ޔޯގާ ކަސްރަތު ކުރުމުގެ ޙުކުމަކީ ކޮބާތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
ޔޯގާ ކަސްރަތާއި މެދުގައި ކޮށްފައިވާ ސުވާލުގައި ބުނަމެވެ.
އަޚާ އެވެ! އިސްލާމް ދީނުގައި ކާބޯތަކެއްޗާއި މުޢާމަލާތްތަކާއި، އޭގެ ތެރޭގައި ކަސްރަތު ކުރުން، މިތަކެތީގެ އަޞްލަކީ ހުއްދަވުމެވެ. ޙަލާލު ވުމެވެ. އޭގައި ހުއްދަ ނުވާނެ ނުވަތަ ޙަރާމް ވެގެންވާ އެއްޗެއް ފާޅުވެ ބަޔާންވުމަށް ދާންދެނެވެ. ޝަރީޢަތުގެ ވަރަށްވެސް ގިނަ ދަލީލުތަކެއް މި ޤަވާޢިދު ޛިކުރު ކުރެވިގެންވެ އެވެ. هُوَ الَّذِي خَلَقَ لَكُم مَّا فِي الأَرْضِ جَمِيعاً. {البقرة:29} އެކަލާނގެއީ، ”ތިޔަބައިމީހުންނަށްޓަކައި ބިމުގައިވާ އެންމެހައި ތަކެތި ހެއްދެވި އިލާހެވެ.“
މިއީ އަޞްލެވެ.
މިއަދު ކަސްރަތު ކުރުމުގެ ތެރެއަށް ވައްދާފައިވާ ޔޯގާ ގެ ޙަޤީޤަތް، ޢަދުލުވެރި، އިންސާފުވެރި އިޚްލާޞްތެރި މީޒާނަކުން ވިސްނައިލައިފިހިނދު، އޭގެ ޙަޤީޤަތް އެނގި އޭގެ ފުރަގަހުގައިވާ ޙަޤީޤަތް އެނގުމުން އެކަންތަކީ އިސްލާމީ ޝަރިޢަތާއި، އިސްލާމީ ޢަޤީދާއާ ޚިލާފް ޢަމަލެއްކަން ބަޔާންވެ އެވެ. ޢިލްމުވެރިންގެ އަރިހުން އެފަދައިން ބަޔާންވެގެންވާ ބައެއް ނުކުތާތައް މިތަނުގައި ޛިކުރު ކުރަމެވެ.
1. އަޚާ އެވެ! ޔޯގާގެ ޙަޤީޤަތް ބަލައިފިހިނދު، އެއީ ކަސްރަތެއް ކަމުގައި ބުނުމަށްވުރެ، އެއީ ފިލޯސަފީތަކަކާއި އަދި ދީނީ (ކުފުރާއި ޝިރުކުގެ މައްޗަށް ބިނާވެގެންވާ) ދީންތައް ކަމުގައިވާ، ހިންދޫ އަދި ބުޑިސްޓް ދީނީ ޢަމަލެއްކަން ހާމަވެ އެވެ.
ޔޯގާގެ އަސްލަކީ ހިންދޫ ދީނުން ގެނެވިފައިވާ އެއްޗެއް ކަމެވެ. އަދި ބުޑިސްޓުގެ ދީނުގެ ތެރެއިން ނެރެވިފައިވާ ދީނީ އަދި ރޫހާނީ ތަކެއްޗެއް އޭގެ ތެރޭގައި އެކުލެވިގެންވާ ގޮތްތަކުގެ މައްޗަށް ބިނާކޮށް ކުރެވޭ އެކިއެކި ކަސްރަތުތަކެކެވެ.
ޚުލާޞާކޮށް ބުނާނަމަ، ޔޯގާއަކީ، ”މި ކައުނާއި، ކާއިނާތް ނެތުމުގެ ތެރެއިން ގެންނެވި ރޫޙާއި ގުޅުމަށް ދެވޭ ދަޢުވަތެކެވެ.“ އެމީހުންގެ ދަޢުވާއަކީ މި ކަސްރަތުތަކާއި ޢަމަލުތަކުން ހަށިގަނޑުގެ ރޫޙާނިއްޔާތާއި ކާއިނާތުގެ ރޫޙާނީ ބާރާއި ގުޅި، އެބައިމީހުންގެ ލަނޑުދަނޑިތައް ޙާޞިލްވެގެންދިއުމެވެ.
ފަހެ، މި ސަބަބު އެކަނިވެސް މި ޢަމަލުގެ ޙަޤީޤަތަކީ ކޮބައި ކަމާއި އަދި މި ޢަމަލުގެ ސިއްރަކީ ކޮބައިކަން ބަޔާންވެގެންދެ އެވެ.
2. މި ކަސްރަތު ތަކުގައި، ކަނޑައެޅިފައިވަނީ އިސްވެ ބަޔާންކުރެވުނު ދީންތަކުގެ ޢަޅުކަންތަކުގެ މައްޗަށެވެ. ފަހެ، ކުފުރާއި ޝިރުކުގެ އަހުލުވެރިންގެ ތެރޭގައިވާ އަހުލުވެރިންނަށް ފެންނަ އެންމެ ބާރުގަދަ އަދި ވަރުގަދަ، މި ކާއިނާތް ޚަލްޤު ކުރައްވާފައިވާ އިލާހުގެ ބާރުވެރިކަން ދައްކައިދޭ އެކައްޗަކީ އިރެވެ. ކުފުރާއި ޝިރުކުގެ މިއްލަތުގެ އަހުލުވެރިންގެ ތެރޭގައި ހިނެމިފައިވާ ހިންދޫސީންގެ އިލާހުންގެ ޢަދަދަކީ އެބައިމީހުންނަށްވެސް ޢަދަދެއް ކުރެވޭނެ އިލާހުން ކަމުގައި ނުވެ އެވެ. އިރުގެ އިލާހު، ހަދުގެ އިލާހު މިއީ އެބައިމީހުންގެ އިލާހުންތަކެވެ.
މި ކަސްރަތުގައި ބުނެފައިވަނީ، އިރު އަރައިގެން އަންނަ ގަޑީގައި އިރަށް ކުރިމަތި ލުމަށާއި އަދި އޮއްސޭ ގަޑީގައި އިރަށް ކުރިމަތިލުމަށެވެ. އަދި އިރަށް ”ސަޖިދަ ކުރުމުގެ“ ސިފައިގައި ހަށިގަނޑުގެ ގުވަންތަކުން އިރަށް ކުރިމަތި ލެވޭގޮތުގައި އެދީންތަކުގައި ސަޖިދަ ކުރެވޭ ގޮތުގައި ގުދުވެ، 8 ގުނަވަނުގެ މައްޗަށް ސަޖިދަ ކުރެ އެވެ. -ދެފައިތިލައި، ދެ ކަކުލުގެ މައްޗަށް، ދެ އަތުގެ މައްޗަށް، މޭ މައްޗަށް، އަދި ނިތްކުރި މައްޗަށެވެ.
މުސްރިކުންގެ އަޅުކަންތަކާއި މި ކަސްރަތާއި ހުރި ގުޅުން އެހިނދު ފެނިގެންދެ އެވެ. މާތް ނަބިއްޔާ ﷺ އިރު އަރާ ގަޑީގައި އަދި އިރު އޮއްސޭ ވަޤުތުގައި ސަޖިދަކުރުން ނަހީ ކުރައްވާ ހަދީޘް ކުރެއްވި އެވެ. ޙަދީޘްގައިވެ އެވެ. (…. فإنَّها تَغرُبُ بين قَرْنَي شَيطانٍ ، وحِينئِذٍ يَسجدُ لها الكُفَّارُ) ”ފަހެ، ހަމަކަށަވަރުން އިރު އޮއްސެނީ ޝައިޠާނާގެ ދެ ދަޅު ދެމެދުންނެވެ. އަދި އެ -ވަޤުތަކީ- ކާފަރުން އެއަށް ސަޖިދަ ކުރާ ވަޤުތު ކަމުގައިވެ އެވެ.“ (… فإنَّها تَطلُعُ بين قَرْنَي شَيطانٍ ، وحِينَئِذٍ يَسجُدُ لها الكُفَّارُ) ”ފަހެ، ހަމަކަށަވަރުން އިރު އަރަނީ ޝައިޠާނާގެ ދެ ދަޅު ދެމެދުންނެވެ. އަދި އެ -ވަޤުތުގައި- ކާފަރުން އެއަށް ސަޖިދަ ކުރެ އެވެ.“
މި ޙަޤީޤަތް ބަޔާންވެއްޖެ ކޮންމެ މީހަކަށް، މި ކަސްތަރުގެ އަޞްލާއި އެ އުފަންކޮށްފައިވާ ފަރާތްތައް އުފަންކޮށްފައިވާ ސަބަބު މިއީ ކަމުގައި ބަޔާންވެ ކަޝްފުވެއްޖެ ކޮންމެ މީހަކަށް މިއީ އިސްލާމް ދީނާއި، ތަޥްޙީދާއި ދެކޮޅު ފުށޫ އަރާ ޢަމަލުތަކެއް ކަމުގައި ބަޔާންވެ އެވެ.
3. އަޚާ އެވެ! މި ކަސްރަތުގައި ރޫޙާނީ ކަންތައްތައް އެކުލެވޭކަން ބަޔާންވެގެންވާ އެންމެ ސާފު ބަޔާނަކީ، ހިންދޫސީނާއި އަދި ބުޑިސްޓުންގެ އެންމެ ރޫޙާނީ، މުޤައްދަސް އިށީނުން ކަމުގައިވާ އެބައިމީހުން ދަޢުވާކުރާ އިލާހު ކަމުގައިވާ ބުއްދާގެ މުޤައްދަސް އިށީނުމަށް އިށީނދެތިބުނެވެ. އިސްލާމް ދީނުގައި ކުފުރު އަދި ކުފުރުގެ ޝިޢާރުތަކާއި ކުފުރުގެ އަހުލުވެރިންގެ ޢާދަތައް، ޚާއްޞަކޮށް ދީނީ ޢާދަތައް ނެގުމާއި އެފަދައިން ތަބަޢަވުމަކީ ނުހަނު ބޮޑަށް ނަހީ ކުރެވިގެންވާ ކަމެވެ.
ނަބިއްޔާ صلى الله عليه وسلم ހަދީޘްފުޅު ކުރައްވާފައިވެ އެވެ. (من تشبَّه بقومٍ فهو منهم) ”ބަޔަކާއި އެއްވަތްތަރުވެއްޖެ މީހާވަނީ އެބައެއްގެ ތެރެއިންނެވެ.“ ފަހެ، އެބައެއްގެ ދީނީ އަދި ދީނީގޮތުން މުޤައްދަސް ކަމުގައި ޤަބޫލުކުރާ ޤަބޫލުކުރުންތަކާއި އަދި ޢާދަތަކުގައި އެއްގޮތްވާނީ ކިހިނަކުންހެއްޔެވެ؟ ކުފުރާއި ޝިރުކުގައި އެއްވަތްތަރުވާނި ކިހިނަކުން ހެއްޔެވެ؟
4. ބުޑިސްޓް އަދި ހިންދޫ ދީނުގެ ނުހަނުގިނަ ދީނީ ޙަރަކާތްތަކާއި އަދި އަޅުކަމުގެ ސިފަތައް މި ކަސްރަތުގައި އެކުލެވިގެންވާކަމީ ޝައްކެތްވެސް އޮތް ކަމެއް ނޫނެވެ. އޭގެ ތެރޭގައި އަތް އަދި އަތްތިލަ ވަކި ގޮތަކަށް ބޭއްވުމާއި، ވަކި ސިފައެއްގައި އިށީނުމާއި، އިސްދަށަށް ނުވަތަ ބޯ ވަކި ގޮތަކަށް ބަހައްޓައިގެން އިނުން ވެގެންދަނީ، އެމީހުންގެ އިލާހުންނަށް ކިޔަމަންތެރި ކަމާއި ބޯލެނބުމަށްޓަކައި ކުރެވޭ އަޅުކަންތަކުގެ ސިފައިގަ އެވެ. މިއީ އެމީހުންގެ އިލާހުންތައް، ބުދުތަކަށް ޤަދަރު ކޮށް މަތިވެރިކޮށް އަޅުކަން ކުރުމުގެ ގޮތުން ކުރާ ޢަމަލުތަކުގެ ސިފަ ނޫން ހެއްޔެވެ؟ ވުމުން، މިއީ ހަމައެކަނި ކަސްރަތެއްގެ ގޮތުގައި ކުރާ ކަސްރަތެއް ކަމުގައި ބުނެ ނިންމާލެވޭކަށް ނެތެވެ. އެހެނަސް އެމީހުންގެ ދީނީ އަދި ރުޙާނީ ކަންތައްތަކެއްގެ މަތީގައި ފޮރުވިގެންވާ ގޮތުގައި ކުރާ ޢަމަލުތަކެއް ކަން ކަށަވަރުވެ އެވެ.
ވުމުން، މިފަދަ އެތައް ނުކުތާ ތަކެއް އަދި ޙަޤީޤަތް މި ކަމުގައިވެ އެވެ. ގިނަ ބަޔަކަށް މިއީ ”ކަސްރަތެއް“ ކަމުގައި ވިސްނިފައި އޮތަސް މިއީ އޭގައި އިސްލާމީ ޝިޢާރުތަކާއި ޚިލާފް އަދި ކުފުރުގެ ޝިޢާރާއި ކުފުރުގެ ޤާބޫލުކުރުންތައް ވާކަމީ އޭގެ އަޞްލުގައި ވަންހަނާވެފައިވާ ސިއްރެވެ.
މުސްލިމަކަށް ސިއްރުގައި، ގޭގައި އަދި އެހެންތަނެއްގައިވެސް މިއީ ކުރެވޭނެ ޢަމަލުތަކެއް ނޫނެވެ.
އޭގެ ބަދަލުގައި މި ޙަޤީޤަތް އެކުލެވިގެންވާ މި ޢަމަލުން ދުރުވެ އޭގެ މައްޗަށް ނަފްރަތު ކުރާ ޙާލުގައި މެނުވީ ހުރެގެން ނުވާނެ އެވެ.
އިސްލާމް ދީނަކީ މިފަދަ އެންމެހައި ކަންތައްތަކަށް އޮތް ޙައްލުކަން ޤަބޫލުކޮށް، ޚާލިޤްވަންތަ، ޢަޒީޒުވަންތަ އެންމެހައި އާރާއި ބާރު އެންމެހައި ކަންތައްތަކެއް މިލްކުވޮޑިގަންވާ އިލާހުގެ ޙަޟުރަތުން ބާވައިލެއްވުނު ދީނުގައި މި ހުރިހައި ޙައްލެއް އޮތްކަން ދަންނަހުއްޓެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.