ޙަދީޘްގެ މައްޗަށް ދެއްވާފައިވާ ޖަވާބަކީ ކޮބައިތޯ އެވެ؟ ފަހުމްވެވަޑައިގެންފައިވަނީ ކިހިނަކުން ތޯ އެވެ؟
الحافظ النووي ވިދާޅުވެފައިވެ އެވެ. ފަހެ މިބަސްފުޅުން ”ބައެއްފަހަރު އަހަރެމެންނަށް އާޔަތް ވިދާޅުވާއަޑު އިއްވަވަ އެވެ.“ މާނަ ނެގެނީ، އެއްގޮތަކީ ސިއްރިއްޔަ ނަމާދުގައި ޖަހްރު ކުރުން ހުއްދަވެގެންވާކަން ބަޔާން ކޮށްދިނުމަށް -އެފަދައިން ޢަމަލުފުޅު- ކުރައްވަނީ އެވެ. އަދި ސިއްރިއްޔަ ނަމާދުގައި ސިއްރުން ކިޔެވުމަކީ ނަމާދުގެ ޝަރުޠެއް ނޫންކަން އަންގަވައި ދެއްވަނީ އެވެ. އަދި ކިޔެއްތަ، އެއީ ސުންނަތެކެވެ.
(ނަބިއްޔާގެ ޢަމަލުފުޅުގެ މުރާދާއި މެދުގައި ދެވަނައަށް ބުނެވެނީ) ކިޔަވާ ވިދާޅުވާ އާޔަތްތަކުގެ މައްޗަށް ތަދައްބުރުކުރެވި، ދޫފުޅުން އެފަދައިން ޤަޞްތު ކުއްވުމެއްނެތި ޖަހްރު ކުރެއްވުމެވެ.“ ފަހެ އެހިނދު ޙަދީޘްގެ މުދާރު ސާފުވެގެންދެ އެވެ. މަކްރޫހަ ކަމެއް ގޮތުގައިވެ ހުއްދަވެގެންވާ ކަމެވެ. އަދި ނަމާދު ބާޠިލްވާނެ ކަމެއް ނޫން ކަމެވެ.
މި ޙަދީޘްގެ މައްޗަށް ابن باز- رحمه الله- ވިދާޅުވެފައިވެ އެވެ. ”ކަރާހަތްތެރި ކަމާއެކު ސިއްރިއްޔަ ނަމާދުގައި ޖަހްރު ކުރުން ހުއްދަވެގެންވެ އެވެ. އަދި ސުންނަތަކީ ސިއްރުކޮށް ކިޔެވުމެވެ. ސަބަބަކީ ނަބިއްޔާ ﷺ ސިއްރިއްޔަ ނަމާދުގައި ކިޔަވާ ވިދާޅުވާހިނދު ސިއްރުން ކިޔެވުމެވެ. އަދި ޖަހްރިއްޔަ ނަމާދުގައި ޖަހްރުކޮށް ކިޔެވުމެވެ. އަދި ބައެއް ފަހަރުގައި ބައެއް އާޔަތްތައް ޖަހްރުކޮށް ކިޔެވުން މުސްތަޙައްބުވެގެންވެ އެވެ. ސަބަބަކީ ނަބިއްޔާ ﷺ އެފަދައިން ޢަމަލުފުޅު ކުރެއްވުމެވެ…..“
ދެން އޮތީ ރުކޫޢު އަދި ސޫޖޫދް ޙާލަތުގައި އަޑުހަރުކޮށް ކިޔުމެވެ. އެންމެހައި ޢިލްމުވެރިން އިއްތިފާޤުވެވަޑައިގެންފައިވާ ގޮތުގައި ސިއްރުން ކިޔުމަކީ ސުންނަތްވެގެންވާ ގޮތެވެ. (ޔަޢުނީ : އެއްވެސް ނަމާދެއްގައި ބާރަށް ކިޔުމެއް ނެތެވެ.)
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.