އިރު އޮއްސުމާއެކު، މަޣްރިބް ނަމާދާއި ޢިޝާ ނާމާދު ދެމެދު ކިޔުމަށް ވަކި ޚާއްޞަ ސޫރަތެއްވޭތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

އިރު އޮއްސުމާއެކު، މަޣްރިބް ނަމާދާއި ޢިޝާ ނާމާދު ދެމެދު ކިޔުމަށް ވަކި ޚާއްޞަ ސޫރަތެއްވޭތޯ، މި ސުވާލުގެ ޖަވާބުގައި ބުނަމެވެ.

ފުރަތަމައީ : މަޣްރިބް ނަމާދާއި ޢިޝާނަމާދު މި ވަޤުތަށް ޚާއްޞަކޮށް ކިޔުމަށް ވާރިދުވެގެންވާ ވަކި ޚާއްޞަ ސޫރަތެއް ނުވެ އެވެ.

ޔަޢުނީ : މި ވަޤުތަށް ވަޤުތު ކަނޑައަޅައި، ޚާއްޞަކޮށް ކިޔުމަށް އެއްވެސް ޞޫރަތެއް ނުވެ އެވެ. ފަހެ، ޤުރުއާން ތިލާވަތް ކުރާ މީހާއަށް އެ ފުރުސަތުވެ އެވެ. ޛިކުރު ކުރާ މީހާއަށް ޛިކުރު ކުރުންވެ އެވެ. ދުޢާކުރާ މީހާއަށްވެސްމެ އެވެ. އަދި ނަމާދުކުރާ މީހާއަށްވެސް ހަމަ އެފަދަ އެވެ.

ދެވަނައީ : ރޭގަނޑުގައި ކިޔުމަށް ޚާއްޞަ ސޫރަތްތަކެއް ވާރިދުވެގެންވެ އެވެ.

ޞަޙާބީ جابر بن عبدالله ގެ އަރިހުން الإمام الترمذي – الإمام النسائِي އަދި الإمام أحمد -رحمهم الله- އަދި އެހެނިހެން ސުންނަތުގެ ފޮތްތަކުގައި ރިވާކުރެވިގެންވެ އެވެ.

كَانَ لا يَنامُ حتى يقرأَ الم تَنْزِيلُ السَّجْدَةُ ، و تَبارَكَ الذي بيدِهِ الملكُ

”މާތް ނަބިއްޔާ صلى الله عليه وسلم، الم تَنْزِيلُ السَّجْدَةُ (ސަޖިދަ ސޫރަތް) އަދި تَبارَكَ الذي بيدِهِ الملكُ (މުލްކު-ސޫރަތް) ވިދާޅުނުވެ އަވަހާރަފުޅު ނުލައްޕަވަ އެވެ.“

މި ޙަދީޘް الإمام الألَبانِي -رحمه الله- السلسلة الصحيحة ގައި ޛިކުރު ކުރައްވައި ޙަދީޘް ޞައްޙަ ކަމުގައި ޙުކުމް ކުރައްވާފައިވެ އެވެ.

އަދި މީގެ އިތުރަށް الإمام الترمذي ޞަޙާބީ عبدالله بن عباس ގެ އަރިހުން ރިވާކޮށްފައިވާ އެހެން ރިވާޔަތެއްގައި تَبارَكَ الذي بيدِهِ الملكُ (މުލްކު-ސޫރަތް) ޤަބުރުގެ ޢަޛާބުން މަނާކޮށްދޭނެ ކަމުގައިވެސް ވާރިދުވެގެންވެ އެވެ.

މި ދެ ޞޫރަތުގެ އިތުރަށް ރޭގަނޑުގައި ކިޔެވުމަށް ވާރިދުވެގެންވާ އެހެނިހެން ސޫރަތްތަކުގެ ތެރޭގައިވެ އެވެ. ޙަދީޘްގައިވެ އެވެ.

كانَ النَّبيُّ – صلَّى اللَّهُ علَيهِ وعلَى آلِهِ وسلَّمَ – لا يَنامُ حتَّى يقرأَ بَني إسرائيلَ والزُّمَرَ

ނަބިއްޔާ صلَّى اللَّهُ علَيهِ وعلَى آلِهِ وسلَّمَ ސޫރަތުލް އިސްރާ އަދި ސޫރަތް ޒުމަރު ކިޔަވާ ވިދާޅުނުވެ އަވަހާރަފުޅު ނުލައްޕަވަ އެވެ.

މި ޙަދީޘް عائشة أم المؤمنين ގެ އަރިހުން الإمام الترمذي ރިވާކޮށްފައިވެ އެވެ.

އަދި الإمام الألَبانِي -رحمه الله- މި ޙަދީޘް ޞައްޙަ ކުރައްވަ އެވެ.

ވުމުން މި ވަޤުތުގައި ނުވަތަ ރޭގަނޑުގައި މި ސޫރަތްތައް ކިޔެވުމަށް އިސްކން ދިނުން ހުއްޓެވެ.

އަދި ވާރިދުވެފައިވާ ނުވާ ޢަމަލެއް ކުރުމަށް ޚާއްޞަ ކުރުމުގެ ބަދަލުގައި ޤުރުއާނުން ފަސޭހަ މިންވަރެއް ނުވަތަ ޚަތިމް ކުރުމަށް ކިޔަވާ ސިފައިގައި ކިޔެވުން ހުއްޓެވެ.

ތިންވަނައީ : ވަރަށްވެސް ގިނަ މީސްތަކުންގެ ތެރޭގައި މަޝްހޫރުވެފައިވާ ޢަމަލެއް ކަމުގައިވާ، ވާޤިޔާތް ސޫރަތް ކޮންމެ ރެއަކު ކިޔެވުމާއި މެދުގައި ވާރިދުވެފައިވާ ޙަދީޘްއާ މެދުގަ އެވެ.

ނަބިއްޔާ ﷺ އަށް ނިސްބަތް ކުރެވިފައިވާ ޙަދީޘެއްގައިވެ އެވެ.

(مَنْ قرأَ سورةَ الوَاقِعَةِ في كلِّ ليلةٍ لمْ تُصِبْهُ فَاقَةٌ أبدًا)

”ކޮންމެ ރެއެއްގައި الوَاقِعَة ސޫރަތް ކިޔަވާ މީހާއަށް ދުވަހަކުވެސް ފަޤީރުކަމާ ބައްދަލެއް ނުކުރާނެ އެވެ.“

إمام أحمد ވިދާޅުވެފައިވެ އެވެ. هذا حديث منكر -މި ހަދީޘްއަކީ މުންކަރު ޙަދީޘެކެވެ.- (المنتخب من علل الخلال ص١١٦)

الألباني ވިދާޅުވެފައިވެ އެވެ. موضوع -މި ޙަދީޘްއަކީ ނަބިއްޔާގެ މައްޗަށް ހަދައިފައިވާ ދޮގު ހަދީޘެކެވެ.- (السلسلة الضعيفة 290)

ابن حجر ވިދާޅުވެފައިވެ އެވެ. إسناده ضعيف جداً -މި ޙަދީޘްގެ ސަނަދު ނުހަނު ބަލިކަށިވެގެންވެ އެވެ.- (نتائج الأفكار 3/264 )

ވުމާއެކު، ވާޤިޔާތް ސޫރަތް ރޭގަނޑު ކިޔުމަށް ޚާއްޞަވެގެންވާކަން ބަޔާންވެގެންނުވެ އެވެ.

ހަތަރުވަނައީ :

އިތުރު ފައިދާއެއްގެ ގޮތުގައި ބަޔާން ކުރަމެވެ. ބައެއް ޢިލްމުވެރިން ވިދާޅުވެފައިވެ އެވެ. މަޣްރިބް އަދި ޢިޝާ ނަމާދުގެ ދެމެދުގެ ވަޤުތަކީ އެއީ ދުވާލުގެ ބުރަ، ބިޒީ ކަމާއި ވަރުބަލި ކަމުގައި އުޅުމާއި އެކު، ވަރަށްވެސް ގިނަ މިހުން ހެޔޮ ޞާލިޙް ޢަމަލު ކުޅައުމަށް ޣާފިލްވެގެންވާ ވަޤުތެއް ކަމުގައިވެ އެވެ. އަޅުކަން ކުރުމަށާއި އަދި ﷲ އަށް ކުއްތަން ވުމުގައި ދެމިތިބުމަށް ވަރަށްވެސް ގިނަ ބަޔަކުވަނި ދުރުވެފަ އެވެ. ވުމާއެކު މީސްތަކުން އެ ވަޤުތެއްގެ މަތިން ޣާފިލު ވުމުގައިވާ ވަޤުތެއްގައި ޞާލިހް އަޅުކަންތައް ކުރުމަކީ އޭގެ އަޖުރު ބޮޑުވެގެންވާ އަދި ﷲ ލޯބިވޮޑިގަންނަވާ ޢަމަލެއް ކަމުގައިވެ އެވެ. އެހެންވުމުން މި ވަޤުތުގައި ޤުރުއާން ކިޔެވުމަކީ ނުހަނު ހެޔޮވެގެންވާ ޢާދައެއް ކަމުގައި މެނުވީ ނުވެ އެވެ.

މި ޢާދަ އަހަރެމެން ދިރުވުމަކީ ނުހަނު ހެޔޮ ވެގެންވާ ޢަމަލެއް ކަމުގައި މެނުވީ ނުވެ އެވެ. ޣޭގައި ކުދިން މި ގަޑީގައި ޤުރުއާން ކިޔެވުމަށް ބޭތިއްބުން، އަމިއްލައަށްވެސް މި ވަޤުތަކީ އަޅުކަމަށް ޚާއްޞަ ވަޤުތެއްކަމުގައި ހެދުން ވަރަށް ބޮޑަށް އެދެވިގެންވޭ އެވެ. މި ގޮތުގައި މި ވަޤިުތު އިހްޔާ ކުރުން ނުހަނު ހެޔޮ ވެގެންވެ އެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts