ރުޤްޔާކުރުން ހުއްދަވެގެންވާ ޝަރުޠުތަކަކީ ކޮބާތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
ރުޤްޔާކުރުން ބައެއް ޝަރުޠުތަކާއި އެކު، ޝަރުޢުވެގެންވެ އެވެ.
އެގޮތުން ރުޤްޔާކުރުން އިލްމުވެރީން ތިން ޝަރުތެއް ޒިކުރު ކުރައްވައެވެ . އެބަހީ، އެ ތިން ޝަރުޠު ފުރިހަމަވެއްޖެ ކަމުގައިވާނަމަ އެ ރުޤްޔާއެއް ކުރުން ހުއްދަވެގެންވެ އެވެ.
އެންމެ ފުރަތަމައީ : އެއީ ކީރިތި ޤުރުއާނުގެ އާޔަތް ތަކުންނާއި އަދި ﷲ ގެ ނަންފުޅު ތަކުންނާއި ސިފަފުޅުތަކުން ރުޤުޔާ ކުރުމެވެ .
އެބަހީ، މުޅިންވެސް އެ ރުޤްޔާގައި ހިމެނިގެންވަނީ ކީރިތި ޤުރުއާންގެ އާޔަތްތަކެވެ. ﷲގެ އިސްމުފުޅު (ންނަފުޅު) ތަކާއި ސިފަފުޅުތަކެވެ.
އަދިވެސް އިތުރަށް ތަފްޞީލުކޮށް ބުނަމެވެ. ރިޒުޤު ތަނަވަސްވުމަށް އެދި ކީރިތި ޤުރުއާން، ޤުރުއާނުގެ ސޫރަތްތައް ކިޔެވުން، ޤުރުއާނުގެ އާޔަތްތައް ކިޔެވުން ހުއްދަވެގެންވެ އެވެ.
އެހެނަސް މަސް ފަންޑިތަ ނަމުގައި ކޮށްފައި ހުންނަ ބައެއް ރުޤްޔާކަމުގައި ބުނެ، ކީރިތި ޤުރުއާނުގެ އާޔަތްތައް ޤަޞްތުގައި އެނގިހުރެ ނުބައިކޮށް ލިޔުމާއި، ޤުރުއާނުގެ އާޔަތްތަކުގެ ކަލިމަތައް ބަދަކޮށްލުމާއި، ޤުރުއާން އިދިކޮޅަށް ކިޔެވުން، އިދިކޮޅަށް ލިޔުން ފަދަ ޢަމަލުތަކަކީވެސް މުޖުތަމަޢުގައި ބަޔަކު ކުރަމުންދާ ޢަމަލުތައް ކަމުގައި ދަންނަންޖެހެ އެވެ.
ތެދެކެވެ. އޭގައި ލިޔެފައިވަނީ ޤުރުއާނެވެ. އެހެނަސް މިއީ ކުފުރުވެ އިންސާނާ މިއްލަތުން ބޭރުވެ ދިއުމެވެ. ﷲގެ އާޔަތްތައް އެކަލާނގެ ވަޙީބަސްފުޅު ބަދަލުކޮށްލުމެވެ.
ދެވަނައީ : އަރަބިބަހުން ރުޤުޔާ ކުރުމެވެ . އަދި އޭގެ ލަފްޟުތައް އެނގި މާނަ ފަހުމްވެގެންވުމެވެ.
ވުމާއެކު، އަކަ ކުރަހައި، އޭގެ މާނަނޭގޭ، ޝައިޠާނީ ބަހުރުވަތަކުން ލިޔެ ހަދައިފައިވާ އެންމެހައި ތަކެއްޗެއްގެ މައްޗަށް އިންޒާރުލިބި އެކަމުން ދުރުވާން ޖެހޭނެ އެވެ.
ފަހެ، ޝައިޠާނީ ބަހުރުވަތަކުން، އަކަ ކުރަހައި، ގޮޅި ކުރަހައި ލިޔެފައި ހުންނަ ތަކެއްޗަކީ، ޝައިޠާނުންގެ ކިބައިން މަދަދު ހޯދައި ޝައިޠާނުންގެ ކިބައަށް ލެނބިގެން ބަރޯސާވެގެން ލިޔެފައިވާ ތަކެއްޗެވެ. މިއީ ﷲ ނޫން ފަރާތަކުން މަދަދަށް އެދުމާއި ވާތްގަށް އެދުމެވެ. މިއީ ޝަރީކުކޮށް ﷲ އަށް ކުފުރުވުމެވެ.
ތިންވަނައީ :އަދި ރުޤުޔާއަކީ އޭގެ ޒާތުގައި އަސަރުކުރުވާ އެއްޗެއް ކަމުގައި ޤަބޫލު ނުކުރުމެވެ . އެހަނަށް ރުޤިޔާއިން ފައިދާކުރާނީ ހަމައެކަނި ﷲ ގެ އިޒުނަފުޅާއެކުގައި ކަން ޤަބޫލު ކުރުމެވެ .
އިސްވެދިޔަ ޝަރުޠުތަކުގެ މައްޗަށް ލިޔެފައި ހުންނަ، ދުލުން ކިޔޭ ރުޤްޔާތަކަކީވެސް ﷲ ގެ އިޛުނަ ފުޅާ ލައިގެން އެކަލާނގެ އިރާދަކުރެއްވުމުން މެނުވީ އަޘަރު ކުރުވާނެ އެއްޗެއް ނޫންކަން ޤަބޫލު ކުރުމެވެ.
ވުމުން، ޝަރުޢީ ރުޤްޔާ ކުރަނީ ﷲ ހުއްދަ ކުރައްވާފައިވާ ސަބަބުތަކުގެ ތެރެއިން ސަބަބެއްގައި ހިފުމުގެ ތެރެއިންނެވެ. ރިޒުޤު ދެއްވާ އަދި އަޅުތަކުންނަށް މަންފާކޮށްދެއްވާ އަދި ގެއްލުންތަކުން ފިއްލަވާ ދެއްވާ ފަރާތަކީ ﷲތަޢާލާ ކަމުގައި ޤަބޫލު ކުރާ ގޮތުގަ އެވެ.
މި ޝަރުޠުތައް ބަޔާންކުރައްވާ حافظ حكمي -رحمه الله- ވިދާޅުވެފައިވެ އެވެ. ”ތިން ޝަރުޠެއް އޭގައި ޖަމަޢަވެގެންވާ ޙާލުގައި މެނުވީ ރުޤްޔާ ހުއްދައެއް ނުވާނެ އެވެ. ފަހެ، މި އެންމެހައި ޝަރުޠުތަކެއް ޖަމަޢަވެއްޖެހިނދު އެއީ ޝަރުޢީ ރުޤްޔާއެއްގެ ގޮތުގައިވެ އެވެ. އަދި މިއިން އެއްވެސް ޝަރުޠެއް ގެއްލިއްޖެހިނދު އެއީ (ޝަރުޢީ ގޮތުން ހުއްދަވެގެންވާ) ރުޤްޔާއެއް ކަމުގައި ނުވެ އެވެ.“
މަސްފަންޑިތައިގެ ގޮތުގައި މީސްތަކުން ކުރަމުންދާ ބައެއް ކަންކަމީ ޝައިޠާނާށް ކުއްތަންވެވޭ ކުއްތަންވުން ތަކެކެވެ. ﷲ އަށް އުރެދި އެކަލާނގެ ޙަރާމް ކުރައްވާފައިވާ ބޮޑުވެގެންވާ ފާފަތަކަށް އަރައިގަތުމުގެ ކަންކަމެވެ.
އެ ގޮތުން ކީރިތި ޤުރުއާން އެ އޮޑިއެއް އޮންނަ ފަޅުން ކަނޑުން ނުކުންނަހިނދު، ދޯނީގެ ދަށަށް ދާ ގޮތަށް ޤުރުއާން އެއްލާލަ އެވެ. ފަހެ، މީގެ ޙަޤީޤީ ސޫރައަކީ ކީރިތި ޤުރުއާނަށް އިހާނެތިކޮށް ހިތުމެވެ. މިއީ ޝައިޠާނާ އަޅުތަކުން އިސްލާމްދީނުން މުރުތައްދުވެ، ﷲ އަށް ކުފުރު ކުރުމުގެ ގޮތުން ކިޔައިދީފައިވާ ތަކެތި ކަމުގައި މެނުވީ ނުވެ އެވެ.
ފަންވަތްތަކުގައި ލިޔެފައި ހުންނަ އެކިއެކި އަކަ ތަކާއި، ގޮޅިތަކާއި އަދި މާނަ ނޭގޭ ޢިބާރާތްތަކަކީ ރުޤްޔާއެއް ނޫނެވެ. އެހެނަސް އޭގެ ޙަޤީޤަތަކީ ޝައިޠުންގެ ކިބައިން މަދަދަށް އެދުމާއި، ރިޒުގަށް އެދުމާއި، ގެއްލުންތަކުން ރައްކާތެރިވުމަށް އެދިފައި ވުމެވެ. މިއީ ޝިރުކީ ޢަމަލުތަކެވެ.
މިފަދައިން ޢަމަލުކުރާ ފަރާތްތަކުގެ މައްޗަށް ބޮޑުވެގެންވާ އިންޒާރު ލިބިގަތުން ހުއްޓެވެ.
ﷲ އިރާދަފުޅު ކުރެއްވި ފަރާތަކަށް އެކަލާނގެ ދެއްވާ ރިޒުގެއް އަދި ތިޔާޤި ކަމެއްދެއްވަ އެވެ. އަދި ދަތިވެ އުނދަގޫ ތަޙައްމަލު ކުރުމަށް އެފަރާތަކަށް އިރާދަ ކުރައްވަފައިފިހިނދު އެކަމުން ފިއްލަވާދޭނެ އެހެން އެއްވެސް ފަރާތެއް ނުވެ އެވެ.
ﷲ ވަޙީ ކުރެއްވި އެވެ. (وَإِن يَمْسَسْكَ اللَّهُ بِضُرٍّ فَلَا كَاشِفَ لَهُ إِلَّا هُوَ ۖ وَإِن يُرِدْكَ بِخَيْرٍ فَلَا رَادَّ لِفَضْلِهِ ۚ يُصِيبُ بِهِ مَن يَشَاءُ مِنْ عِبَادِهِ ۚ وَهُوَ الْغَفُورُ الرَّحِيمُ) ”އަދި اللَّه ތިބާއަށް ގެއްލުމެއް މެދުވެރިކުރައްވާނަމަ، އެކަލާނގެ މެނުވީ، އެކަން ފިއްލަވާނޭ އެހެންފަރާތެއް ނުވެއެވެ. އަދި އެކަލާނގެ އިބަނަބިއްޔާއަށް ހެޔޮކަމަކަށް އިރާދަކުރައްވައިފިނަމަ، އެކަލާނގެ ފަޟްލު ވަންތަކަން އަނބުރާ ރައްދުކުރެވޭނެ ފަރާތެއް ނުވެތެވެ. އެ ފަޟްލުވަންތަކަން އެކަލާނގެ ދެއްވަނީ، އެކަލާނގެ އަޅުންގެ ތެރެއިން، އެކަލާނގެ އިރާދަކުރެއްވި މީހަކަށެވެ. އަދި އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ އިލާހެވެ.“
ފަހެ، ރުޤްޔާކުރަން ޖެހޭނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށެވެ. އެ ޝަރުތުތައް ފުރިހަމަވާ ގޮތުގައިވާ ރުޤްޔާ އެވެ.
އޭގެ ޙަޤީޤަތް ނޭނގޭ، ކޮން ބަހަކުން ކަމެއް ނޭނގޭ، އެއިން މާނައެއް ދޭހަވާ ގޮތުގައި ނުވާ، ރޮގު ކުރަހައި އަކަ ކުރަހައި، މިއީ ހަރާމްވެގެންވާ އަމަލުތަކެވެ. ރުޤްޔާއެއް ނޫނެވެ.
މިއީ ﷲ ނޫންފަރާތްތަކުން ރިޒުޤުތަނަވަސްވުމަށް އެދުމެވެ. ބޮޑުވެގެންވާ ޝަރީކު ކުރުމެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.