ތިލާވަތުގެ ސަޖިދައާއި ބެހޭ ޙުކުމްތަކަކީކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ޖަވާބު : ”ތިލާވަތުގެ ސަޖިދަ ކުރުމާ ބެހޭގޮތުން ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ނުކުތާތަކުގެ މައްޗަށް ޖަވާބު ލިޔެ ބަޔާން ކުރަމެވެ.

ފުރަތަމައީ : ތިލާވަތުގެ ސަޖިދައިގެ މާތް ކަމާއި މަތިވެރި ކަމެވެ. ނަބިއްޔާ ﷺ ޙަދީޘް ކުރެއްވި އެވެ. (إذا قرأ ابنُ آدمَ السجدةَ فسجد، اعتزل الشيطانُ يبكي يقول: يا وَيْلَهْ. أُمِرَ ابنُ آدمَ بالسجود فسجد فله الجنَّةُ وأُمِرتُ بالسجود فأَبَيْتُ فلي النارُ) ”އާދަމު ދަރިއަކު ސަޖިދަކުރާ (ތިލާވަތުގެ ސަޖިދަ) އާޔަތެއް ކިޔުމަށްފަހު، ސަޖިދަ ކުރުމުން، ޝައިޠާނާ ވަކިވެ ހުރެ ރޯންފަށައެވެ. އަދި ބުނެ އެވެ. ހުރި ހަލާކެއްގެ ބޮޑުކަމާ އެވެ. އާދަމު ދަރިއާ އަށް ސަޖިދަ ކުރުމަށް އަމުރުފުޅު ކުރެއްވުމުން ސަޖިދަކުރި އެވެ. އޭނާއަށް ވަނީ ސުވަރުގެ އެވެ. އަހަރެންގެ މައްޗަށް ސަޖިދަ ކުރުމަށް އަމުރު ކުރެއްވުނު ހިނދުގައި ދެކޮޅުހެދީމެވެ. އަހަރެންނަށް ވަނީ ނަރަކަ އެވެ.“ رواه مسلم 81

ހުރި ހެޔޮކަމެއްގެ ބޮޑު ކަމާ އެވެ. އަހަރެމެން އެންމެންގެ މައްޗަށް ވާ ޤަދުއްވު، އަނިޔާވެރިޔާ ޝައިޠާނާ ދެރަވެ ނިކަމެތިކޮށްލާނެ ޢަމަލެއް ކަމުގައި މި ޢަމަލުވެ އެވެ.

ދެވަނައީ : ކީރިތި ޤުރުއާން މުޞްޙަފުން ބަލައިގެން ނުވަތަ ހިތުން ކިޔެވި (ހިތުދަސްކޮށްފައިވެ، އެއްޗެއް ނުބަލައިކިޔުން) ކަމުގައިވީނަމަވެސް ތިލާވަތުގެ ސަޖިދަ ކުރުން ވެ އެވެ. ތިލާވަތުގެ ސަޖިދައިގެ ޙުކުމަކީ މުޞްތަޙައްބު ވެގެންވާ ޢަމަލެއް ކަމުގައި ބުނުމަކީ އެންމެ ހެޔޮ ބަސްފުޅެވެ. މި ޤައުލު ބަޔާންކުރައްވާ الإمام ابن بَاز رحمه الله ވިދާޅުވެފައިވެ އެވެ. ”މިއީ ސުންނަތެކެވެ. ވާޖިބު ސަޖިދައެއް ނޫނެވެ. ސަބަބަކީ الصحيحين ގައި ބަޔާންވެގެންވެ އެވެ. ނަބިއްޔާ ﷺ އަށް زيد بن ثابت -رَضِيَ اللَّهُ عَنْهُ سورة النجم ތިލާވަތްކޮށްދެއްވި އެވެ. އެހެނަސް ނަބިއްޔާ ﷺ ސަޖިދަ ނުކުރައްވަ އެވެ. ފަހެ، އެހެންވުމުން އެއީ ވާޖިބެއް ނޫންކަން ދަލީލު ކުރެވެ އެވެ. އަދި عمر بن الخطاب -رَضِيَ اللَّهُ عَنْهُ ވިދާޅުވެފައިވެ އެވެ. ”ހަމަކަށަވަރުން ތިލާވަތުގެ ސަޖިދަ ﷲ ތިޔަބައިމީހުންގެ މައްޗަށް ފަރުޟު ކުރައްވާފައިނުވެ އެވެ. ސަޖިދަކުރުމަށް އެދޭ މީހާ ފިޔަވަ އެވެ.“ ޔަޢުނީ : ބޭނުންވާ މީހާ ސަޖިދަ ކުރާށެވެ. އަދި ބޭނުންވާ މީހާއަށް ސަޖިދަނުކޮށް ދޫކޮށްލެވިދާނެ އެވެ. ފަހެ، މިއީ ސުންނަތެކެވެ. ވާޖިބު ސަޖިދައެއް ނޫނެވެ. އާނއެކެވެ.“ ފަހެ، ޙުކުމަކީ އެހެންވުމުން މުޞްތަޙާއްބު ޢަމަލެއްް ކަމުގައިވުމެވެ.

ތިންވަނައީ : ތިލާވަތުގެ ސަޖިދައަކީ ތިލާވަތުގެ އާޔަތެއް ކިޔުމަށް ފަހުގައި ކުރާ ސަޖިދަ އެކެވެ. ޔަޢުނީ : އެއީ ނަމާދު ކުރާ ޙުކުމަށް ނުވަތަ ޤިޔާމުގައި ހުރުމަށް އޮތް ޢަމަލެއް ނޫނެވެ. އެއީ ކުރާ ސަޖިދަ އެކެވެ. ފަހެ، ﷲއަށް ކުއްތަންވުމަށް ކުރެވޭ އަޅުކަމެއް ކަމުގައި ވުމުން، އަޅުކަން ކުރުމަށް ކަނޑައެޅިފައިވާ ސިފައިގައި ކުރުން ހުއްޓެވެ. ދީނުގައިނުވާ ކަންތައްތައް، އަލަށް ގެނެސް ބިދުޢަތަކުން ދުރުވާން ޖެހޭނެ އެވެ.

ހަތަރުވަނައީ : ސަޖިދަ ކުރާ މީހާ ޙަރަމް ބަނުމެއް ނުވެ އެވެ. އަދި ސަޖިދަ ކުރުމަށްފަހު ސަލާމް ދިނުމެއްވެސް ނުވެ އެވެ. މިއީ އެއްވެސް ދަލީލެއް ވާރިދުވެފައިވާ ޢަމަލުތަކެއް ނޫނެވެ. الإمام شيخ الإسلام ابن تيمية رحمه الله ވިދާޅުވެފައިވެ އެވެ. ”ތިލާވަތުގެ ސަޖިދަ ކުރުމަށްފަހު ސަލާމްދިނުން ސުންނަތެއްގެ ގޮތުގައި ނަބިއްޔާ ﷺ ކަނޑައަޅުއްވާފައެއް ނުވެ އެވެ. ނަބިއްޔާ ﷺ އަރިއަހުން ޞައްޙަ ސަނަދެއްގައި އަދި ބަލިކަށި ސަނަދެއްގައިވެސް ރިވާކުރެވިގެންނުވެ އެވެ. އަދި ކިޔެއްތަ! އެއީ ބިދުޢައެކެވެ. އަދި ސަޖިދަ ކުރުމުގެ ކުރިން ތަކްބީރުލް އިފްތިތާޙް (ނަމާދަށް ތަކްބީރު ކިޔައި ޙަރަމްބަންނަ ފަދައިން ތަކްބީރު ކިޔައި ޙަރަމް ބަނުން) ކަނޑައަޅުއްވާފައެއް ނުވެ އެވެ. އެހެނަސް ނަބިއްޔާގެ އަރިހުން ވާރިދުވެގެންވަނީ ސަޖިދައަށް ދާހިނދު، ނުވަތަ ތެދުވާހިނދު ތަކްބީރު ވިދާޅުވި ކަމެވެ. އެޙަދީޘް ސުނަނުގައިވެ އެވެ.“

الإمام ابن بَاز رحمه الله ވިދާޅުވެފައިވެ އެވެ. ”ސަޖިދަކުރުން މޮޅު އިތުރުވެގެންވާ ގޮތަކީ، ފުރަތަމަ ފަށާއިރު (ފުރަތަ ފަށާއިރު އެކަނި) ތަކްބީރު ކިޔައި ސަޖިދަ ކުރުމެވެ. އަދި އެ ސަޖިދައިގައި ނަމާދުގެ ސަޖިދައިގައި ކިޔާ ޛިކުރު ކިޔާނީ އެވެ. އަދި ފަސޭހަވެގެންވާ މިންވަރަށް ދުޢާ ކުރެވިދާނެ އެވެ. އަދި ތިލާވަތުގެ ސަޖިދައިގައި ސަލާމް ދިނުމެއް އަދި އިތުރު ތަކްބީރެއް ނުވެ އެވެ. ތިލާވަތުގެ ސަޖިދައަށް ބަޔާންވެގެންވާ ގޮތަކީ މިއެވެ. އަދި މިއީ ބަސްތަކުގެ ތެރެއިން އެންމެ ޞައްޙަވެގެންވާ ގޮތެވެ….“

الإِمَام ابن العُثَيمِين رحمه الله ވިދާޅުވެފައިވެ އެވެ. ”ތިލާވަތުގެ ސަޖިދަކުރަނީ ނަމާދުން ބޭރުގައިކަމުގައިވެއްޖެހިނދު، ސަޖިދައަށް ތިރިވާހިނދު ތަކްބީރު ކިޔުން ހުއްޓެވެ. އަދި ސަޖިދައިން ތެދުވާހިނދު ތަކްބީރު ކިޔުމެއްނުވެ އެވެ. އަދި ސަލާމްދިނުމެއްވެސް ނުވެ އެވެ. މިއީ މި މައްސަލައިގައި އެންމެ ހެޔޮ، ޞައްޙަވެގެންވާ ގޮތެވެ. އަދި ދަންނަހުއްޓެވެ.

ތިބާ ކޮންމެ ގަޑިއެއްގައި ޤުރުއާން ކިޔަވަނިކޮށް ތިލާވަތުގެ ސަޖިދައެއް ކުރަންޖެހިއްޖެ ހިނދު ކޮންމެ ވަޤުތެއްގައިވެސް ތިލާވަތުގެ ސަޖިދަ ކުރެވޭނެ އެވެ.

ފަސްވަނައީ : ތިލާވަތުގެ ސަޖިދައިގައި ކިޔުމަށް އެކިއެކި ދުޢާތައް ވާރިދުވެގެންވެ އެވެ. އޭގެ ތެރޭގައި :

سُبْحَانَ رَبِّيَ الأَعْلى

سُبُّوْحٌ قُدُّوْسٌ رَبُّ المَلاَئِكَةِ وَالرُّوْحِ

سَجَدَ وَجْهِيْ للًّذِيْ خَلَقَهُ وَصَوًّرَهُ وَشَقَّ سَمْعَهُ وَبَصَرَهُ بِحَوْلِهِ وَقُوَّتِهِ تَبَارَكَ اللهُ أَحْسَنُ الخَالِقِيْن

اللهمَّ أُكْتُبْ لِيْ بِهَا أَجْرًا وَضَعْ عَنِّيْ بِهَا وِزْرًا وَتَقَبَّلْهَا مِنِّيْ كَمَا تَقَبَّلْتَ مِنْ عَبْدِكَ دَاوُدُ

ހަވަނައީ : މީގެ ކުރިން ޤުރުއާން ކިޔެވުމުގެ މައްޗަށް ދެވިފައިވާ ގިނަ ސުވާލުތަކުގައި ހައިޟުގައިވާ އަންހެނާ އަދި ނިފާސްގައިވާ އަންހެނާއަށް ޤުރުއާން ކިޔެވުން ހުއްދަވެގެންވާކަން ވަރަށް ތަފްޞީލުކޮށް ބަޔާން ކޮށްދީފައިވާނެ އެވެ. ޙައިޟުވެރިޔާއަށް މަނާވެގެންވަނީ މުޞްޙަފް (ޙަތިމް) ގައި ބީހިގެން، މުޞްޙަފް އުފުލައިގެން ނުކިޔުމެވެ. ފަހެ،ވުމުން ފޯނުން ނުވަތަ އެފަދަ އެހެން ވަޞިލަތެއް ބޭނުންކޮށްގެން ކިޔުން ހުއްދަ އެވެ. މަނާ ކުރާނެ ދަލީލެއް ޙުއްޖަތެއް ނެތެވެ. ވުމުން، ޤުރުއާން ކިޔެވުން ހުއްދަވުމުން ސަޖިދަ ކުރުން ހުއްދަވެގެންވެ އެވެ. ޤުރުއާން ކިޔަވާ މީހާ ތިލާވަތުގެ ސަޖިދަ ކުރުމަކީ ތިލާވަތް ކުމުގެ ޖިންސުގެ ތެރެއިން ހިމެނިގެންވާ ޢަމަލެކެވެ. އެއީ ނަމާދުގެ ތެރެއިން ހިމެނިގެންވާ ޢަމަލެއް ނޫނެވެ. ޢިލްމުވެރިންގެ ބަސްފުޅުތަކުން ޞައްޙަ ބަސްފުޅަކީ މި އެވެ.

ދަންނަ އެވެ! ޤުރުއާން ކިޔުމަށް ހުއްދަވެގެންވާ ކޮންމެ މީހަކީ ތިލާވަތުގެ ސަޖިދަ ކުރުމަށް އެ މަޤާމް ލިބިގެންވާ ފަރާތެކެވެ. ވުމުން ޤުރުއާން ކިޔެވޭނެ ޙާލުގައިވާ ފަރާތްތައް ދެނެގަތުން ހުއްޓެވެ.

  1. ޤުރުއާން ކިޔެވުމަށް އެންމެ ހެޔޮ އަދި ރިވެތި ފޭރާމުގައި ހުރުން ނުހަނު ހެޔޮވެގެންވެ އެވެ. އެހެނަސް އެއީ ވާޖިބު ކަމެއް ނޫނެވެ. އަންހެނަކު ގޭތެރޭގައި، މަޙްރަމުންގެ ކައިރީގައި ލައިގެން ހުންނަ ފޭރާން (މޫނު، ބޮލުގެ އިސްތަށިގަނޑު، ދެފައިތިލަ ފެންނަ ޙާލުގައިވާ ފޭރާން) އެއީ ޤުރުއާން ކިޔެވުމަށް އޮތް ފޭރާން ކަމުގައިވެ އެވެ. ފަހެ، އެފޭރާމުގައި ހުރެ ޤުރުއާން ކިޔަވައި ފި މީހާއަށް އެ ގޮތުގައި ތިލާވަތުގެ ސަޖިދަ ކުރެވޭނެ އެވެ.
  2. ޤުރުއާން ކިޔަވާ މީހާ ޤިބްލައަށް ކުރިމަތި ކުރިމަތި ލުމަކަށް ނުޖެހެ އެވެ. ފަހެ، އެގޮތުން ތިލާވަތުގެ ސަޖިދަ ކުރާ މީހާވެސް ޤިބްލައަށް ކުރިމަތިލާކަށް ނުޖެ އެވެ. އެހެނަސް ޤިބްލައަށް ކުރިމަތިލުން އެދެވިގެންވެ އެވެ.
  3. ޤުރުއާން ކިޔަވާ މީހާ ވުޟޫގެ މަތީގައިވުން އަޥްލާވެގެންވެ އެވެ. އެހެނަސް އެއީ ޤުރުއާން ކިޔަވާ މީހާއަށް ޝަރުޠުކުރެވިފައިވާ ކަމެއް ނޫނެވެ. ވުމުން ތިލާވަތުގެ ސަޖިދައެއް ޖަހަންޖެހިއްޖެ މީހާއަށް އެ ޙާލުގައި ސަޖިދަ ކުރެވޭނެ އެވެ……. މިފަދައިން މި މައްސަލަ ދެނެގަތުން ހުއްޓެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts