ނަމާދަށް އެރުމުގެ ކުރިން އަތުގައި ސެނެޓައިޒާ އުނގުޅުމަށްފަހު ކުރާ ނަމާދު ޞައްޙަވާނެތޯއެވެ؟
بسم الله الرحمن الرحيم.
الحمد لله رب العالمين والصلاة والسلام على رسول الله و على آله وصحبه ومن ولاه:
أما بعد
ސާފުކުރުމަށް ބޭނުން ކުރާ ސެނެޓައިޒާ ބެހޭގޮތުން ކޮށްފައިވާ ސުވާލުގެ މައްޗަށް ބުނަމެވެ.
ފުރަތަމައީ : އެލްކޮހޮލް އަޅާފައޭ ބުނުމުން އެ ބުނަނީ އެއަށް ބަނގުރާ (އެ އެއްޗެއް ބޮއެގެން މަސްތުވާ ބަނގުރާ) އޭގެ ތެރެއަށް އަޅާފަ ހުންނަނީ ހެއްޔެވެ؟ ނުވަތަ އެލްކޮހޮލް ހެދުމަށް ބޭނުންކުރާ ބާވަތްތަކުގެ ތެރެއިން ބާވަތެއް އެއަށް އަޅާފައި ހުންނަނީ ހެއްޔެވެ؟
މާނައަކީ : ކޮންމެ އެއްޗެއްވެސް ތައްޔާރު ކުރުމަށް އެކިއެކި ބާވަތްތަކުގެ ތަކެތި އަޅާއި އެއްކުރުމުން އެ އެއްޗެއް ތައްޔާރު ކުރެވޭ ގޮތަށް އެލްކޮހޮލް ތައްޔާރު ކުރުމަށް ބޭނުންކުރާ ތަކެތީގެ ތެރެއިން ސަބްސްޓޭންސެއް އެއަށް އަޅާފައިވުން ހެއްޔެވެ؟
ދެވަނައީ : ސާފުކުރުމަށް ބޭނުން ކުރާ ފުޅިތަކަށް، އަޅާފައި ހުންނަ މި އެއްޗަކީ އެ ބޮއެގެން މަސްތުވާ އެއްޗެއް ހެއްޔެވެ؟ އެހެން ކަމުގައިވާނަމަ އެއްވެސް ސުވާލެއް ކުރުމެއްނެތި އެއީ ޙަރާމް އެއްޗެއް ކަމުގައި ހުކުމް ނެރެވޭނެ އެވެ. ޙަދީޘްގައިވެ އެވެ. (كلُّ مُسكرٍ حرامٌ) މަސްތުކުރުވާ ކޮންމެ އެއްޗަކީ ހަރާމް އެއްޗެކެވެ.“
ފަހެ، އެހިނދު އޭގެ މައްޗަށް ދެމީހަކު ދެބަސްވުމެއްނެތް ގޮތުގައި އެއީ ހުއްދަވެގެން ނުވާނެ އަދި ޙަރާމްވެގެންވާ އެއްޗެއް ކަމުގައި ޔަޤީންކަށަވަރެވެ.
މިފަދައިން ބުނަން މި ޖެހެނީ ސަބަބަކީ ދީނުގައި ބައެއް ތަކެތި އެއީ މަސްތުވާ އެއްޗެހި ގޮތުގައި ނުވެ އެތަކެތި ބުއިން ޙަރާމްވެފައިވެ އެވެ.
އެހެނަސް އެހެނިހެން ކަންކަމުގައި އިސްތިޢުމާލު ކުރުން މަނާކަމެއް ނެތެވެ. މިޘާލަކަށް ބުލީޗް، ޑިޓޯލް ފަދަ ތަކެއްޗަކީ އެ ބުއިމުން މިހާ ވިހަވެ، އޭނާގެ މަރުވާނެ ފަދަ ދިޔާ ތަކެއްޗެވެ. އެ ބުއިން ޙަރާމް ވާނެ އެވެ. އެހެނަސް ދޮންނަން ބޭނުން ކުރުން، ސާފުކުރުމަށް ބޭނުން ކުރުމުގައި އެއްވެސް މައްސަލައެއް ނެތެވެ. އެހެން ވުމުން މިކަން އެނގިގަތުން ހުއްޓެވެ.
ތިންވަނައީ : ސާފުކުރުމަށް ބޭނުން ކުރާ އެއްޗެއް ބޮއެފިއްޔާ މީހާ ވިހަވެ، މަރުވުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެހެނަސް އެއީ މަސްތުވެގެން ނޫނެވެ. އެއީ ވިހަވެގެންނެވެ. ވުމާއެކު ވިސްނަންވީ އެއަށް މަސްތުވާ ތަކެތީގެ ޙުކުމް ގެނައުމާއި މެދުގަ އެވެ. (އެއަށް އަޅާފައިވާ އެ މާއްދާ އަކީ އެ މަސްތުކުރުވާ އެއްޗެއް ނޫންކަން، މިއީ އަހަރުމެންނަށް މަޢުލޫމާތު ލިބިފައިވާ ގޮތެވެ.) ފަހެ، އެހެން ވުމުން ބަނގުރަލުގެ ޙުކުމް އޭގެ މައްޗަށް ނުނެގޭނެ އެވެ. އިސްވެ ބަޔާންކުރެވުނު ފަދައިން، ބްލީޗްވެސް ވިހައެއް ކަމުގައިވެ، އެއިން ބޭނުން ހިފޭނެ ކަންކަމުގައި ބޭނުން ކުރުން ހުއްދަވެގެންވާ ފަދައިން، ސެންޓުފަދަ ތަކެއްޗަކީވެސް އެއިން ބޭނުން ހިފޭނެ ތަކެތި ކަމުގައި އެހެންވުމުން ވެ އެވެ.
ހަތަރުވަނައީ : ސާފުކުރުމަށް ބޭނުން ކުރާ ތަކެއްޗަކީ، ތަޖުރިބާއިން އެނގިބަޔާންވަނީ ބައެއް ތަކެއްޗަކީ މަސްތު ކުރުވާ އަދި މަސްތުވާ އެއްޗެއްކަމެވެ. ފަހެ، އެ އެއްޗަކީ މަސްތުވާ އެއްޗެއް ކަމުގައި ވެއްޖެހިނދު އެފަދަ ތަކެތި ބޭނުން ކޮށްގެން ނުވާނެ އެވެ.
ފަސްވަނައީ : އިސްވެދިޔަ އެންމެހައި ނުކުތާ ތަކުގެ މައްޗަށް ގެނެވޭ ޚުލާޞާ ބަސްތަކެވެ. އެއީ، މިފަދަ ތަކެއްޗާއި މެދު ގިނަ ޢިލްމުވެރިންގެ ބަސްފުޅަކީ، އޭގައިވާ އެލްކޮހޮލް މާއްދާގެ ގިނަ އަދި މަދު މިންވަރުގެ މައްޗަށް އޭގެ މައްޗަށް ޙުކުމް ނެރުމެވެ. އިސްވެ ބަޔާންކުރެވުނު ނުކުތާގައި އެކަން ބަޔާންވެއްޖެ އެވެ.
ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީގެ ފަތުވާ (13-54) ގައި ބަޔާންކޮށްފައިވެ އެވެ. ”އޭ މީރުވަސްދުވާ އެތީގައި ކުޙޫލް ގެ އިންސައްތައަކީ އެ ބޮއެފިހިނދު މަސްތުކުރާ މިންވަރު ކަމުގައިވެއްޖެހިނދު، އެ ބުއިން ޙަރާމް ވާނެ އެވެ. އަދި އެ ގަނެވިއްކުން ޙަރާމް ވާނެ އެވެ. އަދި އެނޫންވެސް ގޮތްތަކުން އެއިން އެއްވެސް މަންފާއެއް ހޯދުން ޙަރާމްވާނެ އެވެ. ސަބަބަކީ އެއީ ޚަމްރު (ބަނގުރަލެވެ.) އޭގެ މަދުވިންވަރެއް އަދި ގިނަ މިންވަރެއްކަމުގައިވީނަމަވެސް (ޙުކުމް އޮތީ މިފަދައިންނެވެ.) އޭގައިވާ ކުޙޫލް ގެ މިންވަރަކީ އެ ކިތަންމެ ގިނައިން ބުޔަސް މަސްތުކުރުވާނެ މިންވަރެއް ނޫން ކަމުގައިވެއްޖެހިނދު، އެ ބޭނުން ކުރުން ހުއްދަވާނެ އެވެ. އަދި ގަނެވިއްކުން ހުއްދާވަނެ އެވެ.“
ބައެއް ތަކެތި އެއީ މަސްތުވާވަރުގެ ބުއިމެއްކަން އެނގިފައިވެ އެވެ. އަދި ބައެއް ތަކެތި ބުއިމަކުން މަސްތެއް ނުވެ އެހެނަސް ވިހަވެ ދާނެ އެވެ.
ފަހެ، އެއި މަސްތުވާ މިންވަރަށް އެއަށް އެލްކޮހޯލް އަޅާފައިވެއްޖެހިނދު އެފަދަ ތަކެތި ބޭނުން ކުރުން ހުއްދަ ނުވުމެވެ.
އަދި އޭގެ އެއްވެސް އަޘަރެއް ނުކުރާވަރުގެ މިންވަރަށް އޭގައި ވެއްޖެހިނދު އެ ބޭނުން ކުރުން ހުއްދަވެގެންވުމެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.