ޔަހޫދީ ދަޥްލަތަށް ”އިސްރާއީލް“ ކިޔުމުގެ ހުކުމް
ލިޔުއްވީ الإمام العلامة رَبِيع بِن هَادِي المَدخَلِي حفظه الله
ތަރުޖަމާ ކުރެއްވީ އުސްތާޛް އަބޫ އަނަސް މުޙައްމަދު ޙަސަން حفظه الله
بسم الله الرحمن الرحيم
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن اتبع هداه.
އެއަށްފަހުގައި ބުނަމެވެ. މުސްލިމުންގެ ތެރޭގައި ނުހަނު ފާޅުކަން ބޮޑުވެގެންވާ ނުރައްކާތެރި ކަމެއް ފެތުރިފައިވެ އެވެ. އެއީ، އޭގެ ސަބަބުން އެންމެ މަތިވެރިވެގެންވާ ރަސޫލުންގެ ތެރެއިންވާ، ރަސޫލެއްގެ ކަރާމާތްތެރިކަން ނިގުޅައިގެންފައިވާ ކަމެކެވެ. ފަހެ، އެއީ، އެކަލާނގެ ފޮތުގައި މަތިވެރި ކަރާމާތްތެރި ކުރައްވާފައިވާ އެކަލާނގެ ނަބިއްޔާ يَعقُوب (ޔަޢުޤޫބް) عليه السلام އެވެ. ﷲ އެކަލާނގެ ފޮތުގައި އަދި އެ ނަބިއްޔާގެ ދެ ބަފައިކަލުން إِبْراهِيم (އިބްރާހީމް) އަދި إِسْحَاق (އިސްޙާޤް) އަށް ރިވެތި ޘަނާ އަދި މަދަޙައިގެ ބަސްތައް ވަޙީކުރައްވާފައިވެ އެވެ. ފަހެ، ﷲ تبارك وتعالى އެކަލާނގެ ވަޙީބަސްފުޅުގައި، ވަޙީކުރައްވާފައިވެ އެވެ.
(وَاذْكُرْ عِبَادَنَا إِبْرَاهِيمَ وَإِسْحَاقَ وَيَعْقُوبَ أُولِي الْأَيْدِي وَالْأَبْصَارِ)(إِنَّا أَخْلَصْنَاهُم بِخَالِصَةٍ ذِكْرَى الدَّارِ) (وَإِنَّهُمْ عِندَنَا لَمِنَ الْمُصْطَفَيْنَ الْأَخْيَارِ) ”އަދި ތިމަންއިލާހުގެ އަޅުން ކަމުގައިވާ إِبْراهِيم (އިބްރާހީމް) ، إِسْحَاق (އިސްޙާޤް) އަދި يَعقُوب (ޔަޢުޤޫބް) ހަނދުމަކުރައްވާށެވެ. އެބައިމީހުންނަކީ ހެޔޮ ޢަމަލު ކުރެއްވުމަށް ބާރުގަދަ، ބުއްދީގެ އަހުލުވެރިންނެވެ. ހަމަކަށަވަރުން ތިންމައިލާހު އެބޭކަލުން ސާފު ޚަޞީލަ އަކުން މާތްކުރައްވައި ޚިޔާރު ކުރެއްވީމެވެ. އެއީ އާޚިރަތް ހަނދުމަކުރެއްވުމެވެ. އަދި ހަމަކަށަވަރުން އެބޭކަކަލުންވަނީ ތިމަންއިލާހުގެ ޙަޟުރަތުގައި ޚިޔާރުކުރައްވާފައިވާ ހެޔޮލަފާ ބޭކަލުންގެ ތެރެއިންނެވެ.“
މިއީ އިސްލާމްދީނުގައި މި މަތިވެރި، މާތްވެގެންވާ ރަސޫލާއަށް ލިބިދީފައިވާ މަޤާމެވެ.
ފަހެ، ޔަހޫދީން މިކަމުގައި އެކުލެވިގެންވާނީ ކިހިނަކުން ހެއްޔެވެ. އަދި ޔަހޫދީން އެފަރާތަކަށް ނިސްބަތް ވެވޭނީ ކިހިނަކުން ހެއްޔެވެ؟
ނުހަނުގިނަ މުސްލިމުން، މި ދައުލަތަށް ދެރަ ނިކަމެތި ކުރުމުގެ ގޮތުން، ބުނެ އެވެ. އިސްރާއީލު މިވަނިކަމެއް ކޮށްފި އެވެ. މިވެނި އެވެނި ކަމެއް ކޮށްފި އެވެ. އަދި މިވަނިކަމެއް އެމީހުން ކުރާނެ އެވެ.
އަހަރެން ދެކޭގޮތުގައި، މުސްލިމުންގެ މެދުގައި މިފަދައިން މިކަން އޮތުމަކީ މުންކަރާތެކެވެ. ހުއްދަވެގެންވާނޭ ކަމެއް ނޫނެވެ. އަދި މިއަށްވުރެ އިތުރަށް އެއްވެސް ގޮތަކަށް އިންކާރު ކުރުމެއްނެތި، ފާޅުވެގެންވާ ގޮތުގައި އެބައިމީހުންގެ ތެރޭގައި މިކަންއޮތުމަކީ (ކުރެވިގެންވާނޭ) ކަމެއް ނޫނެވެ.
މިތަނުގައި އަހަރެމެން އެ ސުވާލު ބަޔާންކޮށް އެއަށް ޖަވާބު ދެމެވެ.
(އެއީ) މި ކާފަރު މުޑުދާރު ދައުލަތަށް އިސްރާއީލް ކިޔުން ހުއްދަވެގެންވާނެ ހެއްޔެވެ؟ ނުވަތަ އިސްރާއީލް ދައުލަތް ކިޔައި އެއަށްފަހު އިސްރާއީލް ނަމުން އެބައިމީހުންނަށް ދެރަ ނިކަމެތިބަސްތައް ރައްދު ކުރެވޭނެ ހެއްޔެވެ؟
ޙައްޤު ބަހަކީ، އެއީ ހުއްދަވާނެ ކަމެއް ނޫނެވެ.
ފަހެ، ހަމަކަށަވަރުން އެބައިމީހުންވަނީ ބޮޑުވެގެންވާ މަކަރުވެރިކަމުން މަކަރުހަދާ އޮޅުވާލާފަ އެވެ. އެމަކަރުވެރިކަމުގެ ތެރެއިން އެބައިމީހުންވަނީ، އެމީހުންނަކީ ޝަރުޢީގޮތުން މުސްލިމުންގެ ބިންތަކުގެ ތެރެއިން އެބައިމީހުންނަށް ބިމެއް ލިބުމަށް ޙައްޤުވެގެންވާނެ ކަމުގައި ބުނެފަ އެވެ. އެއީ إِبْراهِيم އަދި إسرائيل ގެ ވާރުތަ މުދަލެއްގެ ގޮތުން (އެމީހުންނަށް އެ ބިން ލިބޭނެ ކަމުގައި) ބުނުމެވެ.
އަދި އެބައިމީހުން ބޮޑުވެގެންވާ މަކަރުވެރިކަމަކުން މަކަރު ހަދައި، އެމީހުންގެ ޞަހުޔޫނީ ދައުލަތަކީ އިސްރާއީލް ގެ ނަމުން ނަންދީފި އެވެ.
އެބައިމީހުންގެ މި މަކަރުވެރި ހީލަތްތެރިކަން މުސްލިމުންގެ ތެރެއަށް އައިސްފައިވެ އެވެ. މުސްލިމުންގެ ތެރޭގައިވާ ޢާންމު މިސްތަކުންނަށް އެކަންޏެއް ނޫނެވެ. އެހެނަސް (މުސްލިމުންގެ ތެރޭގައިވާ) ”ތަންދޮރު ފިލައިފައިވާ“ މީސްތަކުންވެސް، އެބައިމީހުންގެ ޚަބަރުތަކުގައި، ނޫސްޕޭޕަރ ތަކުގައި، މަޖައްލާތަކުގައި އަދި އެބައިމީހުން ދައްކާ ވާހަކަތަކުގައި އިސްރާއިލް ދައުލަތް، އަދި އޭގެ އިތުރަށް އިސްރާއިލް ބުނެހަދަ އެވެ.
މުޖައްރަދު ޚަބަރު ގެނެސްދިނުމުގައި ނުވަތަ އެބައިމީހުން ދެރަ ނިކަމެތި ކުރުމަށް ނުވަތަ އެބައިމީހުންނަށް ލަޢުނަތް ދިނުމަށް މިފަދައިން ޢަމަލުކުރެވެ. މި އެންމެހައި ކަންތައްތަކެއް ހިގަމުންދަނީ މުސްލިމުންގެ ތެރޭގައި، މުސްލިމުންގެ މެދުގަ އެވެ. އެހެނަސް ދެރަވާންޖެހޭކަމަކީ މިކަމަށް އިންކާރު ކުރާބައެއް ފެންނާން ނެތުމެވެ.
ހަމަކަށަވަރުން ﷲ އެކަލާނގެ ބާވައިލެއްވި ޤުރުއާނުގައި ނުހަނު ގިނައިން ޔަހޫދީންނަށް ލަޢުނަތް ލައްވާފައިވެ އެވެ. އަދި އެކަލާނގެ އެބައިމީހުންގެ މައްޗަށް ކޯފާވޮޑިގަންނަވާކަން ވަޙީކުރައްވާފައިވެ އެވެ. އެހެނަސް ވަޙީކުރައްވާފައިވަނީ ޔަހޫދީންގެ ނަމުގަ އެވެ. އަދި ވަޙީކުރައްވާފައިވަނީ އިސްރާއީލުގެ ދަރިންގެ ތެރެއިން ކާފަރުވީ މީސްތަކުންގެ ނަމުގަ އެވެ.
އެކަލާނގެ މާތްކުރެއްވި ނަބިއްޔާ އެކަލާނގެ ޚަލީލު إِبْراهِيم ގެ ދަރިކަލުން، އެކަލާނގެ މާތްކުރެއްވި ﷲ ގެ ނަބިއްޔާ إسْحَاق ގެ ދަރިކަލުން، އެކަލާނގެ މާތްކުރެއްވި އެކަލާނގެ ނަބިއްޔާ އިސްރާއީލް يَعقُوب ގެ ނަންފުޅުގައެއް ނޫނެވެ.
މި ޔަހޫދީންނަކީ، ﷲ ގެ ނަބިއްޔާ އިސްރާއީލް (يَعقُوب عليه السلام) އެ ދީނަކާއިގެން ވަޑައިގެންނެވި ދީނާއި އެއްވެސް ގުޅުމެއްއޮތް ބައެއް ނޫނެވެ. އަދި މި ޔަހޫދީންނަކީ ﷲ ގެ ނަބިއްޔާ އެކަލާނގެ ޚަލީލު إِبْراهِيم عليه السلام އާއި އެއްވެސް ގުޅުމެއް އޮތްބައެއް ނޫނެވެ.
އެ ދެ ނަބިއްޔުންގެ ދީނީ ވާރުތައިން އެ ޔަހޫދީންނަށް ލިބިދޭނެ އެއްވެސް ޙައްޤެއް ނެތެވެ. އެހެނަސް އެ ވާރުތަ ޚާއްޞަވެ، ޙައްޤުވެގެންވީ މީސްތަކުންނަކީ މުއުމިނުންނެވެ. ﷲ ވަޙީކުރައްވާފައިވެ އެވެ. (إِنَّ أَوْلَى ٱلنَّاسِ بِإِبْرَٰهِيمَ لَلَّذِينَ ٱتَّبَعُوهُ وَهَٰذَا ٱلنَّبِىُّ وَٱلَّذِينَ ءَامَنُواْ ۗ وَٱللَّهُ وَلِىُّ ٱلْمُؤْمِنِينَ) ”ހަމަކަށަވަރުން މީސްތަކުންގެ ތެރެއިން إِبْراهِيم އަށް ނިސްބަތްވުމުގައި އެންމެ އައުލާކަންބޮޑީ އެނަބިއްޔާއަށް ތަބަޢަވީ މީހުންނާއި، މި ނަބިއްޔާ (މުޙައްމަދު ﷺ) އަށް އީމާންވި މީހުންނެވެ. ﷲ އީ، އީމާންވި މީހުންނަށް އެހީތެރިވެ، ވާގިވެރިވެ ވޮޑިގެންވާ އިލާހެވެ.“
ﷲ ގެ ޚަލީލު إِبْراهِيم عليه السلام ޔަހޫދީންނާއި ނަޞާރާއިންގެ ފަރާތުން ބަރީއަ ވެގެންވާކަން ބަޔާންކުރައްވާ ﷲ ވަޙީކުރައްވާއިވެ އެވެ. (مَا كَانَ إِبْرَاهِيمُ يَهُودِيًّا وَلَا نَصْرَانِيًّا وَلَٰكِن كَانَ حَنِيفًا مُّسْلِمًا وَمَا كَانَ مِنَ الْمُشْرِكِينَ ) ”ޔަހޫދީއެއް ކަމުގައިވެސް، އަދި ނަޞާރާއެއް ކަމުގައިވެސް إِبْراهِيم عليه السلام ނުވެ އެވެ. އަދި، ކީއްހެއްޔެވެ! އެ ނަބިއްޔާ ވެވަޑައިގެންނެވީ ބާޠިލްމަގުން އެއްކިބާވެ، ޙައްޤުދީނަށް ތަބަޢަވެގެންވާ މުސްލިމަކު ކަމުގަ އެވެ. އަދި ޝަރީކުކުރާ މީހުންގެ ތެރެއަކުވެސް އެ ނަބިއްޔާ ވެވަޑައެއް ނުގަންނަވަ އެވެ.“
އަޞްލު އަހޫދީންނަކީ إِبْراهِيم عليه السلام އަދި إسرائيل عليه السلامގެ ނަސްލުގެ އަހުލުވެރިންކަމުގައި މުސްލިމުން އިންކާރެއް ނުކުރެ އެވެ.
އެހެނަސް ޔަޤީން ކަށަވަރު ކަމާއެކު ޖަޒްމުކޮށް، ހަމަކަށަވަރުން ޔަހޫދީންނަކީ ﷲ އާއި އެކަލާނގެ ރަސޫލުންގެ ޢަދާވާތްތެރިން ކަމުގައި ދެކެ އެވެ. އެ ޔަހޫދީންނަކީ މުޙައްމަދު ﷺ އަދި إِبْراهِيم عليه السلام އަދި إِسرائيل عليه السلامގެ ޢަދާވާތްތެރިން ކަމުގައި ދެކެ އެވެ.
އަދި ﷲ ގެ ނަބިއްޔުންނަށް ކާފަރުވެ، ޢަދާވާތްތެރިވި އެއްވެސް ފަރާތަކަށް އެ ނަބިއްޔުންގެ ފަރާތުން އެއްވެސް އެއްޗެއް ވާރުތައެއް ނުވާނެ ކަމަކަށް މުސްލިމުން ދެކެ އެވެ. އެއީ ޔަހޫދީން ނުވަތަ ނަޞާރާއިން ނުވަތަ ޢަރަބީންގެ ތެރޭގައިވި މުޝްރިކުން ކަމުގައިވި މީސްތަކުން ނުވަތަ އެނޫން ބަޔަކު ކަމުގައިވިޔަސްމެ އެވެ.
ހަމަކަށަވަރުން إِبْراهِيم عليه السلام އަދި އެހެނިހެން އެންމެހައި ނަބިއްޔުންނަށް އައުލާކަންކަން ބޮޑުވެގެންވާ މީސްތަކުންނަކީ އެބަނިއްޔުންނަށް އީމާންވެ، އެނަބިއްޔުންދެކެ ލޯބިވެ، އެނަބިއްޔުންނަށް ހެޔޮކޮށްހިތައި މަތިވެރިކޮށް، އެނަބިއްޔުންނަށް ބާވައިލެއްވުނު އެންމެހައި ފޮތްތަކަށް އަދި ޞުޙުފުތަކަށް އީމާންވި މުސްލިމުންނެވެ. އަދި މި އެންމެހައި ތަކެއްޗަކީ އެބައިމީހުންގެ ދީނުގެ އުޞޫލްތައް ކަމުގައި ބަލައި އެގޮތުގައި ޤާއިމްވި މީސްތަކުންނެވެ. ފަހެ، އެ ނަބިއްޔުންގެ ޙައްޤު ވާރުތަވެރިންނަކީ މި އެވެ.
ﷲގެ ބިން ހަމަކަށަވަރުން ލިބިގެންވަނީ، އެކަލާނގެ އަޅުތަކުންގެ ތެރެއިން އީމާންވި މީސްތަކުންނަށެވެ. މާތް މަތިވެރި ރަސޫލުންނަށް އީމާންވި އަހުލުވެރިންނަށެވެ. ﷲ ވަޙީކުރައްވާފައިވެ އެވެ. (وَلَقَدْ كَتَبْنَا فِي الزَّبُورِ مِن بَعْدِ الذِّكْرِ أَنَّ الْأَرْضَ يَرِثُهَا عِبَادِيَ الصَّالِحُونَ)(إِنَّ فِي هَٰذَا لَبَلَاغًا لِّقَوْمٍ عَابِدِينَ)(وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِّلْعَالَمِينَ ) ”ހަމަކަށަވަރުން ތަވްރާތުގެ ފަހުން ޒަބޫރުގައި ތިމަންﷲ ލިޔުއްވީމެވެ. ހަމަކަށަވަރުން ބިން ވާރުތަވެ މިލްކުވާހުށީ ތިމަން އިލާހުގެ ޞާލިޙް އަޅުންނަށެވެ.“ ހަމަކަށަވަރުން އަޅުކަންކުރާ ބަޔަކަށް ފުދޭވަރުގެ އެންގުމެއް، މީގައިވާކަން ކަށަވަރެވެ. އަދި ޢާލަމްތަކަށް ރަޙްމަތެއް ކަމުގައި މެނުވީ، ތިމަންއިލާހު އިބަނަބިއްޔާ ނުފޮނުއްވަމެވެ.“
ފަހެ، ނަބިއްޔުންގެ ޢަދާވަތްތެރީންނަކަށް ބިން ވާރުތަވެ މިލްކު ނުވާނެ އެވެ. އަދި ޚާއްޞަކޮށް ޔަހޫދީންނަށް މިބިންމަތީގައި އޮތީ މިފަދައިންނެވެ. އަދި އެބައިމީހުންނަށް އާޚިރަތުގައި ތާއަބަދަށް ޢަޛާބު ހުއްޓެވެ. …..
ލިޔުން ނަގާފައިވަނީ ޝެއިޚްގެ ރަސްމީ ވެބްސައިޓުން
ދަންނައެވެ! އަހަރެމެންގެ ތެރޭގައިވާ އެންމެހައި މުސްލިމުންނަކީވެސް، ޔަހޫދީންގެ ނަޖިސްކަމާއި މުޑުދާރުކަމާއި، ޣައްދާރުކަމަށް ހެކިވާ ބައެކެވެ. ޔަހޫދީން މުސްލިމުންގެ މައްޗަށް އަނިޔާވެރިވެ، މުސްލިމުންގެ ލޭ އޮހޮރުވައި މުސްލިމުންގެ ބިމުން މުސްލިމުން ނެރެލުމަށްޓަކައި ކެނޑިނޭޅި މަސައްކަތް ކުރަމުން ދެ އެވެ.
އެހެނަސް ހިތާމައަކީ މުސްލިމުންގެ ތެރެއިން އެތައް ބަޔަކު މި ޔަހޫދީންނަށް ”އިސްރާއީލް“ ކިޔަމުންދާ ކަމެވެ. މި ބައިމީހުންނަކީ ﷲ ގެ ނަބިއްޔާ إِسرائيل عليه السلام އާ އެއްވެސް ގުޅުމެއް އޮތް ބައެއް ނޫނެވެ.
ފަހެ، ވުމުން، ﷲ ގެ ނަބިއްޔަކަށް މި ނުބައި މުޑުދާރުވެގެންވާ އަނިޔާވެރި ލާއިންސާނީ ބައިގަނޑަށް ގޮވުން އެއީ ކިހިނެތް ކުރެވޭނެ ކަމެއް ހެއްޔެވެ؟
ޙަޤީޤަތަކީ މިއީ އެމީހުންގެ މަކަރުވެރި ރޭވުންތަކުގެ ތެރޭގައިވާ ކަމެއް ކަމުގައިވެ އެވެ. ﷲ ނަބިއްޔެއްގެ ނަންފުޅުން އެމީހުންނަށް ނިޞްބަތްކޮށް އެމީހުންނަކީ އެ ނަބިއްޔާއަށް ތަބަޢަވެގެންވާ މީހުން ކަމުގައި ހެދުމެވެ. އަދި މުސްލިމުންގެ ދޫތަކުން އެކަށީގެންނުވާ ގޮތުގައި ﷲ ގެ ނަބިއްޔާ إِسرائيل عليه السلام އަށް ބަސްރައްދުކުރުންވެސް މިޢަމަލުގައިވެ އެވެ. އެގޮތުން ”އިސްރާއީލް މުސްލިމުންގެ ލޭ އޮހޮރުވައިލައިފި“ ”އިސްރާއީލްއަށް ލަޢުނަތް ހުރި“ ”އިސްރާއީލް ގެ އަނިޔާވެރި ޢަމަލުތައް“ ”އިސްރާއީލްގެ މައްޗަށް ﷲ ކޯފާ ލައްވާށި“ މިފަދަ އެންމެހައި ބަސްތައް މުސްލިމުންނަށް މިއަދު މި ބުނެވެނީ ނޭނގި ތިބެ އެވެ. މިއީ ﷲ ގެ ނަބީބޭކަލެއްގެ ނަންފުޅު ޛިކުރުކޮށް ބުނެވޭނެ ކަލިމަތަކެއް ހެއްޔެވެ؟
ވިސްނާލަން ޖެހެ އެވެ! މިކަމަށް ފަރުވާތެރިވާން ޖެހެ އެވެ! ޚާއްޞަކޮށް މީޑިޔާގެ އެކިއެކި ވަޞީލަތްތަކުން މިފަދައިން ޢަމަލު ކުރުމަކީ ވަރަށް ހިތާމަހުރި ކަމެކެވެ.