ގާތުން ކިރު ދިނުމުގައި އަންހެން ފިރިހެން ތަފާތެއްވޭތޯއެވެ؟

ސުވާލު: ގާތުން ކިރު ދިނުމުގައި އަންހެން ފިރިހެން ތަފާތެއްވޭތޯއެވެ؟ އަދި ކިރު ދެވޭނެ އެންމެ ދިގު މުއްދަތަކީ ކޮބާ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:

ގާތުން ކިރު ދިނުމާއި ގުޅޭ ގޮތުން ދެ ޖިންސުގެ ކުދިންގެ މެދުގައި ތަފާތެއްވޭތޯ، މި މައްސަލައިގައި ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނެމެވެ.  

ފުރަތަމައީ : ޝަރީޢަތުގައި އަންހެނުންނާއި ފިރިހެނުނަކީ ޙުކުމްތަކުގައި ހަމަހަމަ ވެގެންވާ ބައެކެވެ. އިސްތިސްނާވުމަށް ދަލީލެއް ވާރިދުވެގެންވާ ޙާލަތުގައި ފިޔަވަ އެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެ އެވެ. (النِّساء شقائق الرجال) ”އަންހެނުންނަކީ ފިރިހެނުންގެ އެއްބަޑު އެއްބަފާ ބައެކެވެ. –އެބަހީ : ޝަރީޢަތުގައި އިސްތިސްނާ ކުރެވިފައިވާ ކަންތައްތައް ފިޔަވައި، އެހެން ހުރިހައި ކަމެއްގައި އަންހެނުންނާއި ފިރިހެނުން ޙުކުމުގައި އެއްފަދަވެގެންވެ އެވެ.-“  

ފަހެ، ފިރިހެނުންނަށް ޘާބިތުވެގެންވާ އެންމެހައި ކަންތައްތަކެއް އަންހެނުންނަށް ވެސް ޘާބިތުވެގެންވެ އެވެ. އަދި ޚާއްޞަކޮށް އެ ލަފްޟަކީ ޢާންމު ލަފްޟެއް ކަމުގައިވާނަމަ، ދެ ޖިންސުވެސް އޭގައި ޝާމިލްވެގެންވެ އެވެ. ޢާންމު ލަފްޟެއްގައި ވާރިދުވެގެންވާ ހިނދުގައި އެ ޙުކުމްއިން އަންހެނުން އެއްކިބާވެގެންވާކަމަށް ޘާބިތު ކުރުމަށް ދަލީލެއް ބޭނުންވާނެ އެވެ.  

ދެވަނައީ : ގާތުން ކިރުދިނުމުގެ މައްޗަށް ﷲ ވަހީ ކުރައްވާފައިވެ އެވެ. (وَالْوَالِدَاتُ يُرْضِعْنَ أَوْلادَهُنَّ حَوْلَيْنِ كَامِلَيْنِ لِمَنْ أَرَادَ أَنْ يُتِمَّ الرَّضَاعَةَ)  [البقرة:233]  “މައިން، އެކަނބަލުންގެ ދަރިންނަށް ކިރުދޭހުށީ، ފުރިހަމަ ދެއަހަރުގެ މުއްދަތަށެވެ. އެއީ، ކިރުދިނުން ފުރިހަމަކުރުމަށް ޤަސްދު ކޮށްފި މީހަކަށެވެ…..“  

ފުރަތަމަ ނުކުތާގައި ބަޔާން ކުރެވުނު ފަދައިން މި އާޔަތަކީ ޢާންމުވެގެންވާ އަދި ޝާމިލްވެގެންވާ ރިވާޔަތެކެވެ. އެބަހީ އަންހެނުންނަށް އަދި ފިރހެނުންނަށް ޝާމިލްވެގެންވެ  އެވެ. ތަފާތު ވުމެއް ނެތެވެ.  

އެއީ ގާތުން ކިރުދިނުންވަނީ 2 އަހަރުގެ މުއްދަތަށް ކަމެވެ. އެފަދައިން ބޭނުން ކަމުގައިވާނަމަ އެވެ.  

އަދިވެސް ވަޙީ ކުރެއްވި އެވެ. (فَإِنْ أَرَادَا فِصَالًا عَن تَرَاضٍ مِّنْهُمَا وَتَشَاوُرٍ فَلَا جُنَاحَ عَلَيْهِمَا)  [البقرة:233]  “އެ ދެމީހުންގެ ރުހުމާއި، މަޝްވަރާއެކު (ދެއަހަރު ހަމަވުމުގެ ކުރީގައި) ކިރުދިނުން ހުއްޓާލަން ޤަޞްދުކޮށްފިނަމަ، (އެކަމުގައި) އެ ދެމީހުންގެ މައްޗަަކަށް ކުށެއްނެތެވެ……“  

ވުމުން އަންހެން ކުދިންކަމުގައިވީނަމަވެސް އަދި ފިރިހެން ކުދިން ކަމުގައިވީނަމަވެސް އޮތީ މިފަދައިންނެވެ. އެދޭ ކަމުގައި ވާނަމަ ފުރިހަމަ މުއްދަތް ކަމުގައިވާ 2 އަހަރު ދުވަހަށް ކިރު ދިނުމުގައިވުމެވެ. އަދި އެދެމަފިރިން މަޝްވަރާއެކު އެއަށްވުރެ ކުރިން ކިރުދިނުން ހުއްޓުވައި ކާއެއްޗެހި ދިނުމަށް ޤަޞްދުކޮށްފިނަމަ ކިރުން ހުއްޓުވުމަކުންވެސް މައްސަލައެއްްނެތެވެ.  

އެހެނަސް މަންމަ އާއި ބައްޕަ އެކަމުގައި އިއްތިފާޤު ނުވާނަމަ 2 އަހަރަށް ކިރުދީ މުއްދަތު ފުރިހަމަ ކޮށްލުންވެ އެވެ.  

އިސްވެ ދިޔަ އާޔަތްތަކުގެ މައްޗަށް އިޝާރާތް ކުރައްވައި، އުއްމަތުގެ ބޮޑެތި ތަފްސީރު ބޭކަލުންގެ ތެރޭގައި ހިމެނިވަޑަިގަންނަވާ القرطبي ވިދާޅުވެފައިވެ އެވެ.  ”ދެއަހަރަށްވުރެ އިތުރަށް ނުވަތަ ދެ އަހަރަށްވުރެ މަދުން ދަރިއަށް ކިރުދިނުން އޮތީ ދަރިއަށް އޭގެ ސަބަބުން ގެއްލުން ނުވާނަމަ އެވެ. އަދި މަންމަ އާއި ބައްޕަ- ދެމީހުންގެ ރުހުމާއިވެސް- އެކުގަ އެވެ.“  

އެހެނަސް 2 އަހަރަށްވުރެ ގިނައިން، ނުވަތަ 2 އަހަރުގެ އިތުރަށް ޙާޖަތެއް ނެތި ކިރުދިނުމެއް ނުވެ އެވެ. އެހެނަސް ޙާޖަތެއް އޮވެއްޖެހިނދު ކިރުދިނުމުގައި މަނާކަމެއް ނުވެ އެވެ.  

މިޘާލަކަށް ކާއެއްޗެހި ކާހިތްނުވާ ކުއްޖެއްގެ ގޮތުގައި ވުމުން އެފަދަ ސަބަބެއް މެދުވެރިވެ މުއްދަތަށް ވުރެ އިތުރަށް ދިނުމަކުން މައްސަލައެއް ނެތެވެ. މިއީ މި މައްސަލައިގައި މި ޒަމާނުގައި ފާޅުވި އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ  ابن بَاز -رحمه الله-  ދެކެވަޑައިގަންނަވާ ގޮތެވެ.  

ތިންވަނައީ : މި ޒަމާނުގައި އެތައް އަންހެނުންނެއް އެ ފިތުގައިގައި ޖެހިފައިވާ ފިތުނަވެރި ޢަމަލެއް މިތަނުގައި ސަމާލުކަން ގެނައުމަށްޓަކައި ބަޔާން ކުރަމެވެ.  

(ދުނިޔެމަތީގައި ބައެއް ފާފަތައް ކުރި މީހުން ހުށަހެޅިގެންދާ ޢަޒާބު ނަބިއްޔާ ﷺ  އަށް ހުވަފެންފުޅުގައި ﷲ تعلى ދެއްކެވި އެވެ. އެފަދައިން ފެނިވަޑައިންނެވި ހުވަފެންފުޅެއް ބަޔާންކުރައްވާ ޙަދީޘް ކުރެއްވި އެވެ.)  

(…… ثمَّ انطلقَ بي فإذا أنا بنساءٍ تنهشُ ثديَهُنَّ الحيَّاتُ. قلتُ : ما بالُ هؤلاءِ؟  

قيلَ : هؤلاءِ يمنعَنَ أولادَهنَّ ألبانَهنَّ …..) رواه ابن حبان، وصححه العلامة الألباني في صحيح موارد الضمآن إلى زوائد ابن حبان (1509) 

”އެއަށްފަހު، އެ މަލާއިކަތުން ތިމަން ނަބިއްޔާ ގޮވައިގެން ވަޑައިގެންނެވި އެވެ. ފަހެ، އެހިނދު ތިމަން ނަބިއްޔާ އަންހެނުންތަކެއް ދެކެވަޑައިގެންނެވީމެވެ. ހަރުފަތަކެއް އެކަނބަލުންގެ އުރަމަތީގައި ވިހަލައި ހަދަ އެވެ. ތިމަން ނަބިއްޔާ ދެންނެވީމެވެ. މިފަދައިން މިކަނބަލުންނާމެދު ކަންތައް ކުރެވެނީ ކޮންސަބަބަކާހުރެ ހެއްޔެވެ؟“ މަލާއިކަތުން ދެންނެވި އެވެ. ”ދަރިންނަށް ކިރުދިނުމުން މަނާވެގަތް ބަޔަކު ކަމުގައި އެކަނބަލުންތައް ވި އެވެ.“ 

މި ޙަދީޘްގެ ބަޔާންކުރައްވާ الإِمام الأَلبَانِي (އިމާމް އަލް-ބާނީ) -رحمه الله- ވިދާޅުވެފައިވެ އެވެ. ”މި ޙަދީޘްގައި ސަމާލުކަން ގެނެސްފައިވާ ވަރަށްބޮޑު ފައިދާއެއް ވެ އެވެ. އެއީ، ގާތުން ކިރުދިނުމުގެ ބަދަލުގައި، ދަރިންނަށް ތައްޔާރު ކޮށްފައިހުންނަ ކިރު ދިނުމަކީ މިހާރު ބައެއް އަނބިން ކަންތައްކުރާ ގޮތަކީ ޙަރާމްވެގެންވާ ކަމެއް ކަމުގެ މައްޗަށް މި ޙަދީޘް ވަރަށް ގަދައަށް ބަޔާންކޮށްދީ އިރުޝާދު ދެއެވެ. އެކަނބަލުން މިފަދައިން ކަންތައް ކުރަނީ، އުރަމަތި އެލިގެން ދިޔަނުދީ އޭގެ ރީތިކަމާއި ބައްޓަމުގެ މައްޗަށް ރައްކާތެރި ވުމުގެ ގޮތުންނެވެ. އެއީ އެގޮތުން ކާފަރު އަންހެނުންނާއި ނުވަތަ ފާސިޤު އަންހެނުންނާއި އެއްވަތްތަރު ވުމުގެ ބޭނުމުގަ އެވެ.“  

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply