ޤުރުއާނުގެ އަހުލުވެރިންނަކީ، ޤުރުއާން ހިތުދަސްކޮށްފައިވާ މީހުން ތޯއެވެ؟
بسم الله الرحمن الحيم الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين. أما بعد
މި ޒަމާނުގައި އެތަކެއް ބަޔަކުވަނީ ތިމަންނަމެންނަކީ ޤުރުއާނުގެ އަހުލުވެރިން ކަމުގައި ބުނެ، ގިނަ ބަޔަކު އެބައިމީހުންގެ ބާޠިލް ބަސްތަކާއި އަދި ބާޠިލް މަގުތަކުގެ އަވައިގައި ޖައްސައިފައެވެ.
އެބައިމީހުންގެ ބަސްތައްވާކަން ކަށަވަރީ ތިމަންމެންނަކީ “ޤުރުއާނުގެ އަހުލުވެރިން” ކަމުގައި ބުނުމެވެ. ތިމަންމެންނަކީ “ޤުރުއާން އުނގަންނައިދިނުމުގައިވާ އަހުލުވެރިން” ކަމުގައި ބުނުމެވެ.
ތިމަންމެންނަކީ “ޤުރުއާން ހިތު ދަސްކޮށްފައިވާ މީހުން” ގެ ގޮތުގައި ބުނުމެވެ.
ތިމަންމެންނަކީ “ޤާރީންނޭ” ބުނުމެވެ.
ފަހެ، އެހިނދު ޢާންމުންގެ ވިސްނުމާއި، ހިތް އެމީހުންގެ އެ މަކަރުވެރި، ހީލަތްތެރި ބަސްތަކުގެ މައްޗަށް ލެނބިގެންގޮސް އެބައިމީހުން ކިތަންމެ ބޮޑެތި އުރެދުމަކަށް އަރައިގަތް ކަމުގައިވީ ނަމަވެސް އެބައެއްގެ މައްޗަށް އެއްވެސް ރުޅިވެރިކަމެއް އަދި ބާޠިލްގައިވާ ބައެއް ކަމެއް ނުދެކެވެ.
ފާފަތަކާއި، މުންކަރާތްތަކާއި، ބާޠިލް ޢަޤީދާތަކަށް ގެންދިއުމަށް އެބައިމީހުން ހޯދާފައިވާ ލަނޑުދަނޑިއަކީ ޤުރުއާނަކީ އެބައިމީހުންގެ އަޑުކަމެވެ. މަޝްހޫރުކަމެވެ.
ފާނާވެ ނެތިދާ ދުނިޔޭގެ މަޝްހޫރު ނަމާއި މިސްތަކުންނަށް މޮޅުބައެއްގެ ގޮތުގައި ފާޅުވުމެވެ. މިބައިމީހުން ވަނީ ޤުރުއާނުގެ ޙަޤީޤީ އަހުލުވެރިންގެ މުރާދު އޮޅުވައިލައި، ނުޙައްޤުން އޭގެ ނަން ހޯދާފައެވެ. އަދި މީސްތަކުންގެ ހިތްތަކުގައި ޤުރުއާނުގެ ޙައްޤު އަހުލުވެރިންނަށް އޮންނަންޖެހޭ ޤަދަރާއި އިޚްތިރާމް ކުޑަކޮށް، އޭގެ އަހުލުވެރިން ނޫން ބަޔަކަށް އެޤަދަރު ދިނުމެވެ.
އެހެންކަމުން ޤުރުއާނުގެ އަހުލުވެރިންނަކީ ކޮބައިކަން ބަޔާންވެ ދިއުމަށް ޓަކައި އުއްމަތުގައިވާ ޤުރުއާނާއި ޙަދީޘް އަދި ޤުރުއާނުގެ ތަފްސީރުގެ އަހުލުވެރިންގެ ބަސްފުޅުތަކަށް ބަލައިލުން ހުއްޓެވެ.
ﷲ ވަޙީކުރައްވާފައިވެއެވެ. (الَّذِينَ آتَيْنَاهُمُ الْكِتَابَ يَتْلُونَهُ حَقَّ تِلَاوَتِهِ) المائدة/51
”ތިމަން ﷲ އެބައިމީހުންނަށް ފޮތް ދެއްވި މީހުން އެ ފޮތް ކިޔަންވީ ޙައްޤު ގޮތުގައި އެ ފޮތް ކިޔައި އުޅެތެވެ“.
މި އާޔަތުގެ ތަފްސީރުގައި مُجَاهد بن جبر ވިދާޅުވެފައިވެއެވެ. “އެ ފޮތަށް އެބައިމީހުން ޙައްޤު ގޮތުގައި ޢަމަލު ކުރުމުގައިވެއެވެ”. ފަހެ، ޤުރުއާނަށް ޢަމަލު ނުކުރާ މީހަކީ އެ ފޮތް ހިތުގައި ދަސްކޮށްފައި ހުއްޓަސް އޭގެ އަހުލުވެރިއެއް ކަމުގައި ނުވާނެ މީހެކެވެ.
އަދުގެ ޙާލަތެވެ! ޤުރުއާން ބާވައިލެއްވުނީ އެ ފޮތް ޙައްޤު ގޮތުގައި ތިލާވަތް ކުރުމަށެވެ. ވިސްނައި ތަދައްބުރު ކުރުމަށެވެ. އެހެނަސް މިއަދު މިވަނީ، އެއަށް ޢަމަލު ކުރުމަކީ ކޯސް ހެދުމާއި، ސެޓްފިކެޓްއަށް ވާދަ ކުރުމާއި، އެކަކު އަނެކަކަށްވުރެ ރީތި އަޑުން ކިޔުމާއި، ފާޅުކޮށް ފެންނަގޮތުގައި މުންކަރާތްތަކަށް އަރައިގަނެ ޢަމަލު ކުރުމުގައިވާ މަންޒަރެވެ. އެތައް ޒަމާނެއްގެ ކުރިން މި ފިތުނަ ވަނީ އުއްމަތަށް ކުރިމަތިވެފައިއެވެ.
الإمام فُضَيْل بن عِياض-رحمه الله- ވިދާޅުވެފައިވެއެވެ. ”ހަމަކަށަވަރުން ﷲ ޤުރުއާން ބާވައިލެއްވީ އެ ޤުރުއާނަށް ޢަމަލު ކުރުމަށް ޓަކައިއެވެ. ފަހެ، މީސްތަކުން އެ ޤުރުއާން ތިލާވަތް ކުރުމަކީ އެއީ ޢަމަލު ކުރުން ކަމުގައި ހަދައިފިއެވެ“. އަޚާއެވެ. މިއީ ހިޖުރައިން 187 ގައި ދުނިޔެ ދޫކުރެއްވި މި އިމާމްގެ ބަސްފުޅެވެ. މިއީ ކޮންފަދަ ތެދު ބަސްފުޅެއްތޯއެވެ؟
މިއަދު ޤުރުއާނަކީ ރީތި އަޑުން ތިލާވަތް ކުރުމަށް، ކޯސްތައް ހަދައި ސެޓްފިކެޓްތައް ޙާޞިލް ކުރުމަށް، މުބާރާތްތައް ބާއްވައި ވަނަ ހޯދުމަށް މަސައްކަތްކުރާ އެއްޗެއްގެ ގޮތުގައިވަނީ ހަދައިފައެވެ. ޤުރުއާނަށް ޢަމަލު ކުރުމަކީ މިއީ ކަމުގައި ހަދަފައި ނުވޭ ހެއްޔެވެ؟
ޤުރުއާނުގައި ޙަލާލުކޮށްފައިވާ ކަންތައް އަދި ޙަރާމް ކޮށްފައިވާ ކަންތައް އެ ގޮތުގައި ޢަމަލު ކުރާތަން ފެންނަނީ ކޮން މައިދާނެއްގައި ހެއްޔެވެ؟ ޤުރުއާން އުނގަންނައިދޭ ކުލާސްތަކާއި، ކޯސްތަކާއި، މުބާރާތްތަކަކީ އެއީ އަންހެނުންނާއި ފިރިހެނުން މައްސުނިކޮށްފައިވާ ތަންތަން ކަމުގައި ހަދައިފައި ނުވޭ ހެއްޔެވެ؟
الإمام الحَسَن البَصرِي -رحمه الله- މި އިމާމް އެ ޒަމާނުގައި ޤުރުއާން ކިޔަވާ އަހުލުވެރިންގެ ޙާލަތު ބަޔާންކޮށް ސިފަކުރައްވާ ވިދާޅުވެފައިވެއެވެ. “ދެންފަހެ، ﷲ ޤަންދީ ބުނަމެވެ. ޤުރުއާނުގައި ކަނޑައެޅިފައިވާ ޙައްދު (ޙުކުމްތަކާއި، އިންތައް) ފަހަނައަޅައިފައިވާ މީހާއަކީ ޤުރުއާނުގެ އަކުރުތައް ދަސްކޮށްފައިވާ މީހެއް ނޫނެވެ. އެފަދައިންގޮސް އެބައިމީހުންގެ ތެރެއިން މީހަކު ބުނެއެވެ.
“ހަމަކަށަވަރުން އަހަރެން ޤުރުއާނުން އެންމެ އަކުރެއް ވެސް ވައްޓާނުލާ ކިޔާލީމެވެ. “ﷲ ޤަންދީ ބުނަމެވެ. އޭނާވަނީ އެންމެހައި އަކުރުތަކެއް ވައްޓާލައިފައެވެ. އޭނާގެ ޚުލުޤުގައި އަދި ޢަމަލުގައި އެއްގޮތަކަށް ވެސް ޤުރުއާނެއް ނުފެނެއެވެ. އަދިވެސް އެމީހުން ބުނެއެވެ. “ހަމަކަށަވަރުން ތިމަންނަ އެއްނޭވާގައި ސޫރަތެއް ކިޔާލަމެވެ”. ﷲ ޤަންދީ ބުނަމެވެ. އެއިން އެކަކީ ވެސް ޤާރީއެއް ނޫނެވެ. ޢިލްމުވެރިއެއް ވެސް ނޫނެވެ. ޙިކުމަތް ލިބިގެންވާ މީހެއް ވެސް ނޫނެވެ. ވަރަޢުވެރިކަމެއް ލިބިގެންވާ މީހެއް ވެސް ނޫނެވެ. މިފަދައިން ޤުރުއާން ކިޔުން އޮތީ ކޮންއިރެއްގައި ހެއްޔެވެ؟ މީސްތަކުންގެ ތެރޭގައި މިފަދައިން ޤުރުއާނުގެ އަހުލުވެރިންނޭ ކިޔާ ބަޔަކު، ﷲ އިތުރު ނުކުރައްވާށިއެވެ” (أخلاق حملة القرآن ص 41).
އަޚުންނޭވެ! މިއީ ހިޖުރައިން 110 ވަނަ އަހަރުގައި ދުނިޔެ ދޫކުރެއްވި އިމާމެއްގެ ބަސްފުޅެވެ. އެ ޒަމާނުގައި ޤުރުއާން ކިޔަވާ ޤާރީން، ޢިލްމުވެރިން، ޙުކަމާއިން ސިފަކުރެވިފައިވާ ގޮތެވެ. ޤުރުއާނަކީ އެއީ އެމީހުންގެ އަޚްލާޤެއް އަދި ޢަމަލުން ފެންނަ އެއްޗެއް ކަމުގައި ނުވިއެވެ. ވާދަވެރިކަމަށް، އަޑު ރީތީ ކާކުތޯ، މޮޅަށް ކިޔެވެނީ ކާކަށްތޯ ބެލުމަށްއޮތް އެއްޗެއް ކަމުގައިވަނީ ހަދައިފައެވެ. الله المستعان! ولا حول ولا قوة إلا بالله!
މިއަދުގެ ޙާލަތު ސިފަކުރާނީ ކިހިނަކުން ހެއްޔެވެ؟ އެއީ ވަޒީފާ ހޯދަން، އާމްދަނީ ހޯދަން، އެކަކު އަނެކަކަށްވުރެ ކުރިއަރައި ދިއުމަށް ކިޔަވާ އެއްޗަކަށް ވެއްޖެއެވެ. އޭނާގެ ބޭރުފުށުން ޤުރުއާނުގެ އެއްވެސް ސިފައެއް، ޢަމަލެއް ނެތެވެ. ބިރުވެތިކަމެއް ނެތް ތަނުގައި އެ ޤުރުއާނުގެ ޙުދޫދްތައްވަނީ ފަހަނައަޅައިފައެވެ. ޤުރުއާނުގައި ޙަރާމް ކުރައްވާފައިވާ ޢަމަލުތައް ކެނޑިނޭޅި ކުރުމުގައިއެވެ. ޙަރާމެއް ޙަލާލެއް ބެލުމެއްނެތިއެވެ. އެޒަމާނުގައި އެއީ ޤުރުއާނުގެ އަހުލުވެރިއެއް، ޢިލްމުވެރިއަކަށް، ވަރަޢުވެރިއަކަށް ނުވެއްޖެހިނދު، މިއަދު ބުނާނީ ކީކޭ ހެއްޔެވެ؟
الإمام الآجرِي -رحمه الله- ޤުރުއާނުގެ އަހުލުވެރިންނަކީ ކޮބައިކަން ބަޔާންކުރައްވާ ވިދާޅުވެފައިވެއެވެ. “ފަހެ، މުއުމިނު ހެޔޮވިސްނޭ އަޅާއަކީ، އޭނާ ޤުރުއާން ކިޔަވައިފިހިނދު ޤުރުއާނުގެ މައްޗަށް އޭނާގެ ނަފްސު ހުށަހަޅާ މީހާއެވެ.
ފަހެ، ޤުރުއާނަކީ އޭނާ މޫނުބަލާ ލޯގަނޑެއްފަދަ އެއްޗެއްގެ ގޮތުގައިވެ، އޭނާގެ ޢަމަލުތަކުގެ ހެޔޮކަން އަދި ނުބައި ޢަމަލުތައް އެއިން ވަކިކޮށް އޭނާ ބަލާނެތެވެ. އޭނާގެ ވެރި އިލާހު އެކަންތަކުން ސަމާލުވެ، އިންޒާރު ލިބިގަތުމަށް ވަޙީކުރައްވާފައިވާ ކަންތަކުން އޭނާ އިންޒާރު ހޯދާފައިވާނެއެވެ. އޭގައިވާ ޢުޤޫބާތްތަކުގެ މައްޗަށް އޭނާ ބިރުވެތިވާނެއެވެ. އަދި އޭނާގެ ވެރި ރައްބު އެކަންތަކުގެ މައްޗަށް ބާރުއަޅުވައިވާ ކަންތައްތަކަށް އޭނާގެ ނަފްސު ބާރުއަޅުވައި އެކަންތަކަށް އުއްމީދު ކުރާނެއެވެ.
ފަހެ، މިއީ އެމީހެއްގެ ސިފަ ކަމުގައިވެއްޖެމީހާ ނުވަތަ އޭނާގެ ސިފައަކީ މިސިފަތަކާއި ގާތްކުރާ ސިފަކަމުގައި ވެއްޖެމީހާ ހަމަކަށަވަރުން އޭނާވަނީ އެ ފޮތް ކިޔުން ޙައްޤުވެގެންވާ ގޮތުގައި ތިލާވަތް ކޮށްފައެވެ. އަދި ޙައްޤުވެގެންވާ ގޮތުގައި އެފޮތްތުގައިވާ (އަމުރުތަކާއި، ނަހީތަކަށް) ބެލެހެއްޓުންތެރިކަން އަދާކޮށްފައިއެވެ. އަދި ޤުރުއާން އޭނާއަށްޓަކައި ހެކިވާނެ ޝަފާޢަތްތެރިވާނެ އެއްޗެއް ކަމުގައި ވާނެތެވެ. އޭނާއަށް ރައްކާތެރިކަމާއި ހިމާޔަތް ދޭނެ އެއްޗެއް ކަމުގައިވާނެތެވެ. މިއީ އެމީހެއްގެ ސިފަ ކަމުގައިވެއްޖެހިނދު، އޭނާގެ ނަފްސަށް އަދި އޭނާގެ އަހުލުންނަށް މަންފާ ކޮށްފިއެވެ. އަދި އޭނާގެ މައިންބަފައިންނަށާއި އޭނާގެ ދަރިންނަށް ދުނިޔެއާއި އާޚިރަތުގެ އެންމެހައި ހެޔޮކަމެއް ހޯދައިފިއެވެ”. މިއީ ހިޖުރައިން 360 ވަނަ އަހަރުގައި ދުނިޔެ ދޫކުރެއްވި މި އިމާމް ވިދާޅުވެފައިވާ ބަސްފުޅެވެ.
ޤުރުއާނުގެ އަހުލުވެރިންނަކީ ޤުރުއާނަކީ އޭނާގެ މޫނުބަލާ ލޯގަނޑު ގޮތުގައި ޤުރުއާނުގައި ހިފައިފި މީހެކެވެ. އޭނާގެ އެންމެހައި ޢަމަލުތަކެއް ފުރިހަމައަށް ޤުރުއާނުގެ މަތީގައި ބެހެއްޓި މީހެކެވެ. ފާފަތަކާއި މުންކަރާތްތަކާއި ފާސިޤު ޢަމަލުތަކުން ނަފްސު ދުރުކޮށްފި މީހެކެވެ.
الإمام ابن القيم -رحمه الله- ވިދާޅުވެފައިވެއެވެ. ”ޤުރުއާންގެ އަހުލުވެރިންނަކީ އެ ޤުރުއާން ހިތުން ދަސްކޮށްފައި ނުވިއަސް އޭގެ ޢިލްމު ލިބިފައިވެ، އެއަށް ޢަމަލު ކުރުމުގައިވާ ފަރާތްތަކެވެ. އެހެނަސް ޤުރުއާން ހިތުދަސްކޮށް އޭގައި ބުނާ އެއްޗެއް ފަހުމްނުވެ އަދި ޢަމަލު ނުކުރާ މީހަކީ ޤުރުއާނުގެ އަހުލުވެރިއެއް ނޫނެވެ. އެއީ ޤުރުއާނުގެ އަކުރުތައް (ޤުރުއާން ކިޔެވުން) ލޮންސިއެއްގެ ސީދާކަމާއި ފުރިހަމަކަމުގެ މިންވަރަށް އަކުރު ކިޔާ ކަމުގައިވިޔަސްމެއެވެ“ (زاد المعاد 1-239).
751 ވަނަ އަހަރުގައި ދުނިޔެ ދޫކުރެއްވި މި އިމާމް ބަޔާންކޮށްފައިވަނީ ޤުރުއާނުގެ އަހުލުވެރިންނަކީ ކޮބައިކަމެވެ. ޤުރުއާން ހިތުދަސްކޮށްފައި ނުވިޔަސް، އޭގެ ޢިލްމު ލިބިފައިވެ، ޢަމަލު ކުރުމާއި، އޭގެ ޙައްދުތަކުގައި ދެމިހުރުން އެއީ ޤުރުއާނުގެ އަހުލުވެރިންނެވެ. އޭގެ އަކުރުތައް ތަޖްވީދާއި ފުރިހަމަކަމާއި ސީދަލަށް ކިޔެވި ކަމުގައި ވީނަމަވެސް ޤުރުއާނުގެ ޙައްދުތަކުގައި، އަމުރުފުޅުތަކާއި، ނަހީތަކާއި، މިކަންތަކަށް ޢަމަލު ކުރުން ދޫކޮށްފައިވާ މީހަކީ ޤުރުއާނުގެ އަހުލުވެރިއެއް ނޫނެވެ.
ނިންމާލުމުގެ ކުރިން ބުނަމެވެ. ޤުރުއާން ކިޔަވައި އުނގެނި އޭގެ އަހުލުވެރިން ކަމުގައި ދަޢުވާކުރާ ގިނަބައެއްގެ ޙާލަތު ނަބިއްޔާ އަހަރެމެންނަށް ބަޔާންކޮށްދެއްވާފައިވެއެވެ. މިޒަމާނުގައި ލޮލުން ބަލައި ނަޟަރު ހިންގައިފިހިނދު މިއީ ހަޤީޤަތްކަން އެނގިގެން ދެއެވެ.
رسول الله -صلى الله عليه وسلم- ޙަދީޘް ކުރެއްވިއެވެ. (إِنَّ أَكثر مُنَافِقي أُمتي قُراؤهَا) حسن. أحمد 6632
”ހަމަކަށަވަރުން ތިމަން ނަބިއްޔާގެ އުއްމަތުގައި އެންމެގިނަ މުނާފިޤުން ވާހުށީ ޤުރުއާން ކިޔަވާ މީހުންގެ ތެރޭގައިއެވެ“.
الإمام ابن عبد البر -رحمه الله- ވިދާޅުވެފައިވެއެވެ. ”އަހަރެމެންގެ މި ޒަމާނުގައި އެކިއެކި ކަންކޮޅުތަކުގައި ޤުރުއާން ތިލާވަތް ކުރާ މީހުންގެ އެމީހުންގެ ފާސިޤު ކަމާއެކު ގިނަވެފައިވާކަން ތިބާއަށް ފެނުން މިކަމުގެ ހެއްކެއް ކަމުގައި ފުދެއެވެ“ (الإستذكار 2-501).
الشيخ العلامة ربيع بن هادي حفظه الله ވިދާޅުވެފައިވެއެވެ. ”މިވަނި މީހަކީ ޤާރީއެއް“ މިފަދައިން ބުނެވުމަށްޓަކައި ތިބާ ނުކިޔަވާށެވެ. ހަމަކަށަވަރުން މިއީ ޤިޔާމަތް ދުވަހުގައި ނަރަކައަށް އެންމެ ފުރަތަމަ ހުށެހެޅިގެންދާ 3 މީހުންގެ ތެރެއިން އެކަކެވެ“.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.