ގުނާނީ އިނގިލީގެ ބަދަތަކުންތޯ ނުވަތަ އިނގިލިންތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.

أما بعد:

އަތުގެ އިނގިލިތަކުން އަދި އަތުގެ އިނގިލީގެ ބަދަތަކުން ޛިކުރުކުރާހިނދު ޢަދަދު ކުރުމާއި މެދުގައި ބުނަމެވެ.

މި މައްސަލައިގައި ދެ ގޮތަށްވެސް ޙަދީޘްގައި، ސުންނަތުގައި ވާރިދުވެގެންވެ އެވެ.

ފުރަތަމައީ : އިނގިލިތަކުގެ ބަދަތަކުން ޛިކުރު ކުރާހިނދު ޢަދަދު ކުރުމެވެ. صحيح أبي داود ގެ 1501 ވަނަ ޙަދީޘްގައިވެ އެވެ. أنّ النبيَّ صلى الله عليه وسلم أمرهن أن يراعين بًالتكبير والتقديس والتهليل وأن يعقدن بالأنامل فإنهن مسئولات مستنطقات ”ހަމަކަށަވަރުން (ހިޖުރަކޮށްފައި ވަޑައިގެން މުއުމިން) އަންހެން ކަނބަލުންނަށް ތަކްބީރު ކިޔުމާއި، ﷲ ހުސްޠާހިރުވަންތަކޮށް ތަޤްދީސް ކުރުމާއި އަދި ތަހްލީލި ކިޔުމުން، ﷲ ހަނދުމަކުރުން ޢާދަކޮށް އެކަން ފަރުވާތެރިކޮށް ބެހެއްޓުމަށް ރަސޫލާ صلى الله عليه وسلم އަމުރުކޮށް އިރުޝާދު ދެއްވި އެވެ. އަދި އެ ޛިކުރުތައް އިނގިލީތަކުގެ ކުރީ ބަދަތަކުން ގުނުމަށްވެސް އިރުޝާދު ދެއްވި އެވެ. ފަހެ، ހަމަކަށަވަރުން ( އެ އިނގިލިތަކަކީ) އެ ތަކެތިން ހޯދާފައިވާ ކަންތައްތަކާއި ބެހޭގޮތުން ސުވާލު ކުރެވި ހޯދާފައިވާ ކަންތައްތަކުގެ މައްޗަށް ހެކިވެ ވާހަކަ ދައްކާނެ އެއްޗެކެވެ.“

ދެވަނައީ : އިނގިލިތަކުން ޛިކުރުތައް ޢަދަދު ކުރުމެވެ. صحيح الترمذي ގެ 3486 ވަނަ ޙަދީޘްގައި ވެއ ެވެ. ޞަޙާބީ عبدالله بن عمرو ވިދާޅުވެފައިވެ އެވެ. (رأيتُ النَّبيَّ صلَّى اللَّهُ عليْهِ وسلَّمَ يعقدُ التَّسبيحَ بيدِهِ) ”ނަބިއްޔާ صلى الله عليه وسلم އެ ނަބިއްޔާގެ އަތްޕުޅުން ގުނުއްވަމުން ތަސްބީޙަ ވިދާޅުވަނިކޮށް ތިމަން ޞަހާބީ ދެކުނީ މެވެ.“

މި މައްސަލައިގައި العلامة ابن العُثَيمِين -رحمه الله- އަރިހުގައި ސުވާލު ކުރެވުނެވެ.

ސުވާލު : ތަސްބީޙަ (ކިޔާހިނދު) އެމީހަކު އެ ޢަދަދު ކުރާނީ އޭނާގެ އިނގިލިތަކުން ނުވަތަ އިނގިލިތަކުގެ ބަދަ ތަކުން ހެއްޔެވެ؟

ޖަވާބު : ތަސްބީޙަ (އެމީހެއްގެ އިނގިލިތަކުގެ) ބަދަތަކުން ނުވަތަ އިނގިލިން ޢަދަދު ކުރުމަކީ ތަނަވަސް ވެގެންވާ ކަމެކެވެ. (އެބަހީ : ދެ ގޮތަށްވެސް އެކަން ކުރުން ހުއްދަވެގެންވެ އެވެ.) އެމީހަކު ބޭނުން ކަމުގައިވާނަމަ އިނގިލިތަކުގެ ބަދަ ތަކުންނެވެ. އަދި ބޭނުންކަމުގައިވާނަމަ އިނގިލިތަކުންނެވެ. ހެޔޮކަން ބޮޑުވެގެންވަނީ ނަބިއްޔާ صلَّى اللهُ عليه وسلَّم ގެ އަރިހުން ޙަދީޘްްގައި ވާރިދުވެގެންވާ ފަދައިން ކަނާތުން ތަސްބީޙަ ކުރުމެވެ.“ فتاوى ج 13 ص 242

ނިންމާލުމުގެ ކުރިން 3 ވަނަ ނުކުތާއެއްގެ ގޮތުގައި ފާހަގަ ކޮށްލަމެވެ.

އިނގިލިތަކުން ނުވަތަ އިނގިލީގެ ބަދަތައް ބޭނުން ކުރިކަމުގައިވީނަމަވެސް މައްސަލައެއް ނެތެވެ. ދެ ގޮތްވެސް ޘާބިތުވެގެންވެ އެވެ. އެހެނަސް ދަންނައެވެ. ކަނާތް ބޭނުން ކުރުން ހުއްޓެވެ. ސަބަބަކީ މިއީ ނަބިއްޔާ صلَّى اللهُ عليه وسلَّم އަރިހުން ވާރިދުވެގެންވާ ގޮތެވެ. އެންމެހައި ހެޔޮ ރަނގަޅު ކަންކަމުގައި ކަނާތްފަރާތް އިސްކޮށްފައި ވުމެވެ. عَائِشَة -رضي الله عنها- ވިދާޅުވެފައިވެ އެވެ.

(كان النبيُّ صلَّى اللهُ عليه وسلَّم يُحِبُّ التَّيَمُّنَ ما استَطاعَ، في طُهُورهِ وتَنَعُّلِه وتَرجُّلِه في شأنِه كُلِّه)

”النبيُّ صلى الله عليه وسلم ޠާހިރު ވުމުގައި، ފައިވާންޖޯޑުކޮޅަށް އެރުއްވުމުގައި، އިސްތަށި ފުޅުގައި ފުނާ އެޅުއްވުމުގައި އަދި އެންމެހައި (ރަނގަޅު، ރިވެތި، ހެޔޮ) ކަންކަމުގައި ކުޅަދާނަވެވަޑައިގެންނެވި މިންވަރަކުން ކަނާއަތް އިސްކުރެއްވުމަށް ލޯބިފުޅު ކުރައްވަވަ އެވެ.“

البُخَاري 5380

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts