|

އަނބިިމީހާ ގާތުގައި ދޮގު ހެދުމުގެ ޙުކުމަކީ ކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ޙަދީޘްގައިވެ އެވެ. جاء رجل إلى النبي ﷺ فقال يا رسول الله هل علي جناح أن أكذب على أهلي؟ قال: (لا فلا يحب الله الكذب. قال: يا رسول الله أستصلحها وأستطيب نفسها قال: لا جناح عليك) السلسلة الصحيحة 897

މީހަކު ނަބިއްޔާ  ގެ އަރިހައަށް ވަޑައިގެން ސުވާލު ދެންނެވި އެވެ. ތިމަންގެ އަނބިމީހާގެ މައްޗަށް ދޮގު ހެދުމުން އެއްވެސް ފާފައެއް އެކަމުގެ ސަބަބުން ތިމަންގެ މައްޗަށް އޮންނާނެތޯ އެވެ؟ އެހިނދު ޙަދީޘްފުޅު ކުރެއްވި އެވެ. ”ދޮގު ނަހަދާށެވެ. ފަހެ، އެކަމަކީ ލޯބިވޮޑިގަންނަވާ ކަމެއް ނޫނެވެ.“

އެމީހަކު ދެންނެވި އެވެ. އެފަދައިން އަހަރެން ދޮގުހަދަނީ، އަނބިމީހާއާ ޖެހޭ މައްސަލަތައް އިޞްލާޙު ކުރުމުގެ ބޭނުމުގެ އިތުރުން، އަނބިމީހާގެ ނަފްސު ހިތްހަމަ ޖައްސައި ދިނުމުގެ ބޭނުމުގައި އެވެ. އެހިނދު ޙަދީޘް ކުރެއްވި އެވެ. ”ތިބާގެ މައްޗަށް އެއްވެސް ކުށެއް (ފާފައެއް) ނެތެވެ.“

القاضي عياض رحمه الله ވިދާޅުވެފައިވެ އެވެ. ”މި ޙަދީޘްގެ މުރާދަކީ، ދެފަރާތުގެ ދެމެދު އޮންނަ ދޭދޭ ގުޅުމުގެ ތެރެއިން ހިމެނޭ ލޯތްބާއި، ޣީރަތްތެރިކަން ފަދަ ކަންތަކުގެ ޚަބަރު، އޭގައި ދޮގު އެކުލެވުނު ކަމުގައިވިޔަސް، ދެފަރާތުގެ ދެމެދު އޮންނަ ގުޅުން އިޞްލާޙުވެ ލޯބި ދެމިގެން ދިއުމަށްޓަކައިވާ ސަބަބެއް ކަމުގައި އެކަން ވާތީ އެވެ.“

الألباني رحمه الله ވިދާޅުވެފައިވެ އެވެ. ”އެ ވަޢުދު ފުއްދަން ފިރިމީހާ ބެނުންނުވާ ވަޢުދުތައް އަންހެންމީހާ ކައިރީގައި ވަޢުދުވުމުގެ އިތުރުން އަންހެން މީހާ ރުއްސުމަށްޓަކައި ހަދިޔާ ގަތުމަށްފަހު، އޭގެ އަޞްލު އަގު ބުނުމުގެ ބަދަލުގައި އެއަށްވުރެ ބޮޑު އަގު އޮޅުވާލައިގެން ބުނުމަކީ އެއްވެސް ޙާލެއްގައި ހުއްދަވެގެންވާ ދޮގުގެ ތެރެއިން ހިމެނޭ ކަންތަކެއް ނޫނެވެ. އެހެނީ، އެކަންތަކުގެ ޙަޤީޤަތް އަންހެންމީހާއަށް ފާޅުވާހިނދު އެކަން ވެގެންދާނީ ފިރިމީހާއާ މެދު އޮންނަ ހީކުރުން ގޯސްވުމަށްވާ ސަބަބަކަށެވެ. (އެބަހީ : ނުބައި ހީތަކާއި، ކުށް ހީތަކަށްވާ ދޮރަކަށެވެ.) މިޙާލަތުގައި، އިޞްލާޙުގެ ތެރެއިން ވުމުގެ ބަދަލުގައި އެކަންތައް ވެގެންދާނީ ފަސާދައިގެ ތެރެއިންނެވެ.“

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts